ފިންލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ރައުލީ ސުއިކަނެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ފިންލެންޑްގެ އާ ސަފީރާ ބައްދަލުކުރައްވައި، ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި ފިންލެންޑާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ފިންލެންޑްގެ ‏‏އާސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.‏

‏މި ބައްދަލުކުރެއްވުމުގައި، ފިންލެންޑާއި ރާއްޖެއާ ދެޤައުމަކީ އެތައް ގޮތަކުން ވަރަށް އެއްގޮތް ދެ ޤައުމުކަން ފާހަގަކުރައްވައި، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، އަންހެނުން ބާރުވެރި ކުރުވުމާއި، ޑިމޮކްރެސީ ހަރުދަނާ ކުރުމުގައި ދެޤައުމުގައި ކުރެވެމުންދާ މަސައްކަތްތަކާބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.