އަންނަ ހޮނިހިރުދުވަހު ޗައިނާގައި ބާއްވާ ދެވަނަ ޔޫތު އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޗައިނާ ސަރުކާރުން އެރުވި ދަޢުވަތު ގަބޫލުފުޅުކުރައްވައި، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ޗައިނާގެ ރައީސާއި، ޗައިނާގެ ސޫޖައު ސިޓީގެ މޭޔަރާއި، އެޤައުމުގެ ބޮޑެތި ވިޔަފާރި ކުންފުނިތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، ދިވެހިރާއްޖެއާއި، ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވަހަކަފުޅުތައް ބޭއްވުމަށާއި، ދެޤައުމުގެ ދެމެދުގައި ވިޔަފާރިއާއި، އިޤްތިޞާދުގެ ރޮނގުން ވެވޭ މުހިންމު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ދަތުރުފުޅުގައި ފުރާވަޑައިގަތުމުގެ ކުރިން، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޔޫތު އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް، މި ދަތުރުފުޅުގެ އަނެއް މަޤްޞަދަކީ ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ހޯއްދެވުމާއި، ސަރުކާރުން ރައްޔިތުންނަށް ހޯއްދަވައިދެއްވަން ބޭނުންފުޅުވާ ތަރައްޤީއަށް މުހިންމުވާ މަޝްރޫޢުތަކަށް ޗައިނާގެ އެހީތެރިކަން ހޯއްދެވުންކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތަކުގައި، ދިވެހި ދައުލަތަށް ޗައިނާގެ ފަރާތުން ބޭނުންފުޅުވާ ކަންތައްތަކާ ބެހޭގޮތުން ‏‏މަޝްވަރާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. މިގޮތުން ޚާއްޞަ ގޮތެއްގައި، މާލެ-ހުޅުމާލެ ބްރިޖްގެ މަޝްރޫޢާ ބެހޭގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

މީގެ އިތުރުންވެސް، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ މުހިންމު އެކިއެކި މަޝްރޫޢުތަކާ ބެހޭގޮތުން، ޗައިނާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢާއި، އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢާއި، އިހަވަންދިއްޕޮޅުގައި ތަރައްޤީ ކުރެވޭ "އައިހޭވަން" މަޝްރޫޢާއި، އަދި ރާއްޖޭގެ މުއާޞަލާތީ ތަރައްޤީއަށް ޤާއިމްކުރެވޭ "ސްމާޓް މޯލްޑިވްސް" މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ އޮފް ޓޫރިޒަމް އަޙްމަދު އަދީބު ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް މުޙަންމަދު މަލީޙު ޖަމާލް ބައިވެރިވެވަޑައިގަންނަވައެވެ.