‏ސީޝެލްސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިސްޓަރ ވޭވަން ‏‏ވިލިއަމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ، ސީޝެލްސްގެ އާ ސަފީރާ ބައްދަލުކުރައްވައި، ‏‏އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އޮތް ‏‏ގުޅުން، މިސްޓަރ ވޭވަން ވިލިއަމްސްގެ ސަފީރުކަމުގެ ދައުރުގައި، އިތުރަށް ބަދަހިވެގެންދާނެ ކަމަށް ‏‏އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

ރާއްޖެއާއި ސީޝެލްސްއާ ދެޤައުމަކީވެސް ކުދި ޖަޒީރާ ދެ ޤައުމުކަމަށްވާތީ، ކުދި ‏‏ޖަޒީރާ ޤައުމުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށްޓަކައި ދެޤައުމު ގުޅިގެން ކުރެވިދާނެ ‏‏މަސައްކަތްތަކާބެހޭގޮތުންނާއި، ރާއްޖެއާއި ސީޝެލްސްއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ‏‏ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުންވެސް ‏މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ‏‏ކުރެއްވިއެވެ. ‏

ސީޝެލްސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ބޭނުންވާ ކަންކަމުގައި، ‏‏އެޤައުމުގެ ‏‏ސަރުކާރުގެ ފަރާތުން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ‏‏ގެންދަވާނެ ކަމުގައި ‏‏ވިދާޅުވިއެވެ.‏

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏