ހުޅުމާލޭގައި ބިނާކުރާ ކުޑަކުދިންގެ ހިޔާގެ ބިންގާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު އަޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.
އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، އަޅާލުންތެރިކަމުން މުޅިން މަޙުރޫމްވެފައި ތިބި ކުދިންތަކަކަށް، ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޢާއިލާއެއްގެ ފަރާތުން މިވެވަޑައިގަންނަވާ ދީލަތި އެހީފުޅަކީ، ދިވެހި މުޖުތަމަމަޢުންނާއި، ދިވެހި ސަރުކާރުން އެދިވަޑައިގަންނަވާގޮތަށް އިހްސާންތެރި މުޖުތަމަޢެއް ބިނާކުރަން އިތުރު ހިތްވަރެއް ލިބިގެންދާ ކަމެއްކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ކުރައްވާ ބޮޑެތި މަސައްކަތްތަކުގައި، ނުވަތަ އިންސާނިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމެއްގައި ފެނިގެންދަނީ އެޙާލަތު ރަނގަޅުކުރުމަށްޓަކައި ދިވެހި ރައްޔިތުންގެ ދެއްވާ އެއްބާރުލެއްވުންކަމުގައި ވިދާޅުވިއެވެ. މިގޮތުން، ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާވެސް ފުރަތަމަ ފަށްޓަވާދެއްވާފައިވަނީ، 2004 ވަނަ އަހަރު ދިވެހި ވިޔަފާރި ކުންފުންޏަކުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަދު ބިންގާ އެޅުނު ކުޑަކުދިންގެ ހިޔާގެ މަސައްކަތް ނިމުމުން، ވިލިނގިލީގައި މިހާރުހުރި ކުޑަކުދިންގެ ހިޔަލަށްވުރެން ޖާގައިގެ ގޮތުން މާތަނަވަސް، ފެސިލިޓީސް ނުވަތަ ވަސީލަތްތަކުގެ ގޮތުންވެސް ފެންވަރު ރަނގަޅު، ކުޑަކުދިންނަށް މިނިވަންކަމާއެކު އުޅެވޭނެފަދަ ޢިމާރާތެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަލަށް ޢިމާރާތްކުރޭ ކުޑަކުދިންގެ ހިޔާއަށް ދީލަތި އެހީތެރިކަމެއް ދެއްވާފައިވާ އެކުވެރި ޢަރަބި ޢިމާރާތުގެ ޢާއިލާއަށް ވަރަށް އިޙްލާސްތެރިކަމާއެކު ޝުކުރުއަދާކުރެއްވިއެވެ. އަދި، އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދޭ މީހުންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރުމުގައި، ޤާނޫނަށް ގެންނަންޖެހޭ ފުރިހަމަކަން ގެނައުމަށާއި، ސަރުކަރުގެ ތެރެއިން ވަޞީލަތްތައް ތަނަވަސްކޮށްދީގެން ކުރަންޖެހޭ ކަންތައްތައް ކޮށްދިނުމުގައި ސަރުކާރުން އަބަދުވެސް ވަރަށް ޙާއްޞަ އަހަންމިއްޔަތެއް ދެއްވަވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ދެއްވިއެވެ.