‏މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރްޞަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ‏‏މިއަދު ހުޅުއްވާލައްވައި، އެކަމުގެ އިތުރު ތަފްޞީލު މަޢުލޫމާތު، ރާއްޖޭގެ ޚަބަރު ފަތުރާ ‏‏ވަސީލަތްތަކަށް އެ ކޮމިޓީން ދެއްވައިފިއެވެ. ‏

މި އިނާމާބެހޭ ތަފްޞީލު ދެއްވަމުން، ކޮމިޓީގެ ޗެއަރމަން އަލްފާޟިލް ‏‏ޢަބްދުއްރަޝީދު ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އެ ކޮމިޓީގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ‏‏ބައްދަލުކުރައްވައި ދެއްވި ލަފާފުޅުތަކުގެ މައްޗަށް ރިޢާޔަތް ކުރައްވައި އިނާމު ދެއްވާ އުސޫލުތަކަށް ‏‏ބައެއް ބަދަލުތައް މިފަހަރު ގެންނަވާފައިވާކަން ފާހަގަކުރެއްވިއެވެ. ‏

‏މިގޮތުން، ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން ‏‏ޚާއްޞަ ގޮތެއްގައި އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް ވަރަށް ބޮޑު އިސްކަމެއް ‏‏ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވުމާއެކު، ރާއްޖޭގައި ތިބި އެކި ފަންނުގެ ‏‏ހުނަރުވެރިންނަށް ފުރުޞަތު ދެއްވުމަށްޓަކައި މިފަހަރު އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި ‏‏ޒުވާނުންނާއި އަންހެނުންގެ ދާއިރާ، ވަކިން ހިމަނުއްވާފައިވާނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏‏މިގޮތުން، މި ދާއިރާއިން އިނާމު ދެއްވާނީ، 5 އަހަރާއި 7 އަހަރާ ދެމެދުގެ ‏‏މުއްދަތެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، ‏‏ޢުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މީގެ އިތުރުން، އެކި ދާއިރާތަކުން ‏‏އިނާމު ދެވޭ ރޮނގުތަކަށްވެސް ސަރުކާރުގެ މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކުގެ ލަފާ ‏‏ހޯއްދަވައިގެން، މިއަހަރު ބައެއް ބަދަލުތައް ގެންނެވި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ‏

ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން ‏‏މުއައްސަސާތަކުން ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ ‏‏އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ‏‏ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްޢިއްޔާ، ޖަމާޢަތްފަދަ ތަންތަނުންވެސް ސަރުކާރުގެ ‏‏އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސަވާފައެވެ. ޤައުމީ އިނާމަށް ވަކިވަކި ‏‏ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމްޢިއްޔާ، ‏‏ޖަމާޢަތްފަދަ ތަންތަނުން، ޤައުމީ އިނާމަށް ހުށަހަޅާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.‏

ޤައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް، ޚަބަރުފަތުރާ ‏‏ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދެވުމަށް ޤައުމީ ‏‏އިނާމު ކޮމިޓީންވަނީ ނިންމަވާފައެވެ. ‏

ޤައުމީ އިނާމާ ބެހޭގޮތުން ޤައުމީ އިނާމު ކޮމިޓީން ނެރުއްވި ލިޔުން، ދިވެހި ‏‏ސަރުކާރުގެ ގެޒެޓްގައި މިއަދުވަނީ ޝާއިޢު ކުރައްވާފައެވެ. އަދި މިކަމާބެހޭ ދެންނެވުންވެސް ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ މިއަދު ނެރުއްވާފައެވެ.‏

‏ޤައުމީ އިނާމަށް ނަން ހުށަހަޅުއްވާ ފޯމްތައް ފޮނުއްވަންޖެހެނީ [ޤައުމީ އިނާމާބެހޭ ‏‏ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. މިގޮތުން ހުށަހަޅުއްވާ ފޯމުތައް، ‏‏ފޮނުވުމުގެ އެންމެ ފަހު ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 31 ވާ އާދީއްތަ ދުވަހެވެ.‏

[ޤައުމީ އިނާމަށް ނަން ހުށަހަޅާ ފޯމް] ރަސްމީ ގަޑީގައި ރައީސް އޮފީހުން ‏‏ދޫކުރައްވާނެއެވެ. އަދި އެ އޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް ‏‏އެޑްރެހަކީ ‏www.presidencymaldives.gov.mv‏ އެވެ. ‏

މިއަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ، މިއަހަރުގެ ޖުމްހޫރީ ‏‏ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ‏