ސްޕެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ގުސްޓާވް ޑިއަރިސްޓަގުއި، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ސްޕެއިންގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ސްޕެއިންއާ ދެޤައުމަކީ އެތައް ގޮތަކުން ވަރަށް އެއްގޮތް ދެޤައުމުކަން ފާހަގަކުރެއްވިއެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަށް ފާހަގަކުރައްވައި، މިސައްކަތަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެ ކަމުގެ ޔާޤީންކަން ސްޕެއިންގެ ސަފީރު ދެއްވިއެވެ.

ޣައްޒާގައި ހިނގަމުންދާ ހަމަނުޖެހުމަށް އަލިއަޅުވާލައްވަލަމުން، ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ އެންމެހާ ޢަމަލުތައް ކުށްވެރިކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ސްޕެއިން ސަރުކާރަށް ގޮވާލެއްވިއެވެ.


މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.