ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތުން އެކި ވަނަތަކަށް އައި ދަރިވަރުންނަށާއި، ސްކޫލްތަކަށާއި، ޤުރްއާން ކްލާސްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަށްޓާއި އިނާމު ދެއްވައިފިއެވެ.

ޤުރްއާން ކިޔެވުމުގެ 29 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމަށް މިއަދު ހަވީރު އިސްލާމީ މަރްކަޒުގައި ބޭއްވެވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވީ، މުޅި މުބާރާތުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ޙާޞިލުކުރި ދަރިވަރުންނަށާއި، ބަލައިގެން ކިޔެވުމުގެ ގޮފިންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 1 ވަނަ ސްކޫލަށާއި، 1 ވަނަ ޤުރްއާން ކްލާހަށާއި، އަތޮޅުތަކުން 1 ވަނައަށާއި، ދެގޮފި އެއްކޮށް މުޅި މުބާރާތުގެ 1 ވަނަ މުއައްސަސާއަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ތެރެއިން އެންމެމޮޅު 5 ދަރިވަރުންނަށެވެ. މުޅި މުބާރާތުން 1 ވަނަ ޙާޞިލުކުރީ، މާފަންނު ހެޕީކޯނަރ މުޙަންމަދު ޝަފްއާން ސުލައިމާނެވެ.

މުބާރާތުގައި ބައިވެރިވި މުއައްސަސާތަކުގެ ބައިން 2 ވަނަ އަދި 3 ވަނަ ހޯދި މުއައްސަސާތަކަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ.

ޙާފިޡު ކަމުގެ ސަނަދު ޙާޞިލު ކުރެއްވި ފަރާތްތަކަށް، ޙާފިޡު ކަމުގެ ސަނަދާއި އިނާމު ދެއްވައި، އެފަރާތްތަކަށް ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ދެއްވި ތާޖު އަޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމެވެ. މިއަހަރު ޙާފިޡު ކަމުގެ ސަނަދު ޙާޞިލު ކުރެއްވީ، ހދ. ހިރިމަރަދޫ ލިލީމާގޭ އަލްޙާފިޡާ ފަހީމާ ޢަބްދުﷲ އާއި، ހުޅުމާލެ 10152 ޢުމުރުން 14 އަހަރުގެ ރިފްދާ މުޙަންމަދު ރަޝީދެވެ.