بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، އަޅުގަނޑުގެ އަޚު އަލްފާޟިލް ޢަބްދުﷲ ޚަލީލު، އަތޮޅު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ މެންބަރުން، ރަށު ކައުންސިލްގެ މެންބަރުން، ނިލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޢަބްދުﷲ އަޙްމަދު، ހީވާގި ޓީޗަރުން، ލޮބުވެތި ބެލެނިވެރިން އަދި މިރޭގެ އެންމެ ފަޚްރުވެރި ބައިވެރިން ކަމުގައިވާ އަޅުގަނޑުމެންގެ ހީވާގި ދަރިވަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް ދެކެނީ، މިހާ އުފާވެރި ޙަފްލާއެއްގައި ބައިވެރިވުމުގެ ފުރްޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މިރަށުގެ ލޮބުވެތި ރައްޔިތުންނަށާއި، މި ސްކޫލްގެ ޕްރިންސިޕަލަށާއި، އދި ހަމައެޔާއެކީގައި މި ސްކޫލްގެ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމާ އެކީގައި، މިރޭގެ މި އުފާވެރި ޙަފްލާގެ ތެރެއިން ޚާއްޞަ ގޮތެއްގައި ވަނަތައް ހޯދި އެންމެހައި ދަރިވަރުންނަށާއި، ވަކިން ޚާއްޞަ ގޮތެއްގައި، މުޅި މި ސްކޫލްގެ އެންމެ ފަޚްރުވެރި މަޤާމު ޙާޞިލު ކުރައްވައިގެން، މިރޭ މިތަނުގެ އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަމުގެ އިޙްސާސްތައް ގެނެސްދިނުމާއެކީގައި، ހަމަ ޔަޤީނުންވެސް އެ ދަރިވަރެއްގެ މައިންބަފައިންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް މިރޭ ފާއްދާލި ހިތްވަރުގަދަ ދަރިވަރު، އާދެ! އަނަސް ޖަލީލަށް ވަރަށް އިޚްލާޞްތެރިކަމާ އެކީގައި، ތިޔަ ކުރެއްވި މަސައްކަތަށް އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން.

ހަމައެޔާއެކީގައި، އަނަސް ޖަލީލުގެ އިތުރުން، މިރޭ މި ސްޓޭޖް މަތިން ވަރަށް ތުއްތު ކުދިން ފެށިގެން ވަރަށްގިނަ ދަރިވަރުންތަކެއް، ވަރަށް ފަޚްރުވެރި ވަނަތަކެއް ޙާޞިލު ކުރައްވައިފި. މިހުރިހާ ދަރިވަރުންނަކީވެސް އެއްވެސް ޝައްކެއްނެތްގޮތުގައި، ރޭގަނޑުގެ ނިދި ނަގާލުމާ އެކީގައި، ދުވާލުގެ ވަގުތު ހީވާގިކަމާ އެކީގައި، ކިޔެވުމުގައި ވަގުތު ހޭދަކޮށް، މައިންބަފައިންގެ ބަސްއަހައިގެން، ތިމާގެ މައިންބަފައިންނަށާއި، ސްކޫލަށާއި، ޤައުމަށް ރީތި ނަން ހޯދައިދިނުމަށްޓަކައި ހިތްވަރުގަދަ މަސައްކަތް ކުރި ދަރިވަރުންތަކެއް. ޖުމްލަ ގޮތެއްގައި މިހުރިހާ ދަރިވަރުންނަކީވެސް ސާބަހާއި ޝުކުރު ތަޢުރީފު ޙައްޤު ދަރިވަރުންތަކެއް. އެ ދަރިވަރުންނަށް އިޚްލާޞްތެރިކަމާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

އަޅުގަނޑުމެން އެންމެންވެސް މިފަދަ މުނާސަބަތެއް ފާހަގަކުރަނީ އުފަލާ އެކީގައި. މިރަށުގެ ގިނަ ޢަދަދެއްގެ ރައްޔިތުން، މި ޖަލްސާގައި ޙާޒިރުވެ އެބަތިއްބެވި. އަޅުގަނޑަށް އެބަ ފެނޭ، ސްކޫލްގެ ޕްރިންސިޕަލް، ވަރަށް އުފާވެރިކަމާ އެކީގައި ޖަލްސާގައި ހުންނެވި ތަން. އަދި ޖަލްސާ ފަށްޓަވަމުން، ވަރަށް ފަޚްރުވެރިކަމާ އެކީގައި، މިރޭގެ މި ޙަފްލާ ކުރިއަށްދާނެގޮތާއި، މި ސްކޫލުން ހޯދި ވަނަތަކުގެ ވާހަކަ އަޅުގަނޑުމެންނާ ޙިއްޞާ ކުރެއްވި. އެޔާއެކީގައި، ގިނަ ދަރިވަރުންތަކެއް ފަޚްރުވެރި މަޤާމު ހޯއްދަވައިގެން، މި ސްޓޭޖްމަތިން އެ ދިޔައީ. އަޅުގަނޑުމެން ގަބޫލުކުރަންޖެހެނީ، މިފަދަ މަތިވެރި މަޤާމުތަކެއް ދަރިވަރުންނަށް އެ ލިބުނީ ކިހިނެއްތޯ. ވަރަށްގިނަ ދަރިވަރުން އެބަ ތިއްބެވި. ވަރަށްގިނަ ދަރިވަރުން މި ވާހަކަ އަޑު އެބަ އައްސަވާ. ބެލެނިވެރިންވެސް އެބަ ތިއްބެވި. އެހެން ނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ، ސްކޫލަކުން މިފަދަ މަތިވެރި ވަނަތަކެއް، މިހާ ފާހަގަކުރެވޭ މަޤާމެއް، ރާއްޖޭގެ ތަޢުލީމީ ޙަޔާތުން ހޯދުމަކީ، އެހާ ފަސޭހަ ކަމެއް ނޫންކަން. މިފަދަ މަސައްކަތެއް ކާމިޔާބު ކުރެވެނީ، ވަރަށްގިނަ ބައެއްގެ ވަރަށްބުރަ މަސައްކަތްތަކާ އެކީގައި. މި މަސައްކަތުގެ ފަހަތުގައި ތިބީ، އެއްވެސް ޝައްކެއްނެތްގޮތުގައި، ހިތްވަރުގަދަ ޓީޗަރުން. އިޚްލާޞްތެރިކަމާއި، ލޯތްބާއި އަޅާލުމާ އެކީގައި، ދަރިވަރުންނަށް އުނގަންނައިދިނުމުގެ ޝައުޤާ އެކީގައި، އެ މަސައްކަތް ކޮށްދެއްވި ފަޚްރުވެރި ޓީޗަރުން، މުދައްރިސުން. މިއީ އަޅުގަނޑު ހިތުން މިރޭގެ ރަން ވަނަތައް ޙާޞިލުކޮށްގެން ދިޔަ ދަރިވަރުންގެ މައިންބަފައިން، އެ ދަރިވަރުންގެ ބެލެނިވެރިން، ޚާއްޞަ ގޮތެއްގައި ޝުކުރުވެރި ހިތަކާ އެކީގައި ފާހަގަކުރަންޖެހޭ ކަމެއް. އެހެންކަމުން، ތިޔަ ހުރިހާ ބޭފުޅުންގެ ފަރާތުންނާއި އަދި ޤައުމުގެ ވެރިއެއްގެ ހައިސިއްޔަތުން، މި ހިތްވަރުގަދަ މަސައްކަތް ކުރެއްވި ޓީޗަރުންނަށާއި، މި ސްކޫލްގެ ޕްރިންސިޕަލަށް ވަރަށް ލޯތްބާ އެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން.

ތުއްތުކުދިން މި ސްޓޭޖް މައްޗަށް އައިސް ފައިބައިގެން، އިނާމު ޙާޞިލުކޮށްގެން ދިޔައީމަ، ވަރަށްގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭނެ. އަޅުގަނޑު ޙައިރާންވި، އިންތިޒާމުތައް މިހާ ފުރިހަމަވެފައި އަދި އަޅުގަނޑަށް އެހެން ސްކޫލްތަކުން ނީވޭފަދަ ވަރަށްގިނަ ކާމިޔާބުތަކެއް މި ސްކޫލުން ޙާޞިލުކުރާކަން އަޅުގަނޑަށް ޕްރިންސިޕަލްގެ ވާހަކައިންވެސް ފާހަގަވެގެންދިޔަ. ސްކޫލްގެ އިތުރު ޙަރަކާތްތަކުގެ ތެރޭގައި ފާހަގަކުރެވޭ ތަފާތު ޙަރަކާތްތައް ހިމެނޭކަމީ، އަޅުގަނޑުމެންގެ ހިތަށް ވަރަށް އުފާވެރިކަން ގެނެސްދޭ ކަމެއް.

ދަރިވަރުންނަށް މިހާ ފަޚްރުވެރި ވަނަތަކެއް ޙާޞިލުވެގެން މިއަދު ދިޔައިރުގައި، މި ދަރިވަރުންގެ ކާމިޔާބީގެ ފަހަތުގައި ވަރަށްގިނަ ބައެއްގެ މަސައްކަތް އެބަ ހިމެނޭ. އެ ދަރިވަރުން މިރޭ ވަރަށް އުފަލާ އެކީގައި ތިޔަ ތިއްބެވީ. ހަމަ ޔަޤީނުންވެސް އަނަސް ޖަލީލު ވާނެ، ވަރަށް އުފާވެރި ދަރިވަރަކަށް. އެކަމަކު އެއަށްވުރެ ބޮޑު އުފަލެއް، އެ ދަރިވަރުންގެ މައިންބަފައިންނަށް މިރޭ ލިބިގެންދާނެ. އެއީ، މިއަދު މި ޤައުމުގެ ކާމިޔާބީގެ ސިއްރަކީ. އެއީ، މިއަދު މިހާ ހިސާބަށް މި ޤައުމު މި ދަތުރުކުރި ދަތުރުގެ އަޞްލު މޭސްތިރިންނަކީ. އަޅުގަނޑަށް މިރަށުން ފާހަގަވެގެންދިޔަ، މިރަށަކީ ފާހަގަކުރެވޭފަދަ އާދަޔާ ޚިލާފު ތަޢުލީމީ ދަރިންތަކެއް އުފައްދާ ފަސްގަނޑެއްގެ ގޮތުގައި. މިރަށުގެ ބައެއް ދަރިވަރުންނަކީ ނުވަތަ ދަރިންނަކީ އަޅުގަނޑާ އެކީގައިވެސް ތަޢުލީމީ ޙަޔާތުގައި ވަކި ހިސާބެއްގައި ޙިއްޞާކޮށްފައިވާ ދަރިވަރުން. މިރަށުގެ، މިދާއިރާގެ ޢިއްޒަތްތެރި މެންބަރު ޚަލީލަކީ، އަޅުގަނޑާ އެކީގައި މަތީ ތަޢުލީމު ޙާޞިލު ކުރެއްވި ބޭފުޅެއް. މިރަށުގެ ޑޮކްޓަރެއް، ޢަޒީޒަކީ އަޅުގަނޑާ އެކީގައި ޘާނަވީ މަރްޙަލާގައި ރާއްޖެއިން ބޭރުގައި، ވަކި ހިސާބެއްގައި ތަޢުލީމު ޙާޞިލު ކުރެއްވި ބޭފުޅެއް. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން، ތިޔަ ދަރިވަރުން ވަރަށް ފަސޭހަކަމާ އެކީގައި ހަނދާނުން ފޮހެވިގެން ހިނގައިދާނެ ކަމަކީ، މި ކާމިޔާބު ލިބުމަށްފަހުގައި، މީގެ އަޞްލު ޙައްޤުދާރުންނަކީ ކޮބައިކަން. މީގެ ޙައްޤު ޝުކުރު، އަޞްލު ތިޔަ ކުދިން އަދާކުރަންޖެހެނީ، ނިކަމެތި ވަގުތުގައި ތިމާގެ އުފަލަކީ ދަރިންގެ އުފާކަމަށް ދެކި، ތިމާއަށް ނުލިބުނު ތަނަވަސްކަން، ތިމާގެ ދަރިންނަށް ހޯދައިދިނުމަށްޓަކައި، ތިމާއަށް މުޖްތަމަޢުން ހޯދައިނުދެވުނު މަޤާމު، ތިމާގެ ދަރި ފުރާތަން ދެކެން، ކެތްމަދުވެފައި ތިބޭ މައިންބަފައިން. މިރޭ އެހުރިހާ މައިންބަފައިންނަށް ޙައްޤު ޝުކުރާއި ތަޢުރީފް އަޅުގަނޑު އަދާކުރަން.

ޢިއްޒަތްތެރި ބެލެނިވެރިން، ދަރިވަރުން:

މިފަދަ ފުރްޞަތެއް ލިބުނީމަ، ތިޔަ ރައްޔިތުންނާއި ތިޔަ ދަރިވަރުންނާއި، ތިޔަ ބެލެނިވެރިންނާ އަޅުގަނޑު ޙިއްޞާކޮށްލަން ބޭނުންވާ ވާހަކައެއް އެބައޮތް. މިއަދު ރާއްޖެއަށް ބޭނުންވަނީ، ރާއްޖޭގެ ތަރައްޤީއާއިގެން ކުރިއަށް ދިޔުމަށްޓަކައި ތަޢުލީމު ލިބިފައި ތިބި ޤާބިލު، ހީވާގި ޒުވާނުން. ޤައުމު އިޤްތިޞާދީ ގޮތުން ކުރިއަށް ދިޔުމަށް އަޅުގަނޑުމެންގެ ތެރެއިން އެންމެންވެސް ބޭނުން އެބަވޭ. އެ މަސައްކަތް އަޅުގަނޑުމެން އެންމެންވެސް ކުރަމުންދަނީ. މިރަށަށް މިއަދު އަޅުގަނޑު ފައިބައިގެން އައިއިރުގައިވެސް ފެންނަނީ، މިރަށަކީ ތަފާތު މަސައްކަތުގެ ތެރޭގައި، ރައްޔިތުން ހީވާގިކަމާ އެކީގައި ޙަރަކާތްތެރިވާ ރަށެއްގެ ގޮތުގައި. އެކަމަކު އެޔާއެކީގައި، މި ރާއްޖެ އިތުރު ހިސާބަކަށް ގެންދިޔުމަށް، އަޅުގަނޑުމެންއެބަ ބޭނުންވޭ. މި ސްޓޭޖްމަތިން މިރޭ ތިޔަ ކުދިންނާ އިނާމު ޙާޞިލު ކުރެއްވި ބައެއް ޑޮކްޓަރުންނަކީ، ހަމަ މިރަށަށް އުފަން ބޭފުޅުން. މިއީ މި ރާއްޖެ ކުރިއަށް ދިޔުމަށް ބޭނުންވާ ސަބަބު. ތަޢުލީމު ލިބިފައި ތިބި ޤާބިލު ޒުވާނުން. ސަރުކާރުން މިކަން މިއަދު ޤަބޫލުކުރޭ.

ސަރުކާރުގެ، ދައުލަތުގެ މާލިއްޔަތުގެ ޚަރަދުގެ ތެރެއިން ބޮޑުބައެއް މިއަދު މި ހޭދަކުރަނީ، ރާއްޖޭގެ ތަޢުލީމީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި. އެ ސަބަބަށްޓަކައި މިއަދު އަޅުގަނޑުމެން، މުޅި ރާއްޖޭގެ ރައްޔިތުން ފަޚްރުވެރިވާފަދަ ހިސާބަކަށް، ސަރުކާރުގެ ބައިތުލްމާލުން ތަޢުލީމީ ދާއިރާއަށް ހޭދަ އެބަކުރޭ. ދިވެހި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކުރާ ހޭދައިގެ އިތުރުން، މިރޭ މި ސްޓޭޖްމަތިން އަޅުގަނޑަށް އަޑުއިވިގެންދިޔަ، ހަމަ އަމިއްލަ ފަރުދުންގެ ޙައިޘިއްޔަތުންވެސް އެކިއެކި ގޮތްގޮތުން، ކިޔަވާ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން، ބައެއްކަހަލަ ސްކޮލަރޝިޕްތައް ތަޢާރުފް ކުރިތަން. އެކަމަކު އެޔަށްވުރެ ބޮޑަށް ސަރުކާރުން މިހާރު މިވަނީ މަތީ ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ލޯނު ލިބޭ ސްކީމެއް ތަޢާރުފްކޮށްފައި. ހަމައެޔާއެކީގައި އޭގެއިތުރުން، ރާއްޖެއިން ބޭރުން ތަފާތު ސްކޮލަރޝިޕްތައް، މަތީ ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް، އެ ފުރްޞަތު ހޯދައިދިނުމަށްޓަކައި ސަރުކާރުން ދަނީ ހޯދަމުން. އަޅުގަނޑު ފާހަގަކުރަން، މިފަދަ ފުރްޞަތުތައް އަޅުގަނޑުމެންނަށް ކައިރި އަވަށްޓެރި ޤައުމުތަކުން ލިބުމުގެ އިތުރުން، މިއަދުގެ ސަރުކާރުން ވަނީ އެ ފުރްޞަތުތައް، އަޅުގަނޑުމެންގެ އިސްލާމީ ދުނިޔެއިންވެސް ހޯދަން މަސައްކަތް ކޮށްފައި. މިހާރު ކުވައިތާއި ޤަޠަރާ، އަދިވެސް މިނޫން އެހެން އިސްލާމީ ޤައުމުތަކުން ރާއްޖެއަށް މަތީ ތަޢުލީމަށްޓަކައި ސްކޮލަރޝިޕް ދޭނެކަމަށް ވަނީ ނިންމާފައި.

ޢިއްޒަތްތެރި ބެލެނިވެރިން، ދަރިވަރުން:
މިފަދަ ޖަލްސާއެއްގެ ތެރޭގައި، ވާހަކަ ދައްކަން ލިބުމުން، އަޅުގަނޑަށް ބައެއްކަހަލަ އިޙްސާސްތައް ކުރެވޭ. ތިޔަބޭފުޅުން އަޅުގަނޑު ފެނުނީމާ ބޮޑަށް އިޙްސާސް ކުރާނީ، ސިޔާސީ މީހެއްގެ ޙައިޘިއްޔަތުން. ވެރިއެއްގެ ޙައިޘިއްޔަތުން. އެހެން ނަމަވެސް، އަޅުގަނޑަކީވެސް މުދައްރިސެއް. އަޅުގަނޑު 1996 ގައި ކިޔަވައި ނިމިގެން ރާއްޖެއަށް އައީއްސުރެ މިއަދާ ހަމަޔަށް ކިޔަވައިދިނުން މެދުކަނޑައެއްނުލަން. ރާއްޖޭގެ މަތީ ތަޢުލީމު ފޯރުކޮށްދޭ، ތަފާތު މަރްކަޒުތަކުގައި އަޅުގަނޑު ކިޔަވައިދެން. މިއަދުވެސް މަޢުހަދުގައި އަޅުގަނޑު ކިޔަވައިދެމުން ގެންދަން. އަޅުގަނޑު ދެކޭގޮތުގައި، މިއަދު އަޅުގަނޑުމެން ސަރުކާރުގެ އަމާޒަކަށްވާނީ އަދި މުޅި ދިވެހި ރައްޔިތުންގެ އަމާޒަކަށްވާންވާނީ، ދަރިވަރުންތަކެއް ހަމައެކަނި މަތީ މާކްސްތަކެއް ހޯދައިގެން ދާތަނުގެ ނުވަތަ އެ މަންޒަރުގެ އުފާ ލިބިގަތުމެއް ނޫނޭ. އަޅުގަނޑު އެދެން، މިވާހަކަ ވަރަށް ކަނުލައި ތިޔަބޭފުޅުން އަޑުއެއްސެވުން. މިއީ މުޅި ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު ދައްކަން ބޭނުންވާ ވާހަކައެއް.
އެއްވެސް ޝައްކެއްނެތް، މަތީ މާކްސް އަޅުގަނޑުމެން މި ހޯދަނީ ސަބަބަކަށްޓަކައި. އެ ސަބަބަކީ ކުރިންވެސް އަޅުގަނޑު ފާހަގަކުރި ފަދައިން، ޙަޔާތުގެ މަގުގައި ކުރިއަށް ދިޔުން. މަތީ މަޤާމެއް ހޯދުން. ތަނަވަސް ދިރިއުޅުމަކާ ހަމަޔަށް ދިޔުން. އަޅުގަނޑުމެންގެ ޙާލަތު ބަދަލުކުރުން. އެކަން ކިތަންމެހާވެސް ރަނގަޅު. އެކަމަކު އަޅުގަނޑު ދެކޭގޮތުގައި، ތަޢުލީމު ހާޞިލު ކުރުމުގައި، އެއަށްވުރެ މަތީ މަޤްޞަދެއް އެބައޮތް. އަޅުގަނޑުމެންގެ އެއަށްވުރެ މަތީ މަޤްޞަދެއް އޮންނަންވެސްޖެހޭ. އެ މަޤްޞަދަކީ މުޖްތަމަޢުގެ ޟަރޫރަތާއި، ދިވެހިންގެ ޢަޤީދާއާއި، އަޅުގަނޑުމެންގެ ތެރެއިން ނެތިގެންދާ އަޚްލާޤީ މިންގަނޑު، އަޅުގަނޑުމެންގެ ތެރޭގައި ދެމެހެއްޓުމަކީ، އަޅުގަނޑު ދެކޭގޮތުގައި، ހަމައެކަނި މަތީ މާކްސް ހޯދުމަށްވުރެ ބޮޑުކަމެއް. އަޅުގަނޑު މި ސަރުކާރުގެ ތެރެއަށް އައިސް، މި މަސައްކަތް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި މަސައްކަތްތަކެއް މިހާރު ވަނީ ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިރުޝާދުގެ ދަށުން ފަށާފައި. އަޅުގަނޑު ދެކޭގޮތުގައި، މާކްސްތައް ލިބިގެންދާ ދަރިވަރުންގެ ސްލޫކާއި، އަޚްލާޤާއި އުޅުން އަޅުގަނޑުމެންނަށް ފެންނަން އެބަޖެހޭ، ބިނާކުރަނިވި މުޖްތަމަޢެއްގެ ގޮތުގައި، އެކުދިން ދަތުރުކުރާތަން. އެކަމަށްޓަކައި ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ ތަޢުލީމާއި އަޚްލާޤިއްޔާތު އަޅުގަނޑުމެން މިވަނީ ތަޢާރުފްކޮށްފައި. ޢަރަބިބަސް ކިޔަވައިދިނުން، ރާއްޖޭގެ ސްކޫލްތަކުގެ ތެރެއަށް އަޅުގަނޑުމެން މިވަނީ ތަޢާރުފްކޮށްފައި. މިއަހަރު 14 އަށްވުރެ ގިނަ ސްކޫލެއްގައި ޢަރަބިބަސް ކިޔަވައިދޭއިރުގައި، އަޅުގަނޑު ފާހަގަކުރަން، މާތްﷲގެ ރަޙްމަތާ އެކީގައި، ކުރިއަށް މިއޮތް އަހަރުގެ ތެރޭގައި، މުޅިން ޢަރަބި ބަހުން ތަޢުލީމުދޭ، ދެ ސްކޫލެއް ރާއްޖޭގެ އުތުރާއި ދެކުނުގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤާއިމުކުރާނަން.
ޢިއްޒަތްތެރި ބެލެނިވެރިން:
އަޅުގަނޑުމެން މިއަދު، ދިވެހި ޤައުމު ދަތުރުކުރާ މިޞްރާބަށް ބަލާއިރުގައި، ރާއްޖޭގެ ދަރިން މަތީ ވަނަތައް ޙާޞިލު ކުރުމަކީ، ކޮންމެ ބެލެނިވެރިޔަކަށް، ކޮންމެ ދިވެއްސެއްގެ ހިތަށް ތަސައްލީ ލިބޭނެ ކަމެއް. އުފާވެރިކަން ލިބޭނެ ކަމެއް. އެކަމަކު އެއަށްވުރެ ބޮޑަށް އަޅުގަނޑުމެން ވިސްނަންޖެހޭ އިތުރު ކަންތައްތަކެއް ހުރިކަން އަޅުގަނޑު ގަބޫލުކުރަން. އެކަންތައްތަކަކީ ކޮބައިތޯ އެއީ، މިފަދަ ޖަލްސާއެއްގެ ތެރޭގައި އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް. މިއީ ވަނަތަކެއް ޙާޞިލުކޮށްގެން އިނާމުދޭ ޖަލްސާއެއް. މިއީ މައިންބަފައިން ފަޚްރުވެރިކަމާ އެކީގައި މި ޖަލްސާ ނިންމާފައި ގެއަށް ދާނެ ޖަލްސާއެއް. މިއީ މުދައްރިސުން މުޅި އަހަރުގައި ކުރި މަސައްކަތާއި، އެކަމުގެ އުފާފާޅުކުރާނެ ވަގުތެއް. އެކަމަކު މި މަސައްކަތް ރަމްޒުކޮށްދެނީ، ކޮންކަމަކަށްތޯ އަޅުގަނޑު ކުރިންވެސް، މި ސުވާލު ކުރިން. އަޅުގަނޑު ދެކޭގޮތުގައި، މި މަސައްކަތް ދަސްކޮށްދޭންޖެހޭނީ، ތިމާމެންގެ ދިރިއުޅުމުގައި ކުރިއެރުން ހޯދުމަކީ، ޝައްކެއްނެތް އޮތް ކަމެއް. އެކަން ކުރަން އަޅުގަނޑުމެން އެބަޖެހޭ.
ރާއްޖެ އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށްޓަކައި އަޅުގަނޑު މިދެންނެވީ، ތަޢުލީމީ ޤާބިލު ޒުވާނުން އެބަ ބޭނުންވެޔޭ. އެއްވެސް ޝައްކެއްނެތް، އެކަން އަޅުގަނޑުމެން އެބަ ކުރަންޖެހޭ. އެކަމަކު ކޮންމެ ދަރިވަރަކު، ކޮންމެ ބެލެނިވެރިޔަކު މިރޭ އަމިއްލަ ނަފްސާ ސުވާލުކުރަން އެބަޖެހޭ. މި ތަޢުލީމު، މި ވަނަތައް މި ޙާޞިލު ކުރަނީ، ހަމައެކަނި މާއްދީ ފައިދާއެއް ހޯދަންބާވައޭ. މި ވަނަތަކާއި، މި ރަން ވަނަތަކާއި، މި މަޤާމުތައް ޙާޞިލު މިކުރަނީ، ހަމައެކަނި ކުއްޖާގެ ދިރިއުޅުމަށް ތަނަވަސްކަން ގެންނަންބާވައޭ. ނޭނގުމެއްގެ ތެރޭގައި ނަމަވެސް، ނޭނގުމެއްގެ ތެރޭގައި ނަމަވެސް، މި ވިސްނުން އަޅުގަނޑުމެންގެ މުޖްތަމަޢަށް ވަރަށް ބޮޑަށް ފުޅާ ދާއިރާއެއްގައި ފެތުރިގެންދާކަމީ، މިއަދު ހިތާމަޔާ އެކީގައި އަޅުގަނޑުމެން ފާހަގަކުރަންޖެހޭ ކަމެއް. އަޅުގަނޑުމެންނަށް، ދަރިވަރުންނަށް، އަޅުގަނޑުމެންގެ ތެރެއިން މަތީ ތަޢުލީމަށްދާ ކުދިންނަށް އަދި ތަޢުލީމު ނިމުމަށްފަހުގައި، މުޖްތަމަޢަށްދާ ކޮންމެ ކުއްޖަކަށް ވިސްނައިދީފައި މިއޮންނަނީ، މުޅި ދިރިއުޅުމުގެ އަސާސަކީ، މުޅި ދިރިއުޅުން ބިނާވެފައި މިވަނީ، ތަނަވަސްކަމުގެ މައްޗަށް. މާއްދީ ކުރިއެރުމުގެ މައްޗަށް. އަދި ތިމާއަށް ލިބިގަންނަ މުއްސަނދި ކަމެއްގެ މައްޗަށް. މިއަދު އަޅުގަނޑު ހިތާމަކުރަން، މި ވިސްނުން އަޅުގަނޑުމެންގެ ތެރެއަށް ފެތުރިގެން ދިޔުމުގެ ނަތީޖާއަކަށް ވެފައި މިއޮތީ، ތަޢުލީމު ލިބިފައި ތިބި ޒުވާނުން އަޅުގަނޑުމެންގެ ތެރެއަށް އިތުރުވެގެންދާ މިންވަރަކަށް، އަޅުގަނޑުމެންގެ މުޖްތަމަޢުގެ ސުލޫކާއި އަޚްލާޤިއްޔާތު ނުވަތަ އަޅުގަނޑުމެންގެ ވީރާނާވަމުންދާ އިޖްތިމާޢީ ފޭރާން އިޢާދަވަމުންދާ މަންޒަރެއް އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން މަސައްކަތަކަށް ނުކުތް ކަމުގައިވިޔަސް، އަޅުގަނޑުމެން ޢާންމު އިޖްތިމާޢީ ޙަރަކާތަކަށް ނުކުތް ކަމުގައިވިޔަސް، އަޅުގަނޑުމެން ރާއްޖެއަށް ކުރިމަތިވާ އިންތިޚާބަކަށް ނުކުތް ކަމުގައިވީނަމަވެސް، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ކޮންމެ ދުވަހެއްގެ މަސައްކަތަށް ނުކުތް ކަމުގައިވީނަމަވެސް، އެ މަސައްކަތަކީ ސަރުކާރު ހިންގުން ކަމުގައިވީނަމަވެސް، އެ މަސައްކަތަކީ ޤާނޫނު ހެދުން ކަމުގައިވީނަމަވެސް، އެ މަސައްކަތަކީ ދުސްތޫރީ ޒިންމާ އަދާކުރުން ކަމުގައިވީނަމަވެސް، މިއިން ކޮންމެ ކަމެއް މިއަދު އެންމެފަހު މަރްޙަލާގައި ގޮސް ނިމިގެންދަނީ، އެމީހެއްގެ ޖީބަށް ވަންނަ ފައިސާ ފޮއްޗެއްގެ މައްޗަށް. އެމީހަކަށް ލިބޭ އެއްޗެއްގެ މައްޗަށް. ތިމާގެ ކޮންމެ ނިންމުމެއް، ތިމާ ނިންމަނީ ވަކި ކަމަކަށް ޝަރުޠުކޮށްފައި ކަމަށް، މިއީ މިއަދު އަޅުގަނޑުމެންގެ މުޖްތަމަޢުގެ އެންމެން ދަންނަ ސިއްރެއް. އެއްކަލަ ތަޢުލީމު ލިބިފައި ތިބި ދަރިވަރުން އަޅުގަނޑުމެން އެބަ ނެރެން. ފަޚްރުވެރި މައިންބަފައިން ތިޔަ ތިއްބެވީ. ތިޔަ ދަރިވަރުން މިރޭ ތިޔަ ގެންދިޔައީ ފަޚްރުވެރި ވަނަތައް. އެކަމަކު ތިމާގެ އެންމެފަހުގެ ނިންމުން، ތިމާގެ ޙަޔާތުގެ މަންޒިލަށް، ތިމާގެ މަސައްކަތަށް ނުކުތުމަށްފަހުގައި، ތިމާކުރާ ކޮންމެ ކަމެއްގެ ވާސްޠާއަކީ ފައިސާ ކަމަށްވެއްޖެ މުޖްތަމަޢެއްގައި ފެތުރިގެންދާނީ ފަސާދަ. ފަސާދައިގެ ބަލިމަޑުކަން، އެ މުޖްތަމަޢެއް ނެތިގެންދާނީ. އެ މުޖްތަމަޢަކަށް ވެރިވެގެންދާނީ ވީރާނާކަން.
މިހެންވީމާ މިއަދު އަޅުގަނޑުމެންނަށް ފެނިގެންދާނީ، އަޅުގަނޑުމެންނަށްވުރެ މާ ތަނަވަސް، އަޅުގަނޑުމެންނަށްވުރެ މާގިނަ ވަސީލަތްތައް اللّـه سبحـانـه وتعـالىމިންވަރު ކުރައްވާފައިވާ ޤައުމުތައް، އެފްރިކާއަށް ބެލިކަމުގައިވީނަމަވެސް، މެދުއިރުމައްޗަށް ބެލިކަމުގައިވީނަމަވެސް، އެ މުޖްތަމަޢުގެ ތެރޭގައި ހަމަޖެހުމެއް ނެތް. އެ މުޖްތަމަޢުގެ ތެރޭގައި އުފާވެރިކަމެއް ނެތް. އެކަމަކު އެޔާ އަޅާބަލާއިރުގައި، އަޅުގަނޑުމެންފަދަ އިސްލާމީ ޢަޤީދާ ނެތް އެހެނިހެން ޤައުމުތައް، އެއީ އިނގިރޭސިވިލާތް ކަމުގައިވީނަމަވެސް، އެއީ އެމެރިކާ ކަމުގައިވީނަމަވެސް އަދި މިފަދަ އެހެން ޤައުމުތައް ކަމުގައިވިޔަސް، އެޤައުމުގެ ތެރޭގައި ހަމަޖެހުން އޮވޭ، އުފާވެރިކަން އޮވޭ. އެޤައުމުގެ ތެރޭގައި ހަމަޔާއި އުޞޫލު ހިނގާ. ސަބަބަކީ ކޮބައިތޯ މިއަދު މުސްލިމުންގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ސުވާލުކުރަން ޖެހޭނެ. ސަބަބަކީ މިއަދު އަޅުގަނޑުމެން ހަނދާންނެތުނީ. އަޅުގަނޑުމެންގެ ތެރޭގައި އެންމެ އިސްކަންދޭންޖެހޭ ކަމަކީ، އަޅުގަނޑުމެން ހަމައެކަނި ތަނަވަސްކަމަށް ނޫންކަން. އިސްކަންދޭންޖެހެނީ ހަމައެކަނި ތިމާގެ އަތަށްއަރާ ފައިސާއަކަށް ނޫންކަން. އިސްކަންދޭންޖެހެނީ މާއްދީ ކުރިއެރުމަށް ނޫންކަން. އަޅުގަނޑުމެން އިސްކަން ދޭންޖެހެނީ، އަޅުގަނޑުމެންގެ އުޅުމަށް. އަޅުގަނޑުމެންގެ އަޚްލާޤަށް. އެއްވެސް މުޖްތަމަޢެއް، އެއްވެސް ޤައުމެއް، އެއްވެސް އުއްމަތެއް ކުރިއަކަށް ނާރާނެ، އެ އުއްމަތަކީ، އެ އުއްމަތުގެ ކުރިއެރުމަކީ، އެ އުއްމަތުގެ އިޤްތިޞާދީ ކުރިއެރުމަކީވެސް އަޚްލާޤާއި، ރިވެތި ހަމަތަކާއި، ޢިލްމުގެ ތެރެއިން ކުރިއަރާ، ކުރިއަށްދާ މުޖްތަމަޢަކަށް ނަހަދައިފި ކަމުގައިވާނަމަ.
އެހެންވީމާ، ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، كُنْ فِي الدُّنْيَا كَأنَّكَ غَرِيْبٌ أَوْ عَابِرٌ سَبيِل މިއީ މުސްލިމުންނަށް ކީރިތި ރަސޫލާ  ޙަދީޘްފުޅު ކުރައްވާފައިވާ ވަރަށް މަތިވެރި ބަސްފުޅެއް. މާނައަކީ ދުނިޔޭގައި ތިބާ އުޅޭށޭ ބީރައްޓެއްސެއްގެ ގޮތުގައި. ނުވަތަ ދަތުރުވެރިއެއްގެ ގޮތުގައި ތިމާ އުޅޭށޭ. އެކަމަކު މި މަންޒަރު މިއަދު އަޅުގަނޑަކަށް ނުފެނޭ. އަޅުގަނޑުމެން ފަޚްރުވެރިކަމާ އެކީގައި ދަރިންނަށް މަތީ ތަޢުލީމު އުނގަންނައިދިނުމަށްފަހުގައި، މަތީ މަޤާމުތަކަށް ފޮނުވަނީ. ސަރުކާރު ހިންގުމަށް ފޮނުވަނީ، ޤާނޫނު ހަދަން ފޮނުވަނީ، ޝަރުޢީ ދާއިރާ ހިންގުމަށް ފޮނުވަނީ. އެކަމަކު ކޮންމެ ކަމަކާ ހަމަޔަށް ފައިސާއާއި ތަނަވަސްކަން ވާސްޠާއަކަށް ވެގެން ދިޔުމުގެ ނަތީޖާއަކީ، މި ރާއްޖޭގައި މިއަދު ތިޔަ މައިންބަފައިން ފަޚްރުވެރިކަމާއެކީގައި ނެރޭ ދަރިންތައް، ޙަޤީޤަތުގައި އެ ދަރިންތަކުގެ ޙުރްމަތް ކެނޑިގެންދާކަން. ޙަޤީޤަތުގައި މުޖްތަމަޢުގެ ޙުރްމަތް ކެނޑިގެންދާ ކަމެއް. ޙަޤީޤަތުގައި އަޅުގަނޑުމެންގެ އަޚްލާޤިއްޔާތު ވީރާނާވެގެންދާ ކަމެއް. ވަރަށްގިނަ އަންހެން ބޭކަނބަލުން އެބަ ތިއްބެވި މިޖަލްސާގައި. ވަރަށްގިނަ އަންހެން ދަރިވަރުންވެސް އެބަ ތިއްބެވި. އަޅުގަނޑު ތިޔަ ދަރިވަރުންނާއި، ތިޔަ ބެލެނިވެރިންގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ހަމަ ކުޑަކުޑަ ވާހަކައެއް ދަންނަވާފައި، އަޅުގަނޑުގެ ވާހަކަ ނިންމާލާނަން.
ވަރަށް މަޝްހޫރު ޞަޙާބީއެއް، އަސްމާ ބިންތި އަބޫބަކުރު. އެކަމަނާގެ ދަރިކަލުންނަކީ ވަރަށް މަޝްހޫރު ޞަޙާބީއެއް. އެއީ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ޢަބްދުﷲ ބިން ޒުބައިރު. ޢަބްދުﷲ ބިން ޒުބައިރު، އެކަލޭގެފާނު މައްކާގައި ހޭދަކުރެއްވި ވަގުތުގައި، އެދުވަސްވަރު އިސްލާމީ ދުނިޔޭގައި އުފެދުނު ހަމަނުޖެހުމެއްގެ ތެރޭގައި، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، ޢަބްދުލްމަލިކު ބިން މަރްވާނު، އެއީ އޭރުގައި ވެރިކަން ކުރައްވަމުން ގެންދެވި ބޭފުޅެއް. މައްކާ ހިފުމަށްޓަކައި ޙައްޖާޖު ބުނު ޔޫސުފް ފޮނުވި. މައްކާގެ ވެރިކަން އެވަގުތު އޮތީ، ޢަބްދުﷲ ބުނު ޒުބައިރުގެ އަތްޕުޅުގައި. ވަރަށް ސާފުކޮށް އެނގުނު މައްކާ ހިފާނެކަން. އެހިނދު ޢަބްދުﷲ ބުނު ޒުބައިރު ވަޑައިގަތީ މަންމާފުޅުގެ އަރިހަށް. އަސްމާ ބިންތި އަބޫބަކުރުގެ އަރިހަށް. ވަޑައިގެން ވިދާޅުވަނީ، ތިމަންނަ ދެން ހަދަންވީ ކިހިނެއްހެއްޔޭ. މިމީހުން ތިމަންނަ ހިފައިފި ކަމުގައިވާނަމަ، ތިމަންނަގެ ހަށިކޮޅަށް ވަރަށް ބޮޑެތި ގެއްލުންދޭނެކަން ޔަޤީނޭ. އެހިނދު އަސްމާ ބިންތި އަބޫބަކުރު ވިދާޅުވި ބަސްފުޅު އެއީ މިއަދު އަޅުގަނޑުމެން، ޚާއްޞަ ގޮތެއްގައި އަންހެން ބޭކަނބަލުން ދަރިން ތަރުބިއްޔަތު ކުރުމުގައި ނަމޫނާއަކަށް ނަގަންޖެހޭފަދަ ބަހެއް. އެކަމަނާ ވިދާޅުވަނީ، [އަބުރުވެރިކަމާއެކު މަރުވުން، އަބުރުވެރިކަމާއެކު މަރުވުން، އަބުރެއްނެތި، ޢިއްޒަތެއްނެތި ލިބޭ ދިރިއުޅުމަކަށްވުރެ، މާ މާތްކަން ބޮޑޭ.]
މިއަދު އަޅުގަނޑުގެ ނަޞޭޙަތަކީ، ދިވެހިރާއްޖޭގެ ރައްޔިތުން، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ހަމައެކަނި މާއްދީ ތަނަވަސްކަމަށް ނުވިސްނުން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ، ޢިލްމު އުނގެނެނީ ސަބަބަކަށްޓަކައިކަން. ދެންމެ މިތާނގައި ކިޔެވިދިޔަ އާޔަތްތަކުގެ ތެރޭގައިވެސް ދިޔަފަދައިން. إِنَّمَا يَخْشَى اللَّـهَ مِنْ عِبَادِهِ الْعُلَمَاءُ [އުނގެނޭ މީހުންނަކީ، ﷲ އަށް އެންމެ ބޮޑަށް ބިރުވެތިވާ މީހުންނޭ.] އެ މަންޒަރު ދިވެހި މުޖްތަމަޢުން ފެންނަންޖެހޭނެ. އެ މަންޒަރު ސަރުކާރު ހިންގުމުގެ ތެރެއިން ފެންނަންޖެހޭނެ. އެ މަންޒަރު، ރައްޔިތުންގެ މަޖިލީހުގައި ވޯޓްދޭއިރުގައި ފެންނަންޖެހޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ޝަރުޢީ ނިޒާމުގެ ތެރެއިން ފެންނަންޖެހޭ. އެ މަންޒަރު އަޅުގަނޑުމެންނަށް، ރައްޔިތުންގެ ކުރިމައްޗަށް ވޯޓަށް އަންނައިރުގައި ފެންނަންޖެހޭ. ރައްޔިތުން ވޯޓްދޭއިރު ފެންނަންޖެހޭ. އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގެ ތެރެއިން ފެންނަންޖެހޭ.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކޮންމެ މީހަކުވެސް، އަޅުގަނޑުމެންގެ ކުދިން ތަރުބިއްޔަތު ކުރުމުގައި، އިސްލާމީ ރިވެތި އަޚްލާޤުގެ ތެރެއިން ކުދިން ތަރުބިއްޔަތު ކުރުން. ތިމާގެ ދަރިން، ޞާލިޙު ދަރިންގެ ގޮތުގައި މުޖްތަމަޢަށް ނެރެވޭނީ، ޚުދު ތިމާ ޞާލިޙު ޢަމަލުތަކުގެ މަތީގައި ދެމިހުރެގެން. އެހެންވީމާ، ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ ތިޔަބައިމީހުން ބާޠިލު ތަކެތި ނުކާހުށިކަމެވެ. ބާޠިލު ގޮތުގައި ހޯދާ ތަކެތި، ތިޔަބައިމީހުން ނުކާހުށިކަމެވެ. ބާޠިލު ގޮތުގައި ލިބުނު ގޮތަކަށް، އެކިކަންތަކަށް ވާސްޠާދީ، ވޯޓަށާއި، ޤާނޫނުހަދާ ވަގުތުގަޔާއި، ސަރުކާރު ހިންގުމުގަޔާއި، ޝަރީޢަތް ކުރުމުގެ ތެރޭގައި، ނުޙައްޤު ގޮތުން ހޯދާ ފައިސާއިން ދަރިން ތަރުބިއްޔަތުކޮށްފި ކަމުގައިވާނަމަ، އެ މުޖްތަމަޢެއްގެ ތެރޭގައި ބަލިމަޑުކަމާއި ފަސާދަ ފެތުރިގެންދާނެ.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالىއަޅުގަނޑުމެންގެ މި މުޖްތަމަޢު، މިފަދަ ހުރިހާ ކަންތައްތަކުން ރައްކާތެރި ކުރެއްވުން. އަޅުގަނޑުމެންގެ ދަރިން ތަރުބިއްޔަތު ކުރުމުގައި، އިސްލާމީ ހަމަތަކުގެ މަތިން ދަރިން ތަރުބިއްޔަތު ކުރުމުގެ ތައުފީޤު، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން.
އަދިވެސް އެއްފަހަރު، މިރޭގެ ރަން ވަނަތައް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުންގެ ބެލެނިވެރިންނަށް، މި ސްކޫލްގެ ހީވާގި މުދައްރިސުންނަށާއި ޕްރިންސިޕަލުންނަށް، ތިޔަބޭފުޅުން ކުރެއްވި މަސައްކަތަށް އައްސަރިބަހާއި، ސާބަހާއި ޝުކުރު އަދާކުރަން. اللّـه سبحـانـه وتعـالىއަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه