بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين،  وَالصّـلاة وَالسّلام علـى مَن لا نبي بعده.
 
މި ސްކޫލްގެ ޢިއްޒަތްތެރި ޕްރިންސިޕަލް، ޑެޕިޔުޓީ ޕްރިންސިޕަލުން، ހީވާގި ޓީޗަރުން، އަޅުގަނޑުމެންގެ ފަޚްރުވެރި ބެލެނިވެރިން، އަދި އަޅުގަނޑުމެންގެ މުސްތަޤްބަލުގެ އުންމީދު ކަމަށްވާ އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުން.
 
الســّلام عليــكم ورحـمــة اللّـه وبـركاتـه
 
މީގެ އަހަރުތަކެއް ކުރިން އިންދި ކުޑަކުޑަ އޮށަކުން ފެޅި ގަހެއް، ބިޔަވެ ބޮޑުވެ، މުޅި ރާއްޖެއަށް އެ ގަހުގެ ހިޔާވަހިކަން ލިބި، މިރޭ އަޅުގަނޑުމެން މި ފާޅުކުރަމުންދާ އުފާވެރި ޙަފްލާއަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މި ސްކޫލްގެ ޙަޔާތުގައި ވަރަށް މުހިންމު ރެއެއް. ބެލެނިވެރިން ހީވާގިކަމާއެކީގައި ކުރި މަސައްކަތުން މިހާ ހިސާބަށް ރާއްޖޭގެ އެތަކެއް ދަރިވަރުންނަށް ތަޢުލީމުގެ ފޮނިކަން ވަނީ ފޯރުކޮށްދީފައި. މުދައްރިސުންގެ ހީވާގިކަމާއި މިންނަތުން ކުރި މަސައްކަތުގެ ނަތީޖާ މުޅި ރާއްޖޭގެ މުޖްތަމަޢު މިއަދު މިދަނީ ދެކެމުން. އެހެންކަމުން، މިރޭގެ މި އުފާވެރި އުފަންދުވަހުގެ މުނާސަބަތުގައި، ސްކޫލްގެ ބެލެނިވެރިންނަށާއި، އަޅުގަނޑުމެންގެ ލޮބުވެތި ދަރިވަރުންނަށާއި، ހީވާގިކަމާއި ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ އަޅުގަނޑުމެންގެ ފަޚްރު ކަމުގައިވާ ހީވާގި މުދައްރިސުން، މިހާ ހިސާބަށް އަދި މިއަދުވެސް ކުރައްވަމުން ތިޔަ ގެންދަވާ ބުރަ މަސައްކަތް ވަޒަންކޮށް، އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން.
 
މިއުފާވެރި އިޙްތިފާލު އަޅުގަނޑުމެންނާ މި ބައްދަލުކުރަނީ ވަރަށް މުނާސަބު ވަގުތެއްގައި، ތަޢުލީމީ ގޮތުން މި ސްކޫލް މި ބޮޑުވެގެންދިޔަ ގަސް ބިޔަވެ، މުޅި ރާއްޖޭގެ ކަންކޮޅުތަކަށް އޭގެ ނޫރުން އަލިކޮށްދީފައިވާ ވަގުތުގައި، އަޅުގަނޑު އުފަލާއެކީގައި ފާހަގަކުރަނީ، މިއަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، ރާއްޖޭގެ ތަޢުލީމީ ޙަޔާތަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަން. ކުރިއަށް އޮތް ދިރާސާ އަހަރު ވެގެންދާނީ، ރާއްޖޭގެ ތަޢުލީމީ ހަޔާތް، މިދިޔަ ސާޅީހަކަށް އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް ބަދަލުވެގެންދާ އަހަރަށް. އާ މަންހަޖެއް ރާއްޖެއަށް ތަޢާރުފްވެގެންދާއިރުގައި، މިރޭ މި ސްކޫލްގެ ތެރެއިން މި ފެންނަ މަންޒަރު، މި މަންހަޖުގައި އިރާދަކުރެއްވިއްޔާ ވަނީ ކުރަހާލެވިފައި. އެއީ ރާއްޖޭގެ މުޖްތަމަޢަށް ބޭނުންވާފަދަ ގޮތަކަށް، ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ގޮތަށް ރާއްޖޭގެ ތަޢުލީމީ މަންހަޖު ފަރުމާކުރެވިގެން ގޮސްފައިވަނީ. އަޅުގަނޑުމެންގެ ބެލެނިވެރިންނާއި، މުދައްރިސުންނާއި މުޖްތަމަޢު ދެކެން ބޭނުންވާފަދަ ގޮތަކަށް، ހަމައެކަނި ތަޢުލީމު ދިނުމުގެ ބަދަލުގައި، ތަޢުލީމާ އެކީގައި ތަރުބިއްޔަތުގެ އަސާސްވެސް ހިމެނޭ މަންހަޖެއް އިރާދަކުރެއްވިއްޔާ ތަޢާރުފް ކުރެވިގެން ގޮސްފައިވަނީ. މި މަސައްކަތް މިހާ ހިސާބަށް ގެންދެވުމުގައި، ހީވާގިކަމާއެކީގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތައް އަޅުގަނޑު ފާހަގަކުރަން. ޚާއްޞަ ގޮތެއްގައި މިއަދުގެ ތަޢުލީމީ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމަށާއި، އެކަމަނާގެ ޓީމަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަޅުގަނޑު އިޚްލާޞްތެރި ޝުކުރެއް އަދާކުރަން.
 
ތަޢުލީމީ ޙަޔާތުގައި ރާއްޖެ ކުރިއަށްދާ ދަތުރަކީ، ޤައުމެއްގެ ޙަޔާތުގައި ކުރާ އެންމެ މުހިންމު ދަތުރު. ރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ ފަންނުވެރިން އުފައްދަނީ މި މާޙައުލުގެ ތެރެއިން. މިރޭގެ މި އިޙްތިފާލުގެ ތެރޭގައި މި ތިއްބެވި ދަރިވަރުން އަޅުގަނޑަށް އެބަ ފާހަގަކުރެވޭ، އެކުއްޖަކު ކުރިއަރަން ބޭނުންވާ ދާއިރާ ތަމްސީލުކުރާ ތަން. ކުރިއަށް އޮތް މަންހަޖު ވެގެންދާނީ، މިދެންނެވި ހުވަފެން ޙަޤީޤަތަކަށް ހަދައިދޭ މަންހަޖަކަށް. އެހެންކަމުން، ރާއްޖޭގެ ތަޢުލީމީ ޙަޔާތަށް މިފަދަ ބޮޑު ބަދަލެއް ގެނައުމުގައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަޅުގަނޑު އިޚްލާޞްތެރި ޝުކުރެއް އަދާކުރަން.
 
އުފަންދުވަހެއް ފާހަގަވެގެންދާއިރުގައި، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ، އެންމެ ފުރަތަމަ އުފަންދުވަސް ފާހަގަކުރީ ކޮންގޮތަކަށްކަން. ޕްރައިމަރީން ފެށިގެން ސެކެންޑްރީއާ ހަމަޔަށް މިސްކޫލް ކުރި ދަތުރުގައި ވަރަށްގިނަ ފަރާތެއްގެ ބުރަ މަސައްކަތް ހިމެނޭ. އެހެން ނަމަވެސް، އެންމެ ޚާއްޞަ ގޮތެއްގައި، 30 އަހަރުގެ ކުރީގައި، މި އުފާވެރި މަޖިލިސް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިނުމުގައި، އެންމެ ބުރަ މަސައްކަތެއް ކޮށްދެއްވި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ނަންފުޅު އަޅުގަނޑު ފާހަގަކޮށް، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވަން.
 
އަޅުގަނޑުގެ ދުޢާއަކީ، މި ސްކޫލަށް އެއްދުވަހަށްވުރެ އަނެއް ދުވަހު ކާމިޔާބުތަކެއް ލިބެމުންދިޔުން. ރާއްޖޭގެ ހީވާގި މުދައްރިސުންނަށް އަޅުގަނޑު އުންމީދު ކުރަނީ، ކުރިއަށް މިއޮތް އަހަރުގައި، އިރާދަކުރެއްވިއްޔާ އުފާވެރި ޚަބަރުތަކެއް ލިބެމުންދާނެ ކަމަށް. ރާއްޖޭގެ ބެލެނިވެރިންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ތިޔަބޭފުޅުންގެ އުންމީދާ އެއްގޮތަށް ތަރުބިއްޔަތާއި ތަމްރީނު ހިމެނޭ ފުރިހަމަ މަންހަޖެއް ލިބިގެންދާނެ ކަމަށް.
 
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىމި ސްކޫލަށް އަބަދުވެސް ކާމިޔާބު މިންވަރުކޮށްދެއްވުން. އަދި އަޅުގަނޑުމެންގެ ދަރިންނަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަކީ، އަޅުގަނޑުމެންގެ މުޖްތަމަޢަށް ފައިދާހުރި ގޮތެއްގައި މަސައްކަތްކުރާ އަދި އަޅުގަނޑުމެންގެ ބެލެނިވެރިންގެ އުންމީދުތަކަށް ފޮނި ކާމިޔާބު ނަތީޖާތަކެއް ގެނެސްދޭ ދަރިވަރުން ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه