بســم اللّـه الرّحمـن الرّحيــم

 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام عَلـى سَيِّدنا وَنَبِيِّنَا مُحَـمَّدٍ، وعلى آلـه وأصـحابه أجمعـين.
 
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު ފާއިޒު ޙުސައިން، ބަންޑާރަ ނައިބު އަލްއުސްތާޛު މުޙަންމަދު އަނިލް، ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛު މުޙްތާޒު މުޙްސިން، ޔޫ.އެން. ރެޒިޑެންޓް ކޯޑިނޭޓަރ، ދިވެހިރާއްޖޭގެ ފުލުހުންގެ ޚިދްމަތުގައި ޙަރަކާތްތެރިވާ އެންމެހާ ބޭފުޅުން، ދިވެހިރާއްޖޭގެ ޖަލުގެ ނިޒާމު ބަލަހައްޓަވާ ޚިދްމަތުގައި ޙަރަކާތްތެރިވާ އެންމެހާ ބޭފުޅުން. އަދި ޝަރުޢީ ކޯޓުތަކުން މިތަނަށް ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން، ބަންޑާރަ ނައިބުގެ އޮފީހުގެ ހީވާގި މުވައްޒަފުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
ޝައްކެއްނެތް، މިއަދު ރާއްޖޭގެ މުޖްތަމަޢަށް މިވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައި. އަދި މިހާރުވެސް ބަދަލުތަކެއް އަންނަމުންދަނީ. ރާއްޖޭގެ ޙާލަތަށާއި، ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ ޙާލަތު ވަޒަންކޮށް، މިދިޔަ ދުވަސްތަކުގެ ތެރޭގައި، އިސްލާމީ އުޞޫލުތަކާއި، މިނިވަން ދީމުޤްރާޠީ ހަމަތަކުގެ މަތިން ރާއްޖޭގެ މުޖްތަމަޢަށް ގެނެވުނު ބޮޑެތި ބަދަލުތައް އައީ، ރާއްޖޭގެ މުޖްތަމަޢުގެ ވަރަށްގިނަ ފަރުދުންގެ އިޙްސާސްތަކާއެކީގައި. މި ބަދަލުތަކުގެ ތެރެއިން، ޚާއްޞަ ގޮތެއްގައި، އެންމެ މުހިންމު ބަދަލުތަކެއް އައިސްފައިވާ އެއް ދާއިރާއަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި ރާއްޖޭގެ ޤާނޫނީ ނިޒާމު. ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިންވެސް ދިވެހިރާއްޖޭގެ ދުސްތޫރީ އިންތިޒާމުތަކަށާއި، ރާއްޖޭގެ ޝަރުޢީ ނިޒާމަށާއި، ރައްޔިތުން ބޭނުންވާފަދަ ޢަދުލު އިންޞާފުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ރާއްޖޭގެ ޢަދުލުގެ މީޒާނަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. މިބަދަލުތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވެނީ، ރާއްޖޭގެ ޝަރުޢީ ނިޒާމަށާއި، ރާއްޖޭގެ ޤާނޫނީ ނިޒާމަށް ދެވުނު ބާރުތަކާއި، މިނިވަންކަމާއި، ހައިބަތާއި ޤަދަރު. އަދި މި ބާރުތަކުގެ ތެރެއިން 2008 ގައި ވުޖޫދަށް އައި ޤާނޫނުއަސާސީއަކީ، ރާއްޖޭގެ ރައްޔިތުން ބޭނުންވި ބަދަލު ފުރިހަމައަށް ބިންވަޅު ނެގިގެން އައި ޤާނޫނީ ނިޒާމެއް.
 
މި ދުސްތޫރީ ނިޒާމުގެ ތެރޭގައި، ރައްޔިތުން އުންމީދުކުރި އެންމެބޮޑު ބަދަލަކީ، ރާއްޖޭގެ ރައްޔިތުންގެ ޢަދުލު އިންޞާފުގެ ނިޒާމާއި، ހަމަހަމަކަމާއި، ރާއްޖޭގެ ޤާނޫނީ ނިޒާމު މި ޒަމާނަށް ފަހިވާގޮތަށް ޤާއިމުވެގެންދިޔުން. އަދި ދުސްތޫރީ ޤާނޫނީ ނިޒާމެއްގެ ތެރެއިން ރައްކާތެރި އަމާން، ޞުލްޙަވެރި މުޖްތަމަޢެއް ރާއްޖޭގެ ރައްޔިތުންނަށް މިންވަރުވުން. 2008 ގައި ޤާނޫނުއަސާސީ ވުޖޫދަށް އަތުވެއްޖެ. ޤާނޫނީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ކޯޓުތަކަށް ތަފާތު ތަޞްދީޤުތައް އަތުވެއްޖެ. ރާއްޖޭގެ ތަފާތު ދާއިރާތަކަށް ބޮޑެތި ޤާނޫނީ ބަދަލުތަކެއްވެސް އަތުވެއްޖެ. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ، މި ބަދަލުތައް ގެނައުމަށް، މި ބަދަލުތައް މިހާހިސާބަށް ގެނައުމުގައި، ރައްޔިތުން ކުރި އުންމީދު، ރައްޔިތުންގެ ޝުޢޫރުތައް، ރައްޔިތުންގެ އިޙްސާސްތައް، ރައްޔިތުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދައިދެވިއްޖެބާވައޭ؟
 
ޤައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ މަތިވެރި އެއް އުފަލަކީ، ހަމަޖެހޭ މުޖްތަމަޢެއްގައި ދިރިއުޅުން. ތިމާގެ ނަފްސުގެ ރައްކާތެރިކަން، އެ މުޖްތަމަޢެއްގައި ކަށަވަރުވެފައި އޮތުން. ތިމާގެ ނަފްސެކޭ އެއްފަދައިން، ތިމާގެ ގޯތިގެދޮރާއި، ތިމާގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ނިޒާމެއް ޤާއިމުވެގެން ދިޔުން. ތިމާގެ އަބުރުގެ ޙިމާޔަތް ލިބޭނެ ވެށްޓެއް ކަށަވަރުވުން. ވިޔަފާރިކުރާ ފަރާތްތަކާއި، އިޤްތިޞާދު ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރި، އިތުބާރު ކުރެވޭ ހަރުދަނާ ނިޒާމެއް ޤާއިމުވެގެން ދިޔުން. ކުށްތައް ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ލިބި، ކުށްތަކުން އަނިޔާ ލިބޭ ފަރާތްތަކުގެ ޙައްޤު ޙިމާޔަތް ކުރެވިފައިވާ ނިޒާމެއް ކަނޑައެޅިފައި އޮތުން. އަނިޔާ ލިބޭ ފަރާތްތަކަށް ތަސައްލީ ލިބޭނެ ޤާނޫނީ ނިޒާމެއް ކަނޑައެޅިފައި އޮތުން. ކުށްތައް ކުރާ ފަރާތްތަކުން ކުށްތައް ތަކުރާރު ނުކުރާފަދަ ގޮތަކަށް ޤާނޫނީ ނިޒާމު ބައްޓަންވެފައި އޮތުން.
 
މިދެންނެވި ވާހަކަތަކަކީ ނުކުރެވޭވަރުގެ ކަމެއް ނޫން. މިއީ، އާދަޔާ ޚިލާފު ކަމެއްވެސް ނޫން. މިއީ، ތަޞައްވުރު ނުކުރެވޭވަރުގެ ބޮޑު، ބިޔަ މަސައްކަތެއްވެސް ނޫން. މިއީ، އެހެން ޤައުމުތަކުން ނުކުރާ ކަމެއްވެސް ނޫން. މިއީ، ޙާޞިލު ނުކުރެވޭވަރުގެ ބަދަލެއްވެސް ނޫން. އެހެންނަމަވެސް، މިއަދު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މިދެންނެވި ކަންތައްތައް ކިހާވަރަކަށްތޯ، ޤާނޫނީ ނިޒާމުގެ ތެރެއިން އަޅުގަނޑުމެންނަށް ޙާޞިލު ކުރެވިފައިވަނީ؟ މި ސުވާލު އަމިއްލަ ނަފްސާ ކުރަމު.
 
ރާއްޖެއަށް 2008ގެ ޤާނޫނުއަސާސީ އައުމާއެކީގައި، ޤާނޫނީ ނިޒާމުގެ ތެރެއަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ. ޝައްކެއްވެސްނެތް. ދެންމެ ބަންޑާރަނައިބުގެ ވާހަކަފުޅުގައިވެސް އެވާހަކަ ވިދާޅުވެއްޖެ. މީހުން ހައްޔަރު ކުރުމުގައި، ޝަރުޢީ ކޯޓުތަކަށް ގޮސް، ހުއްދަ ހޯދައިގެން މީހުން ހައްޔަރުކުރުން. ޝަރީޢަތް ހިންގުމުގައި، ދެފަރާތުގެ ޤާނޫނީ ވަކީލުން ތިބެގެން، ޝަރީޢަތް ހިންގުން، ޖިނާއީ މައްސަލަތަކުގައި. ތަޙުޤީޤު ކުރުމުގައްޔާއި، ޝަރީޢަތް ހިންގުމުގައިވެސް ހެކީންގެ މައްޗަށް ބަރޯސާވެގެން، ތަޙުޤީޤާއި ޝަރީޢަތުގެ ނިޒާމު ކުރިއަށް ގެންދިޔުން. ހަނުހުރުމުގެ ޙައްޤު ލިބިދިނުން. ކޮންމެ ޙާލަތެއްގައިވެސް، ހައްޔަރު ކުރެވޭ ހިސާބުން ފެށިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ފުރްޞަތު ކަށަވަރުކޮށްދިނުން. މި ހުރިހާ ކަންތައްތަކެއްގެ އިތުރުން، ކަފާލާތުގެ އުޞޫލު ރާއްޖޭގައި އެކަށައެޅިގެން ދިޔުން. މިފަދަ އެތަކެއް މުހިންމު ބަދަލުތަކެއް ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް، 2008ގެ ޤާނޫނުއަސާސީން ވަނީ ގެނެސްދީފައި. މިއީ، މީގެ ކުރިއާ ޚިލާފަށް، ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އައި ބަދަލުތައް.
 
އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އަޅުގަނޑުމެން ފާހަގަމިކުރަނީ، މީހަކު ހައްޔަރު ކުރުމަށްފަހު، 24 ގަޑިއިރުގެ ތެރޭގައި އެމީހަކު ރާއްޖޭގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށް، އެމީހަކު ހައްޔަރު ކުރުމާ ބެހޭގޮތުން ގޮތެއް ކަނޑައެޅުން. އެންމެ ބޮޑު ބަދަލުތަކެއްގެ ގޮތުގައި، އަޅުގަނޑުމެން މި ފާހަގަކުރަނީ، ވީ އެންމެ އަވަހަކަށް، މީހަކު ހައްޔަރުކުރުމަށްފަހުގައި، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލުމާ ބެހޭގޮތުން ގޮތެއް ނިންމުން. އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ، މިޒަމާނުގެ ތަހުޒީބީ ޤާނޫނީ މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުން ވީ އެންމެ އަވަހަކަށް ހީވާގިކަމާއި ލަސްވުމެއްނެތި ޖިނާއީ ޝަރީޢަތްތައްކޮށް ނިންމުން.
 
މި ބަދަލުތަކަކީ، މުހިންމު ބަދަލުތަކެއް، ޝައްކެއްވެސްނެތް. 24 ގަޑިއިރުގެ ތެރޭގައި މީހަކު ހައްޔަރުކޮށްގެން، އެމީހެއްގެ މައްޗަށް ދަޢުވާ އުފުލުމަށްޓަކައި ކަނޑައެޅިފައިވާ ނިޒާމަށް، ރާއްޖޭގައި އަޅުގަނޑުމެން މިދަނީ 2008ން ފެށިގެން ޢަމަލުކުރަމުން. އެކަމަކު މިއާއެކީގައި މިއަދު އަޅުގަނޑުމެން ހުއްޓި މިތިބަ މަޤާމުން މުހިންމު ސުވާލުތަކެއް ކުރާ ހިސާބަށް އަޅުގަނޑުމެންގެ ޙާލަތު މިވަނީ ބަދަލުވެގެން ގޮސްފައި. އެއީ، މި ބަދަލުތައް ގެނައުމުގައި، ގެނެސްގެން ޢަމަލުކުރުމުގައި، އަޅުގަނޑުމެންނަށް ކިހާވަރަކަށްތޯ ޤާނޫނުއަސާސީއާއި ޤާނޫނީ ނިޒާމުގައި، ހަރުދަނާ ޖިނާއީ ނިޒާމެއް ކުރިއެރުވުމުގައި، އެހެން ޤައުމުތަކުން ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ޢަމަލުކުރެވިފައިވަނީ.
 
މި ސުވާލު އަޅުގަނޑުމެން ކުރަންޖެހޭ. ސަބަބަކީ އަލަށް ހިނގި ކަމެއް ނޫން، 24 ގަޑިއިރުގެ ތެރޭގައި ޝަރީޢަތަށް ހާޒިރުކުރުމަކީ. ދުނިޔޭގެ ޤައުމުތަކުން ކުރަމުން އައި ކަމެއް. ވީ އެންމެ އަވަހަކަށް ދަޢުވާ އުފުލުން، އަލަށް ކުރި ކަމެއް ނޫން. ދުނިޔޭގެ ޤައުމުތަކުގައި އެކަން ކުރަމުން ދަނީ. ތަޙުޤީޤު މަރްޙަލާގައި، މުޖްތަމަޢާ ސުވާލުކޮށްގެން، ތަޙުޤީޤު ފުރިހަމަކުރުމަކީ، އެހެން ޤައުމުތައްވެސް ކުރަމުންދާ ކަމެއް. ވަކީލުންގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ، އެހެން ޤައުމުތަކުންވެސް ކުރަމުންދާ ކަމެއް. އެހެންނަމަވެސް، މިއަދު ރާއްޖޭގެ ޤާނޫނުއަސާސީގައި، ޙައްޤުތައް ކަށަވަރުވެ ކަނޑައެޅިފައިވާ ގޮތް، އަޅުގަނޑުމެންނަށް ތަރުޖަމާ ކުރެވިގެން، އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ ގޮތަށް ބަލާ ކަމުގައިވާނަމަ، ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އަޅުގަނޑުމެން މިއަދު އެބަހުރި. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރު ތަފްޞީލު މިއަދު އަޅުގަނޑުމެން ދެނެގަންނަން އެބަޖެހޭ. ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި އެމީހަކު ހައްޔަރު ކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރްޞަތު ހަމަޖައްސައިދޭންޖެހޭނެ ކަމަށް އަޅުގަނޑުމެންގެ ޤާނޫނު ތަންފީޛުކުރާ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރޭ. ޝައްކެއްވެސްނެތް، އެކަން އެގޮތަށް އޮތީ. އެކަމަކު ދުނިޔޭގެ އެހެން ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލުތައްވެސް އަޅުގަނޑުމެން މިއަދު ހަނދާންކުރަން އެބަޖެހޭ. މި ނިޒާމު ހަރުދަނާ ކުރުމަށްޓަކައި ކުރާ މަސައްކަތުގެ ތެރޭގައި، މި މަސައްކަތް ކޯޓުތަކުން ކުރިއަށް ގެންދަނީ ކިހިނަކުންތޯވެސް އަޅުގަނޑުމެން ވިސްނަންއެބަޖެހޭ. 24 ގަޑިއިރުގެ ތެރޭގައި މީހަކު ހާޒިރު ކުރުމުގެ ފުރުޞަތަށް ޢަމަލުކުރާ ޤައުމުތަކަށް ބަލާއިރުގައި، މި ފުރްޞަތު 36 ގަޑިއިރު ވަންދެން ލިބިދެވޭ ޤައުމުތައް އެބަހުރި. 36 ގަޑިއިރަށްފަހުގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންގޮއްސަ، ދެފަހަރެއްގެ މަތިން މުއްދަތު އިތުރުކުރެވޭ. 72 ގަޑިއިރާއި 96 ގަޑިއިރު ވަންދެން ފުރްޞަތު އިތުރުކޮށްދެވޭ. ކުށުގެ ބާވަތާއި ޙާލަތަށް ރިޢާޔަތް ކުރުމަށްފަހުގައި، އެކަންތައްތައްވެސް ބައެއް ޤައުމުތަކުގައި، ބައެއް ޙާލަތުގައި އެއަށްވުރެ އިތުރަށް ފުޅާކުރެވިފައިވާ ތަން އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. 2000 ވަނަ އަހަރުގެ ޓެރަރިޒަމް ޤާނޫނު، އިނގިރޭސިވިލާތުގައި ތަޢާރުފް ކުރުމާއެކީގައި، އެ ޤާނޫނުގެ ދަށުން ފުރަތަމަފަހަރަށްވެސް 48 ގަޑިއިރު ވަންދެން މީހަކު ހައްޔަރު ކުރުމުގެ ފުރްޞަތު ލިބިދޭ. އަދި ދެފަހަރެއްގެ މަތިން 7 ދުވަސް ވަންދެން، ޖުމްލަ 14 ދުވަސް ވަންދެން އެމީހަކު ތަޙުޤީޤަށްޓަކައި ހައްޔަރު ކުރުމުގެ ފުރްޞަތު ލިބިދެވޭ.
 
އެހެންވީމާ، އެބަ އެނގޭ، ޤައުމުތަކުގެ ބަދަލުވަމުންދާ ޙާލަތަށާއި، އެޤައުމުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް ބިނާކޮށް، ޤައުމެއްގެ ދުސްތޫރީ އެންމެ ބޮޑު ވާޖިބަކީ، އެ މުޖްތަމަޢަކަށް ސަލާމަތްތެރި އަމާން ވެށްޓެއް ޤާއިމުކޮށްދިނުންކަން. އެކަމަށްޓަކައި ޤާނޫނުތަކުގެ ތެރޭގައި ގެންނަންޖެހޭ ތަރުތީބުތައް ގެންނަންޖެހޭކަން. ޤާނޫނީ ވަކީލެއްގެ އެހީތެރިކަމަކީ، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ ފަދައިން، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ކަމެއް. އެކަމަކު އެންމެ މުހިންމު އެއް ކަމަކީ، ތަޙުޤީޤު ފުރިހަމަވުން. ތަޙުޤީޤީ މަރްޙަލާ ކުރިއަށްދިޔުން. ކުށްތަކުން ސަލާމަތްތެރި މުޖްތަމަޢެއް ޤާއިމުކުރުން. އެހެންވީމާ، އެކަމަށްޓަކައި ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލުތަކުގެ ތެރޭގައި، ހެކި ނައްތާލާނެ ކަމުގެ ބިރު އޮތުން. ހެއްކަށް ހުރަސްއަޅާފާނެ ކަމުގެ ބިރު އޮތުން. އަދި ހައްޔަރު ކުރެވުނު މައްސަލައާ ގުޅުންހުރި އެހެން ހެއްކަށް ނުފޫޒު ފޯރުވުން ނުވަތަ އެއާ ގުޅުންހުރި މުދާ ހޯދުމުގައި ދަތިތަކެއް ދިމާވެދާނެ ކަމުގެ ބިރު އޮންނަ ޙާލަތުގައި، ވަކީލެއްގެ އެހީތެރިކަންވެސް ވަކި މިންވަރަކަށް، ވަކި މުއްދަތެއް ވަންދެން، ވަކި ގަޑިއިރުތަކެއް ވަންދެން ހިފެހެއްޓުމުގެ ބާރު، ކުރިއަރާފައިވާ ޤައުމުތަކުގައި ޤާނޫނުތަކުގެ ތެރޭގައި ދެވިފައި އެބަވޭ. އިނގިރޭސިވިލާތުގެ ޕޮލިސް އެންޑް ކްރިމިނަލް އެވިޑެންސް އެކްޓްގެ 58 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ޤާނޫނީ ވަކީލެއްގެ އެހީތެރިކަމާ ނުލައި، ނުވަތަ އެހީތެރިކަން ދިނުން، ވަކި ހިނދުކޮޅަކަށް ހިފަހައްޓާލުމުގެ ބާރު، ތަޙުޤީޤު ކުރާ ފަރާތަށް ދީފައިވޭ.
 
މިއަދު މިފަދަ މަހާސިންތާއެއް ބޭއްވިގެންދާއިރުގައި، މަހާސިންތާގެ ބައިވެރިންގެ ތެރޭގައި، ރާއްޖޭގެ މި ނިޒާމު މަސައްކަތް ކުރާގޮތާމެދު ވިސްނަންޖެހޭ. އަޅުގަނޑުމެންގެ ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާން އެބަކުރޭ، 68 ވަނަ މާއްދާގައި، މާނަކުރުމުގައި، ތަހުޒީބީ، މިނިވަން، ކުރިއަރާފައިވާ މުޖްތަމަޢުތަކުގައި، އިންސާނީ ކަރާމަތަށް ޙުރްމަތްތެރިކޮށްހިތާ، މިނިވަން މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުތަކުގެ މައްޗަށް ބިނާކޮށްފައި، އަޅުގަނޑުމެންގެ ދުސްތޫރުގައި ކަނޑައަޅާފައިވާ ޙައްޤުތައް މާނަކުރުމުގައި ޢަމަލުކުރާށޭ. މިއަދު އެތަކެއް ބޮޑެތި ކުށްތަކެއްގެ މައްސަލަތައް، ރާއްޖޭގެ ތަޙުޤީޤީ މަރްޙަލާގެ ތެރެއިން ދޫވެގެން ނުވަތަ ޝަރްއީ ކޯޓުތަކުގެ ތެރެއިން ދޫވެގެންދާ ތަން ފެނުމަކީ އެއީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ހިތާމަކުރަންޖެހޭ ކަމެއް. ޤާނޫނީ ވަކީލެއްގެ އެހީތެރިކަން، ޝައްކެއްވެސްނެތް ފޯރުކޮށްދޭންޖެހޭނެ. ނިމިފައިވާ މައްސަލަތަކުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތަހުޒީބީ ޤައުމުތަކުން ޢަމަލުކުރާ ގޮތް ފެންނަން އެބަހުރި. އިނގިރޭސިވިލާތުގެ ކޯޓަކުން ނިމިފައިވާ މައްސަލައެއްގައި، އާރު އަދި ސެމުއަލް ކިޔާ މައްސަލައެއްގައި، 1988 ވަނަ އަހަރުގައި، ކޯޓް އޮފް އެޕީލުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުން ހިފެހެއްޓިދާނެ ކަމަށް ބަޔާންކުރަމުން ބުނެފައިވަނީ، އެހެން ނަމަވެސް އެމީހާގެ ޤާނޫނީ ވަކީލުގެ ފަރާތުން ލިބޭ މަޢުލޫމާތެއްގެ ސަބަބުން ތަޙުޤީޤަށް ހުރަސްއެޅިދާނެކަމަށް، މި މައްސަލައިގައި ވަކާލާތު ކުރި ކުރުން ކޯޓުން ބަލައިނުގަންނަ ކަމަށް. އެއަށްވުރެ ބޮޑަށް ފުޅާކޮށް، އެކަން ޤާއިމުވެގެންދާން ޖެހޭނެ ކަމަށް، އެ މައްސަލައިގެ ތެރޭގައި ބަޔާންކޮށްފައިވޭ. ހަމަ މިއުޞޫލުގެ މަތިން، ތަޙުޤީޤުގެ އެންމެ މުހިންމު އެއް މަރްޙަލާއަކީ، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އިންޓަރވިޔު ކުރުން. ތަޙުޤީޤަށްޓަކައި ކުރާ އިންޓަރވިޔު. މިއަދު މި އިންޓަރވިޔުގެ މަރްޙަލާގައިވެސް، އިންޓަރވިޔު ކުރުމުގައިވެސް ވަކި ބާވަތެއްގެ، ވަކި ކަންތައްތަކެއްގެ ބިރު އޮތް ކަމުގައިވަންޏާ، ޤާނޫނީ ނިޒާމުގެ ތެރޭގައި، ތަޙުޤީޤު ކުރާ ފަރާތަށް، ވަކީލާ ނުލައި އިންޓަރވިޔު ކުރުމުގެ ފުރްޞަތުވެސް އެބަދޭ. މިއީވެސް ލިބިދީފައިވާ ފުރްޞަތު. މީގެ ސަބަބުތައް ވަރަށް ސާފު. އެއީ، އެންމެ މުހިންމު ކަމަކީ، ކުށުން މުޖްތަމަޢު ސަލާމަތްކުރުން. އެ ޙާލަތްތައް ޤާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އެބަވޭ. ލަސްވުމުގެ ސަބަބުން އެމީހާގެ ވަކީލު ނައުމުގެ ސަބަބުން، ނޫނިއްޔާ އިތުރު ވަގުތު ބޭކާރުވުމުގެ ސަބަބުން މުޅި މައްސަލަ ގެއްލިދާނެ ކަމުގެ ބިރު އޮތުން. މައްސަލައަށް ހޯދަންޖެހޭ މުހިންމު ހެކި ނެތިދާނެ ކަމުގެ ބިރު އޮތުން. މިފަދަ ޙާލަތްތައް ޤާނޫނުގައި މިއޮތީ ސާފުކޮށް ބަޔާންކޮށްފައި.
 
މަޝްހޫރު ޤާނޫނީ މުޞައްނިފެއް ކަމަށްވާ މެކޮންވިލް ކިޔާ ބޭފުޅަކު ވިދާޅުވެފައިވަނީ، އޭނަގެ ފޮތް، "ދަ ކޭސް ފޮރ ދަ ޕްރޮސެކިއުޝަން"، އެ ފޮތުގައި ބަޔާންކޮށްފައިވަނީ، އިންޓަރވިޔުގެ މަރްޙަލާއަކީ، ތަޙުޤީޤު ކުރާ ފަރާތުގެ އެންމެބޮޑު ހަތިޔާރު ކަމަށް. އެހެންވީމާ، ޙަޤީޤަތުގައި މިދެންނެވި ފުރްޞަތުތައް، އެގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ދީފައި އެއޮތީ. އަޅުގަނޑުމެން ޤާނޫނީ ނިޒާމުގައި، ރާއްޖޭގެ ޝަރްޢީ ނިޒާމަށް ގެނައި ބަދަލުތަކުގެ ތެރެއިން، ޤާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކޮށްފައި މިއޮތީ، ޝަރީޢަތުގެ މަޖިލީހުގައިވާ އިޢުތިރާފް ފިޔަވައި އެހެން އިޢުތިރާފްތަކަކީ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށް. އެކަމަކު ހަމައެއާއެކީގައި، އެ މާއްދާގައި އެބަ ބަޔާންކުރޭ، މަޖުބޫރުކޮށްގެން ބަޔާން ހޯދައިގެން ނުވާނެ ކަމަށާއި، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީޢަތަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައި އެބަހުރި، އެ މާއްދާގެ ތެރެއިން. އެކި މަރްޙަލާތަކުގައި މާނަކުރަމުންދާއިރުގައި މިއަދު ރާއްޖޭގެ ތަޙުޤީޤުކުރާ ފަރާތްތަކަށް އަޅުގަނޑުމެން މިވަނީ މިހުރިހާ މާއްދާތަކުގައި ބަޔާންކުރާ ލަފްޒީ މާނަޔާ އެކީގައި ލިބިފައިވާ ބާރުތައް ހަނިކޮށްފައި. މިއީ، މިފަދަ މަހާސިންތާއެއްގެ ބޭނުމަކީ. ކިހިނެއްތޯ، ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި އެބަ ބުނޭ، މިނިވަން ދީމުޤްރާޠީ އެހެން މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުގެ މައްޗަށް ބިނާކޮށޭ، މި މާއްދާތަކުގައި ލިބިދޭ ޙައްޤުތައް ތަރުޖަމާ ކުރާނީ، މާނަކުރާނީ. މިއަދުގެ ބޭނުމަކީ އެކަންތައްތައް ދެނެގަތުން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ވަކި ޙާލަތްތަކެއްގައި، ވަކީލުންނާ ނުލައި، ސުވާލު ކުރެވޭކަން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ވަކިކަހަލަ ޙާލަތްތަކެއް މެދުވެރިވެއްޖެ ކަމުގައިވާނަމަ، ވަކީލުންގެ ޚިދްމަތް ދިނުން ހިފެހެއްޓުމުގެ ބާރުވެސް ހަމަ މިޒަމާނުގެ ޤާނޫނީ އުޞޫލުގެ ތެރެއިން ވަކި ވަގުތެއް ވަންދެން އެބަ ލިބިދެވޭކަން. އަޅުގަނޑުމެންނަށް އެބަ އެނގޭ، ތަޙުޤީޤު މަރްޙަލާގައި ދޭ ބަޔާންތަކަކީ އެއީ ޞައްޙަ އިޢުތިރާފްތަކެއްކަންވެސް.
 
އަޅުގަނޑެއް ނުދެކެން، ރާއްޖޭގެ ޤާނޫނުއަސާސީ މިކަންތައްތަކަށް ހުރަސްއަޅާކަމެއް. ސަބަބަކީ، ޤާނޫނުއަސާސީގައި މާނަކުރާ މާއްދާގައި ތަފްޞީލުކޮށް އެބަ ބުނޭ، މާނަކުރުމުގައި، ކުރިއަރާފައިވާ އެހެން ޑިމޮކްރެޓިކް ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލު އަޅުގަނޑު ދަންނަންޖެހޭ. މިދެންނެވީ އެ ޤައުމުތަކުގައި ޢަމަލުކުރާ އުޞޫލު. މިދެންނެވީ ކަނޑައެޅިފައިވާ ހަމަތައް. މިދެންނެވީ، މިއަދު ހިނގަމުންދާ ޤާނޫނީ ހަމަތަކާއި އުޞޫލުތަކާއި އިންތިޒާމު. މިއަދު މި މާނަކުރުމުގެ އުނދަގުލުގައި، ތާށީވެ އަޅުގަނޑުމެން މިތިބީ ފިތިފައި. ތަޙުޤީޤު ކުރާ ފަރާތްތަކުގެ އަތް މިވަނީ ބަނދެވިފައި.
 
އަޅުގަނޑު ދެކޭގޮތުގައި، މިއަދުގެ މި މަހާސިންތާއިން މިދެންނެވި ކަންތައްތަކަށް ވިސްނައި ފިކުރު ކުރުމުގެ ވަގުތު އަޅުގަނޑުމެންނަށް ލިބިގެންދާނެ. އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޤާނޫނީ ނިޒާމަށް ރާއްޖެއަށް ގެނެވުނު ބަދަލުތައް ކިތަންމެހާވެސް ފުރިހަމަ. ކިތަންމެހާވެސް ފުރިހަމަ. އެކަމަކު އެ ބަދަލުތައް ކިތަންމެހާވެސް ރަނގަޅު. އެކަމަކު އަދި އެބަދަލުތައް އެންމެ ރަނގަޅަކަށް ފުރިހަމައެއްނުވޭ. އެ ބަދަލުތައް ރަނގަޅަށް ފުރިހަމަކުރުމަށްޓަކައި އެބަޖެހޭ މަސައްކަތެއް ކުރަން.
 
ރާއްޖެއަށް ގެނެވުނު ޤާނޫނީ ބަދަލުތައް ފުރިހަމަކުރުމުގައި އަޅުގަނޑު ދެކޭގޮތުގައި، ގިނަ ފަރާތްތަކަކުން މިއަދު ވަނީ އިހުމާލުވެފައި. މިއަދު މުޖްތަމަޢުވަނީ މާޔޫސްވާން ފަށާފައި. ޤާނޫނުގެ އިތުބާރާއި ޝަރުޢީ ނިޒާމަކުން ފޯރުކޮށްދޭ ރައްކާތެރިކަމާމެދު މިއަދު ގިނަ ރައްޔިތުން ވަނީ ސުވާލުކުރަން ފަށާފައި. ރާއްޖޭގައި ކުށްވެރިން ރާޖް ކޮށްގެން ނުވާނެ. ރާއްޖޭގެ މުޖްތަމަޢުގެ އަމާންކަމާއި ސަލާމަތްތެރިކަމަކީ ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ޙައްޤެއް. މުޖްތަމަޢެއްގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަކީ ޑިމޮކްރަސީގެ އަސާސް. ތަހުޒީބު މުޖްތަމަޢެއްގެ މައިގަނޑު އެއް ރުކުން. ކުށަކީ ވަކި މީހަކު ކުރި ކަމަކަށްވީތީ، އިސްތިސްނާއެއް ލިބިގެންނުވާނެ. ފިރިހެނަކަސް، އަންހެނަކަސް، ޢުމުރުން ދުވަސްވީ މީހަކަށްވިޔަސް، ޒުވާނަކަށްވިޔަސް، ކުށެއް ކޮށްފި ކަމުގައިވާނަމަ، އެ ކުށަކަށް ކަނޑައެޅިފައިވާ އަދަބު ލިބެންވާނެ.
 
ޤާނޫނު ހިންގުމުގެ ޖާގަދީގެން ޤައުމުތައް ކުރިއަރާފައިވަނީ. ދުސްތޫރުގައި ކަނޑައެޅިފައިވާ ހަމަތަކާ އެއްގޮތަށް ޤާނޫނުތައް އަންނަންޖެހޭ. ކުށްތައް ތަކުރާރުކުރާ ފަރާތްތަކަށް، ކުށްތަކަށް އަރައިގަތުން، ހުއްޓުވޭވަރުގެ އަދަބުތައް ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރޭގައި ކަނޑައެޅިފައި އޮންނަންޖެހޭނެ. ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނު ހިނގަންޖެހޭ. އެއީ، ތަހުޒީބު މުޖްތަމަޢުގެ ހަމަތައް. ތަހުޒީބު މުޖްތަމަޢުގެ އުޞޫލު. ޤާނޫނުތައް ނުހިނގާ ކަމުގައިވާނަމަ ދުސްތޫރުގެ ބޭނުން ކެނޑިގެންދޭ. އެރިސްޓޯޓަލް ދަ ޕޮލިޓިކްސްގައި ބުނެފައިވަނީ ވަރަށް މުހިންމު ވާހަކައެއް.
WHERE LAWS DO NOT RULE, THERE IS NO CONSTITUTION.
 
ޤާނޫނުއަސާސީ އަތުވެއްޖެ. ފުޅާ ވާހަކަތަކެއް ލިޔެވިއްޖެ. އެކަމަކު ތަޙުޤީޤު ހިނގައެއްނުގަނޭ. އަތް ބަނދެވިފައި. ހަނުހުރުމުގެ ޙައްޤު އަޅުގަނޑުމެން ދީފިން. މާނަކުރުމުގައި އަޅުގަނޑުމެން ބަލަނީ އެއްވެސް އެއްޗެއް ނުބުންޏަސް ރަނގަޅު ކަމަށް. ތަޙުޤީޤުގައި ވާހަކަ ނުދައްކައި، ޝަރީޢަތަށް ގޮއްސަ ހަމަ ކުރެވުނު ސުވާލުތަކުގައި، އޭނަގެ ދިފާޢު ބޭނުންކުރޭ. ކޮން ޤައުމެއްގައިތޯ އެ އުޞޫލު އޮތީ. ކޮބައިތޯ ކޯޝަން ކުރުމުގެ މާނަ އަޅުގަނޑުމެން ވިސްނާލިންތޯ؟ ހަނުހުރުމުގެ ޙައްޤު ލިބިގެންވެޔޭ. ކުރާ ސުވާލަކަށް ޖަވާބު ނުދީފި ކަމުގައިވާނަމަ، ތިމާގެ ދިފާޢަށް އެކަމުގެ ގެއްލުން ލިބިދާނެ. އެއްވެސް އެއްޗެއް ނުބުނެ ހަނުހުރުމުގެ ޙައްޤު ލިބިގެންވޭ. އަދި ކުރެވޭ ސުވާލުގައި ދޭ ޖަވާބު، ފަނޑިޔާރާ ދެކޮޅަށް ބޭނުންކުރެވޭނެ. މިއީ ނޫންތޯ ކޯޝަންއަކީ. އެކަމަކު އަޅުގަނޑުމެން ހަނުހުރުމުގެ ޙައްޤު މިއަދު ބޭނުންކުރަނީ، ހިފެހެއްޓުމެއްނެތި ކަމަށް އެ ޤާނޫނުއަސާސީގައި ލިޔެފައިވާ މާއްދާ އަޅުގަނޑުމެން މާނަކުރާގޮތް. 68 ވަނަ މާއްދާގައި އެބަ ބުނޭ، މިނިވަން ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި ޢަމަލުކުރާ އުޞޫލުންނޭ އަޅުގަނޑުމެން ޢަމަލުކުރަންވާނީ. އެމީހަކު ޖަވާބު ދިނުމަކީ، އެމީހެއްގެ ޙައްޤެއް. އެކަމަކު ސުވާލުކުރުމަކީ ތަޙުޤީޤު ކުރާ ފަރާތަށް ލިބިގެންވާ ފުރިހަމަ ޙައްޤެއް. އަދި އެ ސުވާލުތަކަށް ޖަވާބުނުދީ، ޝަރީޢަތުގެ މަރްޙަލާގައި އެ ވާހަކަތައް އަލުން ނަގައި ދިފާޢަކަށް ބޭނުންނުކުރެވޭނެ. މިއަދު އެގޮތަކަށް ނޫން ރާއްޖޭގައި ޢަމަލުކުރަމުން މިދަނީކީ.
 
އެހެންވީމާ، މިއަދު މި މަހާސިންތާގެ ބޭނުން އޮތީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން ޖެހެނީ މިތާ ތިބެގެން، އަޅުގަނޑުމެން އެންމެން ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި މިކަންތަކާ ދޭތެރޭގައި ވިސްނައި ފިކުރުކުރަން. އޮޅިފައި މިއޮތީ. ވަރަށް ބޮޑަށް އޮޅިފައި މިއޮތީ. ވަރަށްބޮޑު އޮޅުންތަކެއްގެ ތެރޭގައި އަޅުގަނޑުމެން މި ދަތުރު ކުރަނީ. މިއީ، ވަރަށްބޮޑު ގެއްލުންހުރި ކަމެއް. ލޯޑް ދިޕްލޮކް ވިދާޅުވެފައިވަނީ، ވަރަށް ރަނގަޅު ވާހަކަފުޅެއް މިކަމާ ގުޅޭގޮތުން. ވިދާޅުވެފައިވަނީ،
 
ABSENCE OF CLARITY IS DESTRUCTIVE OF THE RULE OF LAW; IT IS UNFAIR TO THOSE WHO WISH TO PRESERVE THE RULE OF LAW; IT ENCOURAGES THOSE WHO WISH TO UNDERMINE IT
 
މިއަދު ރާއްޖޭގެ ޙާލަތަކީ މިއީ. ކްލެރިޓީ ނެތީމަ، ސާފުވެފައި ނެތީމަ، ޤާނޫނުގެ ޙުކުމް ޙަޤީޤަތުގައި މިއަދު ހިނގާފައިވާގޮތާމެދު ސުވާލު އުފެދޭ. މިކަން ކުރާ ފަރާތްތައް މިއަދު މިވަނީ މާޔޫސްވެފައި. އަދި އެމީހަކު ބޭނުންގޮތެއް ހަދަން ފުރްޞަތު އޮތީ ލިބިގެން ގޮއްސަ. ގިނަ ފަރާތްތަކުން އެގޮތަށް މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ޢަމަލުކުރަމުންދާ ތަން.
 
އަޅުގަނޑު އެދެނީ މިއަދު ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ރާއްޖޭގެ މުޖްތަމަޢުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމުގައި، އެންމެން އިޚްލާޞްތެރިވުން. އަޅުގަނޑު އެދެނީ، ރާއްޖޭގެ ކުށްކުރާ ފަރާތްތަކުގެ ތެރެއިން ޚާއްޞަކޮށް، ބޮޑެތި ކުށްކުރާ ފަރާތްތަކުގެ ނުރައްކަލުން ދިވެހި މުޖްތަމަޢު ސަލާމަތްކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ދެބަސްނުވެ މަސައްކަތް ކުރުން. ރައްޔިތުންގެ މަޖިލީހާއި، ތަޙުޤީޤުކުރާ ފަރާތްތަކާއި އަދި ޤާނޫނު ހިންގުމުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް، ދަޢުވާކުރާ ފަރާތާ ހުރިހާ ފަރާތަކުންވެސް، ދިވެހި މުޖްތަމަޢުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އިސްކަންދީގެން މަސައްކަތް ކުރުން. އަދި މި މަސައްކަތް ކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ގުޅިގެން މަސައްކަތް ކުރުން. އެއްވެސް ޝައްކެއްނެތް، މިއީ، ޑިމޮކްރެޓިކް މުޖްތަމަޢެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ މަސްއޫލިއްޔަތު. މިއީ، އިސްލާމީ މުޖްތަމަޢެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެންގެ ޒިންމާ. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ  "ތިމަން ﷲ ރަސޫލުން ފޮނުއްވައި، ފޮތް ފޮނުއްވައި، މީޒާން ތިޔަބައިމީހުންނަށްޓަކައި ކަނޑައެޅުއްވީ، ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައޭ." އެހެންވީމާ، މިއީ ހަމައެކަނި ޑިމޮކްރެޓިކް މަސްއޫލިއްޔަތެއްވެސް ނޫން. މިއީ، އަޅުގަނޑުމެންގެ ދީނީ، ޤައުމީ މަސްއޫލިއްޔަތުވެސްމެ.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىއަޅުގަނޑުމެންނަށް ޢަދުލުވެރި، އަމާން ރައްކާތެރި މުޖްތަމަޢެއް ޤާއިމުކުރުމުގެ ތައުފީޤު މިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންގެ ރާއްޖެއަކީ، އަމާން ރައްކާތެރި ވެށްޓެއް ކަމުގައި އެކަލާނގެ މިންވަރު ކުރެއްވުން. އާމީން.                 
 
والســّلام عليــكم ورحـمــة اللّـه وبـركاتـه