ދިވެހިރާއްޖޭގެ ތިމާވެށްޓަށް އަގުހުރި ޚިދްމަތްތަކެއް ކުރައްވަމުން ގެންދަވާ ފަރާތްތަކަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ "ފެހިފަތް" މިއަދު ދެއްވައިފިއެވެ. މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި، މިއަހަރު "ފެހިފަތް" ލިބުނު ފަރާތްތަކަށް "ފެހިފަތް" ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ.
މިއަހަރު "ފެހިފަތް" ޙާޞިލުކުރީ ބިލަބޮންގ ހައި އީ.ޕީ.އެސް އިންޓަރނޭޝަނަލް ސްކޫލާއި، އއ. އުކުޅަސް ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި، ސެކިޔޯބޭގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
މިފަރާތްތަކަށް "ފެހިފަތް" ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަދުގެ މި އިޙްތިފާލު ރަމްޒުކޮށްދެނީ، ތިމާވެށީގެ މުހިންމުކަމާއި، ތިމާވެށި ޙިމާޔަތް ކުރުމުގައި، އެންމެހާ އިންސާނުންގެ މަންފާއާއި ލާބަ، އެކަމުގައި ހިމެނިގެންދާ މިންވަރު ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ޞިނާޢީ، އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާއިރު، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ، މުހިންމު ކަމެއްކަން މިހާރު އަޅުގަނޑުމެން ވަނީ ގަބޫލުކޮށްފައި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޞިނާޢީ ރޮނގުންނާއި، އިޖްތިމާޢީ ރޮނގުންނާއި، އިޤްތިޞާދީ ރޮނގުން ތަރައްޤީގެ މަގުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ކުރިއަށްދާއިރު، ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުން އިތުރަށް ހޭލުންތެރިކުރުމުގެ މުހިންމުކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ބަދަލުވަމުންދާ ދުނިޔޭގައި، އަޅުގަނޑުމެންގެ ދިރިއުޅުމާއި ވައްޓަފާޅިއާއި، އާދަކާދައިގެ ތެރެއިން އަދިވެސް ވަރަށްގިނަ ކަންތައްތަކަކީ، އިތުރަށް ސަމާލުކަން ދީފިނަމަ، އަޅުގަނޑުމެން ދިރިއުޅޭ ވެށީގެ ޢާންމު ޞިއްޙަތުގެ ޙާލަތު ރަނގަޅުވެގެންދާނެ ކަންތައްތައް ކަމުގައިވެސް ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ބައެއް ކުދިކުދި އާދައިގެ ކަންތައްތަކުގެ ތެރެއިންވެސް އަޅުގަނޑުމެން ބޭނުންކުރާ ހަކަތައިގެ މިންވަރު ސަލާމަތްކުރެވޭނެ ކަމަށާއި، ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަކުން ރައްކާތެރިވެވިދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާއިރު، މިކަންތައްތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި، ނިމިގެންދިޔަ އެކިއެކި ސަރުކާރުތަކުން ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއްކޮށް، ޤުރްބާނީތަކެއް ވެފައިވާކަން ފާހަގަކުރެއްވިއެވެ.