ރާއްޖޭގައި މެޑިސިން ކިޔަވާދެވިދާނެތޯ ބެލުމަށް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ވަފުދަކާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ސްރީލަންކާގެ ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ މެޑިކަލް ސްކޫލްގެ ޑީން، އަދި ޕްރޮފެސަރ އޮފް ސަރޖަރީ ޑޮކްޓަރ ލަވަމަންސާ އާއި، ސީނިއަރ ލެކްޗަރަރ (ފޮރެންސިކް މެޑިސިން) ޑޮކްޓަރ ދިނޭޝް ފެނާންޑޯއެވެ. މި ބައްދަލުކުރެއްވުމުގައި، ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނާއި، ޔުނިވަރސިޓީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޔުނިވަރސިޓީ އޮފް ޕެރަޑީނިއާގެ ފަރާތުން، ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރުމަށް ދެއްވާ ޝައުޤުވެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. ރާއްޖެއަކީ އަބަދުވެސް ތަޢުލީމަށް ވަރަށް ބޮޑު އިސްކަމެއްދޭ ޤައުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް މެޑިކަލް ސްކޫލެއް މިވަގުތު ވަރަށް ބޭނުންވެފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. ރާއްޖޭގައި މެޑިކަލް ޓުއަރިޒަމް ތަޢާރުފުކޮށް ތަރައްޤީ ކުރުމާ ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވިއެވެ.