‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ޗައިނާ މެޝިނަރީ ‏‏އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) ގެ ރައީސް، މިސްޓަރ ޒެންގް ޗުންއާ ‏‏ބައްދަލުކުރައްވައިފިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ‏‏ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ދެބޭފުޅުން ‏‏މަޝްވަރާކުރެއްވިއެވެ. މިގޮތުން، ވިޔަފާރިއާއި، ޢުމްރާނީ ތަރައްޤީއާއި، ޓުއަރިޒަމްގެ އިތުރުން، ‏‏ހަކަތަ އުފެއްދުމުގެ ދާއިރާގައި ރާއްޖޭގައި ހުރި ފުރުޞަތުތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ‏‏މިސްޓަރ ޒެންގްއަށް ދެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލެއަށް ކުރިމަތިވެފައިވާ ފެނުގެ ‏‏މައްސަލާގައި ޗައިނާއިން ރާއްޖެއަށް ‏‏ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި ‏‏ރައްޔިތުންނާއި އަދި ‏‏ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ޗައިނާގެ ‏‏ސަރުކާރަށާއި ރައްޔިތުންނަށް ‏‏ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.‏ އަދި، ޗައިނާއިން ރާއްޖެއަށް ފޮނުއްވި ‏‏ފެނުގެ ފުރަތަމަ ޝިޕްމަންޓަކީ، ސީ.އެމް.އީ.ސީގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރެއްވި ފެންކަމުގައި ‏‏ފާހަގަކުރައްވަމުން، އެކަމަށްޓަކައި އެކުންފުންޏަށް ޝުކުރު ދެންނެވިއެވެ.‏
‏މީގެއިތުރަށް، ސަރުކާރުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގެ ދަށުން، ‏‏ސީ.އެމް.އީ.ސީގެ ފަރާތުން ހުޅުމާލޭގައި ޢިމާރާތްކުރެވޭ 1500 ހައުސިންގ ޔުނިޓުގެ ބިންގާ ‏‏އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏ފާހަގަކުރައްވަމުން، އެކުންފުނީގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށްޓަކައި ވެދެއްވަމުން އަންނަ ‏‏އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ގެދޮރުވެރިކަން ‏‏ހޯއްދަވައިދެއްވުމާއި، ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް އިތުރު ކޮށްދެއްވުމަކީ ‏‏މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ފާހަގަކުރެއްވިއެވެ. މިގޮތުން، ‏‏ހުޅުމާލެއާ ދޭތެރޭގައި މި ސަރުކާރުން ކުރައްވާ ތަޞައްވުރުގެ މައްޗަށް ބައްލަވާލައްވަމުން، ‏‏ހުޅުމާލޭގައި ޒުވާނުންގެ ސިޓީއެއް ހެއްދެވުމަކީ، މި ސަރުކާރުގެ އަމާޒެއްކަމުގައި ވިދާޅުވިއެވެ. އަދި ‏‏މި ޔޫތު ސިޓީ ހެދޭއިރު ޒުވާނުންނަށް ގެދޮރުވެރިކަމުގެ އިތުރުން، ވަޒީފާގެ ފުރުޞަތުތަކާއި، ‏‏މުނިފޫހިފިލުވޭނޭ ވަޞީލަތްތަށްވެސް ޤާއިމްވެގެންދާނެ ކަމުގައި ވިދާޅުވިއެވެ. ‏

‏ސީ.އެމް.އީ.ސީ ގެ ރައީސްގެ ވާހަކަފުޅުގައި، ހައުސިންގ ޔުނިޓްތަކުގެ މަޝްރޫޢު ‏‏ކުރިއަށް ގެންދިއުމަށްޓަކައި ދިވެހި ސަރުކާރުގެ ފަރާތުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ‏‏ޝުކުރުއަދާކުރެއްވިއެވެ.‏