‏ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ‏‏އިންވެސްޓް ކުރުމުގެ ފުރްޞަތު ތަނަވަސްކޮށްދެއްވުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގަވާ ‏‏ގެސްޓްހައުސްތަކަށް ޚާއްޞަ ރަށްރަށް ތަރައްޤީ ކުރެއްވުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިފްތިތާޙުކޮށްދެއްވައިފިއެވެ.

‏މިކަމަށްޓަކައި ނަސަންދުރަ ޕެލަސް ހޮޓެލްގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި، ‏‏ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި މަޝްރޫޢުގެ ތަނަވަސްކަމާއި ފަސޭހަކަން ‏‏ލިބިގެންދާނީ، އެންމެ ފަރުދަކަށް ނޫން ކަމަށާއި، ސަރުކާރުގެ އަމާޒަކީ ގިނަ ބަޔަކަށް ވަޒީފާގެ ‏‏ފުރްޞަތުތައް ތަނަވަސްކޮށްދެއްވުން ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ‏‏މިތަޢާރުފް ކުރެވުނު މަޝްރޫޢުގެ ސަބަބުން ޒުވާން ވިޔަފާރިވެރިންނަށް ފުރްޞަތުތައް ‏‏ތަނަވަސްވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މާތްﷲގެ ރަޙްމަތްފުޅާއެކު، މި އިފްތިތާޙު ‏‏ކުރެވުނު މަޝްރޫޢު، އޭގެ ޒާތުގައި ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނެކަން ހާމަކުރެއްވިއެވެ. އަދި ‏‏ހައްދުންމަތީގައި މަޝްރޫޢު ފެށި ކަމުގައިވިޔަސް، މި މަޝްރޫޢު ރާއްޖޭގެ އަތޮޅުތަކުގެ ‏‏އެކިހިސާބުތަކަށް ފެތުރިގެންދާނެ ކަމަށާއި، މި މަޝްރޫޢު ފެތުރިގެންދާއިރު، ވިޔަފާރީގެ ތެރެއަށް ‏‏ނުކުންނަ ޒުވާނުންނަށާއި، ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިކަން ބަހައްޓަވާ އަންހެން ބޭފުޅުންނަށް ‏‏އިސްކަން ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޔާސީގޮތުން ހަމަޖެހުން ‏‏ޤާއިމުކުރެވިގެންދާނަމަ، މި ހަމަޖެހުމުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ‏‏ހަލުވިކަމާއެކު ކުރިއަށްދާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި އިތުރު އެހެން ބޮޑެތި ‏‏މަޝްރޫޢުތަކަށްވެސް ފުރްޞަތު ހުޅުވިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

‏މި މަޝްރޫޢުގެ ދަށުން ގެސްޓްހައުސްތަކަށް ޚާއްޞަ ކުރައްވައިގެން، ތަރައްޤީ ‏‏ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ރަށަކީ ހައްދުންމަތީގެ ފަޅުރަށެއް ކަމުގައިވާ ތުނބުރިއެވެ. ‏