بســم اللّـه الرّحمـن الرّحيــم

الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه

އަޅުގަނޑުމެންގެ ލޮބުވެތި އިސްލާމިކް މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޝަހީމް ޢަލީ ސަޢީދު، މާލޭސިޓީ ކައުންސިލްގެ ޢިއްޒަތްތެރި މޭޔަރ، އަޅުގަނޑުގެ އަޚު މުޙަންމަދު ޝިހާބް، މިނިސްޓަރ އޮފް ޑިފެންސް މުޙަންމަދު ނާޒިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރި މިނސްޓަރ ޢަބްދުﷲ އަމީން، ދައުލަތުގެ ޢިއްޒަތްތެރިން، އަޅުގަނޑުގެ އެކުވެރި އަޚުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه

މިއަދަކީ، އެނގިވަޑައިގަންނަވާނޭ ފަދައިން، ވަރަށްވެސް އުފާވެރި ދުވަހެއް. އަދި މިވަގުތުކޮޅަކީ ވަރަށްވެސް އުފާވެރި ވަގުތުކޮޅެއް. މި މަސައްކަތް ވަރަށްދިގު ދުވަސްތަކަކަށް ދެމިގެން ދިޔުމަށްފަހުގައި، މިއަހަރަށް މި މަސައްކަތް ނިންމުމާ ހަމައަށް މި ގެނެވުނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އަދި ހައުސިންގ މިނިސްޓްރީ، ހަމައެޔާއެކީގައި މިމަސައްކަތް ކުރިއަށް ގެންދިޔުމަށް ޙަވާލުވެލައްވައިގެން، މަސައްކަތް ކުރިއަށް ގެންދެވި ކޮންޓްރެކްޓަރުން، މާލޭސިޓީ ކައުންސިލް، މިހުރިހާ ފަރާތެއްގެ އެއްބާރުލުމާއި، ބުރަ މަސައްކަތާ އެކީގައި. އެހެންކަމުން، މިހުރިހާ ފަރާތްތަކުން ކުރި މަސައްކަތް ފާހަގަކޮށް، އަޅުގަނޑު އެފަރާތްތަކަށް ޙައްޤު ތަޢުރީފް އަދާކުރަން.

އެއަށްފަހުގައި، މި މިސްކިތް މިއަދު އަޅުގަނޑުމެންނަށް ލިބިގެންދާއިރު، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވާތީ، ރަމަޟާން މަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަދި މުބާރިކްބާދީ އަޅުގަނޑު، ރާއްޖޭގެ އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަރިސްކުރަން. މިފަދަ މަސައްކަތެއް ނިންމުމުގައި، ސަރުކާރުން މިހާބޮޑު އިސްކަމެއް ދެއްވައިގެން، މިކަން ކުރިއަށް ގެންދިޔުމުގައި، އެއްވެސްކަހަލަ ދަތިކަމެއް ނުވާގޮތަކަށް، ކަންތައްތައް އިންތިޒާމު ކޮށްދެއްވީތީ، މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށްވެސް ތަޢުރީފާއި ޙައްޤު ޝުކުރު އަދާކުރަން.

ހަމައެޔާއެކީގައި އަޅުގަނޑު އެދެނީ، މިފަދަ މުހިންމު ވަގުތުކޮޅެއްގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ފުރިހަމަ ފައިދާ ނެންގެވުމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންވެސް ސަމާލުވެވަޑައިގަތުމަށް. ކުރިއަށް މިއޮތް މަހަކީ، އަޅުގަނޑުމެން އެކުވެރިވާންވީ މަސް. ކުރިއަށް މިއޮތް މަހަކީ، އަޅުގަނޑުމެންގެ ތެރޭގައި، ވީހާވެސް ގިނަ ހެޔޮކަމާއި، އަޅުކަމުގެ ވަގުތު ހޭދަކޮށް، އެމަހުގެ ފުރިހަމަ ބަރަކާތާއި ޘަވާބު ހޯދުމަށްޓަކައި އަވަސްވެގަންނަންވީ މަސް ކަމަށްވާތީ، އެކަމަށްޓަކައި ރާއްޖޭގެ ޢިއްޒަތްތެރި ހުރިހާ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަން.

ރާއްޖޭގެ ޢިލްމުވެރިންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ މިފުރްޞަތުގައި، ކުރިއަށް މިއޮތް މަހާއި އަދި މި މިސްކިތުން ފުރިހަމަ ފައިދާ، ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭފަދަ ގޮތަކަށް، ތިޔަބޭފުޅުންގެ މަސައްކަތް ބައްޓަން ކޮށްދެއްވާށޭ. މި ވަގުތުކޮޅަކީ، ރާއްޖެއަށް، ރާއްޖޭގެ ޒުވާނުންނަށް، ރާއްޖޭގެ މުޖްތަމަޢަށް، ދީނީގޮތުން، އަޅުގަނޑުމެންގެ އިޖްތިމާޢީ އެއްބައިވަންތަކަމުގެ ގޮތުން، ދީނީ އެއްބައިވަންތަކަމުގެ ގޮތުން ވަރަށްގިނަ ގޮންޖެހުންތަކެއް، އެތެރެއިންނާއި، ތަފާތު ދިމަދިމާލުން އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާ ދުވަސްކޮޅަކަށްވާތީ، ރާއްޖޭގެ ޢިއްޒަތްތެރި އަދި އަޅުގަނޑުމެންގެ ހީވާގި ޢިލްމުވެރިންގެ އަރިހުން އަޅުގަނޑު އެދެނީ، މި މިސްކިތުގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވައިގެން، ބައިބައިވުމަށް ޖާގަ ނުދެއްވައި، ރާއްޖޭގެ ޒުވާނުންނަށް، އިސްލާމްދީނުގެ ފުރިހަމަކަމާއި، އެދީނުގެ ލުއިފަސޭހަކަމާއި، އަދި އެ ދީނުގެ ސަމާޙަތްތެރި ކަމުގެ ވާހަކަ، ތިޔަބޭފުޅުން ޒުވާނުންނަށް ވިސްނޭފަދަ ބަހުރުވަޔަކުން ފޯރުކޮށްދީ، ރާއްޖޭގައި މިއޮތް ސައްތައިންސައްތަ އިސްލާމީ ޝަޚްޞިއްޔަތު ދެމެހެއްޓުމަށްޓަކައި ގަދައަޅައި މަސައްކަތް ކޮށްދެއްވުމަށް، އަޅުގަނޑު އިލްތިމާސްކޮށް، ތިޔަބޭފުޅުންގެ އަރިހުން އަޅުގަނޑު އެކަމަށް އާދޭސް އެދެން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى، ދިވެހި ރައްޔިތުންނަށް އަޅުކަމަށް ލޯބިކުރާ، ނަމާދަށް ޙުރްމަތްތެރިކޮށްހިތާ އަދި ނަމާދުގެ ވަގުތުގައި ނަމާދަށް ސަމާލުވެލައްވާ ރައްޔިތުން ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރައްވައި، މި މިސްކިތުގެ މަސައްކަތުގައި އުޅުއްވި ހުރިހާ ފަރާތްތައް ކުރެއްވި ބުރަ މަސައްކަތް، އެކަލާނގެ ގަބޫލު ކުރައްވައި، އަޅުގަނޑުމެންނަށް ފުރިހަމަ ބަރަކާތާއި ޘަވާބު މިންވަރު ކުރެއްވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.