ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލު އަޙްމަދު، ހުޅުމާލޭެ ހޮސްޕިޓަލަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު މެންދުރުފަހު ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި، ހުޅުމާލޭ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވާ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލެއްވިއެވެ. އަދި އެ ހޮސްޕިޓަލަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި، ހޮސްޕިޓަލުން ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ‏‏އެޅެންހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވިއެވެ. އަދި ‏ސަރުކާރުން ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާ ކުރެއްވުމަށް ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވަމުން، ސަރުކާރުގެ މަޤްޞަދަކީ، ޢާންމު ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ހިދުމަތްތައް ވީހާވެސް ރަނގަޅު ފެންވަރެއްގައި ދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުޅުމާލެއަށް މިކުރެއްވި ދަތުރުފުޅުގައި، ހުޅުމާލޭގައި ޢިމާރާތް ކުރަމުންދާ ހާފްވޭ ހައުސްގެ މަސައްކަތްތައް ބައްލަވައިލެއްވިއެވެ. އަދި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށްވެސް އެމަނިކުފާނު ޒިޔާރާތް ކުރެއްވިއެވެ.