‏މާލޭގެ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ ނުރައްކާތެރިކަމުގެ ތެރޭގައި، ‏‏ހުރިހާ ދިވެހި ‏‏ރައްޔިތުންވެސް ސަރުކާރަށް އެއްބާރުލެއްވުން ދެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމްެ އިލްތިމާސްކުރައްވައިފިއެވެ. ‏ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ، ‏‏މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑްގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ‏‏ޙާދިސާއާއި ގުޅިގެން މުޅި މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލައާ ބެހޭގޮތުން ރާއްޖޭގެ ‏‏ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ވާހަކަފުޅު ދައްވަކަމުންނެވެ.‏

‏މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ‏‏މިބައްދަލުކުރެެއްވުމުގައި، ‏މާލެއަށް ދިމާވެފައިވާ‏ ފެނުގެ މައްސަލައަކީ ސިޔާސީ މައްސަލައެއް ‏‏ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، އެމައްސަލަ ޙައްލުކޮށްދެއްވުމަށް ‏ސަރުކާރުން ކުރައްވާ ‏‏މަސައްކަތްޕުޅަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ބޭނުންވެފައިހުރި މަސައްކަތެއްކަން ފާހަގަކުރައްވަމުން، ‏‏ފެންލިބޭ ފަރާތްތަކުންްް ފެން އިސްރާފު ނުކުރެއްވުމަށާއި، އެކަމުގެ ނާޖާއިޒު ފައިދާ ނުނެންގެވުމަށް،‏‏ ‏‏ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގަތެވެ.‏

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާލެއަށް މިވަރުގެ ބޮޑު ދަތި އުނދަގޫ ‏‏ކަންތައްތަކެއް ތަޙައްމަލުކުރަން ޖެހިފައިވާ ވަގުތެއްގައި، ބައިނަލްޢަގްވާމީ މުޖްތަމަޢުތަކުން ދިވެހި ‏‏ސަރުކާރަށް ވަރަށް ބޮޑެތި އެހީތައް ވެދެއްވަމުން ގެންދަވާކަން ފާހަގަކުރައްވެވިއެވެ. މިގޮތުން، ‏‏އަވަށްޓެރި އިންޑިޔާ، ސްރީލަންކާ އަދި ބަންގްލަދޭޝް ސަރުކާރުން ވެދެއްވަމުން ގެންދަވާ ‏‏އެހީތެރިކަމުގެ އިތުރުން، ޗައިނާ، އެމެރިކާ އަދި ސަޢޫދީ ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ ‏‏އެހީތެރިކަން ފާހަގަކުރައްވައި، އެ ސަރުކާރުތަކަށާއި، އެޤައުމުތަކުގެ އެކުވެރި ރައްޔިތުންނަށް ވަރަށް ‏‏އިޚްލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ. ‏

ހަމައެޔާއެކު، ދިވެހި ވިޔަފާރިވެރިންނާއި، ސަރުކާރުގެ ކުންފުނިތަކާއި، އަމިއްލަ ‏‏ކުންފުނިތަކާއި، އަދި އަމިއްލަ ފަރުދުން ވެދެއްވަމުން ގެންދަވާ ބޮޑެތި އެހީތަކުގެ މައްޗަށް ‏‏އަލިއަޅުއްވައިލައްވައި، އެފަރާތްތަކަށްވެސް މަރުޙަބާ ދަންނަވައި ޝުކުރު އަދާކުރެއްވިއެވެ. ‏‏މީގެއިތުރަށް، ދަޢުލަތުގެ މުއައްސަސާތަކުންވެސް ކުރައްވަމުން ގެންދަވާ ހީވާގި މަސައްކަތްތައް ‏‏ފާހަގަކުރައްވައި، އެފަރާތްތަކަށްވެސް އެމަނިކުފާނު ޝުކުރު ދެންނެވިއެވެ. ‏

‏ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ‏‏ދެއްކެވި ވާހަކަފުޅުގައި، ފެނުގެ މައްސަލަ ޢާންމު ޙާލަތަކަށް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ‏‏ކުރެއްވެވި މަސައްކަތުން ‏މާލޭގެ ހުރިހާ ފަރާތްތަކަށް މިހާރު ބޯފެން ލިބެމުންދާކަން އުފަލާއެކު ‏‏ފާހަގަކުރެއްވިއެވެ. އެހެން ނަމަވެސް ރައްޔިތުންގެ ދިރިއުޅުން އަދި ޢާންމު ޙާލަތަކަށް ‏‏ނުގެނެވޭ ‏‏ކަމުގައި ބަޔާންކުރައްވަމުން، އަލިފާނުގެ ހާދިޞާގައި ހަލާކުވި ޕެނަލްބޯޑުތަށް މަރާމާތުކުރެވުމުން ‏‏ރައްޔިތުންގެ ދިރިއުޅުން ޢާންމު ޙާލަތަށް ރުޖޫޢަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏‏މިގޮތުން، އެމަސައްކަތަށް ރާއްޖޭން ބޭރުގެ ފަންނީ އެހީތެރިކަން ހޯއްދަވައިގެން، ވަރަށް ބަރު ‏‏ސްޕީޑެއްގައި އެމަސައްކަތް އެބަ ކުރިއަށްދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏