‏ބޫޓާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޕެމާ ޗޯޑަން، އެކަމަނާގެ ‏‏ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު ‏‏އަރުއްވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ބޫޓާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާއަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. ‏

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ‏‏‏ބޫޓާނާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ފާހަގަކުރައްވައި، ބޫޓާނުގެ އާ ސަފީރުގެ ‏‏ދައުރުގައި، ‏‏މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރަށް، ކުދި ‏‏ޤައުމުތަކުގެ ޙައިސިއްޔަތުން ދިމާވާ މައްސަލަތައް ހައްލުކުރުމަށާއި، އެމައްސަލަތަށް ދުނިޔޭގެ ‏‏ސަމާލުކަމަށް ގެނައުމަށްޓަކައި ދެޤައުމު ގުޅިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށްވެސް ‏‏ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، ބޫޓާނުގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން ‏‏ބޭނުންވާ ކަންކަމުގައި ބޫޓާން ސަރުކާރުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ‏‏ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާގެ ދައުރުގައި، ‏ބޫޓާނާއި ރާއްޖެއާ ‏‏ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ‏ ‏‏އިތުރަށް ބަދަހިކުރައްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ‏‏ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏