بســماللّـه الرّحمـن الرّحيــم
 
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
 
 ކެނދިކުޅުދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް ޖަޢުފަރު ޙަސަން، މި ސްކޫލްގެ ހީވާގި ޓީޗަރުން، ކެނދިކުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ޝަރީފް، ރަށު ކައުންސިލްގެ ރައީސާއި މެންބަރުން، ލޮބުވެތި ބެލެނިވެރިން، ހީވާގި ދަރިވަރުން.
 
السّــلام عليــكمورحـمــة اللّـه وبـركاتـه
 
އެއްވެސް ޝައްކެއްނެތް، މިރޭގެ މި އުފާވެރި ޙަފްލާއަކީ، ދަރިވަރެއްގެ ޙަޔާތުގައި އަންނާނެ އެންމެ އުފާވެރި އެއްރޭ. މިރެޔަކީ ބުރަ މަސައްކަތްކުރި ދަރިވަރުން، އެ ދަރިވަރުންގެ މަސައްކަތުގެ ފޮނި ނަތީޖާ ދެކޭ ރޭ. މިރެޔަކީ ކެތްތެރިކަމާއި ހިތްވަރާއެކީގައި، ތިމާމެންގެ ދަރިންނަށް އުޖާލާ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި އަމިއްލަ އުފާ ޤުރްބާންކުރި މައިންބަފައިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ ރޭ. ހަމައެޔާއެކީގައި، މިރެޔަކީ ހިނިތުންވުމާއި އުފަލާއެކީގައި، އަމިއްލަ ނަފްސުގެ އުފާ، ދަރިންގެ އުފަލަށްޓަކައި ޤުރްބާންކުރި ހީވާގި މުދައްރިސުންގެ މަސައްކަތުގެ ފޮނި ނަތީޖާ ފެނިގެންދާނެ ރޭ. ޝައްކެއްނެތް، މި މަސައްކަތްކުރި ހުރިހާ ފަރާތްތަކަށް، ތިޔަ ހުރިހާ ބޭފުޅުންނާ އަދި އަޅުގަނޑުމެން އެންމެން ޙިއްޞާވާ ގޮތުގައި، އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދެންނެވުމަކީ، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.
 
ޢިއްޒަތްތެރި ބެލެނިވެރިން، ހީވާގި ދަރިވަރުން،
 
މިރޭގެ މި އުފާވެރި ޙަފްލާގައި، އެންމެ ފަޚްރުވެރި މަޤާމެއް ހޯދި ދަރިވަރަކީ، ޝައްކެއްނެތްގޮތުގައި، އެ ދަރިވަރަށް އަޅުގަނޑުމެން އެންމެންގެ ސާބަހާއި ތަޢުރީފް ޙައްޤު ދަރިވަރެއް. އެހެންކަމުން، ބެސްޓް އޯލްރައުންޑަރ އަކަށް ހޮވުނު ފާޠިމަތު ނިފްސާއަށް އަޅުގަނޑުގެ އަމިއްލަ ނަމުގަޔާއި، ތަޢުލީމީ ދާއިރާގެ ވަޒީރުގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވައި، އައްސަރިބަހާއި ސާބަސް އަދާކުރަން. ކާމިޔާބަކީ އަބަދުވެސް މަސައްކަތްކުރާ ބައެއްގެ ޙައްޤެއްކަންވަނީ ޔަޤީންވެފައި.
 
ޢިއްޒަތްތެރި ބެލެނިވެރިން،
 
އެންމެ ފުރިހަމަ ކާމިޔާބީއަކީ، ތިމާގެ ތަޢުލީމާއެކުގައި، ތިމާގެ މުޖްތަމަޢަށް ބޭނުންތެރި މީހަކަށްވުން. ތިމާގެ ޤައުމަށް ތިމާ ލޯބިވާންޖެހޭނެ. ތިމާގެ ޤައުމިއްޔަތަށް ތިމާ ލޯބިވާންޖެހޭނެ. ތިމާގެ މުޖްތަމަޢަށް ތިމާ ލޯބިވާންޖެހޭނެ. ކޮންމެ ދަރިވަރަކީވެސް ތިމާގެ ޢަޤީދާދެކެ ލޯބިވާ ދަރިވަރަކަށް ވާންޖެހޭނެ. އަދި ހަމައެޔާއެކީގައި، ތިމާ، އެ މުޖްތަމަޢަކަށް، އެ ޤައުމަށް އަދާކުރަންޖެހޭ ދަރަންޏެއް އޮތްކަން ގަބޫލުކުރާ ދަރިވަރަކަށް ވާންޖެހޭނެ. އަދި ހަމައެޔާއެކީގައި، ކޮންމެ ދަރިވަރަކީ، ތިމާ އަމިއްލައަށް ކަންތައްތަކަށް ވިސްނާ ދަރިވަރަކަށް ވާންޖެހޭނެ. ތިޔަ ހުރިހާ ދަރިވަރުން މިހާރު ވިސްނާނެ، ކީއްވެގެންތޯ މިހެން ވާންޖެހެނީ. ކީއްވެގެންތޯ ޤައުމުދެކެ ލޯބިވާންޖެހެނީ. ކީއްވެގެންތޯ މުޖްތަމަޢަށް ތިމާ ލޯބިވާންޖެހެނީ. ކީއްވެގެންތޯ ތިމާ، ތިމާގެ ޤައުމިއްޔަތާއި ތިމާގެ ޢަޤީދާ ކުރިއަށް ނެރެންޖެހެނީ. އެއީ، މިއަދު މުޅި ދުނިޔެއިން އަޅުގަނޑުމެންނަށް ދައްކައިދޭ ޢިބްރަތް. އެއީ މުޅި ދުނިޔެއިން އަޅުގަނޑުމެންނަށް ފެންނަ މިސާލު. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ، އަޅުގަނޑުމެންނަށްވުރެ މާ ވަސީލަތް ގިނަ، އަޅުގަނޑުމެންނަށްވުރެ މާ ބިޔަ، އަޅުގަނޑުމެންނަށްވުރެ މީސްތަކުން މާގިނަ ޤައުމުތަކާއި މުޖްތަމަޢުގެ ޙާލަތު މިއަދު ރަނގަޅަށް ވަޒަންކުރީމަ، މިކަންތައްތަކަށް މަތިން އަޅުގަނޑުމެން މިއަދު ޝުކުރުވެރިވާނެ. ބާރުގަދަ، ވަސީލަތްތައް ގިނަ، މީސްތައް ގިނަ ޤައުމުތަކުގައި، މިއަދު ޤައުމިއްޔަތު ވަޒަންކުރާނެ ފުރްޞަތެއް ނެތް. އެޤައުމުތަކުގެ މައިންބަފައިންގެ އުނގުގައި، ދަރިފުޅު ބަހައްޓައިގެން ހުއްޓައި، މަރުވެގެންދާ މަންޒަރު މިއަދު މި ފެންނަނީ. ތުއްތު ކުއްޖާ، އަންހެން މީހާގެ ބަނޑުގައި އޮއްވައި، ވަޒަންއަރައި އެކުއްޖާ ޝަހީދުވެގެންދަނީ. ތިޔަކުދިންފަދަ ކިޔެވުމަށް ލޯބިކުރާ، ކިޔަވަން ބޭނުންވާ، ތަޢުލީމަށް ފެންބޮވައިގެންފައި ތިބި ތުއްތު ކުދިން މިއަދު ސީރިޔާގަޔާއި، ޢިރާޤުގަޔާއި، އެކިހިސާބުތަކުގެ ބޯޑަރުގައި، ވަގުތީ ހިޔާތަކުގަޔާއި، ޓެންޓްތަކުގައި، ދުވާލުގެ ހޫނުގަޔާއި، ބަޑިއާއި ބޮޑެތި ބޮމްތަކުގެ އަމާޒަކަށް، ޝިކާރައަކަށްވެފައި އެތިބީ. މިއީ ވިސްނަންވީ ވަގުތެއް. މިކަންތައްތައް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ ކަންތައްތައް މަތިން. މިހާދިސާތައް އަޅުގަނޑުމެންނަށް މި ފެންނަނީ ޢިބްރަތްތަކެއް ޙާޞިލު ކުރުމަށްޓަކައި. އެއިން އަޅުގަނޑުމެންނަށް ދަސްކޮށްދެނީ، އަޅުގަނޑުމެންނަށް މި ލިބުނު މަތިވެރި ނަޞްރު. ޤައުމެއްގެ ގޮތުގައި އޮތުމަށް ލިބުނު މަތިވެރި ނިޢުމަތް. މުޖްތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެން އެކުގައި އުޅުމަށް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވި މަތިވެރި ގޮތް. ޤައުމެއް ލިބުން، ޤައުމިއްޔަތެއް ލިބުން، ޤައުމިއްޔަތުގެ ބަހާއަށް އަޅުގަނޑުމެން އިޙްތިރާމް ކުރަންޖެހޭ މިންވަރު. އަޅުގަނޑުމެންގެ ޢަޤީދާއަށް އަޅުގަނޑުމެން ކަމޭހިތަންޖެހޭ މިންވަރު. އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމުން މިކަންތައްތައް ވަޒަންކުރަންޖެހޭ ސަބަބު. މިކަންތައްތައް ނެތިގެން ދިޔައީމަ، ހިތްދަތިކަން ތަޙައްމުލުކުރާ ޤައުމުތައް. މުޖްތަމަޢުގެ މީސްތައް މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ.
 
މިއަދު މިކަންތައްތަކުން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ޢިބްރަތްތަކެއް އެބަހުރި. ފިލާވަޅުތަކެއް އެބަހުރި. އަޅުގަނޑު ތިޔަ ކުދިންނަށް މިރޭ ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ކުރިއަށް އިންސާނުން ދިޔުމަށްޓަކައި، އެއްވެސް ޝައްކެއްނެތްގޮތުގައި ބޭނުންކުރެވޭނެ އެންމެ މުހިންމު ވަސީލަތަކީ ޢިލްމު. ޢިލްމަކީ އެއީ، ހުރިހާ ކާމިޔާބީއަކާއި ޙަޟާރަތެއްގެ ތަޅުދަނޑި. ޢިލްމަކަށް ޝޯޓްކަޓެއް ނެތް. ކުރު ރާސްތާއެއް ނެތް. ޢިލްމު ލިބެނީ، ހޯދެނީ ބުރަ މަސައްކަތުން. އެހެންނަމަވެސް، އެއްވެސް ޢިލްމެއް، އެއްވެސް ފަންނެއް، އެ ޢިލްމަކާއި ފަންނެއް އެކަނި ލިބުމަކުން ނުފުދޭ. މިއީ މިރޭ ތިޔަ ކުދިންނާއި ބެލެނިވެރިންނަށް އޮތް އަޅުގަނޑުގެ އިލްތިމާސަކީ. ޢިލްމު ކޮންމެހެން މުހިންމު. ފަންނެއް އިންސާނެއްގެ ގައިގައި ހުރުން އިންތިހާއަށް މުހިންމު. އިންސާނެއް، ކާމިޔާބު އިންސާނަކަށްވަނީ ޢިލްމެއް ހުރެގެން. ނޫނިއްޔާ ފަންނެއް ހުރެގެން. އެކަމަކު ހަމައެކަނި ޢިލްމަކުން، ހަމައެކަނި ފަންނަކުން ނުފުދޭ. އެޔާއެކީގައި ޢިލްމު އަދި ފަންނުވެރި މީހަކު ކާމިޔާބު އިންސާނަކަށް ވަނީ، އެޔާއެކީގައި ރީތި ސީރަތަކާއި، ސުލޫކަކާއި އަޚްލާޤެއްގެ ވެރިޔަކަށްވެގެން. މިއީ މިރޭ އަޅުގަނޑު ތިޔަ ދަރިވަރުންނަށް ދޭން ބޭނުންވާ ދަރުސަކީ.
 
އަޅުގަނޑުގެ އިލްތިމާސަކީ، ކޮންމެ ދަރިވަރަކުވެސް މުޖްތަމަޢު ބަދުނާމު ކުރުމުގެ ބަދަލުގައި، ތިމާގެ ކުރިއެރުމަށް ތިމާ އަމިއްލައަށް މަސައްކަތްކުރާ ދަރިވަރަކަށްވުން. ކޮންމެ ދަރިވަރަކީ، އެންމެ ފަސޭހަގޮތާއި ލުއިގޮތް އަބަދު ޚިޔާރުކުރާ ދަރިވަރަކަށްވުމުގެ ބަދަލުގައި، ގަދައަޅައި މަސައްކަތް ކޮށްގެން ކާމިޔާބު ހޯދާ ދަރިވަރަކަށްވުން. އެއީ ދުނިޔޭގެ ޙަޤީޤަތް. އެއްވެސް ކަމެއް ހާސިލެއް ނުވާނެ، ފަސޭހަ، ކުރު ރާސްތާއަކުން. އެހެންވީމާ، ޢަރަބި ހަރުބަހެއްގައި އޮންނަނީ، مَنْ جَدَّ وَجَدَގަދައަޅައި މަސައްކަތްކޮށްފި މީހަކު، އެކަން ދެކޭނެއޭ. އޭނައަށް އެކަން ލިބޭނެއޭ.
 
ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، وَأَن لَّيْسَ لِلْإِنسَانِ إِلَّا مَا سَعَىٰ  وَأَنَّ سَعْيَهُ سَوْفَ يُرَىٰ ގަދައަޅައި މަސައްކަތް ކޮށްފި ކަމުގައިވާނަމަ، اللّـه سبحـانـه وتعـالىމި އާޔަތުގައި ވަޙީކުރައްވަނީ، އެ އިންސާނާ ހަމަކަށަވަރުން، އޭނަ ކުރި މަސައްކަތުގެ ނަތީޖާ ދެކޭނެއެވެ. އެހެންވީމާ، ބުރަ މަސައްކަތް ކުރަންޖެހެނީ. އެހެންވީމާ، ލުއިގޮތްތައް ޚިޔާރު ނުކުރަންވަނީ.
 
ހަމައެޔާއެކީގައި، އަޅުގަނޑުގެ ތިންވަނަ ނުކުތާއަކީ، ތިޔަ ކުދިންނާއެކީގައި މިރޭ ޙިއްޞާކޮށްލަން ބޭނުންވަނީ، ތިމާގެ ގައިގައި ހުންނަ ރީތި ސުލޫކާއި އަޚްލާޤު، ތިމާގެ ރައްޓެހިންގެ އުފަލަށްޓަކައި ޤުރްބާން ނުކުރާށޭ. ވަރަށް ފަސޭހަކަމާއެކީގައި ދިވެހި މުޖްތަމަޢުގައި، މިދެންނެވި ކަންތައްތައް އަޅުގަނޑުމެންނަށް ފެނިގެންދޭ. ކުރިންވެސް ދެންނެވި ފަދައިން، ދެންމެ މި ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެވެސް ވާހަކަފުޅުގައި ފާހަގަކުރެއްވި ފަދައިން، މި ސްކޫލަކީ ކާމިޔާބު ސްކޫލެއްގެ ގޮތުގައި، މިއަތޮޅުގައި ފާހަގަކުރެވޭ ސްކޫލެއް. އަދި އަޅުގަނޑުމެންވެސް މިއަތޮޅަށް، މިރަށަށް، ރާއްޖޭގެ މުޖްތަމަޢުގައި ކާމިޔާބު ހޯދާ ކޮންމެ ދަރިވަރެއްގެ މައްޗަށް ފަޚްރުވެރިވަން. އަޅުގަނޑުމެންނަށް ލިބޭ، އަޅުގަނޑުމެންގެ ހިތަށް ލިބޭ ވަރަށްބޮޑު ތަސައްލީއެއް އެއީ. އެކަމަކު ކުރިންވެސް މިދެންނެވި ފަދައިން، ހަމައެކަނި ތަޢުލީމް، ހަމައެކަނި ފަންނު، މީހާ ފުރިހަމަ މީހަކަށް ނަހަދާ. މީހާ ފުރިހަމަ މީހަކަށް މި ހަދަނީ، ތަޢުލީމް އަދި ފަންނު، އެއާ އެކީގައި ރަނގަޅު އަޚްލާޤެއް، ސީރަތެއް، ސުލޫކެއް ލިބިގެން. ޑިސިޕލީނެއް ހުރެގެން. މިރޭ ވަނަ ހޯދާފައި، މާދަމާ ޑިގްރީވެސް ނަގާފާނެ. ތަފާތު ސެޓްފިކެޓްތައް ހާސިލުކޮށްފާނެ. މައިންބަފައިންގެ މޫނުމައްޗަށް ވަރަށްގިނަ ހިނިތުންވުންވެސް އަތުވެދާނެ. އެކަމަކު ބައްލަވާ! އެމީހެއްގެ އަޚްލާޤާއި ސުލޫކަކީ މުޖްތަމަޢަށް ބިރަކަށްވެ، އެމީހަކު ވާހަކަ ދައްކާ ކޮންމެ ފަހަރަކީ، އެހެން މީހުންނަށް އުނދަގުލާއި ތުރާދޭ ކަމެއްކަމަށްވެއްޖެ ކަމުގައިވާނަމަ، އެ ޢިލްމަކާއި ފަންނެއްގެ ބޭނުމެއް ނުހިފޭނެ.
 
ހަމައެޔާއެކީގައި، މިރޭ ވަނަ ހޯދާ ދަރިވަރު މާދަމާ ޑިގްރީ ހެދުމަށްފަހުގައި، އަނެއް ދުވަހު މާސްޓަރޒް ޑިގްރީ ހޯދުމަށްފަހުގައި ނުވަތަ ޕީ.އެޗް.ޑީ.ވެސް ހޯދަފާނެ. އެކަމަކު އެހިސާބުން މަގުން ކައްސާލައިގެން ގޮއްސި ކަމުގައިވާނަމަ، ދެން އެ ވެގެންދާނީ ވަރަށްބޮޑު ހިތްދަތިކަމަކަށް.       އެ އުޞޫލުން ކިތަންމެ މޮޅު ފަންނުވެރިޔަކު ކަމުގައިވީނަމަވެސް، އެ ފަންނެއްގެ ސަބަބުން އޭނާ ކާމިޔާބު މީހަކަށް ވެދާނެ. ވަރަށް ބައިވަރު މުދަލާއި ތަނަވަސްކަން އޭނައަށް ލިބިދާނެ. މިއީ ތިޔަ ކުދިން އަބަދު ކިޔާ ވާހަކަތަކުން އަޅުގަނޑު ވާހަކަ މިދައްކަނީ. ތިޔަ ކުދިންނަށް ފެނިފައި ހުރީ، މިއަދުގެ ދުނިޔޭގައި މަޝްހޫރު މީސްމީހުން. އިއްޔެއާ ޖެހެންދެން ކޮންމެ ކުއްޖެއްގެ ފޯނުގައި ހުންނާނެ މައިކަލް ޖެކްސަން ކިޔާ މީހެއްގެ ލަވަ. އެންމެންނަށްވެސް އެނގޭނެ. މަޝްހޫރު ލަވަކިޔުންތެރިއެއް. ފަންނާނެއް. اللّـه سبحـانـه وتعـالىއޭނާއަށް ޝުހުރަތާއި ތަނަވަސްކަމާއި މުދާ ދެއްވި އޮބިނޯންނަވަރަށް. ހަމަ އެގޮތަށް ވިޓްނީ ހައުސްޓަން ކިޔާ އަންހެން މަޝްހޫރު ލަވަކިޔުންތެރިއެއް، ފަންނާނެ. ރީތި ބޭކަނބަލެއް. މުދާވެރިކަން ދެއްވި. ތަނަވަސްކަން ދެއްވި. ޝުހުރަތު ދެއްވި. ބައްލަވާ ނިމިގެންދިޔައީ ކިހިނެއްތޯ؟ ސުލޫކު ނެތީމަ. އަޚްލާޤު ނެތީމަ. މަސްތުވާތަކެއްޗާއި، ތަކުރާރުކޮށް ހުއްދަ ނޫން ތަކެތި ބޭނުންކޮށް، އެކަމުގެ ޝިކާރައަކަށްވެ، ސަލާމަތްނުވެގެން ގޮސް، އެންމެފަހުން އެތަކެތީގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައި ދިޔައީ.
 
އެހެންވީމާ، މިރޭ އަޅުގަނޑުމެންނަށް މިކަންތައްތަކުން ޢިބްރަތްތަކެއް އެބަ ލިބޭ. ފަންނު އެކަނި ނުފުދޭ. ފަންނުވެސް ހުރެދާނެ. ތަޢުލީމުވެސް އެކަނި ނުފުދޭ. ތަޢުލީމުވެސް ލިބިދާނެ. އެކަމަކު އެޔާއެކީގައި، ތިމާގެ ނަފްސު ރައްކާތެރިކުރަން އެނގެންޖެހޭ. ތިމާ ޑިސިޕްލިންވާން އެނގެންޖެހޭ. އެހެންވީމާ، އަޅުގަނޑު މިދެންނެވީ، ތިމާ ގައިގައި ހުންނަ ރީތި ސިފަތައް، ތިމާގެ އަޚްލާޤިއްޔާތު، ތިމާގެ ސުލޫކު ރައްޓެހިންގެ އުފަލަށްޓަކައި ޤުރްބާން ނުކުރާށޭ. ރައްޓެއްސަކު ބުނީތީ މީހަކަށް މަލާމާތްކޮށްފައި މެސެޖް ފޮނުވުން. ރައްޓެއްސަކު ހިތްހަމަޖައްސާލުމަށްޓަކައި ސޯޝަލް މީޑިއާއަށްވަދެ ތިމާ ހިތުހުރިހާ އެއްޗެއް ބުނެލުން. ރައްޓެހިންނާއި ރަޙްމަތްތެރިންގެ ހިތްއުފާކުރުމަށްޓަކައި، މީހުން އެއްވާ ތަންތާނގައި އެއްވެހުރެ، ދުލަށް އަންނަހާ އެއްޗެއް ބުނެ ވައްޓާލުން. މިކަންތައްތަކަކީ ކުރިއަށް އެގޮތަށް ދެމިގެން ހިނގައްޖެ ކަމުގައިވާނަމަ، ތިމާގެ ޢާއިލާއަށާއި، ތިމާއަށާއި ތިމާގެ މުޖްތަމަޢަށް ހިތާމަތައް ގެނެސްދޭނެ ކަންތައްތައް. އެއީ ކީއްވެގެންތޯ؟ ސަބަބަކާހެދި. އެހެންވީމާ، އަޅުގަނޑު މިދެންނެވީ ތިމާގެ ޢަޤީދާއަށް ތިމާ ލޯބިވާންޖެހޭނެ. ތިމާގެ މުޖްތަމަޢަށް ތިމާ ލޯބިވާންޖެހޭނެ. އަޅުގަނޑުމެންގެ ޢަޤީދާ، އަޅުގަނޑުމެންނަށް ބުނެދެނީ ކީކޭތޯ؟
 
ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، ماَ مِنْ شَيءٍ أَثْقَلُ فِى ميزَانِ المؤمِنِ القِيامة من حُسْنِ الخُلُقِ. وإِنَّ الله يُبغِضُ الفَاحِشَ البَذِيِّ ވަރަށް މުހިންމު ޙަދީޘްފުޅެއް.ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ،ބައްލަވާ! ޤިޔާމަތް ދުވަހު މުއުމިނު އަޅާގެ ތިލަފަތުގައި ރިވެތި އަޚްލާޤަށްވުރެ ބުރަދަން ބޮޑު އެހެން އެކައްޗެއްވެސް ނުވާކަމަށް. މުދަލެއްވެސް ނޫން. ބޮޑެތި ގެތަކެއްވެސް ނޫން. ކާރުތަކެއްވެސް ނޫން. ތިމާގެ ބޭންކްގައި ހުރި ފައިސާތަކެއްވެސް ނޫން، ތިމާއަށް ބުރަދަނަކަށްވަނީ. ޤިޔާމަތް ދުވަހުގެ އެންމެ ބުރަދަން ހުރި އެއްޗަކަށް ވެގެންދަނީ، އެމީހާގެ ރިވެތި އަޚްލާޤު، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ. އަދި ހަމަކަށަވަރުން ދޫނުބައި، ހަޑިހުތުރު ވާހަކަ ދައްކާ މީހާދެކެ، ﷲ ތަޢާލާ ކޯފާވެވޮޑިގެންވެއެވެ. މިއީ މިއަދު އަޅުގަނޑުމެން ވަރަށް ފަސޭހަކޮށް ނަގާ ކަންތައްތަކެއް. ވަނަ ޙާސިލުކޮށްގެން ދިޔައިމަ ނިމުނީ. ސެޓްފިކެޓް ލިބުނީމަ އަތްތިލަބަޑިޖަހާނެ އަޅުގަނޑުމެން. މަންމަމެން ބެލެނިވެރިންވެސް ވަރަށް އުފާވާނެ. އެކަމަކު އޭގެފަހަތުން މިދެންނެވި އަޚްލާޤުގެ ހުރި މުހިންމު ކަންތައްތައް އަޅުގަނޑުމެން ވަރަށް ފަސޭހަކަމާއެކު ދޫކޮށްލާ. ކިހާ ބޮޑު ކަންތައްތަކެއްތޯ ޙަޤީޤަތުގައި މިއީ. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަންތައްތަކެއް. اللّـه سبحـانـه وتعـالىކީރިތި ޤުރްއާނުގައި ވަޙީކުރައްވަނީ، أَمَّنْ هُوَ قَانِتٌ آنَاءَ اللَّيْلِ سَاجِدًا وَقَائِمًا يَحْذَرُ الْآخِرَةَ وَيَرْجُو رَحْمَةَ رَبِّهِ  قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ  إِنَّمَا يَتَذَكَّرُ أُولُو الْأَلْبَابِ
 
ޢިއްޒަތްތެރި ދަރިވަރުން!
 
މި އާޔަތުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދައިގައްޔާއި، ޤިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ، އޭނާގެ ވެރިރަސްކަލާނގެ ރަޙްމަތަށް އެދޭ މީހަކު (އެނޫން މީހަކާ) އެއްފަދަވާނެ ހެއްޔެވެ؟ އެއްފަދަވާނެ ހެއްޔެވެ؟ ކުރީގައި މިދެއްކި ވާހަކަ އެއީ. މުޅި ދުވާލުގެ ވަގުތުގައި ރަޙްމަތްތެރިން ހިތްހަމަޖެއްސުމަށްޓަކައި، ރަޙްމަތްތެރިންނާއި ރައްޓެހިންގެ އުފަލަށްޓަކައި ބޭނުން އެއްޗެއް ބުނެލައި، ބޭނުން އެއްޗެއް ދުލުން ބޭރުކޮށްލައި، މީހުންނަށް އުނދަގޫކޮށް ހަދާ މީހާޔާ، ރޭގަނޑު ގަޑީގައި ﷲއަށް ބިރުވެތިވެ، ނަމާދުކޮށް ސަޖިދަކޮށް އުޅޭ މީހާޔާ ދެމީހުން އެއްވަރުވާނެ ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި ނުދަންނަ މީހުން ހަމަހަމަވާނެ ހެއްޔެވެ؟ ނަޞޭޙަތް ލިބިގަންނަކަން ކަށަވަރީ، ބުއްދީގެ އަހުލުވެރިންނެވެ.
 
މިރޭ އަޅުގަނޑުގެ އިލްތިމާސަކީ، މިފަދަ ވަގުތުތަކުގައި، އިސްލާމީ ޝަރީޢާތަކުން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައިވާ މި އުނި ނޫން ފިލާވަޅުތަކުން ޢިބްރަތް ލިބިގަތުން. ހަމައެކަނި ވަނަ ހާސިލު ކުރުމަށްފަހުގައި، އެ އުފަލުގައި އަޅުގަނޑުމެން ގެޔަށް އަނބުރާ ދިޔުމެއް ނޫން. މި އާޔަތުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، އެނގޭ މީހުންނާއި ނޭނގޭ މީހުން އެއްވަރެއް ނުވާނެއެވެ. قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ  އެނގޭ މީހުންނާ އެއްވަރަށް ނޭނގޭ މީހުން އެއްވަރުވާނެ ހެއްޔެވެ؟ ނުވާނެ. އެ ނުވަނީ ސުލޫކު، ނުވަނީ އަޚްލާޤު، ނުވަނީ އެމީހާގެ އުޅުން، އެމީހާގެ ވާހަކަދެއްކުމުން، އެމީހާގެ ބަހުރުވައިން، އެމީހާގެ މޫނުމަތިން. ހަމައެކަނި ސެޓްފިކެޓް ގޭގައި ބޭއްވުމަކުންނެއް، އެއީ އެންމެ މޮޅު މީހާއަކަށް ވެގެނެއްނުދޭ. ކީރިތި ރަސޫލާގެ އެހެން ޙަދީޘްފުޅެއްގައި ވަނީ، لَنْيَشبَع مُؤمِنٌ مِنْ خَيْرٍ حتى يكون مُنْتَهَاهُ الجَنَّةَ ޢިލްމު ހާސިލު ކުރުމުގެ މުހިންމުކަން އަޅުގަނޑުމެންނަށް މިރޭ ވަރަށް ސާފުކޮށް ފެނިގެން އެބަދޭ. ދުނިޔެއިން ފެނިގެން އެބަދޭ. އެކަމަކު ބައްލަވާ! ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، މުއުމިނަކު ހެޔޮކަމެއް ލިބިގަތުމުން، އޭގެ މާނައަކީ ޢިލްމު ހާސިލު ކުރުމުން، ފަހަރެއްގައިވެސް ހިތެއް ނުފުރޭނެއެވެ. ޢިލްމު އުނގެނުމަކީ ދުވަހަކުވެސް ނިމުމެއް އޮތް ކަމެއް ނޫނެވެ. އެއީ، އެގޮތުގައި އޭނާގެ އެންމެފަހު މަންޒިލް ކަމުގައިވާ ސުވަރުގެއަށް ފޯރައްޖައުމަށް ދާންދެނެވެ.
 
އަޅުގަނޑުގެ އިލްތިމާސަކީ، ތިޔަ ހުރިހާ ކުދިންވެސް މިރޭ މި ގިރާކުރާ ހަރުފަތަކީ، ޙަޔާތުގެ ފުރަތަމަ މަންޒިލް ކަމުގައި ދެކުން. ތަޢުލީމަކީ ތިމާގެ އެންމެ މުހިންމު އަސާސް ކަމުގައި ދެކުން. އެކަމަށް ދުވަހަކުވެސް ނިމުމެއް ނެތް. މިއަށްފަހުގައި އަދި ކުރިއަށް އޮތީ އެއަށްވުރެ ބުރަ މަސައްކަތް. އެކަމަކު ހަމަޔާއެކީގައި، އަޅުގަނޑު އުންމީދު ކުރަނީ، ތިޔަ ހުރިހާ ކުދިންވެސް އިސްލާމީ ރީތި އަޚްލާޤިއްޔާތުގެ ތެރޭގައި، ތިޔަ ކުދިންގެ ޢަމަލުތައް ބަހައްޓާނެ ކަމަށް. މުޖްތަމަޢަށާއި، ޤައުމަށާއި، ދީނަށް ތިމާ އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް އޮތް ކަމަށް ގަބޫލުކުރާނެ ކަމަށް.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ރާއްޖޭގެ މި ދަރިވަރުންނަކީ، އިސްލާމްދީނަށް ލޯބިކުރާ، އިސްލާމްދީނުގެ ޢަޤީދާގައި ފައިތިލަ ސާބިތުކުރާ ދަރިވަރުން ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިފަދަ ބުރަ މަސައްކަތްތަކެއް ދަރިވަރުންނަށްޓަކައި ކުރުމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއް، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޢަލީ މަޢުރޫފް ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ދާއިރާގެ ރައްޔިތުންގެ ޙައްޤަށްޓަކައި މިހާރުވެސް ކުރައްވަމުން އެބަ ގެންދަވާ. މިރަށުގެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ ވާހަކަފުޅުން، އެމަނިކުފާނު މި ސްކޫލްގެ ދަރިވަރުންނަށްޓަކައި ވަރަށްގިނަ ޒަމާންތަކެއް ވަންދެން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަވެގެން ހިނގައްޖެ. އަދި މި ދާއިރާގެ އެހެން ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި، ހީވާގި މުދައްރިސުން މިރޭ މި ޖަލްސާގައި އެބަ ތިއްބެވިކަން އަޅުގަނޑު ފާހަގަކުރަން.
 
އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނަކީ ރަނގަޅު ދަރިވަރުން ކަމުގައި ހެދުމަށްޓަކައި ބޭރުން ރާއްޖޭގެ ތަޢުލީމު އުނގަންނައިދޭން މަސައްކަތްކުރާ ރާއްޖެއިން ބޭރުގެ މުދައްރިސުން އެބަ ތިއްބެވި. އެ މުދައްރިސުންގެ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި ވަކިން ޚާއްޞަ ގޮތެއްގައި، މިއަދު ރާއްޖޭގެ ތަޢުލީމީ ދާއިރާ، ރާއްޖޭގެ ތަރައްޤީއާ އެއްވަރަށް ފައިހަމަކުރުމަށްޓަކައި ގާތުން ބައްލަވައި އިރުޝާދު ދެއްވާ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް، އެބޭފުޅުންގެ މަސައްކަތްވެސް މިއަދު އަޅުގަނޑުމެން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަންޖެހޭ.
 
 އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އެއްވެސް ދަރިވަރަކުވެސް، އެއްވެސް ރައްޔިތަކުވެސް އަދި ހަމައެޔާއެކީގައި ޓީޗަރުންވެސް މާޔޫސްވުން އެއީ، އަޅުގަނޑުމެން ގެންގުޅޭ އުޞޫލެއް ކަމަށް ބަލައިގެން ނުވާނެއޭ. ދެންމެ ޔޫތު މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، އުންމީދާއެކީގައި ކުރިއަށްދާންޖެހޭނީ.
 
މިއަދު މިއަތޮޅުގައި، މިރަށަކީ ތަޢުލީމީ މުހިންމު މަރްކަޒެއްގެ ގޮތުގައި އޮތުމަކީ، ޕީ.ޕީ.އެމް ސަރުކާރުގެ ވަޢުދެއް. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން. ލަސްތަކެއްނުވެ މިރަށުގައި ދެންމެ މި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ތަކުރާރުކޮށް އަޅުގަނޑާ އެ ޙަވާލުކުރެއްވީ މަސްއޫލިއްޔަތެއްގެ ގޮތުގައި އަޅުގަނޑު ދެކެން. ތަކުރާރުކޮށް އެ ވިދާޅުވި ވާހަކަ، މިރަށަކީ ތަޢުލީމީ، މަތީ ތަޢުލީމް ޙާޞިލުކުރާ މަރްކަޒަކަށް މިއަތޮޅުގައި ހަދައިދިނުމަށް އަދި މި ސަރަޙައްދުގެ އަތޮޅުތަކަށް ހަދައިދިނުމަށް އެކުރެއްވި އިލްތިމާސް ސަރުކާރުން ބަލައިގަންނަން. އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް އަހަރު ތިޔަބޭފުޅުންނާ ހަމަޔަށް މިކަމުގައި އުފާވެރި ޚަބަރެއް އަޅުގަނޑު ގެނެސްދޭނެ ވާހަކަ ދަންނަވަން.
 
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަކީ، ރަނގަޅު ޖީލެއް އުފައްދާ ބަޔަކަށް اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުމާއެކީގައި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި އެކަލާނގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. އާމީން.
 
والســّلام عليــكم ورحـمــة اللّـه وبـركاتـه