‏ތައިލެންޑު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ނޮއްޕޯން ‏‏އެޑްޗެރިޔަނިޗް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.‏

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ‏‏ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ، ތައިލެންޑުގެ އާ ސަފީރާ ބައްދަލުކުރައްވައި، ‏‏ސަފީރަށް ‏‏ތަހުނިޔާ ވިދާޅުވިއެވެ. ‏

މިބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާ ތައިލެންޑާ ދެޤައުމުގެ ދެމެދުގައި އޮތް ‏‏ގުޅުމާއި، މިގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ވަކިން ‏‏ޚާއްޞަކޮށް، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާގައި ‏‏މިގުޅުން އިތުރަށް ‏‏ތަރައްޤީކުރުމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ތައިލެންޑާއި ރާއްޖެއާ ‏‏ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން، ތައިލެންޑުގެ އާސަފީރުގެ ދައުރުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ ‏‏ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‏މި‏‎ ‎‏ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙައްމަދު ‏‏ޙުސައިން ‏‏ޝަރީފާއި، ‏ފޮރިން ސެކްރެޓެރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙަންމަދު ‏‏ބައިވެރިވެވަޑައިގެންނެވިއެވެ. ‏