އަމީނިއްޔާ ސްކޫލުގެ 70 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ޙާއްޞަ ޕްރޭޑު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ބައްލަވާލައްވައިފިއެވެ.

ޕެރޭޑު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގޭ ކުރިމައްޗަށް ނުކުމެވަޑައިގަތުމުން، އަމީނިއްޔާ ސްކޫލުގެ ކެޕްޓަން، އެދެކަނބަލުންނަށް މަރުޙަބާ ދެންނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

އަމީނިއްޔާ ސްކޫލަށް 70 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޕްރޭޑުގައި، އެ ސްކޫލު ކުދިންގެ ނެށުމުގެ ތަފާތު ޙަރަކާތްތައް ހުށަހަޅައިދިނެވެ.