بســماللّـه الرّحمـنالرّحيــم
الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـهوَعلـى آلـه وَصَحْبِـهِ أجمـعـين.
މިރަށުގެ ކައުންސިލްގެ ލޮބުވެތި ޢިއްޒަތްތެރި ރައީސް، ކައުންސިލްގެ ލޮބުވެތި މެންބަރުން، އަޅުގަނޑާއެކީ މިދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ގއ. ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ސަޢުދު، ކޫއްޑޫ ފިޝަރީޒްގެ އިސްބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުން އަދި ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.
السّــلام عليــكمورحـمــة اللّـه وبـركاتـه
އާދެ! އެންމެ ފުރަތަމަވެސް އަޅުގަނޑު އަވަސްވެގަންނާނީ، މިހާ ނުތަނަވަސް ވަގުތެއްގައި، މިރަށަށް މިކުރި ޒިޔާރަތުގައިވެސް، މިރަށުގެ ރައްޔިތުންގެ ފަރާތުން އަދި ޚާއްޞަ ގޮތެއްގައި ކައުންސިލްގެ ބޭފުޅުން ތިޔަ ދެއްވި މެހްމާންދާރީއާއި އަދި އަޅުގަނޑުމެންނަށް ތިޔަ ބެހެއްޓެވި މަރްޙަބާއަށްޓަކައި ތިޔަބޭފުޅުންނަށް ތަޢުރީފާއި ޝުކުރު އަދާކުރެއްވުމަށްޓަކައި. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އެއަށްފަހުގައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބަށްފަހުގައި އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް މިރަށަށް އައުމުގެ ފުރްޞަތު އަޅުގަނޑަށް ލިބުނު. އެ މަސައްކަތުގެ ތެރޭގައި، ވަރަށް ބުރަކޮށް، ވަރަށްގިނަ ރައްޔިތުންތަކެއް މަސައްކަތް ކުރެއްވި. އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކުރެއްވި ވަރަށްގިނަ ރައްޔިތުންވެސް އެބަތިއްބެވި. އަދި އޭގެއިތުރުން، ސިޔާސީގޮތުން އަޅުގަނޑުމެން މިކުރި މަސައްކަތުގައި، ހުރިހާ ކޮޅަކަށް މަސައްކަތް ކުރެއްވި ބޭފުޅުންނަކީވެސް އަޅުގަނޑު ދެކޭގޮތުގައި ހަމަ މި ޤައުމީ މަސައްކަތުގައި، ޤައުމު ތަޢުމީރު ކުރުމުގެ މަސައްކަތުގައި، ހީވާގިކަމާއެކު މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށްވާތީ، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންނާ އެކީގައި ޙަރަކާތްތެރިވި ބޭފުޅުން އަދި އަޅުގަނޑުމެންނާ ޚިޔާލު ތަފާތުވި ބޭފުޅުންވެސް، އެކުރެއްވި މަސައްކަތަށް، ތިޔަބޭފުޅުންނަށް އައްސަރިބަހާއި ސާބަހާއި ޝުކުރު، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ތިޔަބޭފުޅުންނަށް ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުގެ މިދަތުރަކީ، މިހާރު މިއަތޮޅަށް ކުރާ ދެވަނަ ދަތުރު މިއީ. ބަހައިގެން އެކި ރަށްރަށަށް ދެވޭގޮތަށް، މިދަތުރު ކުރަމުން މިދަނީ. އަޅުގަނޑުމެން މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކަށް، މިއަދުގެ ސަރުކާރުން ރައީސް ޔާމީން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންނަށް، ރައްޔިތުންނަށް ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި ލިބިފައިވާ މުއްދަތުގެ ތެރޭގައި ކުރަން ޤަޞްދުކުރި ކަންތައްތައް ހިނގާގޮތް ބެލުމަށްޓަކައި ޙަޤީޤަތުގައި މިދަތުރު ކުރަމުން މިދަނީ.
ރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ޤައުމަކަށްވީ ކަމުގައިވީނަމަވެސް، ރާއްޖޭގެ ރައްޔިތުން ބެހިފައިވީގޮތާއި އަދި އެކި ސަރަޙައްދުތަކަށް ރާއްޖެ ބެހިފައިވާ ގޮތަށް ބަލާއިރުގައި، ތިޔަ ހުރިހާ ބޭފުޅުންވެސް ގަބޫލު ކުރައްވާނެ، ވަރަށްބޮޑު ގޮންޖެހުމެއް އެބައޮތް، ރާއްޖޭގެ ރައްޔިތުންނަށް ޚިދްމަތްތައް ފޯރުކޮށްދިނުމުގައި. މިއަދުގެ ޒުވާން އާބާދީއާ އެކީގައި، ރައީސް ޔާމީންގެ ވަޢުދަކީ، މިހާރުހުރި ދަތިތައް ފިލުވައިދިނުމަށްޓަކައި ކުރެވެންހުރި މަސައްކަތް ކޮށްދިނުން. އެކި ރަށްރަށަށް ވަކިވަކިން ކުރަންހުރި ކަންތައްތަކުގެ އިތުރުން، އަޅުގަނޑުމެން ސަރުކާރު ޙަވާލުވީއްސުރެ މިއަދާ ހަމައަށް އައިއިރުގައި، ބޮޑެތި ކަންތައްތަކެއް، މުޅި ރައްޔިތުންގެ މަޞްލަޙަތަށްޓަކައި ކުރުމަށްޓަކައި ޢަޒުމް ކަނޑައަޅައި، އެ ކަންތައްތައް ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަނީ ފެށްޓިފައި. އަދި ބައެއް މަސައްކަތްތައް، ﷲގެ ރަޙްމަތާ އެކީގައި ނަތީޖާއާ ހަމައަށް ވާޞިލުވެފައި މިވަނީ.
ރާއްޖޭގެ ރައްޔިތުންގެ ވަރަށްބޮޑު މައްސަލައެއްގެ ގޮތުގައި، އަޅުގަނޑުމެން މި ސަރުކާރު ގެނައުމުގައި، އެންމެބޮޑު އެއްކަމެއްގެ ގޮތުގައި، އެބޭފުޅުން ފާހަގަކުރެއްވި އެއްކަމަކީ، ރާއްޖޭގެ ވެށީގައި އަމާންކަން ޤާއިމުކުރުމާ އެކީގައި، ރައްޔިތުންނަށް ރަނގަޅު، ރާއްޖޭގެ ރައްޔިތުން ދެކެން ބޭނުންވާފަދަ ވެށްޓެއް ޤާއިމުކޮށްދިނުން. އެ ވެށީގައި ރީތި އާދަކާދަތަކާއި، ރަނގަޅު އަޚްލާޤިއްޔާތު އަށަގެންނެވުން. މި ސަރުކާރު ވުޖޫދަށް އައިތާ 100 ދުވަސް ތެރޭގައި އަޅުގަނޑުމެން އެންމެބޮޑަށް ފެށި އެއް މަސައްކަތަކީ، މިދެންނެވި މަސައްކަތް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިރަށްވިޔަސް އަދި މިއަތޮޅުގެ އެހެން ރަށްތައްވިޔަސް، ރާއްޖޭގެ އެހެން ރަށްތައް ކަމުގައިވީނަމަވެސް، މިއަދު އަޅުގަނޑުމެން ހަމަޖެހޭ މުޖްތަމަޢެއްގެ ގޮތުގައި ކުރިއަށް ދިޔުމަށްޓަކައި އެންމެ ބޮޑަށް ބޭނުންވާ އެއްކަމަކީ، އަޅުގަނޑުމެންގެ ތެރޭގައި ޞުލްޙަމަސަލަސްކަން އޮތުން. ރީތި އަޚްލާޤެއް އޮތުން. ރީތި ވެށްޓެއް ޤާއިމުވެފައި އޮތުން. އެއަށްފަހުގައި، އަޅުގަނޑުމެން ގެންނަ ތަރައްޤީގެ ރާޙަތު އަޅުގަނޑުމެންނާ ހަމައަށް ކުރާނީ. މިއީ ދުނިޔޭގެ ތަޖްރިބާ. ރާއްޖެ އެކަންޏެއް ނޫން. އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކަށް ބެލިކަމުގައިވީނަމަވެސް، މިއަދު ދުނިޔޭގެ އެހެން ޤައުމުތަކަށް ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް މި މަންޒަރު ފެނިގެން އެބަދޭ. އަޅުގަނޑުމެން އިސްލާމީ ދުނިޔެއަށް މިއަދު ބަލައިލި ކަމުގައިވީނަމަވެސް، ތިޔަބޭފުޅުން ހަމަ ލޮލުން ކަރުނަ އަންނާނެ. މިއަދު ޢިރާޤުން ފެށިގެން، ލީބިޔާއިން ފެށިގެން، ސޫރިޔާއިން ފެށިގެން މިއަދު ގޮއްސަ، ފަލަސްޠީނު ޣާޒާއާ ހަމައަށް ބެލިކަމުގައިވީނަމަވެސް، މުސްލިމުން ތަޙައްމަލް ކުރަމުންދާ މަންޒަރުތަކަކީ، ޙަޤީޤަތުގައި އެއީ މިއަދު އަޅުގަނޑުމެން މިހާބޮޑު އާބާދީއެއް ދުނިޔޭގައި މިކަހަލަ ތަނެއްގައި އޮންނައިރުގައި، ޢިބްރަތް ޙާޞިލުކުރަންޖެހޭ ކަމެއް. އަޅުގަނޑުމެން ހިފެހެއްޓިފައި މިއޮތީ، އަޅުގަނޑުމެން ޚިޔާލު ތަފާތުވިޔަސް، އަޅުގަނޑުމެން ފިކުރު ތަފާތުވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އޮތް އަޚްލާޤިއްޔާތެއްގެ ސަބަބުން. ގުޅުމެއްގެ ސަބަބުން. އަޅުގަނޑުމެންނަށް މި އައި ބަދަލުތަކެއް މިއައީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މުޖްތަމަޢުގެ ރަނގަޅަކަށްޓަކައި. އެއީކީ މައްސަލައެއް ނޫން. އެހެން ނަމަވެސް، އޭގެ ސަބަބުން އަޅުގަނޑުމެން ވީދި ހަލާކުވެގެން ނުވާނެ. މުޅިން އެއްކޮށް ވީރާނާވެގެން ނުވާނެ. އެއީ އަޅުގަނޑުމެން ޙާޞިލުކުރަންޖެހޭ ޢިބްރަތެއް މިއަދު މިހާ ހިސާބަށް އައިއިރު.
 މިދެންނެވި ކަންތައްތައް ޙާޞިލު ކުރުމުގައި ސަރުކާރުގެ މެނިފެސްޓޯގައި، އެންމެބޮޑު އިސްކަމެއް ދެއްވީ، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް ރީތި އަޚްލާޤިއްޔާތު ތަޢާރުފްކޮށްދިނުމަށްޓަކައި. 100 ދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ދިމާއެއްގައި، އަޅުގަނޑުމެންނަށް ޤުރްއާން މުދައްރިސުން ހަމަޖައްސައިދެވުނު. އަޅުގަނޑުމެންގެ ޤައުމަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް ކަމުގައި ވީހިނދުގައި، އެންމެ މުހިންމު އެއް އިސްކަމަކީ، އަޅުގަނޑުމެންގެ މިއޮތް އާދަކާދަ، ޢަޤީދާ ހިފެހެއްޓުން. ރަނގަޅު، އިސްލާމީ ތަޢުލީމު، އަޅުގަނޑުމެންގެ ހުރިހާ ދިމާއެއްގައި އެބަދޭ. އެކަމަކު އަޅުގަނޑުމެން ބޭނުންވީ ފަހުމްވާން، ވިސްނަން. ކިޔާ އެއްޗެއް އެނގެން. އަޅުގަނޑުމެން ފެށްޓީ ޢަރަބިބަސް ތަޢާރުފް ކުރުމުގެ ޕްރޮގްރާމް. އަޅުގަނޑު އުފަލާއެކީ ފާހަގަކޮށްލަން، އިރާދަކުރެއްވިއްޔާ، މިއަދު 20 ސްކޫލެއްގައި، ޢަރަބިބަހުން އެބަ ކިޔަވައިދެމުން ގެންދޭ. އަޅުގަނޑުގެ އުންމީދަކީ، ކުރިއަށް މިއޮތް އަހަރުގައި، އަޅުގަނޑުމެންނަށް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ސްކޫލެއްގައި، ޢަރަބިބަސް އެއީ އަޅުގަނޑުމެންގެ ޓަރގެޓެއްގެ ގޮތުގައި ތަޢާރުފް ކުރެވިގެން ދިޔުން. އަދި ފަސްއަހަރު ނިމިގެންދާއިރުގައި، އަޅުގަނޑުމެންނަށް މި ނަތީޖާ ޙާޞިލު ކުރެވޭވަރަށް ފުޅާކޮށްގެން، ރާއްޖޭގެ ސްކޫލްތަކުގައި ޢަރަބިބަސް ތަޢާރުފްވެގެން ދިޔުން. ﷲގެ ރަޙްމަތާ އެކީގައި، އެކަން އަޅުގަނޑުމެން ޙާޞިލުކުރާނެ ވާހަކަ، އަޅުގަނޑު ދަންނަވަން.
ހަމައެޔާއެކީގައި، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުން ގަބޫލުކުރާނެ، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ވެށްޓަށް ބޭނުންވާ މީހުން ތަމްރީނު ކުރުމާއި އުފެއްދުމަކީ، އަޅުގަނޑުމެންގެ ޒިންމާއެއް. އިމާމުން ފެށިގެން ޤާޟީން ފަނޑިޔާރުން ފެށިގެން، ވަކީލުން ފެށިގެން، ރާއްޖޭގެ އެކި ދާއިރާތަކަށް ބޭނުންވާ އިސްލާމް މުދައްރިސުން ފެށިގެން ބޭނުންވާ މީހުން އުފެއްދުމުގައި، ރާއްޖޭގައި މަތީ ތަޢުލީމުދޭ ރަނގަޅު މަރްކަޒެއް ހުންނަން އެބަޖެހޭ. މަޢުހަދު، އޭގެ ދައުރު އަދާކުރަމުން އެބަގެންދޭ. އެހެން ނަމަވެސް، މަޢުހަދުން ނިމޭ ކުދިންނަށް ދިމާވާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި، ޔުނިވަރސިޓީއަކުން ނިމޭ ސެޓްފިކެޓެއް ނެތުމުގެ މައްސަލަ އޮތީ ދިމާވެފައި. މިއަދު ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އަޅުގަނޑުމެންނަށް މި ސަރުކާރުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އިރާދަކުރެއްވިއްޔާ، މަޢުހަދު ރާއްޖޭގެ ފުރަތަމަ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ ހުރިހާ މަސައްކަތެއް، މާތްﷲގެ ތަނަވަސް ރަޙްމަތާ އެކީގައި އަޅުގަނޑުމެންނަށް އެވަނީ ކޮށް ނިމިފައި. އިރާދަކުރެއްވިއްޔާ، ޤާނޫނީ ބައި ޙައްލުކުރެވުމާ އެކީގައި، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވަރަށް އަވަހަށް މަޢުހަދު، އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުކުރުމުގެ އިޢުލާނު، ތިޔަބޭފުޅުންނާ ހަމައަށް ކުރައްވާނެ ކަމުގެ އުފާވެރި ޚަބަރުވެސް އަޅުގަނޑު ދެން. 
މިކަންތައްތައް، ކުރިންވެސް ދެންނެވިފަދައިން އަޅުގަނޑުމެން މިކުރަނީ، ދެންމެ ކައުންސިލްގެ ފަރާތްޕުޅުން ވާހަކަ ދެއްކެވި ބޭފުޅާވެސް އެ އިޝާރާތް ކުރެއްވި ފަދައިން، މި ވެށި، މިތާނގައި އުޅުއްވާ ބޭފުޅުންނަށް، ރަނގަޅު އުފާވެރި މާޙައުލެއް ގެނެސްދިނުމަށްޓަކައި. އެއީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ރައްޔިތަކު ބޭނުންވާ ކަމެއް. އެޔާއެކީގައި، ދެންމެ އިޝާރާތް  އެ ކުރެއްވީ، ބޭނުންވާ ބައެއް ޟަރޫރަތްތައް. އަޅުގަނޑަށްވެސް އެނގޭ. މިރަށަށް މީގެ ކުރީ ދަތުރުގައި އައިއިރުގައިވެސް އަޅުގަނޑުމެންނާ ހަމައަށް އައި ޝަކުވާތަކެއް މިހިރީ. އަޅުގަނޑުމެން ޙާޞިލު ކުރަން ބޭނުންވާ ތަރައްޤީގެ ލަނޑުދަނޑިތަކެއް، ކޮންމެ ރައްޔިތެއްގެވެސް އެބަހުރި. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ފެށިގެން އަޅުގަނޑު މިރަށަށް އައިއިރުގައި، އިޙްސާސްތައް ވަރަށް ތަފާތުކޮށް އޮތީ. މިހެން ތިއްބެވި ބެލެނިވެރިން، ޖަޒްބާތު ހަމަ ވަރަށް އުތުރި އަރާފައި ތިއްބެވީ. އަޅުގަނޑަށް އެމަންޒަރު ފެނިގެންދިޔަ. އޭރުގެ މައްސަލަތަކަކީ، މިތާނގައި ކިޔަވައިދިނުމުގައި ހުރި ބައެއްކަހަލަ ދަތިތަކުގެ ވާހަކަ. މިސްކިތެއްގެ ވާހަކަ. ﷲގެ ރަޙްމަތާ އެކީގައި، މި މަސައްކަތް މިހާރު އަޅުގަނޑުމެންނަށް ކުރެވިފައި އެވަނީ. މުދައްރިސުން ކަންތައްވެސް ޙައްލުކުރެވިފައި އެވަނީ. އަދި ދެންމެ މިކޮޅުގައި އިޝާރާތް ކުރެއްވި ފަދައިން، އެ ހުށަހެޅުއްވި ކަންތައްތަކުގެ ތެރެއިން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް، ޚާއްޞަ ގޮތެއްގައި ޒުވާނުންނަށް ސްޕޯޓްސް އެރީނާއެއް، މިރަށުގައި ޤާއިމުކޮށްދިނުމަކީ، އެއީ ރައީސް ޔާމީންގެ ފަރާތްޕުޅުން ތިޔަބޭފުޅުންނާ ހަމައަށް އަޅުގަނޑު ގެނެސްދޭ މެސެޖެއް. އެ މަސައްކަތް ކުރިއަށްދާނެ. ދެންމެ އަޅުގަނޑު މި ޖަލްސާއަށް ވާހަކަ ދައްކަން އައުމުގެ ކުރިން، އަޅުގަނޑާ އެކީގައި ހުންނެވި އެއްބޭފުޅަކު އިޝާރާތް ކުރެއްވި، މި މަސައްކަތް ފިޔަވަހިތަކަކަށް ބަހައިގެން ގެންދެވިދާނެ ގޮތެއް ވިދާޅުވެދެއްވަން. މިރަށުގެ ބިމުގެ މައްސަލަ އޮތްކަން އަޅުގަނޑުމެންނަށް އެނގިފައި އެއޮތީ. އެކަމަކު އެޔާއެކީގައި، މިހާރު ބޭނުންކުރާ ތަންކޮޅުގައި، ބައެއްކަހަލަ ވަސީލަތްތައް ޤާއިމުކުރުމާއި، އެތަން އަޕްގްރޭޑް ކުރުމާ، އެއީ އޭގެ އެއް ފިޔަވަހި ކަމަށް ހަދާފައި، އަދި ބިން ހިއްކައިގެން، ކުރިއަށް އޮތް ދުވަސްކޮޅަށް އިންތިޒާރު ނުކޮށް، އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވިދާނެ ގޮތްތަކެއް އެ ހުށަހެޅުއްވީ. އަޅުގަނޑު އުންމީދު ކުރަނީ، ކައުންސިލުން އޭގެ ޕްލޭނެއް ހުށަހަޅުއްވާނެ ކަމަށް. އަޅުގަނޑާ އެކީގައި، މިދަތުރުގައި ބައިވެރިވެވަޑައިގެން އަޅުގަނޑުމެންގެ ރައީސް އޮފީހުގެ ބޭފުޅުންނާ، ތިޔަބޭފުޅުން އެ މަޢުލޫމާތު ޙިއްޞާކޮށްދެއްވުން އަޅުގަނޑު އެދެން. އިރާދކުރެއްވިއްޔާ، ތިޔަ ވިދާޅުވިގޮތަށް، އެ މަސައްކަތުގައި، ފުރަތަމަ ފިޔަވަހީގެ މަސައްކަތް، އިރާދަކުރެއްވިއްޔާ، ލަސްތަކެއްނުވެ މިއަހަރުގެ ތެރޭގައި ފަށްޓައި ދިނުމަށްޓަކައި، އަޅުގަނޑު ކަމާގުޅޭ ފަރާތްތަކުގައި ދަންނަވާނެ ވާހަކަވެސް ތިޔަބޭފުޅުންނަށް މިއަދު ދަންނަވަން.
ހަމައެޔާއެކީގައި، އެންމެ ބޮޑު މައްސަލައަކަށް މިއޮތީ، މި އަޅަމުންދިޔަ ގެތަކުގައި، މުޅި އަތޮޅުގައި، ހަމައެކަނި މިރަށެއްގައެއް ނޫން، ސުނާމީގައި އަޅަން ދިމާވި، އަޅަން ހަމަޖެހިފައި ހުރި ގެތައް. މިރަށުގައިވެސް 57 ގެ އަޅަން ނުވަތަ ދެންމެ އިޝާރާތް ކުރެއްވީ، އެހެން ޢަދަދެއް. އެހެން ނަމަވެސް، އަޅުގަނޑުގެ ލިޔުމުގައި މިއޮތީ މިހާކަންހާވަރު. 88 ގެއެއް އެބަހުރި، މިރަށުގައި އަޅަން ހަމަޖެހިފައި. މިގެތަކުގެ މައްސަލަތައް ނުނިމި އޮތްކަން، މިއަތޮޅުގެ އެހެން ރަށްތަކަށް ދިޔައިރުވެސް އެނގިފައި އެބަހުރި. ދެން ހަމަ ގަބޫލުކުރައްވަން އެބަޖެހޭ، އަޅުގަނޑުމެން އައިތާ އަދި މާގިނަ ދުވަހެއް ނުވޭ. މިއީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ހިނގާފައި ހުރި ތަފާތު މަސައްކަތްތަކެއް. މި މަސައްކަތުގެ އެކި މަރްޙަލާގައި، ކޮންޓްރެކްޓަރުންނާ ހަމައިން ދިމާވި މައްސަލަތަކަކީވެސް ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެން ހިތާމަކުރަންޖެހޭ މައްސަލަތަކެއް. އަޅުގަނޑުމެންގެ ތެރޭގައި މިފަދަ މަސައްކަތްތަކާ ޙަވާލުވެގެން، ކޮންޓްރެކްޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރަން، އެކި ސަރަޙައްދަށް، އެކި ރަށްރަށަށް، މި މަސައްކަތާ ޙަވާލުވި ފަރާތްތަކުން އެންމެ އެކަށީގެންވާ ގޮތެއްގައެއް ނޫން، މި މަސައްކަތް ކުރިއަށް ގެންގޮއްސަ އޮތީކީ. އޭގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތް ވަރަށްބޮޑުތަން ލަސްވެފައި މިއޮތީ. އަޅުގަނޑު މިއަދު ދަންނަވައިފިން، މުޅި ޖުމްލަ ގޮތެއްގައި، ސުނާމީގެ ގެތަކުގައި ޖުމްލަ ގޮތެއްގައި ދިމާވެފައި ހުރި މައްސަލަ، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މިދަތުރަށްފަހުގައި ބަލައި، މި މަސައްކަތް އަވަސް ކުރެވޭނެ ގޮތްތަކެއް ހޯދައި، އިރާދަކުރެއްވިއްޔާ، މި މަސައްކަތް ކުރިއަށް ގެންގޮސްދެވޭނެ ވާހަކަ ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ.
އާދެ! އަޅުގަނޑުމެން، މިދިޔަ ދުވަސްތަކުގައި ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާއަށް، މިރަށަށް އަޅުގަނޑު ރިޔާސީ އިންތިޚާބަށްފަހުގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އައިއިރުގައި، މިރަށުން ބޭފުޅަކު އެ މަންޒަރު އަޅުގަނޑަށް ކުރަހައިދެއްވި. އެބޭފުޅާ ވިދާޅުވަނީ، މިފަޅިން ވަންނަ ދޫނި އަނެއް ފަޅިން ނުކުމެގެން، އެ ދޫނިވެސް ދާގޮތަށޭ ޞިއްޙީ މަރްކަޒު ހުރީ. އެކަހަލަ ގޮތަކަށޭ އެތާނގެ ޙާލަތު ހުރީ. އެހާ ހިސާބަށް މިކަންތައްތައް މިދިޔައީކީ، އެއްދުވަހަކުން ދެދުވަހަކުން ނޫން. އަޅުގަނޑުމެން މިތަންތަން ތަޢުމީރު ކުރުމަށްފަހުގައި، ވޭތުވެގެންދިޔަ ދުވަސްތަކުގެ ތެރޭގައި، ގާތްގަނޑަކަށް ހައެއްކަ، އަށެއްކަ އަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަޅުގަނޑު މިކުރި ދަތުރުގައި އެނގިގެންދިޔައީ، މިތަންތަން ތަޢުމީރު ކުރުމަށްޓަކައި، އާބާތުރަ ފިލުވުމަށްޓަކައި، މިތަންތަން އަލުންބަލުން ނުވަތަ މިތަންތަނަށް ބޭނުންވާ މަރާމާތު ކުރުމަށްޓަކައި މަސައްކަތްތަކެއް، މިދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައިވެސް ކުރެވިފައެއް ނެތް. އެ މަސައްކަތުގެ ޒިންމާ މިއަދު އަޅުގަނޑުމެންނާ ހަމައަށް މިއައީ. ރާއްޖޭގެ ހުރިހާ ދިމާއެއްގައި އެބައޮތް، މި މަސައްކަތް.  މި މަސައްކަތުގައި ހުރި ގޮންޖެހުންތައް، ވެރިންގެ ހައިސިއްޔަތުން ކައުންސިލަރުންނަށްވެސް އެނގިވަޑައިގަންނަވާނެ. އަދި ކިތަންމެ ޅަ ބޭފުޅުން ކަމުގައިވީ ނަމަވެސް. އަދި ރަށުގައި ތިއްބެވި ޒުވާނުންނަށްވެސް މިކަން އެނގިވަޑައިގަންނަވާނެ. ރާއްޖޭގައި އަޅުގަނޑުމެން މަރާމާތަށް އިޢުލާނުކޮށްގެން، މަރާމާތާ ހަވާލުވާނެ ފަރާތްތައް، ގިނަ ތަންތަނުން ނުލިބިގެން އަޅުގަނޑުމެން އުޅޭ މައްސަލައަކީވެސް ކުޑަ މައްސަލައެއް ނޫން. ރާއްޖޭގައި މި ފަސް އަހަރު ދުވަހުގެ ތެރޭގައި، ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަން ތިބި ބަޔަކު ތިބިއްޔާ، މި ބަޔަކުވެސް ވަނީ ވަރަށްބޮޑުތަން މަސައްކަތުގެ ގޮތުންނާއި، ވަސީލަތުގެ ގޮތުން ފަހަތަށްޖެހިފައި. އެހެންވީމާ، ނަތީޖާއެއްގެ ގޮތުން، މަސައްކަތް ހަވާލުވިޔަސް އަދި ހަވާލުކުރަންދެން ކުރިއަށް ގެންދާނެގޮތް، ވަރަށްގިނަ ފަރާތްތަކަށް އޮތީ ނެތިފައި. އެ ދަތިތައް އަޅުގަނޑުމެންނާ ހަމައަށް މިއަދު އިޙްސާސްވަމުން އެބަ އާދޭ.
އެހެން ނަމަވެސް، ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވަނީ، ޖުމްލަ ގޮތެއްގައި ޞިއްޙީ ދާއިރާއަށް އަޅުގަނޑުމެން ޒިޔާރަތް ކުރަން އެބަޖެހެއޭ. އެންމެބޮޑު މައްސަލައަކީ ކޮބައިތޯ އަޅުގަނޑުމެން ބަލަން އެބަޖެހޭ. އެ މައްސަލަތަކަށް ﷲގެ ރަޙްމަތާ އެކީގައި، އަޅުގަނޑުމެންނަށް ޙައްލުތަކެއް ފޯރުކޮށްދެވިފައި މިއޮތީ. މިއަދު އަޅުގަނޑުމެންގެ ތެރެއިން، އަޅުގަނޑުމެން އައިއިރުގައި، ރައީސް ނަޝީދު ފެށްޓެވި މަސައްކަތުގެ ތެރޭގައި، އެއް މަސައްކަތެއް އެއީ އާސަންދައިގެ މަސައްކަތް. އޭރުގައި ވަކިހިސާބަކަށް ލިމިޓް އޮތީ. އެކަމަކު ރައީސް ޔާމީން ބޭނުންފުޅުވީ، ރައްޔިތުން އެއްވެސް ހާސްކަމެއްނެތި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުން. އަޅުގަނޑު ފާހަގަކުރަން، މިއަދު [ހުސްނުވާ އާސަންދަ] އެއޮތީ ތަޢާރުފްވެފައި. ތިޔަބޭފުޅުން ގަބޫލުކުރައްވާ، މިއަދާ ހަމައަށް އައިއިރުގައި، މިކަމަށް ޚާއްޞަކޮށްފައި އޮތް ބަޖެޓް އެއީ ހަސަތޭކަ މިލިއަން، ގާތްގަނޑަކަށް ހުސްވާން ކައިރިވެފައި އެއޮތީ. ހަމަ ރަށްރަށުން ރައްޔިތުން އުފުލައި، މާލެއަށް އުފުލައި، މާލެއިން ރާއްޖެއަށް ބޭރަށް އުފުލައި. ރައްޔިތުންގެ އަތަކުން ޚަރަދެއް ނުދޭ މިކަމުގައި. މިއީ ވަރަށްބޮޑު ޚަރަދެއް. މިއީ ވަރަށްބޮޑު މަސައްކަތެއް ރާއްޖޭގެ ރައްޔިތުންނަށް. މިކަމުގެ ޙާޖަތް ޖެހިފައި، މިކަމުގެ ޟަރޫރަތް ޖެހޭ ރައްޔިތުންނަށް އެނގޭނީ. އެކަމަކު އެޔާއެކީގައިވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި މަސައްކަތް ކުރިއަށްދާއިރުގައި، އަޅުގަނޑުމެންގެ ތެރެއިންވެސް ޒިންމާދާރުކަމާ އެކީގައި މިކަން ކުރުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭ. އަޅުގަނޑުމެންގެ ޙާލަތު، އަޅުގަނޑުމެން ކަމެއް ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ގޮތެއް ހޯދަން އެބަޖެހޭ. މިކަންތައްތައް ކުރިއަށްދާއިރުގައި، ބޭނުން ޖެހިގެން ނޫން ގޮތަކަށް، މި ވަސީލަތްތައް ބޭނުން ނުހިފުމަކީ، އެއީ ޙަޤީޤަތުގައި މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ގޮތް. އަޅުގަނޑުމެން ބޭނުންވީ، ރައްޔިތުން އަތް ދިއްނުކުރާ ނިޒާމަކާ ދިމާއަށް ދަތުރުކުރަން. އެއީ އަޅުގަނޑުމެން މިއަދު ރާއްޖޭގެ ހުރިހާ ހިސާބަކަށް ބެލި ކަމުގައިވީނަމަވެސް، ފުދުންތެރި މާޙައުލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާތީ. އަޅުގަނޑު ގަބޫލުކުރަން، ފަސޭހަކަމެއް ނޫން އަތް ދިއްކުރުމަކީ.
ކީރިތި ރަސޫލާގެ ޙަދީޘްފުޅުގައިވަނީ، اليدا لعُليَا خَيرٌ من اليدِا لسُّفلى [ދޭ މީހާގެ އަތުގެ އައުލާކަން ބޮޑޭ، ހިފާ މީހާއަށްވުރެ.] ކޮންމެ ރައްޔިތަކުވެސް ބޭނުންވޭ، އެމީހާ އަމިއްލައަށް ކަންތައް ކުރެވޭނެ ގޮތެއް ހޯދަން. ގޮތް ނެތުނީމަ، ހުސްވީމަ، އެހެން މީހަކާ ދިމާއަށް ދަނީ. މިއަދު މާތްﷲގެ ރަޙްމަތާ އެކީގައި، ޞިއްޙީ މައްސަލަތަކުގައި، ބޮޑެތި ކަންތައްތަކުގައި، ރާއްޖެއިން ބޭރަށް ދާން ދިމާވެގެން، އިމަރޖެންސީ ދިމާވެގެންދާކަށް ނުޖެހޭ މީހެއްގެ ކައިރިއަށްދާކަށް. އެކަން އެއޮތީ ރައީސް ޔާމީން ޙައްލުކޮށްދެއްވާފައި. އެކަމަށްޓަކައި އަޅުގަނޑު ތިޔަބޭފުޅުންގެ ނަންފުޅުގައި، ރާއްޖޭގެ ރައްޔިތުންގެ ނަމުގައި، ރައީސް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.
އަޅުގަނޑަށް މި ލިބިފައި އޮތް، އަޅުގަނޑުގެ ދަތުރާ ގުޅިގެން ތައްޔާރުކޮށްފައި އޮތް ލިޔުމުގައި އެބަހުރި، މިރަށާ ގުޅޭ ކަންތައްތަކެއް. އަޅުގަނޑުގެ މި ދަތުރަށްފަހުގައި، އަޅުގަނޑު އެދެން، ކައުންސިލްގެ މެންބަރުންނާއި، އަޅުގަނޑުމެންނާއެކީ ދަތުރުކުރާ ޓީމުގެ މެންބަރުން މަޝްވަރާ ކޮށްލައްވާފައި، މިހާރު މިހުރި މަސައްކަތުގެ ތެރޭގައި، ކުރިއަށް ގެންދެވެން ހުރި މަސައްކަތަށް ޒިޔާރަތްކޮށްލެއްވުން. އަދި އަޅުގަނޑުމެންގެ ޕީ.ޕީ.އެމް.ގެ ޒުވާނުންވެސް، މިރަށުން ވަރަށް ކެނޑިނޭޅި އަޅުގަނޑުމެންނާ ގުޅުއްވަމުން ގެންދަވާ، މިރަށުގެ ކަންތައްތަކާ ގުޅިގެން. މިދާއިރާގެ މެންބަރަކު އެބަ ހުންނެވި. ޚާއްޞަ ގޮތެއްގައި، މިރަށުގެ ޒުވާނުން. ޒުވާން ކައުންސިލެއް ހަމަ މިއޮތީ. ހަމަ އެޔާއެކީގައި، ޕީ.ޕީ.އެމް.ގެ ޒުވާނުންވެސް މިރަށުގައި ހަމަ ވަރަށް ޙަރަކާތްތެރި. ކެނޑިނޭޅި އެބޭފުޅުން އަޅުގަނޑުމެންނަށް މިކަންތައްތަކަށް އިލްތިމާސް ކުރައްވަމުން ގެންދަވާ.
އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަހަރުގެ ބަޖެޓް ކުރިއަށްދާއިރުގައި، މިހާރު އެ މަސައްކަތް ކުރެވެމުން މިދަނީ. މީގެ އެކިއެކި ކަންތައްތަކުގެ ވަކިވަކި ތަފްޞީލަކަށް އަޅުގަނޑު ނުދިޔަ ކަމުގައިވީނަމަވެސް، ތިޔަބޭފުޅުން މިކަމުގައި އިށީނދެގެން، މިއަހަރަށް ޙާޞިލު ކުރެވޭނެ ޓަރގެޓްތަކެއް، އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް، އެންމެ އިސްކަންދޭންޖެހޭ ކަންތައްތައް ކަނޑައަޅުއްވާށޭ. އަޅުގަނޑަށް އެނގޭ، ވަރަށް ބައިވަރު ކަންތައްތައް ހުންނާނެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޙާލަތާއި ކަންތައްތައް އޮތްގޮތުގެ މައްޗަށް ބަލާފައި، އެންމެ އިސްކަންދޭންވާ ކަންތައްތައް ތިޔަބޭފުޅުން ކަނޑައަޅުއްވާފައި، ހިނގާށޭ މެންބަރާ އެކީގައި، އަޅުގަނޑުމެން، އަޅުގަނޑުމެންވެސް އަޅުގަނޑުމެންގެ ސެކްޓަރާ ގުޅޭ ކަންތައްތައް ހުށަހަޅާނަމޭ. މެންބަރުވެސް އެކަންތަކާއިގެން ކުރިއަށް ގެންދާނެޔޭ. އޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް މި ޙާޞިލުވެގެންދާނެ ކަމަށް އަޅުގަނޑަށް އެބަ ފެނޭ.
އަޅުގަނޑަށް އެނގޭ، ބިން ހިއްކުމުގެ ނުވަތަ ބިމުގެ މައްސަލަ އެބަހުރި، ހުރިހާ ދިމާއެއްގައިވެސް. އަޅުގަނޑަށް މި ލިބުނު ފޮތުގައިވެސް އެބައޮތް، ފުޓްބޯޅަ ދަނޑަކަށް ބޭނުންވާ ވެލި އެޅުމަށްޓަކައި 40 ކޮނޑީގެ ފަސްއެޅުމަށް މިހާރު ކޮންމެވެސް އެއްރަށެއް ހިއްކާ ނިމޭއިރުގައި، މިރަށަށް އައުމަށް ހަމަޖެހިފައި އޮތްކަން. އެހެން ނަމަވެސް، މިހުރިހާ ކަމެއްގެ ތަފްޞީލުވެސް އަޅުގަނޑު އެދެނީ، މީގެ ވަކިވަކި ކަންތައްތަކުގެ ތަފްޞީލު، ތިޔަބޭފުޅުން ތިއްބަވައިގެން މަސައްކަތް ކުރައްވާށޭ. އަޅުގަނޑު އެނބުރި ގޮއްސަ ހައުސިންގ މިނިސްޓަރާއި، މިތާނގެ ސުނާމީގެ ގެތަކާއި، ބިމުގެ މައްސަލަތަކާއި، ޖާގައިގެ މައްސަލަތަކާ ބެހޭގޮތުން ތަފްޞީލުކޮށް އިށީންނާނީ. އެހެންވީމާ، އެކަމުގެ ޔަޤީންކަން ހަމަ މިރަށުގެ ރައްޔިތުންނަށް، ކައުންސިލަށް އަޅުގަނޑު އަރުވާ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން.
އަޅުގަނޑު ހަމަ ނިންމާލަމުން، އަޅުގަނޑުގެ ނަޞޭޙަތެއް ތިޔަބޭފުޅުންނަށް ހަމަ ދަންނަވާލަން ބޭނުންވޭ. އަޅުގަނޑު އެދެނީ، އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށްދާއިރުގައި ހިނގާށޭ، އެކުވެރިކަމާ އެކީގައި ކުރިއަށްދަމާ. ކައުންސިލްވެސް މިއަދު އެ ދައްކަވަނީ ހަމަ ވަރަށް ރަނގަޅު ނަމޫނާއެއް. އަޅުގަނޑުމެންގެ ޕީ.ޕީ.އެމް.ގެ ޒުވާނުންވެސް ވަރަށް ރަނގަޅު ނަމޫނާ މިރަށުން އެބަ ދައްކަވާ. މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަޅުގަނޑުމެން ވަރަށް ގިނަ ހިތްދަތިކަން ތަޙައްމަލްކޮށްފީމު. ހަމަ އަޅުގަނޑުމެން ވާދަވެރިކަމުގައި ކުރަންނުޖެހޭ ހިސާބަށް، އިންފާރު ފަހަނަޅައި އަޅުގަނޑުމެންނަށް ދަތުރުވެވިއްޖެ ބައެއް ޙާލަތްތަކުގައި. އެހެން ނަމަވެސް، މިރަށަކީވެސް ޙަޤީޤަތުގައި، މިރަށުގެ ރައްޔިތުންނަށްޓަކައި އެބަޖެހޭ އެކުވެރިވެގެން އެންމެން، ސިޔާސީ ފިކުރު، ކޮންމެ ދިމާއެއްގައި އޮތަސް، އެ ބާއްވާފައި، މަސައްކަތް ފަށައިގަންނަން އެބަޖެހޭ. ކުށުގެ ވެށި ވަރަށް ފުޅާ ރާއްޖޭގެ ހުރިހާ ތަނެއްގައި. މިރަށުގައިވެސް އެ މައްސަލަ އެބައޮތް ދިމާވެފައި. އެކަންތައްތައް މިރަށުގައިވެސް މި ދިމާވެފައި އޮތް ނާމާންކަމާއި، ކުށުގެ ވެށިން ސަލާމަތްވެވޭނީ، މިތާ މިތިއްބެވި މަންމައިން، ޚާއްޞަ ގޮތެއްގައި މި ދައުރު އަދާކޮށްގެން. އަޅުގަނޑުމެން، ބެލެނިވެރިން މިދައުރު އަދާކޮށްގެން. ރަނގަޅު ތަރުބިއްޔަތަކާ ދިމާއަށް، އަބަދު ނަފްރަތާއި ނުރުހުމުގެ ވާހަކަ، ކަންފަތަށް ފޯރުކޮށްދިނުމުގެ ބަދަލުގައި، އަޅުގަނޑުމެން އެބަޖެހޭ، ރަނގަޅު ތަރުބިއްޔަތެއްގެ ތެރެއިން ކުދިން ގެންދަން ބާރުއަޅަން. ޅަ ކައުންސިލެއް މިއޮތީ. އެހެން ނަމަވެސް، އެބޭފުޅުންވެސް މަސައްކަތް ކުރައްވަންވީ، ވެރިންގެ ހައިސިއްޔަތުން އެންމެން އެކީގައި ކުރިއަށްދާން. އެ މަސައްކަތް ނުކުރާ ކަމުގައިވަންޏާ، ކިތަންމެވަރަކަށް އަޅުގަނޑުމެން ޞިއްޙީ މަރްކަޒު މަރާމާތު ކުރިޔަސް، ކިތަންމެ ވަރަކަށް ސްކޫލްގެ ޖާގަ ބޮޑުކުރި ކަމުގައިވީނަމަވެސް، ކިތަންމެ މިސްކިތެއް ތަޢުމީރުކުރި ކަމުގައިވީނަމަވެސް، ޙަޤީޤީ ފައިދާއެއް ނާންނާނެ، އަޅުގަނޑުމެންގެ މޫނުމަތި ރަނގަޅުނުވާ ކަމުގައިވަންޏާ.
ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވަނީ، اَتَّبَسُّمُ صَدَقَة މުސްލިމުންގެ ރީތި ނަމޫނާއަށް އިޝާރާތް ކުރައްވަމުން، އެކަލޭގެފާނު ޙަދީޘް ކުރައްވަނީ،اَتَّبَسُّمُ صَدَقَة [މުސްލިމުންނަށް ހިނިތުންވުމަކީ ޞަދަޤާތެކޭ.] [ހިނިތުންވުން] އަޅުގަނޑުމެން މިއަދު އެ މަންޒަރު ދެކެން ބޭނުންވާ ދަރަޖައަކަށް ނުފެނޭ ދޮއެއްތޯ ހިތާމަޔަކީ. މިހެން އަރައިގެން ދާއިރުގައި، އަޅުގަނޑުމެންގެ މީހުންނަށް އުނދަގޫ ކަމަކަށްވަނީ، ތެދުވެގެން ސަލާމްކޮށްލަންވެސް، ހީލުންވެސް. އެދަރަޖައަކަށް ދަތުރުކުރާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް އެބޭ ފެނޭ މުސްލިމުންގެ ޙާލަތު މިއަދު. އަޅުގަނޑުމެން މިއަދު ޝުކުރުވެރިވާން އެބަޖެހޭ، އަޅުގަނޑުމެންނަށް މިނިވަންކަން ދެއްވީތީ، އަޅުގަނޑުމެންގެ ޤައުމެއް އޮތީތީ. އަޅުގަނޑުމެން ފަޚްރުވެރިކަމާއެކު ދިދަ ވިހުރުވާލަން ފުރްޞަތް ލިބޭތީ. ބައްލަވާ، އަޅުގަނޑުމެންނަށްވުރެ މާ ހަށިގަނޑު ވަރުގަދަ، މާ ރީތި ބޮޑެތި ބިޔަ މީސްމީހުން އުޅޭ ޙާލު ދޮއެއްތޯ. މުސްލިމުން ފަލަސްޠީނުގައި، ޣައްޒާގައި، އެހެން ތަންތާނގައި. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالىވަޙީކުރައްވަނީ، لَئِن شَكَرْتُمْ لَأَزِيدَنَّكُمْ  وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ތިޔަބައިމީހުން ޝުކުރުވެރިވާށޭ، ޝުކުރުވެރިވެއްޖެނަމަ، ނިޢުމަތްތައް އިތުރުކުރައްވާނަމޭ. ޙާލަތު ރަނގަޅު ކުރައްވާނަމޭ. އެއީ اللّـه سبحـانـه وتعـالىގެ ވަޢުދެއް.އެކަންތައްތަކަށް އަޅުގަނޑުމެން އަވަސްވެގަންނަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަން. އަޅުގަނޑުމެން އެކަން އެގޮތަށް ކޮށްފި ކަމުގައިވާނަމަ، ޙާލަތު ރަނގަޅުވާނެ.
އެހެންވީމާ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އެންމެން އެކީގައި ކުރިއަށް ދިޔުމަށްޓަކައި މިރަށުގެ ޒުވާނުން، ހުރިހާ ޒުވާނުންވެސް އެކީގައި އަތް ގުޅާލައިގެން، އެމަސައްކަތް ކުރެއްވުން. އަދި މިއަހަރާއި، ކުރިއަށް މިއޮތް ދުވަސްތަކުގައިވެސް ކައުންސިލާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސާ، ތިޔަ ހުރިހާ ބޭފުޅުންވެސް އެކީގައި، ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެންގެ ސަރުކާރާ އެކީގައި އަދި އެންމެން އެކީގައި، ރައްޔިތުން އެކީގައި މަސައްކަތް ކުރުމުގެ ހިތްވަރު އަޅުގަނޑުމެންނަށް ލިބުން. اللّـه سبحـانـه وتعـالىއަޅުގަނޑުމެން ކުރާ މަސައްކަތުގެ ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި. އާމީން.
والســّلام عليــكم ورحـمــة اللّـه وبـركاتـه