ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، މާލެ ވިލިނގިލީ ޞިއްޙީ މަރުކަޒަށާއި ކުޑަކުދިންގެ ހިޔާއަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ވިލިނގިލީ ޞިއްޙީ މަރުކަޒަށް ކުރެއްވި ޒިޔާރަތުގައި، އެ މަރުކަޒުގައި އެޑްމިޓް ކޮށްފައިވާ މީހުންނާ ބައްދަލުކުރައްވައި، އެމީހުންގެ ހާލު ބައްލަވާލެއްވިއެވެ. އަދި އެ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވުމާއެކު، އެކަމުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ކުޑަކުދިންގެ ހިޔާއަށް ކުރެއްވި ޒިޔާރަތުގައި، އެ ހިޔާގައި ތިބި ކުދިންނާ ބައްދަލުކުރައްވައި، އެކުދިންގެ ހާލުވެސް ބައްލަވާލެއްވިއެވެ. އަދި އެ ހިޔާގެ ކަންކަން ހަމަޖެހިފައިހުރި ގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.