ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް އިރާޤް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސްޓަރ ޤަޚްޠާން ޠާހާ ޚަލަފް، ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އާދިއްތަ ދުވަހު ހެނދުނު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި އިރާޤާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަށްޓަކައި މިސްޓަރ ޚަލަފަށް ޝުކުރު އަދާކުރެއްވިއެވެ.

މިސްޓަރ ޚަލަފްގެ ވާހަކަފުޅުގައި، އިރާޤް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، ލިބިވަޑައިގެންނެވި ވަރަށް ބޮޑު ހިތްޕުޅުހަމަޖެހުމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް އިރާޤްގެ ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އިރާޤްގެ ސަފީރު ދެއްވިއެވެ.

ދިވެހިރާއްޖެއާއި އިރާޤާ ދެޤައުމުގެ ދެމެދުގައިވާ ގާތް ގުޅުން އިތުރު ދާއިރާތަކުގައި ފުޅާކުރެއްވުމާ ބެހޭގޮތުންވެސް މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރެއްވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ.