بســم اللّـه الرّحمـن الرّحيــم

          
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.
 
ރ. އަތޮޅު އުނގޫފާރު މަދްރަސާގެ ޕްރިންސިޕަލް އަލްފާޟިލް އަޙްމަދު މުޖުތަބާ، ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލް އިބްރާހީމް ނަސީމް، މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ލޮބުވެތި މެންބަރު އަލްފާޟިލް ޖަޢުފަރު ދާއޫދު، މިއަތޮޅުގެ އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުގެ އަޚު، އަދި ހަމަ އެއާއެކީގައި މިރަށުގެ ކައުންސިލްގެ ޢިއްޒަތްތެރި މެންބަރުން، މިއަތޮޅުގެ ކައުންސިލްގެ މެންބަރުން، އަތޮޅު ކައުންސިލްގެ ރައީސް، މިރޭ އެ ދަރިވަރުންނަށްޓަކައި މިރަށުގެ ލޮބުވެތި ރައްޔިތުން ފަޚްރުވެރިވާނޭ ލޮބުވެތި ދަރިވަރުންގެ ބެލެނިވެރިން، ހީވާގިކަމާއި މުރާލިކަމާއެކީގައި ބުރަ މަސައްކަތް ކުރައްވައިގެން، މިރޭ މިތަނަށް ޙާޒިރުވެ ތިއްބެވި އެ ދަރިވަރުންގެ ބެލެނިވެރިންނާއި މައިންބަފައިންގެ ހިތްތަކަށް އުފާވެރިކަމުގެ ޝުޢޫރުތައް ގެނެސްދެއްވި ހީވާގި ފަޚްރުވެރި ދަރިވަރުން.
 
السّــلام عليــكم ورحـمــة اللّـه وبـركاتـه
 
އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިއަތޮޅުގެ ސްކޫލްގެ ތެރެއިން ޚާއްޞަ ގޮތެއްގައި، އުނގޫފާރު ސްކޫލަކީ ތިންސަތޭކައަށްވުރެ ގިނަ ދަރިވަރުން ތަޢުލީމް ޙާޞިލު ކުރަމުންދާ ސްކޫލެއް ކަމަށްވާއިރު، 2013 ވަނަ އަހަރު އޯ ލެވެލްގައި ޖުމްލަ ތިން މާއްދާއިން ފާސްވި ކުދިންގެ ރޭޓް، މި ސްކޫލްގެ ގާތްގަނޑަކަށް އަށްޑިހައަށްވުރެ މަތީގައި ހިފަހައްޓާފައިވާކަމީ، އަޅުގަނޑު ދެކޭގޮތުގައި، މިރޭގެ މި އިޙްތިފާލަށް ވަރަށް ޚާއްޞަ އުފާވެރިކަމެއް ލިބިގެންދާ ކަމެއް. މިކަމުން ދޭހަވަނީ ދެންމެ މިޖަލްސާގެ ތެރޭގައި އަޅުގަނޑުމެން ތިބިއިރުގައި، މިރަށުގެ، މިސްކޫލްގެ ހީވާގި ޕްރިންސިޕަލްގެ މަސައްކަތާއި، ޕްރިންސިޕަލާ އެކީގައި އެމަސައްކަތުގައި އެހީތެރިވެދެއްވާ ޑެޕިއުޓީ ޕްރިންސިޕަލާއި، މި ސްކޫލްގައި ފާހަގަކުރެވޭ ހީވާގި މުދައްރިސުންގެ މަސައްކަތް، ވަކިން ޚާއްޞަ ގޮތެއްގައި މިރޭގެ މި އިޙްތިފާލު އަޅުގަނޑުމެން ބަލަމުންދިޔައިރުގައި، ހިތަށްވެރިވެގެންދިޔަ ޚާއްޞަ ކަމެއް. އެއީ މިރަށުގެ ލޮބުވެތި ރައްޔިތުން، މިރަށުގެ ކުދިންގެ ބެލެނިވެރިން، ތަޢުލީމަށްޓަކައި ދޭ އަހަންމިއްޔަތުގެ ތެރެއިންވެސް ޚާއްޞަ ސިފައެއް، އަޅުގަނޑަށް މިރޭގެ ޖަލްސާގައި އިށީނދެ އިންއިރުގައި ފާހަގަވެގެންދިޔަ. އެ މަތިވެރި ސިފަ ތަޢުލީމާ އެކީގައި ކުދިންގެ ގައިގައި އަށަގެންނެވުމަށް މަސައްކަތް ކުރައްވާ މިރަށުގެ ވަރަށް ފަޚުރުވެރި ބެލެނިވެރިންނަށް، އަޅުގަނޑު އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން.
 
މިރޭގެ މި އިޙްތިފާލުގައި އަޅުގަނޑަށް ފާހަގަކުރެވުނު މިދެންނެވި ސިފަ، އިނާމު ދިނުމުގެ ވާހަކަ ލިޔެފައިވާ ފޮތުގައިވެސް އެބައޮތް، ޝިޢާރެއްގެ ގޮތުގައިވެސް ބޭރުގައި ފާހަގަކޮށްފައި. އެހެން މީހުންގެ ލޯބި ހޯދުމަށްޓަކައި ރީތި އަޚްލާޤު ތިމާގެ ގައިގައި އަށަގަންނުވާށޭ. ސްކޫލްގެ ރިޕޯޓް އަޑުއަހަމުންދިޔައިރުގައި، އަޅުގަނޑުގެ ހިތަށް ވަރަށް ފިނިކަން ލިބިގެންދިޔަ. ހަމައެއާއެކީގައި މިރަށުގެ ޕްރިންސިޕަލްގެ ވާހަކަފުޅުގައި، އެކަމަށްޓަކައި ޚާއްޞަ ގޮތެއްގައި ތާއީދު ކުރައްވައި، ވާހަކަ ދެއްކެވި މިންވަރު އަޅުގަނޑު ގަބޫލުކުރަނީ، މިއަދު އަޅުގަނޑުމެންގެ ދަރިންގެ ތަރުބިއްޔަތުގައި، އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް، ޙަޤީޤަތުގައި މިރަށުގެ ސްކޫލަށް ފަހުމްވެވަޑައިގަންނަވާނެ. މިރަށަށް އައިސް މިވާހަކަ ދެއްކުން މުނާސަބު. އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އެކަން ޚާއްޞަވެގެންދޭ. މިރޭގެ މި އިޙްތިފާލު، މިރަށުގައި ބޭއްވިގެންދާއިރުގައި، އަޅުގަނޑުގެ ހިތަށް ޛިކުރާވެގެންދޭ ވަރަށް ފަޚްރުވެރި ދަރިއެއް، ވަރަށް ފަޚްރުވެރި ބައްޕައެއް، ވަރަށް އާދަޔާ ޚިލާފު މޮޅު ޢާލިމެއް، ވަރަށްމޮޅު މުދައްބިރެއް، މުފައްކިރެއް، ފަޤީހެއް. މިރަށުގެ ވަރަށް ވަރުގަދަ ދަރިއެއް. ޑޮކްޓަރ އަފްރާޝީމް ޢަލީ. ހިތާމަވެރި ގޮތަކަށް ޝަހީދުކޮށްލެވުނު މިރަށުގެ ފަޚްރުވެރި ދަރިއެއް. އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އަޅުގަނޑު ދުޢާ ދަންނަވަން.
 
އެމަނިކުފާނު އަޅުގަނޑުމެންނަށް ދައްކައިދިނީ، ދެންމެ ސްކޫލްގެ ޕްރިންސިޕަލްގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދަ ރީތި ޢިބްރަތްތެރި ފިލާވަޅުތަކެއް. މިޤައުމަށް ޑޮކްޓަރ އަފްރާޝީމް ޢަލީ ދައްކަވައިދެއްވީ، ދެންމެ ޙަމްދާ އަޅުގަނޑުމެންނަށް ދައްކައިދިންފަދަ ރީތި މިސާލެއް. ޝައްކެއްނެތް، މިރޭ ޙަމްދާގެ ބައްޕަޔާއި މަންމަގެ ހިތަށް ވަރަށް އާދަޔާ ޚިލާފު ޝުޢޫރުތަކެއް ވެރިވެގެންދާނެ. ރިޕޯޓް އަޑުއަހަމުންދިޔައިރުގައި އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ހިތަށްއަރާ، މިފަދަ މަޤާމަކަށް ތިމަންނާގެ ދަރި ވާސިލުވާނެބާވައޭ. ލޮލުން ކަރުނަ ފޭއްދޭނެ. އެއީ، ޑޮކްޓަރ އަފްރާޝީމް ޢަލީވެސް ދެއްކިފަދަ ރީތި ނަމޫނާ. އެގޮތުން އަޅުގަނޑު މިރޭ މި ސްކޫލްގެ ހުރިހާ ދަރިވަރުންނަށްވެސް އިލްތިމާސް ކުރަނީ އަދި ބެލެނިވެރިންނަށްވެސް އިލްތިމާސް ކުރަނީ، މުދައްރިސުންނަށާއި، މިތަނަށް ޙާޒިރުވެ ތިއްބެވި، މިއަތޮޅުގެ ވަރަށް ފަޚްރުވެރި ބުރަ މަސައްކަތްތައް ކުރައްވާ ސްކޫލްތަކުގެ ހީވާގި ޕްރިންސިޕަލުން އެބަތިއްބެވި. އެހުރިހާ ފަރާތްތަކަށް އަޅުގަނޑުގެ އިލްތިމާސަކީ، ރާއްޖޭގެ ތަޢުލީމަށްޓަކައި، ރާއްޖޭގެ މުޖްތަމަޢުގެ މި ފޭރާން އިޢާދަކުރުމަށްޓަކައި، މިއަދުން ފެށިގެން ތިޔަ ހުރިހާ ބޭފުޅުންވެސް އިތުރު ހިތްވަރެއް ކުރަމާ ހިނގާށޭ. މިއާއެކީގައި އަޅުގަނޑު ބޭނުންވޭ، މިފަދަ ރީތި މިސާލެއް ދައްކައިދިން، ޙަމްދާގެ މައިންބަފައިންނަށް، ބައްޕަޔަށް، މަންމަޔަށް، އެ ބުރަ މަސައްކަތް ކުރި ހީވާގި ދަރިވަރަށް، އެ މަސައްކަތުގައި އެ ދަރިވަރަށް އެހީތެރިވެދެއްވި މި ސްކޫލްގެ ޕްރިންސިޕަލުންނަށް، ޓީޗަރުންނަށް އައްސަރިބަހާއި ސާބަހާއި ޝުކުރު އަޅުގަނޑު އަދާކުރަން.
 
އަޅުގަނޑު މިރޭ ތިޔަ ކުދިންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން ޚައިރާތުގައި މިކުރާ ދަތުރަކީ، މިއީ ފަސޭހަ ދަތުރެއް ނޫން. މިދަތުރުގެ އެކި މަރްޙަލާތަކުގައި، އެކިފަރާތްތަކުން އަޅުގަނޑުމެންނަށް އެހީތެރިވެދޭ، ރަނގަޅު. ބައްޕަޔާއި މަންމަގެ އެހީތެރިކަން، ޢުމުރުގެ ވަކި ފުރާވަރެއްގައި ލިބޭނެ. މުދައްރިސުންނާއި ޓީޗަރުންގެ އެހީތެރިކަންވެސް ލިބޭނެ. އެހެން ނަމަވެސް، ކާމިޔާބު ޙާޞިލު ކުރުމަކީ ވަކި ހަދަފެއް ކަނޑައަޅާ ކުއްޖަކަށް ލިބޭ އެއްޗެއް. ކާމިޔާބު ލިބެނީ ވަކި ހަދަފެއް ވަކި ޓާގެޓެއް ވަކި މަންޒިލެއް ކަނޑައަޅާ ދަރިވަރަށް. ކޮންމެ މީހަކަށްވެސް ކާމިޔާބު ލިބޭނެ. އެހެން ނަމަވެސް، އެ ކާމިޔާބު ލިބޭނީ، އެމީހެއްގެ ހިތުގައި، މިދެންނެވި ގޮތަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެން. ވަކި މަންޒިލަކަށް ދާން އެމީހަކު އެގޮތަށް ނިޔަތްގަނެ، ތެދުވެރިކަމާ އެކީގައި އެމަސައްކަތުގައި ސާބިތުވެ ތިބެގެން. އެއީ އިސްލާމްދީންވެސް އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދީފައިވާ މަތިވެރި ދަރުސް. އެއީ ކީރިތި ޤުރްއާން، އެބަޔަކު އަޅުގަނޑުމެންނަށް ވަޢުޡުގެ ގޮތުގައި ގެނެސްދީފައިވާ މަތިވެރި ބަސްފުޅު. اللّـه سبحـانـه وتعـالىކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ. މި އާޔަތުގައިاللّـه سبحـانـه وتعـالىވަޙީކުރައްވަނީ،[ﷲ ގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙު ޢަމަލުކޮށް، އަދި ހަމަކަށަވަރުން ތިމަންނާވަނީ (ﷲއަށް) ކިޔަމަންވާ މީހުންގެ ތެރެއިންނޭ ބުނާ މީހަކަށްވުރެ ރަނގަޅު ބަސް ބުނާ މީހަކީ ކާކުހެއްޔެވެ؟] އާދެ! މި އާޔަތުގައި މިގެނެސްދެނީ، ދެންމެ އަޅުގަނޑު މިދެންނެވި ވާހަކަ. މި ސްކޫލްގެ ރިޕޯޓްގެ ފަހުބައިގައި ގެނެސްދިން ނަޞޭޙަތް. މި ސްކޫލްގެ ޕްރިންސިޕަލް ދެއްވި އިރުޝާދު. ކާމިޔާބަކީ ތިމާގެ ހަމައެކަނި މާކްސް ޝީޓެއް ނޫން. ކާމިޔާބަކީ އެއްވެސް ހާލެއްގައި ކުއްޖަކު ހޯދާ ހަމައެކަނި ރަން ވަނައެއްވެސް ނޫން. ގިނަ އިނާމެއްވެސް ނޫން. ކާމިޔާބަކީ މުޅި މީހާޔަކީ ރީތި ނަމޫނާ ދައްކާ ޒުވާނަކަށްވުން. ރީތި ނަމޫނާގެ ވެރިޔަކަށް ވެގެންދިޔުން. މި ނަމޫނާ، މި ކާމިޔާބީ ޙާޞިލުވަނީ، މިދެންނެވި ފަދަ އަޚްލާޤީ މިންގަނޑެއްގެ ތެރެއަށް އިންސާނާ ފެތިގެން. އެކަން އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދީނީ ހަމަތަކުގެ ތެރެއިން އައިސްފައި ވަނީ. ނިކަން ވިސްނައި ފިކުރުކޮށްލައްވަބައްލަވާ! އަޅުގަނޑުމެން ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ނަމާދު ވާޖިބު. ފަސްވަގުތު ނަމާދު ކުރުމަށް އަޅުގަނޑުމެންނަށް ވާޖިބުވެގެންވޭ. އެކަމަކު މި މަތިވެރި އަޅުކަމުގެ ތެރޭގައި އެބައޮތް، ދެންމެ މިދެންނެވިފަދަ މަތިވެރި އަޚްލާޤީ ދަރުސެއް. އެ ދަރުސަކީ ކޮބައިތޯ އެއްވެސް ކުއްޖަކު ވިސްނިންތޯ؟ އެއްވެސް ބެލެނިވެރިޔަކު ވަގުތު ނަގައިގެން އެކަމާ ދޭތެރޭގައި ވިސްނިންތޯ؟ އެއްވެސް މުދައްރިސަކު އެކަމަށް ކުއްޖާގެ ތަވައްޖުހު ގެންދިޔަތޯ؟ ކޮބައިތޯ އެ ފިލާވަޅަކީ؟ އެ ފިލާވަޅަކީ، އެންމެ ފުރަތަމަ ފިލާވަޅަކީ އެއްބައިވަންތަކަން. ޖަމާޢަތުގެ ނަމާދު ކުރުމަށް ޤުރްއާނުން އައިސްފައިވާ މަތިވެރި އިރުޝާދު. އެއްބައިވަންތަކަން. އިޖްތިމާޢީ ރޫޙު ގުޅުން. އެކަކު އަނެކަކާ ބައްދަލުވުމުން ހިނިތުންވުން، މުޢާމަލާތް ކުރުން. ވަގުތަށް ނަމާދުކުރުން. ކަނޑައެޅިފައިވާ ވަކި ވަގުތެއްގައި ކޮންމެ ނަމާދެއްވެސް ކުރުން. ޕަންކްޗުއަލިޓީ. ވަކި ވަގުތަކަށް ކަންތައްތައް ކުރުން. މިއީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް ނަމާދުން ގެނެސްދީފައިވާ ވަރަށް މަތިވެރި އިރުޝާދުތަކެއް. އެހެންވީމާ، اللّـه سبحـانـه وتعـالىކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވަނީ، فَإِذَا قَضَيْتُمُ الصَّلَاةَ فَاذْكُرُوا اللَّـهَ قِيَامًا وَقُعُودًا وَعَلَىٰ جُنُوبِكُمْ فَإِذَا اطْمَأْنَنتُمْ فَأَقِيمُوا الصَّلَاةَ إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًاـ  މި އާޔަތުގައިاللّـه سبحـانـه وتعـالىވަޙީކުރައްވަނީ، [ތިޔަބައިމީހުން ނަމާދުކޮށް އަވަދިވެއްޖިއްޔާ، ތިޔަބައިމީހުން ﷲ ހަނދުމަކޮށް އުޅޭށެވެ! ކޮޅަށް ތިބޭ ހާލުގައްޔާއި، އިށީނދެ ތިބޭ ހާލުގައްޔާއި، އޮށޯވެ ތިބޭ ހާލުގައެވެ. އަދި ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެ ހިނދަކު، ނަމާދު (ފުރިހަމަކޮށް) ޤާއިމުކުރާށެވެ! ހަމަކަށަވަރުން ނަމާދަކީ މުއުމިނުންގެ މައްޗަށް ވަގުތު ކަނޑައެޅިފައި އޮތް ފަރުޟެއްކަމުގައިވެއެވެ.]
 
އާދެ، މިއަދު އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެބަ ގަބޫލުކުރޭ، ރާއްޖެ ވަރަށް ބާރަށް ކުރިއަށްދާންޖެހޭ ކަމަށް. އަޅުގަނޑު މިރޭ މިޖަލްސާއަށް އައިއިރުގައި، މި ޖަލްސާގެ ތެރޭގައި އިށީނދެ އިންއިރުގައި، ޙަޤީޤަތުގައި ހިތަށް ވަރަށް ފިނިކަން ލިބިގެންދިޔަ. އަޅުގަނޑު ވަރަށް ބޮޑަށް ޙައިރާންވެސް ވެގެންދިޔަ، މިޖަލްސާ ތައްޔާރުކޮށްފައި އޮތް މިންވަރު ފެނިފައި. ޚާއްޞަ ގޮތެއްގައި ޖަލްސާ ހުށަހެޅެމުންދިޔަ ގޮތާ، ކޮންމެ ކަމެއްވެސް އަޅުގަނޑަށް ފާހަގަވެގެންދިޔަ ވަރަށް ފުރިހަމަކަމަށް ޖަލްސާގައި. ވަރަށް ފުރިހަމަ. އެކަމަށްޓަކައި އަޅުގަނޑު މި ސްކޫލްގެ ހިންގުންތެރި ޕްރިންސިޕަލަށާއި، ހުރިހާ ޓީޗަރުންނަށް އަދިވެސް އެއްފަހަރު އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.
 
އެކަމަކު މިއަދު އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ކޮން މަސައްކަތެއްތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، އެއީ ކިޔެވުމުގެ ދާއިރާއިން ކަމުގައިވިޔަސް، އެއީ ކުޅިވަރުގެ ދާއިރާއިން ކަމުގައިވިޔަސް، އެއީ ޢާންމު ދިރިއުޅުމުގެ ތެރެއިން މީހުން އުފެއްދުން ކަމުގައިވީނަމަވެސް، މި ސްކޫލްގެ ވާހަކަތަކުގެ ތެރޭގައި ޕްރިންސިޕަލް ފާހަގަކުރައްވައިފި، މި ސްކޫލްގެ ވަކި ޙަދަފެއް އެބައޮތްކަން. ވަކި މިޞްރާބެއް އެބައޮތްކަން. އަޅުގަނޑު ވަރަށް އުފާވި އެވާހަކަ އަޑުއިވީމަ. އެއީ، އެމަސައްކަތަކީ މިއަދު އަޅުގަނޑުމެން ފަށްޓާފައިވާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީ. މި ސްކޫލަކީ މަސައްކަތްތެރިކަން ކުދިންނަށް ދަސްކޮށްދީ، ކުދިންގެ ގައިގައި ހުނަރުވެރިކަން އުފައްދައިދޭ ސްކޫލަކަށް މި ސްކޫލް ވާސިލު ކުރުމަށްޓަކައި ފަށާފައިވާ ލަނޑުދަނޑި. ވަރަށް މަތިވެރި މަސައްކަތެއް. އެކަމަކު އެންމެ މުހިންމު ކަމަކީ، މި ރާއްޖެ ތަރައްޤީގެ ގޮތުން ކުރިއަށްދާން ބޭނުންކަމުގައިވާނަމަ، މި ޤައުމަކީ ކާމިޔާބު ޤައުމަކަށް ހަދަން ބޭނުންކަމުގައިވާނަމަ، މި މުޖްތަމަޢަކީ އަޅުގަނޑުމެން މި އެދޭފަދަ ހީވާގި، މަސައްކަތަށް ކަމޭހިތައި، ފަރުވާތެރި ޒުވާނުން އުޅޭ މުޖްތަމަޢަކަށް ހަދަން އަޅުގަނޑުމެން ބޭނުންކަމުގައިވާނަމަ، އެބަޖެހޭ އަޅުގަނޑުމެން ތަޢުލީމުދޭ މަދްރަސާތަކުގެ ތެރޭގައި އިތުރު މަސައްކަތްތަކެއް ކުރަން. އެއީ، އަޚްލާޤިއްޔާތު އަށަގަންނުވަން. އެ ވާހަކަ ޕްރިންސިޕަލްގެ ވާހަކައިގައި ދައްކަވައިފި. އެވާހަކަ މިރޭ އަޅުގަނޑު ދައްކަން ބޭނުންވެފައި އޮތީވެސް. އެއީ ކުޅިވަރުގެ މައިދާނުން ކަމުގައިވީ ނަމަވެސް، ވިޔަފާރީގެ މައިދާނުން ކަމުގައިވީނަމަވެސް، މަސައްކަތްތެރިކަމުގެ މައިދާނުން ކަމުގައިވީނަމަވެސް، އަޚްލާޤެއްނެތި، އުޅުމެއްނެތި، ޒުވާނުންތަކެއް މުޖްތަމަޢަށް ނިކުންނަން ވެއްޖެ ކަމުގައިވާނަމަ، އެ މުޖްތަމަޢެއް ކުރިއަކަށް ނުދާނެ. އަޅުގަނޑުމެންގެ ކުރިއެރުން އޮތީ، ފުރިހަމަ މުޖްތަމަޢެއްގެ ގޮތުގައި އަޅުގަނޑުމެންގެ ކުރިއެރުން އޮތީ، ރީތި އަޚްލާޤަކާއި، ހަމަތަކަކާއި، އުޞޫލުތަކެއް ގަބޫލުކުރާ ޒުވާނުންތަކެއްގެ ތެރެއިން. ނިކަން ބައްލަވާ! އޭގެ މިސާލު، އަޅުގަނޑުމެންނަށް ތަރައްޤީވެފައި ހުރި ހުރިހާ ޤައުމުތަކުން ފެންނަނީ.
 
ދެންމެ މި ވަނަތައް ޙާޞިލުކޮށްގެން ދިޔަ ދަރިވަރުންނަށް އެނގޭނެ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަ ލެޕްޓޮޕްތަކާއި، ފޯނުތަކާއި، ގޭގައި މި ބޭނުންކުރާ މިޒަމާނުގެ އެހެނިހެން ޓެކްނޯލޮޖީއާއި، މިތަކެތި އަންނަނީ ކޮންކޮން ދިމާޔަކުންތޯ؟ މި އަންނަނީ ތަރައްޤީވެފައި ހުރި ޤައުމުތަކުން. އެންމެ ފަސޭހައިން އަޅުގަނޑުމެން ދާ ޤައުމުތަކުގެ ތެރޭގައި އެބަ ހިމެނޭ، އިންޑިއާ، ސްރީލަންކާ، ސިންގަޕޯރފަދަ ޤައުމުތައް. މި ޤައުމުތައް މިއަދު ކުރިއަރަމުން މިދަނީ ކީއްވެގެންތޯ؟ އެ ދަނީ ރަނގަޅު އަޚްލާޤާއި، ރަނގަޅު ސުލޫކާއި، ތަހުޒީބު ގަބޫލުކުރާ ޒުވާނުން އުފައްދައިގެން. އެކަން މިއަދު އަޅުގަނޑުމެންވެސް އެބަ ކުރަންޖެހޭ. އެކަން އެގޮތަށް ކޮށްފި ކަމުގައިވާނަމަ، ޝައްކެއްނެތް، ކާމިޔާބު ލިބޭނެ. އިހަކަށް ދުވަހު އަޅުގަނޑުމެން މިކީ މުޅި ދުނިޔެ ސިއްސުވާލިވަރުގެ ޚަބަރެއް. އެއީ ދުނިޔޭގެ ވިޔަފާރީގެ ގޮތުން ވަރަށް ކާމިޔާބު ހޯދި ޒުވާނެއްގެ ވާހަކަ. މި ސްކޫލްގެ އެންމެމޮޅު ދަރިވަރުގެ ވަނަވަރު އަޅުގަނޑުމެން އަޑުއަހަމުން ދިޔައިރު އިވުނު، އެ ދަރިވަރު އެހާވަރަކަށް އިންޓަރނެޓްވެސް ބޭނުންނުކުރައްވައޭ. ސޯޝަލް މީޑިއާގައި ނޫޅުއްވައޭ. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނެ، މިއަދު އިންޓަރނެޓްގެ ޛަރީޢާއިން ދުނިޔެ ކުރިއަށްދާއިރުގައި، މިއީ ވަރަށްބޮޑު ވިޔަފާރިވެރިއެއް. [ޢަލީބާބާ ޑޮޓްކޮމް] ކިޔާ ވެބްސައިޓެއް، ދުނިޔޭގައި އުފެއްދި މީހެއްގެ ވާހަކަ. ޗައިނާގެ ރައްޔިތެއް، ޒުވާނެއް. އޭނަ މީގެ 15 އަހަރު ކުރިން އޭނަ އިންޓަރނެޓް ދުށީވެސް އެކަމަކު މިއަދު އޭނަގެ އުފެއްދުމަކީ، އޭނަގެ މުއްސަނދިކަމުގެ މިންވަރަކީ، އޭނަ އެކަނިވެސް 22 ބިލިއަން ޔޫ.އެސް.ޑޮލަރު. 22 ބިލިއަން. ކިހިނެއްތޯ ކާމިޔާބު ޙާޞިލުކުރީ؟ އެއީ ލަނޑުދަނޑިއެއް ކަނޑައަޅައިގެން. ވަކި ހަދަފެއް ކަނޑައަޅައިގެން، ވަކި މަންޒިލެއް ކަނޑައަޅައިގެން، އެމަންޒިލަށް ވާސިލުވާން މަސައްކަތް ކުރީމަ. އޭނަގެ ވާހަކައިގައި ބުނީ، އޭނަ އޭގެ ދުވަސްކޮޅެއް ކުރިން، އިނގިރޭސި ދަސްކުރުމަށްޓަކައި ތިމަންނަ ދަމޭ ޗައިނާއަށް ބޭރުގެ ޓޫރިސްޓުން އަންނައިރުގައި، އެމީހުން ގޮވައިގެން ދަތުރުކުރަން، އިނގިރޭސި ފަރިތަކުރުމަށްޓަކައި. ދުވާލަކު 45 މިނިޓް ބައިސްކަލް ދުއްވާފައި ދަމޭ އިނގިރޭސިން ޓިއުޝަން ނަގަން.
 
މިއަދު އެހެންތޯ އަޅުގަނޑުމެންގެ ދަރިން؟ ކޮންމެ ރަށެއްގައި ސްކޫލް. ޓީޗަރުން މަސައްކަތް ކޮށްދޭން ބޭނުންތޯ ހީވާގިކަމާއެކީގައި. އެކަމަކު އެޔާއެކީގައިވެސް މިއަދު އަޅުގަނޑުމެންނަށް ފެންނަން ނުވާ، އަޑުއަހަން އަޅުގަނޑުމެން ބޭނުންނުވާ، އަޅުގަނޑުމެން ދެކެން ބޭނުންވާ އެތައް މަންޒަރުތަކެއް، އަޅުގަނޑުމެންގެ މުޖްތަމަޢުތެރެއިން އެބަ ތަކުރާރުވޭ. އަޅުގަނޑުމެންގެ ތަޢުލީމީ ނިޒާމު ކުރިއަށް ގެންދަން ބޭނުންކަމުގައިވާނަމަ، އަޅުގަނޑުމެން ތަރައްޤީއާ ދިމާއަށް ދަތުރުކުރަން ބޭނުންކަމުގައިވާނަމަ، އަދި އަޅުގަނޑުމެންނަކީ ކާމިޔާބު މުޖްތަމަޢަކަށް ހަދަން ބޭނުންކަމުގައިވާނަމަ، އެއްވެސް ޝައްކެއްނެތް، އަޅުގަނޑުމެން އެންމެބޮޑު އިސްކަމެއް ދޭންޖެހޭނީ، އަޅުގަނޑުމެންނަކީ ރީތި އަޚްލާޤެއްގެ ވެރިބަޔަކަށް ހަދަން. އެކަން އެގޮތަށް ކޮށްފި ކަމުގައިވާނަމަ، ޝައްކެއްނެތް ކާމިޔާބު ލިބޭނެ. އެއީ ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىއަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް މަތިވެރި އިރުޝާދެއް. އެކަލާނގެ ވަޙީކުރައްވަނީ، وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ اللَّـهَ لَمَعَ الْمُحْسِنِينَ މާނަޔަކީ [ތިމަންރަސްކަލާނގެ މަގުގައި ޖިހާދު ކުރި މީހުން (ދަންނާށެވެ!) ހަމަކަށަވަރުން، އެއުރެންނަށް ތިމަންރަސްކަލާނގެ މަގުތަކަށް މަގު ދައްކަވާހުށީމެވެ. އަދި ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، އިޙްސާންތެރިންނާއެކުގައެވެ.]
 
މި އާޔަތުގެ މަފްޙޫމަކީ ކޮބައިތޯ؟ މިރޭ މިޖަލްސާގައި ޙާޒިރުވެ ތިބި އެހެން ކުދިންނަށް އެނގޭނެ، ހިތަށް ވެރިވެގެންވާ އުފާވެރި ޝުޢޫރު، އިނާމުތައް ޙާޞިލުކޮށްގެންދާއިރު. މި އިނާމުތަކަކީ ތިޔައިގެ ތެރެއިން ކޮންމެ ކުއްޖަކަށްވެސް ލިބިދާނެ އިނާމެއް. މި ލަނޑުދަނޑި ކޮންމެ ކުއްޖަކަށްވެސް ލިބިދާނެ. ޙާޞިލު ކުރެވިދާނެ. އެކަމަކު އެކަމަށްޓަކައި މަސައްކަތް ކުރަންޖެހޭނެ. އަޅުގަނޑު އެދެނީ، ކުރިއަށް މިއޮތް ދުވަސްތަކުގައި، ރާއްޖޭގެ ކޮންމެ ސްކޫލަކުންވެސް، މިރޭ މި ސްކޫލުން މިދެއްކިފަދަ ނަމޫނާ ދައްކަން. އަޚްލާޤީ ގޮތުން ރަނގަޅު ކުދިންނަށް ހިތްވަރުދޭން އެބަޖެހޭ. އެއީ އަޅުގަނޑުމެން އާލާކުރަންވީ ކަމެއް. ހަމައެއާއެކީގައި ވަރަށްގިނަ މުދައްރިސުން އެބަތިއްބެވި. މިއަތޮޅުގެ އެކި ރަށްރަށުގެ މުދައްރިސުން އެބަތިއްބެވި. އަޅުގަނޑު މިރޭ ދަންނަވާލަން ބޭނުންވޭ، ސަރުކާރުން، ދިވެހި ޤައުމުން، ތިޔަ މުދައްރިސުން ކުރައްވާ މަސައްކަތްތައް އަބަދުވެސް ބަލައިގަނޭ. އަދި ތިޔަ ބުރަ މަސައްކަތަށް ދިވެހި ޤައުމު ތާއަބަދު ފަޚްރުވެރިވޭ. އެކަމަށްޓަކައި ތިޔަބޭފުޅުންނަށް އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވަން.
 
ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރު ވުޖޫދަށް އައި ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުން އެބަދޭ. ބައެއް މަސައްކަތްތަކަކީ، އެއްދުވަހުން، ދެދުވަހުން އަޅުގަނޑުމެން ބޭނުންވާ ބާރުމިނެއްގައި އެމަސައްކަތުގެ ނަތީޖާ ޙާޞިލު ކުރެވޭކަހަލަ މަސައްކަތްތަކެއް ނޫން. އެއީ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ކަންތައްތަކުގެ ޙާލަތުވެސް މިވަގުތު ހުރިގޮތުން. އެހެން ނަމަވެސް، މި ސަރުކާރު އައުމާއެކީގައި، އެންމެ ފުރަތަމަ ކުރި އެއްކަމެއްގެ ގޮތުގައި، އިތުރުގަޑީގައި ދޭ ފައިސާގެ މިންވަރު، އަޅުގަނޑުމެން 5 ޕަސެންޓުން 10 ޕަސެންޓަށް އިތުރުކޮށްދިނުން. އަދި ހަމައެއާއެކީގައި، މުދައްރިސުންގެ ޢާންމު ޙާލަތުގެ ތެރޭގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި އަޅުގަނޑުމެންނާ ހަމަޔަށް އައި އެންމެބޮޑު އެއް ޝަކުވާއަކަށް ވެގެންދިޔައީ، މުދައްރިސުންނަށް މަތީ ތަޢުލީމު ކިޔެވުމުގެ ފުރްޞަތު ހަނިވެފައި އޮތް އޮތުން. މި ސަރުކާރު ވުޖޫދަށް އައުމާ އެކީގައި، މުދައްރިސުންނަށް ޕޭލީވްގައި ކިޔަވަން ދިޔުމުގެ ފުރްޞަތުވެސް ވަނީ ފަހިކޮށްދީފައި. މިއަދު އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެނގޭ، ރާއްޖެ ތަރައްޤީ ކުރަން ބޭނުންކަމުގައިވާނަމަ، ތަރައްޤީއާ ހަމަޔަށް ދަތުރުކުރަން ބޭނުންކަމުގައިވާނަމަ، އަޅުގަނޑުމެންގެ ޞިއްޙީ ނިޒާމު ރަނގަޅު ކުރަން ބޭނުންކަމުގައިވާނަމަ، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ އެކައުންޓެންޓުންނާއި، އަޅުގަނޑުމެން ބޭނުންވާ ފެންވަރުގެ ބިޒްނަސް އެޑްމިނިސްޓްރޭޓަރުންނާއި، އިކޮނޮމިސްޓުންނާއި، ހިންގުމުގެ ދާއިރާގެ ބޭފުޅުންނާއި، ޤާނޫނީ ވަކީލުންނާއި، އިންޖިނޭރުންނާ، ދެންވެސް ބޭނުންވާ ހުރިހާ ދާއިރާއެއްގެ މީހުންތައް އުފެއްދުމުގެ މައި މޭސްތިރިންނަކީ ތިޔަބޭފުޅުންކަން އަޅުގަނޑުމެންނަށް އެނގޭ. މުދައްރިސުންކަން އެނގޭ. ތަޢުލީމީ ނިޒާމުކަން އެނގޭ. އެ ނިޒާމުގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާނުލާނެ. އެ ނިޒާމުގައި މަސައްކަތްކުރާ ހީވާގި މުދައްރިސުންގެ މަތިން އަޅުގަނޑުމެން ހަނދާންނައްތާނުލާނެ. އިރާދަކުރެއްވިއްޔާ މިއަދުވެސް ސަރުކާރުގެ ތެރޭގައި މުދައްރިސުންގެ މުސާރަޔާއި، މުދައްރިސުންގެ ޢާންމު ޙާލަތު ރަނގަޅު ކުރުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ވީ އެންމެ އަވަސް ފުރްޞަތެއްގައި ކުރުމަށްޓަކައި މިހާރުވެސް ވަނީ މަސައްކަތް ފެށިފައި. ﷲގެ ރަޙްމަތްފުޅުން ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ރަނގަޅު ނަތީޖާއެއް ސަރުކާރުގެ ތެރެއިން ލިބިގެންދާނެ.
 
ހަމައެއާއެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހަމައެކަނި މުދައްރިސުންނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ހީވާގިކަމާއެކީގައި ސްކޫލްތަކުގައި މަސައްކަތްކުރާ ޢާންމު އެހެން އެހެން ވަޒީފާތަކުގައި އުޅުއްވާ ބޭފުޅުންވެސް އެބަ އުޅުއްވާ. ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން އެބައުޅުއްވާ. ސިވިލް ސަރވިސްގައި ބުރަ މަސައްކަތް ކުރައްވާ ބޭބޭފުޅުން އެބަ އުޅުއްވާ. އަޅުގަނޑު އުންމީދު ކުރަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ އެކީގައި، ކުރިއަށް މިއޮތް ދުވަސްތަކުގައި ލަސްތަކެއްނުވެ ދިވެހިރާއްޖޭގައި ޢަދުލުވެރިކަމާއި ހަމަހަމަކަމާއި، އިންޞާފުވެރިކަމާ އެކީގައި މުސާރައިގެ ކަންތައްތައް އިންތިޒާމު ކުރެވޭނެ ޕޭ ކޮމިޝަނެއް، މި ކޮމިޝަން ރަސްމީވެ، މި ކޮމިޝަންގެ ތެރެއިން ރާއްޖޭގައި ހީވާގިކަމާއެކީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުގެ މުސާރަ، އެއް އަމާޒަކަށް އިންތިޒާމުވެގެންދާނެ ދުވަސް ފެނިގެން ދިޔުން. އަޅުގަނޑު އިލްތިމާސް ކުރަން، މި މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ތެރެއިން ލަސްތަކެއްނުވެ ނިންމައިދިނުމަށް.
 
އަޅުގަނޑުގެ ވާހަކަ ނިންމާލާނީ، މިރޭ މި ސްކޫލްގައި މިހާ ފުރިހަމަ ޙަފްލާއެއް އިންތިޒާމު ކުރެއްވީތީ، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޙައްޤު ޝުކުރު އަދާކުރަމުން. އެއާއެކީގައިވެސް ޚާއްޞަ ގޮތެއްގައި، މިދާއިރާތަކުގެ ކުރިއެރުމަށްޓަކައި ކައުންސިލަރުންނާއި، އަތޮޅު ފެންވަރުގައި އަތޮޅު ކައުންސިލުން ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. ހަމައެޔާއެކީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށްބުރަ މަސައްކަތްތަކެއް، ދާއިރާގެ ތަރައްޤީއަށްޓަކައި ކުރައްވާ ބޭފުޅުން. މިދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ޖަޢުފަރު ދާއޫދަކީ މީގެކުރީގެ މިރަށުގެ ހިންގުމުގެ ދާއިރާގައި ވަރަށް ޙަރަކާތްތެރިވީ ބޭފުޅެއް. އަދި މިއަދުވެސް އެ މަސައްކަތް ކުރައްވަނީ ހަމަ މިދާއިރާގެ ރައްޔިތުންގެ ޙައްޤަށްޓަކައި. ހަމައެޔާއެކީގައި، އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ދެންމެ ވިދާޅުވެއްޖެ ހަމަ ނަމޫނާ ޒުވާނެއް. މިބޭބޭފުޅުންނާއި އަތޮޅު ކައުންސިލާއި، ރަށުގެ ސްކޫލްގެ މެނޭޖްމަންޓާއި، ޕްރިންސިޕަލާއި، ހީވާގި މުދައްރިސުން ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އަދި އަޅުގަނޑު ނިންމާލަމުންވެސް އަދިވެސް އެއްފަހަރު މިރޭ އެންމެ ފަޚްރުވެރި ވަނަ ހޯއްދެވި ދަރިވަރު ޙަމްދާއާއި އަދި ޢާއިލާ، ފަޚްރުވެރި ބައްޕައަށް މަންމައަށް، އެ މަސައްކަތުގައި ޝާމިލުވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވަން.
 
އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالىއަޅުގަނޑުމެންގެ މި ރާއްޖެއަކީ، ރަނގަޅު ހެޔޮލަފާ ދަރިވަރުންތަކެއް އުފެދޭ ފަސްގަނޑެއް ކަމުގައި މިންވަރު ކުރެއްވުން. އަޅުގަނޑުމެންނަކީ ތަޢުލީމަށް ލޯބިކުރާ، ތަޢުލީމާ އެކީގައި، ރީތި އަޚްލާޤިއްޔާތުގެ މަތީގައި ހިނގާ ބައެއް ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. އަދި އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ކުރާ މަސައްކަތަކީ އެއީ، ތެދުވެރި، އިޚްލާޞްތެރި މަސައްކަތެއް ކުރާ ބައެއް ކަމުގައި اللّـه سبحـانـه وتعـالىމިންވަރު ކުރެއްވުން. މި ރަށަށާއި، މި އަތޮޅަށާއި، މި ރާއްޖޭގެ ތަޢުލީމީ ނިޒާމަށާއި، މިދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުންގެ މަސައްކަތުގައި اللّـه سبحـانـه وتعـالىތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! އާމީން!
 

والســّلام عليــكم ورحـمــة اللّـه وبـركاتـه