ސައުތު އޭޝިޔަން ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (ސަފާ)ގެ ގަވަރނިންގ ބޯޑުގެ ރައީސް ސީ.އޭ. ސުބޫދް ކުމާރު އަގަރްވާލާއި، އެ ޖަމިއްޔާގެ ނާއިބު ރައީސް އަރްޖުނާ ހޭރަތާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ސާކް ސަރަޙައްދުގައި އެކައުންޓެންސީގެ ދާއިރާ ތަރައްޤީކޮށް ހަރުދަނާ ކުރުމަށް ސަފާގެ ފަރާތުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް ސަފާގެ ރައީސާއި ނައިބު ރައީސް އަލިއަޅުއްވައިލެއްވިއެވެ. އަދި، ރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ކަމާބެހޭ އެހެން މުއައްސަސާތަކާއެކީ މަސައްކަތް ކުރުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފާގެ ފަރާތުން ރާއްޖޭގެ އެކައުންޓެންސީ ދާއިރާއަށް ދެމުން ގެންދާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި، ދިވެހި އެކައުންޓެންޓުންގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މިގޮތުން، ދިވެހިރާއްޖޭގައި އެކައުންޓެންސީ އިންސްޓިޓިއުޓެއް ޤާއިމްކޮށް، ދިވެހި އެކައުންޓެންޓުން ބައިނަލްއަޤްވާމީ ފެންވަރަށް ގެންނެވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގެންނެވިއެވެ.