ފަލަސްޠީނުގައި އިޒުރޭލުން ހިންގާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކުރެއްވުމުގެ ގޮތުން، ދިވެހިރާއްޖެއާއި، އިޒުރޭލާ ދެމެދު އޮތް ބައިނަލްއަޤްވާމީ ގުޅުން އިތުރަށް ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ދިވެހި ސަރުކާރުން މުހިންމު ނިންމެވުންތަކެއް ނިންމަވައިފިއެވެ. މިގޮތުން ނިންމެވި މުހިންމު ނިންމެވުންތަކަކީ، ދިވެހިރާއްޖެއާއި އިޒްރޭލާ ދެމެދު ވެފައި އޮތް ތިން އެއްބަސްވުމެއް އުވާލެއްވުމަށާއި، އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުން މަނާ ކުރެއްވުމަށާއި، ސަރުކާރުން އިސްނަންގަވައިގެން ދިވެހި ރައްޔިތުންގެ ނަމުގައި ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބައްލަވައި، ފަލަސްޠީނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެޤައުމަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ނިންމެވުމެވެ.

މިގޮތުން އުވާލެވުނު ތިން އެއްބަސްވުމަކީ، ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ސަރުކާރުގައި 2009 ވަނަ އަހަރު ވެފައިވާ ތިން އެއްބަސްވުން ކަމަށްވާ، ޞިއްޙީ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމާއި، ޘަޤާފީ ގޮތުންނާއި، ތަޢުލީމީ ދާއިރާއިން ގުޅުން ބަދަހިކުރުމާބެހޭ އެއްބަސްވުމެވެ.

ސަރުކާރުގެ މި މުހިންމު ނިންމެވުންތައް އިޢުލާންކުރެއްވީ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ހުސައިން ޝަރީފު، މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވަމުންނެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި، ދިވެހިރާއްޖެއިން ފަލަސްޠީނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް އަންހެނުންނާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އިސްކަން ދެއްވާނެކަމަށާއި، އަދި މިކަމުގައި ފަލަސްޠީނުގެ ސަރުކާރުން ގޮތެއް ނިންމެވިހާ އަވަހަކަށް އެ މަސައްކަތް ދިވެހި ސަރުކާރުން ކުރިއަށް ގެންދެވާނެކަންވެސް ދިވެހި ސަރުކާރުން ހާމަކުރެއްވިއެވެ.