بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، نَبِيّنَا مُحَمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

މިރަށުގެ ކައުންސިލްގެ ޢިއްޒަތްތެރި ރައީސް، ކައުންސިލްގެ މެންބަރުން، ޒިންމާދާރު ވެރިޔާ، މިރަށުގެ މެޖިސްޓްރޭޓް، އަޅުގަނޑުމެންނާއެކީ މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުﷲ ޚަލީލު، މިރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

މިއަދު މިރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް އެއްޗެއް ދަންނަވާލުމުގެ ފުރްޞަތު، މިރަށުގެ ކައުންސިލުން އަދި މިރަށުގެ ރައްޔިތުން ދެއްވި ކަމަށްޓަކައި އަދި މިއަދު މިރަށަށް އަޅުގަނޑުމެން މިކުރި ޒިޔާރަތުގައި، މިރަށުގެ ލޮބުވެތި ރައްޔިތުން، އަޅުގަނޑާއި އަޅުގަނޑާއެކީގައި ދަތުރުކުރި ޓީމަށް ތިޔަ އަދާކުރެއްވި މެހްމާންދާރީއާއި އަދި ބެހެއްޓެވި ގާތްކަމަށްޓަކައި، މިރަށުގެ ކައުންސިލަށާއި، ލޮބުވެތި ރައްޔިތުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތަޢުރީފާއި ޝުކުރު އަދާކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އަޅުގަނޑުމެން، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަތުރުކުރަމުން މިދަނީ، ރާއްޖޭގެ ރައްޔިތުންނާ އެކީގައި މިއަދުގެ ސަރުކާރުން ކުރަމުންމިދާ މަސައްކަތުގައި، ރައްޔިތުންގެ ހާލު ބެލުމަށާއި އަދި ހަމައެޔާއެކީގައި ތިޔަބޭފުޅުންގެ ފަރާތްޕުޅުން ހުރި ކަންތައްތައްވެސް އަޑުއަހައި، އެކަންތައްތައް ސަރުކާރުގެ ތެރެއިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި.

މިއަދު މިހާރު އިޤްތިޞާދީ ގޮތުން ރާއްޖެއަށް ލިބޭ އާމްދަނީއާއި އަދި އިޖްތިމާޢީ ގޮތުން އަޅުގަނޑުމެންގެ ތެރޭގައި ހަމަޖެހިފައިވާ ކަންތައްތަކަށް ބަލާއިރުގައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ކުރިއަށް މިއޮތް ދުވަސްތައް، މިދަތުރުގައި އަޅުގަނޑުމެން ދާއިރުގައި، ރާއްޖޭގެ އާމްދަނީ އިތުރުކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކުރުމާއެކީގައި، އިޖުތިމާޢީ ގޮތުން ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންތައްތަކަށް ޙައްލު ފޯރުކޮށްދިނުމަށްޓަކައި ބޮޑު މަސައްކަތްތަކެއް ކުރަމުން އެބަދެއޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިފަދަ ކަންތައްތަކަކީ އެއްދުވަހުން ދެދުވަހުން އޭގެ ނަތީޖާތައް ނެރެވޭނެ ކަންތައްތަކެއް ނޫން. އެކަންތައްތަކަށްޓަކައި ވަގުތުތަކެއް ބޭނުންވޭ. ވަގުތުތައް ނަގަންވެސް ނަގާނެ. އަޅުގަނޑުމެން ފިޔަވައި އެހެން ޤައުމުތަކަށްވެސް އެކަންތައްތަކަށް ވަގުތު ނެގި. އެހެން ނަމަވެސް، ﷲގެ ރަޙްމަތާއެކީގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ޞިއްޙީ ނިޒާމަށްވެސް ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.
އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމެއްގައި، އަޅުގަނޑުމެން މަސައްކަތް ކުރިއަށް ގެންދާއިރުގައި، ދިމާވާ ގޮންޖެހުންތައް، އަޅުގަނޑުމެންނަށް، ހަމަ ކޮންމެ މީހަކަށްވެސް އިޙްސާސް ކުރެވޭނެ. އަތޮޅުތައް، ރަށްތައް ބެހިފައިވާ ގޮތަށް ބަލާއިރުގައި، ހުރި ގޮންޖެހުންތަކެއް އެބަހުރި. އެހެންނަމަވެސް، އެންމެ ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ ދެނެގަނެ، އެކަންތައްތަކަށް މިއަދު ވަނީ ޙައްލު ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިފައި. ރާއްޖޭގެ ރައްޔިތުންނަށް ބޭސްފަރުވާ ކުރުމަށްޓަކައި، ރަށުން ލިބެން ނެތް ޚިދްމަތް، އަތޮޅުތެރެއިން، އަތޮޅުތެރެއިން ލިބެން ނެތް ޚިދްމަތް މާލެއަށް، އަދި މާލެއިން އެ ޚިދްމަތް ލިބެން ނެތް ކަމުގައިވާނަމަ، ރާއްޖެއިން ބޭރަށް، އެ ރައްޔިތަކަށް ބުރަނުވެ، ސަރުކާރުގެ ޚަރަދުގައި މުޅިން ހިލޭ ގެންދެވޭނެ ނިޒާމު މިހާރުވަނީ ﷲގެ ރަޙްމަތާއެކީގައި ހަމަޖެހިފައި، އެއީ، ކިތަންމެ ބޮޑު ޚަރަދެއް ކަމުގައިވީނަމަވެސް. މި މަސައްކަތަކީ މީގެކުރިން ރައީސް ނަޝީދުގެ ސަރުކާރުން އެމަނިކުފާނު ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ތެރެއިން [ހުސްނުވާ އާސަންދަ] މި ސަރުކާރުން ކުރިއަށް މިގެންދަނީ. އޭރު އެއްލައްކަ ރުފިޔާއަށް އޮތްބައި، މިހާރު އަޅުގަނޑުމެން އުވާލައި، ކިތަންމެ ގިނައިން ޚަރަދު ކުރަންޖެހުނު ކަމުގައިވީނަމަވެސް، ބަލިމީހާގެ ބައްޔަށް ފަރުވާކޮށް ނިމެންދެން، އެ ފަރުވާގެ ނިޒާމު ކުރިއަށް ގެންދެވޭނެ އިންތިޒާމު މިހާރު އެވަނީ ހަމަޖެހިފައި.

ރާއްޖޭގެ އެކި އަތޮޅުތަކަށް ބޭނުންވާ ޑޮކްޓަރުން ހޯދުމަކީ، ތިޔަބޭފުޅުންނަށްވެސް ގަބޫލު ކުރެއްވޭނެ، ރާއްޖެ ބެހިފައިވާ ގޮތަށާއި، ރާއްޖޭގެ ހާލަތަށް ބަލާއިރު ގޮންޖެހުމެއް. އެހެންނަމަވެސް، އެމަސައްކަތް ކުރުމަށްޓަކައި ޑޮކްޓަރުންގެ އޮނިގަނޑެއް ތަޢާރުފް ކުރެވި، މުސާރަ އިޢާދަކުރެވި، ﷲގެ ރަޙްމަތާއެކީގައި އެމަސައްކަތްވެސް ކުރިއަށް އެބަދޭ.

ޖުމްލަ ގޮތެއްގައި، އަޅުގަނޑަށް ރާއްޖޭގެ އެކި ހިސާބުތަކުން އެބައިވޭ، ހަމަ ނުވެހުރި ވަރަށްގިނަ ކަންތައްތައް. ފަސް އަހަރު ދުވަހެއްގެ ތެރޭގައި އަޅުގަނޑުމެންނަށްވެސް ރައްޔިތުން ޙަވާލުކޮށްފައިވާ ޒިންމާގެ ތެރެއިން، މިމަސައްކަތް އިރާދަކުރެއްވިއްޔާ، ކުރެވެން އޮތް އެންމެ ރަނގަޅަކަށް އަދި ނަތީޖާ ނެރެވޭފަދަ ގޮތަކަށް ކުރެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެކަމަކު އެޔާއެކީގައި، އިޖުތިމާޢީ އެހެނިހެން ކަންތައްތަކަށް ބެލި ކަމުގައިވީނަމަވެސް، ޢުމުރުން ދުވަސްވީ ކޮންމެ މީހަކަށް ފަސްހާސް ރުފިޔާ ދޭން، އަޅުގަނޑުމެން ސަރުކާރު އައިއިރުގައި ވީ ވަޢުދު، ﷲގެ ރަޙްމަތާއެކީގައި އަޅުގަނޑުމެން މިދަނީ ފުއްދަމުން. އެއީ ޙަޤީޤަތުގައި އޭގެތެރެއިން ވަރަށްގިނަ ހެވާއި ލާބައާއި މަންފާ، ރައްޔިތުންނަށް ލިބޭނެ ކަންތައްތައް. ހަމައެކަނި އެ ދުވަސްވީ ބޭފުޅާގެ ޢާއިލާއަކަށް ނޫން ލިބޭނީއަކީ. އެކަމުގެ ތަނަވަސްކަން، ކޮންމެ ޢާއިލާއެއްގެތެރޭ އިޙްސާސްވެގެންދާނެ. ގޭތެރެއިން ފަސްހާސް ރުފިޔާ، އަދި މާމައާއި ކާފަޔަށް ލިބޭ ކަމުގައިވާނަމަ، ދިހަހާސް ރުފިޔާ، ޢާއިލާއަކަށް ލިބޭ ވާހަކަ އަޅުގަނޑު މި ދައްކަނީ. މިއީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންފަދަ ކުޑަ ޤައުމަކަށް ފަސޭހަ ކަމެއް ނޫން. މިއީ ހަމަ ބޮޑު މަސައްކަތެއް. އެހެންނަމަވެސް، އިޖްތިމާޢީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީ މިކަން ކުރަމުން މިދަނީ. އަޅުގަނޑުމެން ޙަވާލުވިއިރުގައި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް ހަމަ ބޮޑު މައްސަލައެއް. ރައީސް ނަޝީދުވެސް އެ މައްސަލައަކަށްޓަކައި ހަމަ ބުރަ މަސައްކަތެއް ކުރެއްވިކަން އަޅުގަނޑު ފާހަގަކުރަން. ހަމައެޔާއެކީގައި، އަޅުގަނޑުމެންގެ ސަރުކާރުންވެސް މިއަދު މިވަނީ އިތުރު ހިތްވަރެއް ނަގާފައި، ރާއްޖޭގެ ރައްޔިތުންނަށް މިދެންނެވި ދަތިކަން ޙައްލުކުރުމަށްޓަކައި މަސައްކަތް ފަށާފައި. ސުނާމީގައި ޙާލުގައި ޖެހިފައި ތިބި ރައްޔިތުންނަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ ދަތިކަން އަދި ވަގުތީހިޔާގައި މިއަދުވެސް އުޅެމުންދާކަމީ، އެއީ އަޅުގަނޑު ހިތާމަޔާއެކީގައި ފާހަގަކުރަންޖެހޭ ކަމެއް.
އަޅުގަނޑު އުންމީދު މިކުރަނީ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންގެ މަސައްކަތް މިއަހަރު ނިމެންވާއިރަށް، ނުވަތަ މިއަންނަ އަހަރުގެ ކުރީކޮޅާ ހަމަޔަށްދާއިރަށް، ވަގުތީ ހިޔާގައި ތިބި ހުރިހާ ފަރާތްތަކަށް، އެކަންތައްތަކަށް ޙައްލެއް ފޯރުކޮށްދީ، ދާއިމީ ހިޔަލަށް އެމީހުން ބަދަލުކުރެވޭނެ ކަމަށް. މާލޭގައި ދިރިއުޅޭ އަތޮޅުތެރޭގެ ރައްޔިތުންވެސް އަދި ހުޅުމާލޭގައިވެސް އަދި އެހެން ދިމާއެއްގައި ދިރިއުޅޭ ރައްޔިތުންވެސް، މާލޭގެ ރައްޔިތުންވެސް ވަރަށް ނިކަމެތި ޙާލުގައި އުޅޭތީ، ޙަޤީޤަތުގައި މިދިޔަ ދުވަސްތަކުގެ ތެރޭގައި ބުރަ މަސައްކަތްތަކެއް މިވަނީ ކުރެވިފައި. މިހާރު މިއަދުގެ ސަރުކާރުން މިވަނީ ގެދޮރުވެރިކަމަށް އެންމެ ބޮޑަށްމ ޟަރޫރަތަށް ބަލާފައި، ވަކި ޚާއްޞަ އިޖުތިމާޢީ މިންގަނޑުތަކެއް ތަޢާރުފްކޮށްފައި. މީގެކުރީގައި، އާމްދަނީއާއި ޢާއިލާތަކަށް ބެލިގެން މިދަނީ. އަޅުގަނޑުމެން މިވަނީ ދިރިއުޅޭ ޙާލަތު ވަޒަންކޮށްފައި، މީހާއަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ނިޒާމެއް މިހާރު އަލަށް ތަޢާރުފްކޮށްފައި. އޭގެ މާނައަކީ ކުޑަކުޑަ ތަންތަންކޮޅުގައި ޢާއިލާއާ އެކީގައި ދިރިއުޅޭ މީހުންނަށް، އެތަންކޮޅުގެ ހާލަތަށް ބަލައި، ސަރުކާރުން އެތަންތަނަށް ޒިޔާރަތްކޮށް، އެ ހާލަތު ވަޒަން ކުރުމަށްފަހުގައި، އެފަދަ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ސްކީމެއް މިހާރު މިވަނީ ތަޢާރުފް ކުރެވިފައި. އެހެންވީމާ، މިއިން ކޮންމެ ކަމަކީވެސް މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، އަޅުގަނޑުމެން ހުރިހާ ރައްޔިތުންނަށް، އޭގެ ލާބައާއި މަންފާ ލިބިގެންދާނެ ކަންތައްތަކެއް.
އޭގެއިތުރުން، ރައްޔިތުންގެ އެންމެބޮޑު އިޙްސާސްތަކެއް އޮންނާނީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް. އަޅުގަނޑުމެންގެ މުޖްތަމަޢުގެ ރައްކާތެރިކަމަށް. އަޅުގަނޑު ދެކޭގޮތުގައި، މިއަދު މިރަށަށް މި އައިއިރުގައިވެސް، އަޅުގަނޑަށް ވަރަށްބޮޑު ހިތްހަމަޖެހުމެއް ޙަޤީޤަތުގައި ލިބިއްޖެ. އެއީ މިރަށުގެ ކައުންސިލުން، މިރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ޙަޤީޤަތުގައި ތިޔަ ދެއްވި މެހްމާންދާރީއާއި މަރްޙަބާއިން. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންނާ ސިޔާސީ ފިކުރު މުޅިން ދިމާނުވެދާނެކަން. އެކަމަކު އަޅުގަނޑަށް ހަމަ ގަބޫލުކުރެވޭ، މިރަށުގައިވެސް އެބައުޅޭ، ހަމަ އަޅުގަނޑުގެވެސް ވަރަށް ގާތް އަޚުންތަކެއް. އަޅުގަނޑަށް އުސްތާޛު ކިޔާ ކުދިންވެސް މިރަށުގައި އެބަތިބި. މިރަށުގެ މެޖިސްޓްރޭޓަކީވެސް އަޅުގަނޑުގެ ވަރަށް ގާތް އަޚެއް. އަދި އެނޫންވެސް މީސްމީހުން އެބަތިބި. އަޅުގަނޑު މިއަދު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މި ހިނގާ ކަންތައްތައް، ތުއްކުދިން މި ތިބީ، ސްކޫލް ކުދިން. މިއީ މާދަމާގެ އަޅުގަނޑުމެންގެ ލީޑަރުން. ތިޔަ ހުރިހާ ކުދިންނަށްވެސް ފެންނާނެ، ސޯޝަލް މީޑިއާއަށް ވަން ކަމުގައިވީނަމަވެސް ފެންނާނެ. ވަރަށް ރަޙުމްކުޑަ ގޮތަކަށް ތުއްތުކުދިން، ހަމަ ތިޔަ ކުދިން ކަހަލަ މުސްތަޤްބަލަށް އެދޭ، ވަޒީފާއަށް ދާން ބޭނުންވާ، ތަޢުލީމު ލިބި، އުފާވެރި ދިރިއުޅުމަކަށް އުންމީދުކުރާ ޢާއިލާތައް އެއްކޮށް ނެތިފަނާވެފައި އެވަނީ. ފަލަސްޠީނުގައި އަޅުގަނޑުމެންނަށް ފެނޭ، ކުޑަކުޑަ ކުދިން މަންމައިންގެ ބަނޑުގައި ތިއްބާ ފިސްތޯލަޖަހާ އެބަ މަރާލާ. ގެތައް ވީރާނާވެފައި އެވަނީ. މުޅި އެ ބޮޑު، އެ ބަރަކާތްތެރި ބިން އެއްކޮށް އެވަނީ ފަނާވެފައި. ހަމައެކަނި ފަލަސްޠީނެއް ނޫން. މިޞުރަށް ބެލި ކަމުގައިވީނަމަވެސް. މިޞުރުގެ ރައްޔިތުންވެސް ވަރަށް ބޮޑެތި ކެކުޅުންތަކެއްގައި އެދަނީ. މެދުއިރުމަތީގެ ކޮންމެ ޤައުމެއް، ޢިރާޤަށް ބެލިކަމުގައިވީނަމަވެސް، ލީބިޔާއަށް ބެލިކަމުގައިވީނަމަވެސް. މިއީ މިއަދު މިތިބަ ޒުވާނުން، އަޅުގަނޑުމެންގެ ކުޑަކުދިން، މިއިން ޢިބްރަތް ޙާޞިލު ކުރަންވީ ކަންތައްތައް.

ދަންނަވަން މިއުޅޭ ވާހަކައަކީ، ޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން، މިތަންތަން ބެލީމާ އަޅުގަނޑުމެންނަށް އެބަ އެނގެއޭ. ޤައުމެއްގެ ތެރޭގައި ހަމަނުޖެހުން އުފެދުނީމަ، އޭގެ ހިތްދަތިކަން އިޙްސާސް ކުރަނީއަކީ ހަމައެކަނި ސިޔާސީ މީހުންނެއް ނޫން. އޭގެ ހިތްދަތިކަން އިޙްސާސް ކުރަނީ، އެކެއް، ދެމީހެއް ނޫން. އޭގެ ހިތްދަތިކަން އިޙްސާސް ކުރަނީކީ ހަމައެކަނި ފިރިހެނުންނެއް ނޫން. އޭގެ ހިތްދަތިކަން އިޙްސާސްކުރޭ ތުއްތު ކުދިން، ސްކޫލަށްދާ ކުދިން، މައިން، ދައްތައިން، ކޮއްކޮއިން. ގެތައް އެއްކޮށް ވީރާނާވެފައި. ހެނދުނު ގެއިން ނުކުމެގެންދާ ބައްޕަ އައިސް ބަލާއިރުގައި، އެ ގެ ހުރިތަންވެސް ނެތް ވުޖޫދުގައި. މިއީ، އަޅުގަނޑުމެންނެކޭ އެއްފަދަ މުސްލިމުންގެ ޙާލަތު. المسلم أخو المسلم ކޮންމެ ތަނެއްގައި ތިއްބަސް އެއީ އަޅުގަނޑުމެންގެ އަޚުން. އެމީހުން ގައިގައި އަޅާ ވޭން އަޅުގަނޑުމެންނަށް އަޅާނެ. އެހެންވީމާ، މިއަދު މިރަށަށް އަޅުގަނޑު މިކުރި ޒިޔާރަތުގައި، މިފެނުނު މަންޒަރަކީ އަޅުގަނޑު ދަންނަވާނީ، ހަމަ ލާމަސީލު ރީތި ނަމޫނާއެކޭ. މިރަށުގެ ރައްޔިތުންނަށް އައްސަރިބަހާއި ސާބަހާއި ޝުކުރު، އަދިވެސް އެއްފަހަރު އަޅުގަނޑު ބޭނުންވޭ ދަންނަވާލަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، މި މަސައްކަތް ކުރިއަށްދާއިރުގައި، މިދެންނެވިފަދަ އެއްވެސްކަހަލަ ހާލަތެއް ރާއްޖެއަށް މެދުވެރިނުވޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ހަމަ އިރާދަކުރެއްވިއްޔާ ކުރާނަމޭ. ރާއްޖޭގެ ހުރިހާ ރައްޔިތުންނާ އެކީގައި މިދަތުރު ކުރެވޭތޯ ބަލާނަން. އަޅުގަނޑަށް އެނގޭ، ކެކުޅުންތައް އެބަހުރި. އަޅުގަނޑަކީވެސް މި ރާއްޖޭގެ ސިޔާސީ އެކި ކަންތައްތަކުގައި، ތަފާތު ހިސާބަށް ދަތުރުކޮށްފައިވާ މީހެއް. އެކި ރަށްރަށަށް ދަތުރުކޮށްފައިވާ މީހެއް. އެކި މީސްމީހުންނާ އަޅުގަނޑާ ބައްދަލުވޭ. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑެތި ޚިޔާލުތަފާތުވުން އެބަހުރިކަން. އެކަން އެބައޮތް. އެކަމަކު އެޔާއެކީގައިވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމުގެ ސަލާމަތް ދޫކޮށްނުލެވޭނެ. އަޅުގަނޑުމެންގެ އެކުވެރިކަން ދޫކޮށްނުލެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި ބަޔަކު އައިސް ފިތުނަ އުފައްދައި، ބައިބައިކޮށް، އަޅުގަނޑުމެންގެ ޙާލަތަކީވެސް ދުނިޔޭގައި، މެދުއިރުމަތީގައި އުޅޭ އެހެންވެސް މުސްލިމުންގެ ހާލަތާ އެއްފަދައަކަށް ދާކަށް އަޅުގަނޑުމެންނަކަށް ދުލެއް ނުކުރެވޭނެ. އަޅުގަނޑުމެންނަކީ އެއަށްވުރެ މާ ނިކަމެތި ބައެއް. އަޅުގަނޑުމެންގެ އަތުގައި ނެތް، މެދުއިރުމަތީގައި އޮތް ކަހަލަ ވަސީލަތްތަކެއްވެސް. އަޅުގަނޑުމެންގެ އަތުގައި ނެތް، ޙަޤީޤަތުގައި އެވަރުގެ ބިމެއްވެސް. ވަރަށް ކުދިކުދި ޖަޒީރާތައް. ވަރަށް ނިކަމެތި ބައެއް އަޅުގަނޑުމެންނަކީ. އެކަމަކު ވިސްނަވައިލައްވާ، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالىދެއްވާފައިވާ މަތިވެރި ނިޢުމަތް. ދުނިޔޭގެ އެއްވެސް މުސްލިމް ޤައުމަކަށް ނެތްފަދަ ނިޢުމަތެކޭ ދެންނެވިދާނެ. އެއްބައެއް، އެއްބައެއް، އެއްދީނެއްގައި. އަޅުގަނޑުމެންގެ އަމިއްލަ ދިދަ. އަޅުގަނޑުމެންގެ ބަހުން ވާހަކަ ދެއްކުމުގެ ފުރްޞަތު ލިބިފައިވާ ފަޚްރުވެރި ޤައުމެއް އަޅުގަނޑުމެންނަކީ.
އެހެންވީމާ، އަޅުގަނޑު މިއަދު ތިޔަ ތުއްތު ދަރިވަރުންނަށްވެސް އަދި މިރަށުގެ ރައްޔިތުންނަށްވެސް ކުރާ އިލްތިމާސަކީ މިނިވަން 50 އަހަރު، މިއަންނަ އަހަރު އަޅުގަނޑުމެން ފާހަގަކުރާއިރު، ހިނގާށޭ އަޅުގަނޑުމެން އެކީގައި މި ދަތުރުކުރަމާ. އަޅުގަނޑުމެންގެ ތެރޭގައި ހުރި ޚިޔާލު ތަފާތުވުމަކީ އެއީ، މުއްސަނދި ކަމެއް ކަމަށް ދެކެންވީ. ފިޤުހު ޢިލްމުވެރިޔަކު ވިދާޅުވެފައިވޭ، اختلاف أمَّتي رحمة ތިމަންކަލޭގެފާނުގެ އުންމަތުގައިވާ ޚިލާފުތަކަކީ އެއީ، ރަޙްމަތެއް ކަމަށްވެސް ވެދާނެ. އެ ޚިލާފު އަންނަންވީކީ އަޅުގަނޑުމެން އެކަކު އަނެކަކާ މޫނުދިމާނުވާ ހާލަތަށް ދާކަށެއް ނޫން. އެ ޚިޔާލު ތަފާތުވާންވީ، އަޅުގަނޑުމެން ދިމާވީމާ، އެކަކު އަނެކަކުގެ އަބުރަށް އަރައިގަންނާކަށް ނޫން. އެޚިޔާލު ތަފާތުވާންވީ އަޅުގަނޑުމެންގެ މުއްސަނދިކަމަށް. އަޅުގަނޑުމެން ތަފާތު ޚިޔާލެއް ނެރެގެން، އެކަމަކު އަޅުގަނޑު ދެކޭގޮތް އެއީ، ރަނގަޅު ގޮތަކަށް ނުވެދާނެ. އެކަމަކު ހަމަ މިރަށުގައި ހުރެދާނެ، އަޅުގަނޑަށްވުރެ ރަނގަޅު ޚިޔާލެއް، މިރަށުން ނެރޭނެ ރައްޔިތެއް. އެކަމަށްޓަކައި ޚިޔާލު ތަފާތުވާންވީ. އެހެންވީމާ، އަޅުގަނޑުމެންނަށް ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، النَّاسُ سَوَاسِيَةٌ كَأَسْنَانِ الْمشْطِ މީސްތަކުންނީ ފުނަލެއްގެ ދަތްތަކެއް ފަދައިން ހަމަހަމަވެގެންވާ ބައެކޭ. އެއްވެސް ހާލެއްގައި، މިރަށުގެ ރައްޔިތުން، ދެކުނުގެ ރައްޔިތުން، އުތުރުގެ ތުރާކުނުގެ ރައްޔިތުން ނުވަތަ މާލޭގެ ނުވަތަ ހުޅުމާލޭގެ ރައްޔިތަކަށްވީތީ ތަފާތެއް ނެތް. އެ ތަފާތެއް ނުވެސް އަންނާނެ. އަނެއްކާ ފަލަސްޠީނުގެ މުސްލިމަކަށްވީތީ، މެދުއިރުމަތީގެ މުސްލިމަކަށްވީތީ، ނުވަތަ ރާއްޖޭގެ ރައްޔިތުންނަކީ ނިކަމެތި ބަޔަކަށްވީތީ، މުސްލިމުންގެ ޙައިޘިއްޔަތުންވެސް އެ ތަފާތެއް ނާންނާނެ. އަޅުގަނޑުމެންނަކީ އެއްބައެއް. މިނިވަން 50 އަހަރާ ހަމަޔަށްދާއިރުގައި، އަޅުގަނޑު އުންމީދު މިކުރަނީ، އަޅުގަނޑުމެންނަށް އެކީގައި މި ދަތުރު ކުރެވޭނެ ކަމަށް. އަޅުގަނޑުމެންގެ ޚިޔާލު ތަފާތުވުމަކީ އަޅުގަނޑުމެންގެ މުއްސަނދި ކަމަކަށް އަޅުގަނޑުމެން އެދޭނެކަން. މިރަށަށް ބޭނުންވާ ޟަރޫރަތްތައް، މިރަށުގެ ބަނދަރު، ﷲގެ ރަޙްމަތާއެކީގައި އެ މަސައްކަތްވެސް ކުރިއަށްދާނެ ކަމުގެ އުންމީދު އަޅުގަނޑަށް އެބައޮތް. މިރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ މައްސަލަތަކާއި، މިރަށުގެ ސްކޫލަށް ދިމާވެފައިވާ މައްސަލަތަކާއި، މިރަށުގެ ތަރައްޤީއަށް ދިމާވެފައިވާ މައްސަލަތައްވެސް، އަޅުގަނޑު އެދެނީ، ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި ޙިއްޞާ ކުރުމަށް. ﷲގެ ރަޙްމަތާ އެކީގައި، އަޅުގަނޑުމެންނަށް ކުރެވެން އޮތް މިންވަރަކަށް، ތަރައްޤީގެ ޕްލޭންތަކުގެ ތެރޭގައި ހިމަނައިގެން، އެކަން ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެންނަށް އެކީގައި، މިދަތުރު، ރާއްޖޭގެ މިނިވަންކަން، ރާއްޖޭގެ ސިޔާދަތު، އަޅުގަނޑުމެންގެ ޢަޤީދާގައި ހިފެހެއްޓުމުގެ ތައުފީޤު اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް، މިރަށުގެ ރައްޔިތުންނަށް، ތިޔަ ދެއްކެވި ލާމަސީލު ރީތި ނަމޫނާއަށްޓަކައި ތަޢުރީފާއި ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލަން. وآ خر دعوانا أن الحمد لله رب العالمين. 

والســّلام عليــكم ورحـمــة اللّـه وبـركاتـه