بســم اللّـه الرّحمـن الرّحيــم

الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه وَعلـى آلـه وَصَحْبِـهِ أجمـعـين.

ފީއަލީގެ ކައުންސިލްގެ ރައީސް، ކައުންސިލްގެ މެންބަރުން، މިއަތޮޅު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލްގެ މެންބަރުން އަދި އަޅުގަނޑާއެކީގައި މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ އަޅުގަނޑުމެންގެ ޢިއްޒަތްތެރި އަޚު ޚަލީލު، މިރަށުގެ ލޮބުވެތި ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވެގަންނާނީ، މިއަދުގެ މިފަދަ ވަގުތެއްގައި މިރަށަށް މިކުރި ޒިޔާރަތާ ގުޅިގެންވެސް މިރަށުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތިޔަ ދެއްވި މެހްމާންދާރީއަށް އަދި ވިދާޅުވި މަރްޙަބާއަށްޓަކައި މިރަށުގެ ރައްޔިތުންނަށް ތަޢުރީފް އަދާކުރަން، ރައްޔިތުންނަށް ޝުކުރު އަދާކުރަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އަޅުގަނޑުމެން، ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު މިކުރާ ދަތުރަކީ، ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހާއި އަދި އޭގެކުރީގައި ރިޔާސީ އިންތިޚާބަށްފަހުގައި، ޙަޤީޤަތުގައި ތިޔަބޭފުޅުންނާ ހަމަޔަށް ކުރާ ދަތުރުތަކެއް މިއީ. އެނގިވަޑައިގަންނަވާނެ، ވަރަށް ވާދަވެރި އިންތިޚާބުތަކެއް ރާއްޖޭގައި މިދިޔައީ، ޖެހިޖެހިގެން ވަރަށް ކައިރީގައި ނިމިގެން. އޭގެތެރޭގައި ރިޔާސީ އިންތިޚާބަކީ، އަޅުގަނޑު މިހާ ހިސާބަށް ގެނުވި އެއް އިންތިޚާބު. މިރަށަށްވެސް އަޅުގަނޑު ޒިޔާރަތް ކުރިން. އަދި ހަމައެއާއެކީގައި ވަރަށް ފޯރިގަދަކޮށް، ވަރަށް ވާދަވެރި މާޙައުލެއްގެ ތެރޭގައި، މި އިންތިޚާބުތައް ނިމިގެން ގޮއްސަ މިއޮތީ. އެއަށްފަހުގައި މިއައީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު. އަދި އެ އިންތިޚާބުގައިވެސް ވަރަށް ވާދަވެރި ގޮތެއްގައި، އަޅުގަނޑުމެން ހުރިހާ ފަރާތްތަކުން ވާދަކުރުމަށްފަހުގައި، މިހާރު އެ ޖަލްސާތައްވެސް އަޅުގަނޑުމެން މިވަނީ ނިންމާލާފައި.

އަޅުގަނޑު މި ފުރްޞަތުގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، އަޅުގަނޑުމެންނަށްޓަކައި މަސައްކަތް ކޮށްދެއްވި، ބުރަ މަސައްކަތް ކޮށްދެއްވި ރައްޔިތުންތަކެއް މިރަށުގައިވެސް އެބަ ތިއްބެވި. މި ދާއިރާގައިވެސް އެބަ ތިއްބެވި. އަދި މިއަތޮޅުގައިވެސް އެބަ ތިއްބެވި. ހަމައެއާއެކީގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ވަރަށް ވާދަވެރި ގޮތެއްގައި އަޅުގަނޑުމެންނަށް މަސައްކަތް ކޮށްދެއްވި މެންބަރުން އެބަ ތިއްބެވި. އޭގެއިތުރުން، އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވި މެންބަރުންވެސް ހަމަ މިރަށުގެ، މިއަތޮޅުގެ ލޮބުވެތި ރައްޔިތުން އެބަ ތިއްބެވި. އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވި މެންބަރުންވެސް މަސައްކަތް ކުރެއްވީ، އެބޭފުޅުންގެ ނަޒަރުގައިވެސް ކަންތައްތަކެއް ރަނގަޅު ކުރުމަށްޓަކައި، އިޞްލާޙަށްޓަކައި. އެހެންވީމާ، ޖުމްލަ ގޮތެއްގައި މިދެފަރާތްވެސް މިކުރި ވާދަވެރި، ފޯރިގަދަ މަސައްކަތަށްޓަކައި ތިޔަ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު މިފަހަރު މިގޮތަށް މި ބައްދަލުވާ ފުރަތަމަ ފަހަރު ކަމަށްވާތީ، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީންގެ ނަންފުޅުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް، ޚާއްޞަ ގޮތެއްގައި، މިރަށުގެ ޒުވާނުންނަށާއި، މިރަށުގެ ކަމުވޮށިވެގެންވާ އެންމެހާ ފަރާތްތަކަށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު އަދާކުރަން.

އަޅުގަނޑު މިރަށަށް އަރައިގެން އައި ވަގުތުގައި، އަޅުގަނޑަށް އިޙްސާސްވި މިރަށުގައި، ހަމަ ވަރަށް ވާދަވެރި ރޫޙެއް އެބައޮތްކަން. ޒުވާނުންގެ ތެރޭގައިވެސް ވަރަށް އިޙްސާސްތަކެއް ހުރިކަން. ކޮންމެވެސްވަރެއްގެ އަޑުތަކެއް އަޅުގަނޑާ ހަމައަށް އިވިގެންދިޔަ. އަދި ހަމައެއާއެކީގައި، މިރަށުގެ ކައުންސިލްވެސް، ކައުންސިލްގެ ފަރާތުންވެސް އަޅުގަނޑަށް ބައެއް ވާހަކަތައް ދެންމެ ޙިއްޞާކޮށްފި. އަޅުގަނޑުމެން މި ދަތުރު މިކުރަނީ، މިދެންނެވި އިޙްސާސްތައް ދެނެގަތުމަށްޓަކައި، އަޑުއެހުމަށްޓަކައި. މިރަށަކީ، މިރަށުގެ ކައުންސިލްގެ ރައީސް ދެންމެ އެ ވިދާޅުވިގޮތުގައި، މިރަށުގެ ރައްޔިތުންވެސް ޙާޞިލުކުރަން ބޭނުންވާ ކަންތައްތަކެއް ހުރި ރަށެއް. ޚާއްޞަ ގޮތެއްގައި، މިރަށުގައި ޞިއްޙީ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް މިރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބެން ހުރުމަކީ، މިއަދު މިރަށުގެ ރައްޔިތުން ބޭނުންވާ ކަމެއް.
އަޅުގަނޑުމެން ސަރުކާރު މިހާ ހިސާބަށް ދަތުރުކުރިއިރުގައި، އެންމެބޮޑު އެއް އިސްކަމެއް މި ދިނީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އިޖުތިމާޢީ އަސާސީ ޚިދްމަތްތަކެއް ރަނގަޅުކޮށްދިނުމަށްޓަކައި. މިދިޔަ ދުވަސްތަކުގައި، އެކަމަށްޓަކައި ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް ކުރެވިފައިވޭ. ރަނގަޅު ވާހަކައެއް، ކޮންމެ ރައްޔިތަކު އެދޭ މިންވަރަކަށް، އެދޭހާ ބާރުމިނެއްގައި ހުރިހާ ކަމެއް ނުވެ އޮވެދާނެ. އެކަމަކު ގަބޫލު ކުރައްވާ، ސަރުކާރުގެ އެންމެ އިސް ވާޖިބަކަށްވީ، އެންމެ މުހިންމު ކަންތައްތަކަކީ ކޮބައިކަން ދެނެގަތުން. އަޅުގަނޑުމެން އައިއިރުގައި، ޙާލަތު އޮތީ ވަރަށް ނާޒުކު ގޮތެއްގައި. އެއީ އަޅުގަނޑުމެން، ރާއްޖޭގެ އެކި ހިސާބުތަކަށް، އަޅުގަނޑެކޭ އެއްފަދައިން، ތިޔަބޭފުޅުންވެސް ހަމަ މި އިޙްސާސްތައް ކުރާނެ. އަޅުގަނޑުމެންގެ ޢާންމު ރައްޔިތެއްގެ އެންމެބޮޑު ކެކުޅުންތަކަކަށް ވެފައި އޮތީ، ބައްޔެއްވެއްޖެނަމަ، ދެން ހަދާނެ ގޮތެއް. ބޮޑު ބައްޔެއްވެއްޖެނަމަ، ދެން ތިމާ ދާނެ ދިމާއެއް ނޭނގުން. ނިކަމެތިވުން. އަތްދިއްކުރަން ޖެހުން. މިކަމަށް ރައީސް ނަޝީދުގެ ސަރުކާރުގައި، އެބޭފުޅާވެސް މަސައްކަތްތަކެއް ކުރެއްވި. އެއަށްފަހުގައި އަޅުގަނޑުމެން މިއައީ. ރައީސް ނަޝީދުގެ ސަރުކާރުގައި ކުރެއްވި މަސައްކަތުގެ ތެރޭގައި، އެއްލައްކަ ރުފިޔާއާ ހަމައަށް ދިޔައީމަ ހުސްވާގޮތަށް އޮތީ. އެހެން ނަމަވެސް، ރައީސް ޔާމީންގެ ވިސްނުންފުޅު އޮތީ، ރައްޔިތުންނަށް މި ޚިދްމަތް މެދުނުކެނޑި ލިބޭނެގޮތެއްވުން. އެއްލައްކައަށްވުރެ މައްޗަށް ދާންޖެހުނަސް ދިނުން. ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ ސަރުކާރު އައިސްގެން މިވީ މުއްދަތުގެ ތެރޭގައި، މިއަދާ ހަމައަށް، 500 އަށްވުރެ ގިނަ މިލިއަން ރުފިޔާ، ހުސްނުވާ އާސަންދައިން މިދަނީ ޚަރަދު ކުރަމުން. އެއީ، ރައްޔިތުން ހަމަ ރަށުން މާލެއަށް، އަތޮޅަށް، އެއްތަނުން އަނެއް ތަނަށް، ސީ އެމްބިއުލެންސްގައި އަދި މާލެއިން ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި. ބައެއްފަހަރު އެބަހުރި، އެންމެ ފަރުދަކަށް، އެންމެ ޝަޚްޞަކަށްވެސް އެއްލައްކަ، ދެލައްކަ، ތިންލައްކައަށްވުރެ ގިނައިންވެސް ޚަރަދު ކުރެވިފައި.

މިއަދު އަޅުގަނޑު ބޭނުންވޭ، މި ފުރްޞަތުގައި ތިޔަބޭފުޅުންނަށް ދަންނަވާލަން. މިއީ އަޅުގަނޑުމެން ޙަޤީޤަތުގައި ފާހަގަކުރަންޖެހޭ ކަންތައްތައް. އަޅުގަނޑަށް އެނގޭ، ވަރަށް ބައިވަރު ކަންތައްތަކެއް ހުރެދާނެ، ނުވާ ކަންތައްތަކެއް. ނުކުރެވޭ ކަންތައްތަކެއްވެސް ހުރެދާނެ. އެކަމަކު ކުރެވުނު ކަންތައްތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ޖެހޭ اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދުކުރަން، ޝުކުރުކުރަން، އަޅުގަނޑުމެންފަދަ ރައްޔިތުންނަށް އެފަދަ ކަންތައްތަކެއް މެދުވެރިވީތީ. މިކަންތައްތައް މިކުރީ، އެއްވެސް ހާލެއްގައި ރާއްޖޭގެ އާމްދަނީއަކަށް ބޮޑު މާސިންގާ ބަދަލުތަކެއް އައިސްގެނެއް ނޫން. އިޤްތިޞާދަށް އިތުރު ފައިސާތަކެއް ވަދެގެނެއް ނޫން. ހަމަ އަޅުގަނޑުމެންގެ މިއޮތް ނިކަމެތި މާޙައުލުގައި، ނިކަމެތި އިޤްތިޞާދީ އޮނިގަނޑުގެ ތެރެއިން މިކަން ކުރީ. އެހެންވީމާ، އަޅުގަނޑުމެން، މުސްލިމުންގެ ހައިސިއްޔަތުން އެބަޖެހޭ މިފަދަ ކަންތައްތައް ބަލައިގަންނަން. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، لَئِن شَكَرْتُمْ لَأَزِيدَنَّكُمْ  وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ތިމަން ﷲ ތިޔަބައިމީހުން ނިޢުމަތްތަކަށް ޝުކުރުކުރާ ކަމުގައިވާނަމަ، އެ ޝުކުރުކުރާ ކަމުގައިވާނަމަ، އެ ނިޢުމަތްތައް އިތުރުކުރައްވާނަމެވެ. އަދި ނިޢުމަތްތަކަށް ކުފުރުވެރިނުވާހުށިކަމެވެ.

މިވާހަކަ މިދަންނަވަނީ އަޅުގަނޑަށް، މިތަނަށް ވަދެގެން އައިއިރުގައި، ވަރަށްމީރު ވަހެއް އެބަދުވާ. ކައްކާ ވަސްވެސް އެބަދުވާ. މިރަށުގައި ވަރަށްބޮޑު ކަންތައްތަކެއް ހިނގާ ކަމުގެ ޚަބަރެއް މި އިވެނީ. މީރު ކާއެއްޗެހީގެ ވަސް އެބައާދޭ އަޅުގަނޑުމެންގެ ނޭފަތާ ހަމައަށް އެބަޖެހޭ. އަޅުގަނޑު އަހައިފިން، ކިހިނެއްވެގެންތޯ މިއުޅެނީ. އަންހެންވެރިން ވަރަށް އަވަދިނެތި މިތާނގައި މަސައްކަތުގައި އެބަތިބިކަން ފާހަގަކުރެވޭ. އެ މަސައްކަތް އެ ކުރެވެނީ ވަރަށް މާތް މަޤްޞަދެއްގައި. އެއީ އަޅުގަނޑުމެންގެ، އަޅުގަނޑުމެންފަދަ މުސްލިމް އަޚުންނާއި އުޚުތުން، ވަރަށް ނިކަމެތި ހާލުގައި، އެއްވެސް ކަހަލަ އިންސާނީ ޙައްޤެއް ނުލިބި، މިއަދުވެސް ކުޑަކުޑަކުދިން، ތުއްތުކުދިން ޝަހީދުވަމުން އެދަނީ ޣާޒާގަޔާއި ފަލަސްޠީނުގައި. އެކަމަށްޓަކައި ތިޔަބޭފުޅުންވެސް އެހީތެރިވާން ބޭނުންވަނީ. ރާއްޖޭގެ ހުރިހާ ރައްޔިތުން އެކަމަށްޓަކައި ބޮޑެތި ޤުރްބާނީތަކެއްވެއްޖެ. އެއީ ކީއްވެގެންތޯ؟ އެ ސުވާލު މިއަދު ކޮށްލަންޖެހެނީ. އެއީ ކީއްވެގެންތޯ؟ މިކަން އަޅުގަނޑުމެން މިކުރަނީ ކީއްވެގެންތޯ؟ ކީއްވެގެންތޯ، މާދުރުގައި ތިބި ބަޔަކަށް އަޅުގަނޑުމެން މިކަން ކުރަން މިޖެހުނީ. އެއީ، ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވަނީ، إِنَّمَا الْمُؤْمِنُونَ إِخْوَةٌ،فَأَصْلِحُوا بَيْنَ أَخَوَيْكُمْ މުއުމިނުންނަކީ ކޮންމެ ތަނެއްގައި ތިއްބަސް، އަފްޣާނިސްތާނުގައި ތިއްބަސް، ބަރުމާގައި ތިއްބަސް، ކަޝްމީރުގައި ތިއްބަސް، އިންޑިއާގައި ތިއްބަސް، ފަލަސްޠީނުގައި ތިއްބަސް، ރާއްޖޭގައި ތިއްބަސް އަދި އިނގިރޭސިވިލާތުގައި ތިއްބަސް، إِنَّمَا الْمُؤْمِنُونَ إِخْوَةٌ،މުއުމިނުންނަކީ އަޚުންތަކެކޭ. އެމީހުންގެ މެދުގައި ޞުލްޙަކުރާށޭ، އެކުވެރިވާށޭ.

އެހެންވީމާ، އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑަށް އެނގޭ، ކެކުޅުންތަކެއް އެބަހުރިކަން. އަޅުގަނޑު އަރައިގެން އައިއިރުވެސް އެ އިޙްސާސްތައް އެއައީ. އެކަމަކު މިއީ މިހާރު މިކަންތައްތައް ދޫކޮށްލަންވީ ވަގުތު. މި ކެކުޅުންތަކާ ކުރިމަތިލުމާ، މިއީ އަޅުގަނޑަށް އެނގޭ، މިއަށްވުރެ ރީތިކޮށްވެސް މިކަންތައްތައް އަޅުގަނޑުމެންނަށް ޙައްލުކުރެވޭނެ. މާދުރުގައި ތިބި ބަޔަކަށް އެހީވުމަށްޓަކައި ތިޔަބޭފުޅުން ތިޔަ މަސައްކަތް ކުރައްވަނީ. އަޅުގަނޑުމެންނަކީ މިފަސްގަނޑުގެ ދަރިން. ތިޔަބޭފުޅުންގެ ދަރިން. ހަމަ ރާއްޖެތެރޭގެ މީހުން އަޅުގަނޑުމެންނަކީވެސް. ތިޔަބޭފުޅުންނާ ހަމައަށް މި އަންނަނީ، އަޅުގަނޑުމެންވެސް މި ޚިދްމަތް ކުރުމުގެ ރޫޙުގައި، އެ ނިޔަތުގައި. اللّـه سبحـانـه وتعـالى އަޅުގަނޑުމެން މި ފަސްގަނޑުގައި މިހާ މިނިވަންކަމެއްގެ މަތީގައި ލެއްވިކަން، މިއަދު ކައްކަމުންދާއިރުގައި، ތިޔަބޭފުޅުންނަށް އިޙްސާސްވާނެ، ފަލަސްޠީނުގައި މާ ބޮޑު، މާ ބިޔަ، ހަށިގަނޑުންވެސް މާ ބޮޑުކޮށް ހެދިފައި ތިބި މީހުން، އިންސާނުން އެމީހުންނަކީ. އެކަމަކު އެމީހުންނަށް އަޅުގަނޑުމެންނަށް މި ލިބުނު ނިޢުމަތް މިންވަރުވެފައެއް ނެތް މިއަދަކު. އަޅުގަނޑުމެން މާ ނިކަމެތި، އަތޮޅުތަކަކަށް، ރަށްތަކަކަށް، ކުދިކުދި ޖަޒީރާތަކަކަށް ބެހިފައި ތިބި ބަޔަކަށް މިއަދު މިވަރުގެ ނިޢުމަތެއް، މިނިވަންކަންމަތީގައި ނޭވާލައި، ތިމާމެން ބޭނުންވާ އިސްލާމީ ޢަޤީދާގެ މަތީގައި ފައިތިލަ ސާބިތުކޮށް ތިބުމުގައި، މި ހިޔާވަހިކަން اللّـه سبحـانـه وتعـالىމިންވަރު ކުރެއްވީމަ، މިއަދު ހަނދާންކުރަން އެބަޖެހޭ، އެއީ އަޅުގަނޑުމެންނަށް މި ލިބުނީ ކިހާ މިންވަރެއްގެ ނިޢުމަތެއްކަން. މިއީ އެކުވެރިކަމުގެ ސަބަބުން ލިބުނު ނިޢުމަތެއް. މިއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައިވަންތަކަމުން ލިބުނު ނިޢުމަތެއް. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ފުރްޞަތުގައި އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެން ކޮންމެ ފިކުރެއްގައިވިޔަސް، ސިޔާސީ ފިކުރު ރާއްޖެއަށް މިއޮތީ އައިސްފައި. ވެރިކަމުގެ ފިކުރު ތަފާތުވެއްޖެ. އެއްއިރެއްގައި، އެމް.ޑީ.ޕީ، މިއަދު ޕީ.ޕީ.އެމް ގުޅިފައިވާ ބައެއް މިއައީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޚިދްމަތް ދިނުމުގައި އެއްވެސް ހާލެއްގައި ނުބަލާނަން، އެއީ ކޮން ކުލައެއްތޯ، އެއީ ކޮންބައެއްތޯ. އެގޮތަށް ބަލައިގެން ނުވާނެ. އަޅުގަނޑުމެންނަކީ މުސްލިމުން. އަޅުގަނޑުމެންނަކީ އެއްބައެއް. ސިޔާސީ ވިސްނުމާއި ފިކުރު އައީ، އަޅުގަނޑުމެންގެ ތެރޭގައި ހިންގުމުގެ ދާއިރާ ވަރުގަދަކުރުމަށްޓަކައި.

އެހެންވީމާ، މިރަށުގެ ޞިއްޙީ ދާއިރާއަށް ދިމާވެފައި ހުރި އެންމެބޮޑު އެއް މައްސަލައަކީ އާސަންދައިގެ ޚިދްމަތް މިރަށުން ލިބެން ނެތް ކަމަށް، މިރަށުގެ ކައުންސިލްގެ ފަރާތުން އަޅުގަނޑަށް މަޢުލޫމާތު ދެއްވި. އަދި ހަމައެޔާއެކީގައި، އެ ބޭސް ލިބެން ނެތުން. ދުވާލަކު 30، 40 މީހުން ދެއްކި ކަމުގައިވިޔަސް، އެމީހުންނަށް އާސަންދައިގެ ތެރެއިން ބޭސް ލިބެން ނެތުމާއި، ބޭސްފިހާރަ އެގޮތަށް ހެދިފައި ނެތުން. މިހާރު އަޅުގަނޑުމެން ރާވާފައިވާ އިންތިޒާމުގެ ތެރެއިން، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މި ބޭސް ލިބޭނެ ލިބޭނެ އިންތިޒާމު، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. އަޅުގަނޑުމެން މިހާރުވަނީ އެސް.ޓީ.އޯ.އާ އެ މަސައްކަތް ޙަވާލުކޮށްފައި. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑާ އެކީގައި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައީސް އޮފީހުގެ އިސްބޭފުޅުން، އެބޭފުޅުންނަށް ދަންނަވާނަން، ތިޔަބޭފުޅުންގެ ޙާލަތު ވަޒަން ކުރައްވައި، މިކޮޅަށް ވަޑައިގެން ވީ އެންމެ އަވަހަކަށް، ލަސްނުވެ ތިޔަބޭފުޅުންނަށް އެ ޚިދްމަތް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް.އަދި އަޅުގަނޑުމެން އައުމުގެ ކުރީގައިވެސް، މިދެންނެވިހެން މި މަސައްކަތް ވަނީ ރޭވިފައި. އެކަން ރޭވިގެން އަންނައިރުގައި، ނަގާ މުއްދަތެއް މި ނަގަނީ. ﷲގެ އިރާދަފުޅުން ތިޔަބޭފުޅުންނާ ހަމަޔަށް އެ ޚިދްމަތް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު އަރުވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރެއްވުން. އަދި މިރަށުގެ ޒުވާނުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް އެބަ އެނގޭ، ރިޔާސީ އިންތިޚާބުގައިވެސް މިރަށަށް އައިއިރުގައި، މިރަށުގެ ޒުވާނުންގެ ފަރާތުން އަޅުގަނޑާ ހަމަޔަށް އައި ބައެއް ވާހަކަތައް. މި ޖަލްސާއަށްފަހުގައިވެސް އަޅުގަނޑުމެން އެނބުރި ދިޔުމާ ދޭތެރޭގައި މިއޮތް ވަގުތުކޮޅުގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މިޚަބަރުތައް އަންނާނެ. އަދި ހަމައެއާއެކީގައި ޒުވާނުންނަށް ބޭނުންވާ ކަންތައްތަކެއްވެސް، އަޅުގަނޑުމެންގެ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދީގެން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޙަރަކާތްތަކެއް ކުރިއަށް މިގެންދަނީ. ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ކުޅޭނެ ވަސީލަތްތައް، އާބާދީގެ ނިސްބަތުން ޤާއިމުކުރެވިގެންދާއިރުގައި، މިއަތޮޅުގެ އާބާދީގެވެސް ހަމަ އެ އޮތް ނިސްބަތުން އިރާދަކުރެއްވިއްޔާ އަންނާނެ. އަދި މިހާރުވެސް ކުރެވެންހުރި ދަތިތައް ފިލުވުމަށްޓަކައި އަޅުގަނޑު އެދެން، ހަމަ ތިޔަބޭފުޅުން އަޅުގަނޑުމެންނާއެކީގައި އެ މަޢުލޫމާތު ޙިއްޞާ ކުރެއްވުން. އެއްވެސް ހާލެއްގައި މިއީ ވަކި ފިކުރަކަށް ބަލައިގެން ދޭ ޚިދްމަތްތަކެއް ނޫން. އަޅުގަނޑުމެންގެ ކޮނޑުގައި އެޅުނު ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އަދާކުރުމުގައި، ހަމަ މިރަށުގެ ކޮންމެ ރައްޔިތަކަށްވެސް ލިބެންޖެހޭ ޚިދްމަތް، ލިބެންޖެހޭ ވަސީލަތްތައް، ރާއްޖޭގެ އެހެން ރައްޔިތުންނެކޭ އެއްހަމައިން، އެއް މީޒާނަކުން، އެއްމަގަކުން ލިބޭނެ. އެކަމުގައި އެއްވެސް ފަރަޤެއް ނޯންނާނެ ކަމުގެ ޔަޤީންކަންވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

މިރަށުގެ ރައްޔިތުންނަށް އަދިވެސް އެއްފަހަރު އަޅުގަނޑު ތަހުނިޔާ ދަންނަވަން. މިއަދު މިކުރެވޭ މަސައްކަތް، ޣާޒާގެ މަސައްކަތުގެ ތެރެއިން އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ދަންނަވާއިރުގައި، އަޅުގަނޑުގެ ހަނދާނަށް އެބައާދޭ، ކުރިއަށް މިއޮތް އަހަރަކީ، މިނިވަން 50 އަށް ރާއްޖެ އިރާދަކުރެއްވިއްޔާ، މުޅި ރައްޔިތުން އުފަލާއެކީގައި ފާހަގަކުރާނެ ދުވަސްތައް. އެދުވަސް އަންނައިރުގައިވެސް މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހިނގާ ހިތާމަވެރި ޙާދިޘާތަކުން ޢިބްރަތް ޙާޞިލު ކުރުމަށް، ތިޔަބޭފުޅުންނަށް އަޅުގަނޑު އިލްތިމާސް ކުރަން. ތިޔަބޭފުޅުންނާ ހަމަޔަށް އަންނަ، ހަމަ ތިޔަބޭފުޅުންގެ އަޚެއްގެ ޙައިޘިއްޔަތުން، ވެރިއެއްގެ ޙައިޘިއްޔަތުން އަޅުގަނޑު އިލްތިމާސް ކުރަނީ، މިއަދު މި މަސައްކަތް ޣާޒާއަށްޓަކައި ކުރަމުންދާއިރުގައި، ފަލަސްޠީނުގައި، ޢިރާޤުގައި، ސީރިޔާގައި އަދި ހަމަ މެދުއިރުމަތީގެ އެހެން ޤައުމުތަކުގައި، މިނިވަންކަމަށްޓަކައި، ތިމާމެންގެ މިނިވަންކަމަށްޓަކައި، ތިމަންގެ ޤައުމަށްޓަކައި، ވަޒަނަށްޓަކައި، ވަޠަނަށްޓަކައި މުސްލިމުންތައް ލޭއޮހޮރުވައި، މުސްލިމުންތައް ޤުރްބާންވެ، ޝަހީދުވަމުން އެ ދަނީ، ކޮންމެ ދުވަހަކު ތުއްތުކުދިން، އަންހެންވެރިން ހުވަފަތްވަމުން އެ ދަނީ. ފިރިން މަރުވަމުން އެ ދަނީ. ކުޑަކުދިން އަނިޔާވެރިކަމާއެކީ ހޭދަވަމުން އެ ދަނީ، ކޮންކަމަކަށްތޯ؟ ޢިބްރަތް ޙާޞިލު ކުރައްވާ. ޢިބްރަތް ޙާޞިލު ކުރައްވާ. އެއީ މިނިވަންކަމަށްޓަކައި. އެއީ މިނިވަން ވަޒަނަކަށްޓަކައި. މިނިވަންކަމާއެކީގައި ނޭވާލުމަށްޓަކައި. އެ ފަޚްރު اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްވާފައި މިއޮތީ. އެހެންވީމާ، އަޅުގަނޑު އެދެނީ، އެކަމުން ޢިބްރަތް ޙާޞިލު ކުރުމަށް. އެކުވެރިކަމާއެކީގައި ކުރިއަށް ވަޑައިގަތުމަށް. އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތުގައި، اللّـه سبحـانـه وتعـالى ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި. މިރަށުގެ ރައްޔިތުން ޣާޒާއަށްޓަކައި، ފަލަސްޠީނު ރައްޔިތުންނަށްޓަކައި ކުރާ މަސައްކަތަށް އަޅުގަނޑު އައްސަރިބަހާއި ސާބަހާއި ޝުކުރު އަދާކުރަން. އަދިވެސް އެއްފަހަރު މިރަށު ކައުންސިލަށާއި، މިރަށުގެ ރައްޔިތުން ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ތަޢުރީފާއި ޙައްޤު ޝުކުރު އަދާކުރަމުން، އަޅުގަނޑުގެ ވާހަކަ ނިންމާލަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه