ޖުމްހޫރީ ވެރިކަމެއްގެ ފުރިހަމަ މަންފާ ލިބޭނީ، ޤައުމުގެ ހުރިހާ އަފުރާދުންގެ ކިބައިގައި، ޤައުމު ކުރިއަށް ގެންދިޔުމުގެ ރޫޙު ހުރެގެން، އެ ކެރުންތެރިކަން ހުރެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޤައުމު ކުރިއަށް ގެންދިއުމުގެ ރޫޙާއި، ވިސްނުން ކޮންމެ ފަރުދެއްގެވެސް ހުންނަންވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ފިކުރު ތަފާތުވިނަމަވެސް، ޤައުމަށް ދަތިވާ، ނުވަތަ ޤައުމަށް ގެއްލުންވާ ކަމެއް ކުރުމަކީ އެއްވެސް ދިވެހި ރައްޔިތަކު އެކަންކަމަށް މަޢާފްކުރާނެ ކަންކަމެއްނޫން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ރައްޔިތުން މި ސަރުކާރު ވެރިކަމަށް ގެނައީ، އުއްމީދުތަކަކާއި، ހުވަފެންތަކަކާއެކުގައިކަން ބަޔާން ކުރައްވަމުން، ކޮންމެ ފަރުދެއްވެސް، ކޮންމެ މުޢައްސަސާއެއްވެސް، ކޮންމެ ކުންފުންޏެއްވެސް، އަދި މުޅި ދައުލަތްވެސް މަސައްކަތްކުރަމުން ގެންދަނީ ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށް ކަމުގައި ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޙާޞިލްކުރެއްވުނު ކަންކަމާއި، ސަރުކާރުން ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރުމަށްޓަކައި ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާކަން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދައުލަތެއް ކުރިއަށް ދާނީ ޒުވާނުންގެ ހަކަތައިން ކަމުގައި ވިދާޅުވެ، އެއީ ދައުލަތެއް ކުރިއެރުމުގައި އެންމެ މުހިންމު ކަންތައް ކަމުގައި ވިދާޅުވިއެވެ. އަދި، ޒުވާނުންނަށް ބޭނުންވާ އެކިއެކި ކަންކަން ފުރިހަމަ ކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ އެކިއެކި ކަންކަމުގެ ތަފްސީލްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިއްސާ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ތަރައްޤީއަށާއި، ރައްޔިތުންނަށް ބެނުންވާ އެކި ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.