بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى أشرف الأنبياء والمرسلين، وعلى آلـه وصحبـه أجمعـين.

އަޅުގަނޑުގެ ލޮބުވެތި ތިޔަ އެންމެހާ އަޚުންނާއި އުޚުތުން. އާދެ! ތަޢުލީމީ ދާއިރާގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިރެއަކީ ވަރަށް ޚާއްޞަ ރެއެއް. އުފާވެރި ރެއެއް. އަޅުގަނޑުމެން ޤައުމެއްގެ ގޮތުގައި ކުރިއަށްދާއިރުގައި އެންމެ މުހިންމު ސަމާލުކަމެއްދޭން މި ޖެހެނީ އެޤައުމެއް ކުރިއަށް އޮތް ދުވަސްތަކުގައި ގެންދާނެ ބަޔަކު ޤައުމަކަށް ތައްޔާރުކޮށްދިނުމަށް. އެއީ، އަޅުގަނޑުމެންވެސް މިހާ ހިސާބަށް އައި ގޮތް. އަޅުގަނޑުމެންގެ ކާބަފައިން އެ މަސައްކަތްކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިއަދު މިދެކޭ ރާއްޖެ އަޅުގަނޑުމެންނާ ހަމައަށް އައިސްފައި އޮތީ. މަރުޙަލާތަކަކަށް ބެހިގެން، މާޒީގެ ތެރެއިން ކުރެވިގެންދިޔަ މަސައްކަތުން. މިއަދު އެ މުހިންމު ޒިންމާ ކޮނޑުގައި އަޅުއްވައިގެން ކުރިއަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ޚާއްޞަގޮތެއްގައި ތިޔަބޭފުޅުން. މިރޭގެ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި ބޭފުޅުން. އަދި ތިޔަބޭފުޅުންގެ އަޚުންނާއި އުޚުތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ.

މިރޭގެ އުފާވެރި އިޙްތިފާލުގައި އިށީނދެ އިންއިރު އަޅުގަނޑަށް ޔަޤީން، އަޅުގަނޑާ އެކީގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ، ތަޢުލީމާ ބެހޭ ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމް، އެ ވުޒާރާގެ އިސްބޭފުޅުންގެ ހިތަށް ވަރަށް އާދަޔާ ޚިލާފު އިޙްސާސްތަކެއް ކުރާނެ. އެއީ، ރާއްޖޭގެ އެހެން ހުރިހާ ރައްޔިތުންވެސް ހިތަށް ގެނައި އިޙްސާސްތަކެއް. އެއީ، ކިތަންމެ ކުޑަ ޤައުމެއް ކަމުގައި ވީނަމަވެސް އަޅުގަނޑުމެން ފަޚުރުވެރިވާންޖެހޭ ސަބަބުތަކެއް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރިކަން. އުފެއްދުންތެރި ބޭފުޅުން އެބަ ތިއްބެވިކަން. އެބޭފުޅުންގެ މަސައްކަތް އެބަ ފެންނަކަން. އަޅުގަނޑު މިދައްކަނީ ތިޔަބޭފުޅުންގެ ވާހަކަ. އަޅުގަނޑު މި ދައްކަނީ މިއަދާ ހަމައަށް މި މަސައްކަތް ކުރައްވާފައި ތިއްބެވި ބޭފުޅުންގެ ވާހަކަ. އަޅުގަނޑު މި ދައްކަނީ އެކި ހިސާބުގައި ރާއްޖޭގެ ތަޢުލީމާބެހޭ ކަންކަން ހިންގެވުމުގައި ހަރަކާތްތެރިވި ވަޒީރުންގެ ވާހަކަ. އަޅުގަނޑު މިދައްކަނީ މިއަދު އެ ވުޒާރާ ހިންގެވުމާ ހަވާލުވެ ހުންނެވި ވަޒީރު ޑޮކްޓަރ ޢާއިޝަތު ޝިހާމްގެ ވާހަކަ. އެކަމަނާގެ ޓީމުގެ ވާހަކަ.

މިއަދު އަޅުގަނޑުމެން، މި އާ ސަރުކާރު، ރާއްޖޭގައި ކުރިއަށް ހިންގަން ހުރި މަޝްރޫޢުތަކާއި، މަސައްކަތްތަކުގެ ވާހަކަ ތަކުރާރުކޮށް ރައްޔިތުންނާ ހަމައަށް ގެންނައިރުގައި ސަރުކާރުގެ މަސައްކަތް ދެ ބަޔަކަށް ބެހިގެން ކުރިއަށް މިގެންދަނީ. އިޖުތިމާޢީ ދާއިރާގެ މަސައްކަތާ އަޅުގަނޑު ޙަވާލުވެގެން ކުރިއަށްދާއިރު، މިރޭގެ މި ޙަފްލާގައި އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، ތަޢުލީމީ ދާއިރާ އަޅުގަނޑާ ހަވާލުކޮށްފައިވާއިރު އަޅުގަނޑުގެ، އަޅުގަނޑާއި ރައީސްގެ ވިސްނުމުގައި 100 ދުވަހުގެ ޕްރޮގްރާމެއް ރޭވުމަށްފަހުގައި ތަޢުލީމީ ދާއިރާއަށް ހިންގަން ފެށި ޕްރޮގްރާމް، މާތްﷲގެ ރަޙްމަތާއެކީގައި މިހާރު ވަނީ ކުރިއަށް މިއޮތް މުޅި އަހަރަށް ރޭވި އަޅުގަނޑުމެންނާ ހަމައަށް އައިސްފައި. ވަރަށް އުފާވެރިކަމާއެކީ އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންގެ ވިސްނުމާއި، މެނިފެސްޓޯގައި ހުރި ކަންތައްތަކާއި، އަދި ކުރިއަށް ރާއްޖެ ދަތުރުކުރާއިރުގައި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކާއެކީގައި ހިމެނިގެން ވަރަށް ފުރިހަމަ ޕްރޮގްރާމެއްވަނީ ރޭވި، އިންތިޒާމު ކުރެވިފައި، މިނިސްޓްރީގެ ތެރެއިން އެ ޕްރޮގްރާމް އެބަ ހިންގޭ.

މި މަސައްކަތުގެ ތެރޭގައި، އަޅުގަނޑުމެން އޭގެ އެކިއެކި ބައިތަކުގެ ތަފްޞީލަށް ނުދިޔަ ކަމުގައިވިޔަސް، މިދިޔަ ދުވަސްތަކުގެ ތެރޭގައި އަޅާ ނުލެވި ހުރި ވަރަށް ގިނަ ދާއިރާތަކެއް މިވަނީ ހިމެނިފައި. އަޅުގަނޑު، ޚާއްޞަގޮތެއްގައި އަޅުގަނޑުގެ ވަރަށް ބޮޑު ޝައުޤުވެރިކަމެއް ދާއިމަށް، އަބަދަށްވެސް އޮތް ދާއިރާއެއް ސިވިކް އެޑިޔުކޭޝަން ދާއިރާއަކީ. މަދަނީ ތަޢުލީމުގެ ބަޔަކީ. އަޅުގަނޑު މިވާހަކަ ދައްކަނީ އެއްހައިސިއްޔަތަށްވުރެ ގިނަ ހައިސިއްޔަތުން. އަޅުގަނޑު ތަފާތު ދާއިރާތަކުގައި ހަރަކާތްތެރިވެފައި މިހާ ހިސާބަށް އައިއިރުގައި، ސިޔާސީ މީހެއްގެ ޙައިޘިއްޔަތުންނާއި، މިއަދު ޤައުމުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ވަރަށް އަސަރުކުރޭ މުޖުތަމަޢުގެ ފޭރާން ނިކަމެތި ވެގެންދާ މަންޒަރު ފެނުނީމަ.

ޚިޔާލު ތަފާތުވުމަކީ އެއްވެސް ހާލެއްގައި މައްސަލައެއްނޫން. އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ އަޚުންގެ ތެރޭގައިވެސް ތިބެދާނެ އަޅުގަނޑާ ސިޔާސީ ގޮތުން އެއްފިކުރެއް ދިމާ ނުވާނެ މީހުން. ޤަބޫލުކުރައްވާ، ދުވަހަކުވެސް މައްސަލައަކަށް ނުވާނެ އަޅުގަނޑުމެން. އެހެންނަމަވެސް އަޅުގަނޑުމެންނަށް އަސަރުކުރާނެ ރަމަޟާން ރޯދަ މަހެއްގައި ޢަޞްރު ނަމާދަށް މިސްކިތަށް އަރާއިރުގައި، މިސްކިތުގައި ވުޟޫކުރަން ތިބޭއިރުގައިވެސް ހަޑި ހުތުރު އެއްޗެހި ކިޔުމަށްފަހުގައި، ނަމާދުން ފައިބައިގެންވެސް، ތިމާގެ 5 އަހަރަށްދާ ކުޑަކުއްޖާގެ އަތުގައި ހިފައިގެން، އެ ކުއްޖާ ގޮވައިގެން ސައިކަލުން، އަޑު އެހުމަށް އުނދަގޫ، ހަމަ ޔަޤީނުންވެސް ތިމާއާ މުޚާޠަބުކުރަން ތިމާ ނޭދޭހާ ހަޑި ހުތުރު ބަސްތައް ބުނަމުން، މަޔަކު ނުވަތަ ބަފަޔަކު ދާ ކަމުގައި ވަންޏާ އެއީ، އަޅުގަނޑުމެން އަނބުރާ ޒިޔާރަތް ކުރަންޖެހޭ މައްސަލައެއް. އެއީ، މިއަދު އަޅުގަނޑުމެން ރަނގަޅުކުރަން މަސައްކަތް ކުރަންޖެހޭ ކަންތައްތައް. އެހެންވީމާ، އަޅުގަނޑަށް ވަރަށް މުހިންމުވޭ، މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ހިންގޭ ޕްރޮގްރާމްތަކުގައި، ޚާއްޞަ ގޮތެއްގައި އަޅުގަނޑު އެދެން، އާ މަންހަޖެއް ތަޢާރުފުވެގެންދާއިރުގައި އަޅުގަނޑުމެންގެ ވިސްނުން ވަރަށް ބޮޑަށް މިއޮތީ އިސްލާމީ އަޚްލާޤިއްޔާތާއި، ތަޢުލީމުގެ ތެރޭގައި، ހިންގުމުގެ ތެރޭގައި ރާއްޖެ ދަތުރުކުރުން. ދާން ބޭނުންވާ ހިސާބަށް ދަތުރުކުރުން. އެމަސައްކަތުގައި ތިޔަބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ. ބެލެނިވެރިންނާއި ކުދިންނާ އެކީގައި މިހާރަށްވުރެ ހަރުދަނާ ވެށްޓެއް، އަޅުގަނޑުމެންގެ ފޭރާން މިހާރަށްވުރެ ރަނގަޅުކުރުމުގައި، ތިޔަބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ. އެކަން ކުރަން އިތުރު ބަޔަކު ނާންނާނެ. އަޅުގަނޑުމެންނަށް ހެޔޮ އެދޭ އިތުރު ބަޔަކުވެސް ނާންނާނެ.

އެއާއެކީގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، މިރޭ، ދެންމެ އަޅުގަނޑުގެ އަޚު ޢަބްދުﷲ ރަޝީދު، ޖަލްސާ ފަށްޓަވަމުން، ވަރަށް ކާމިޔާބު ބޭފުޅެއް، ތަޢުލީމީ ދާއިރާގެ ބޭފުޅުން ދަންނާނެ، އަޅުގަނޑުމެންގެ ރަށް، އަތޮޅު، ފުވައްމުލައް ވަރަށް ބޮޑަށް ފަޚުރުވެރިވޭ އެބޭފުޅާގެ މަސައްކަތުގެ މައްޗަށް ފާހަގަކުރައްވައިފި، ތިމަންނަމެންނާ ދޭތެރޭގައި އަޅާލުމުގެ ނަޒަރެއް ބަހައްޓައިދޭށޭ. ތިމަންނަ އުއްމީދު ކުރަމޭ އުފާވެރި ޚަބަރެއް އަންނާނެ ކަމަށް. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، ވަރަށް ބޮޑަށް އަޅުގަނޑު އިޙުތިރާމު ކުރަމޭ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް. އެއާއެކީގައި އެންމެ ފުރަތަމަ ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބައޮތް މިއަދު. މުޅި ރާއްޖޭގައިވެސް، އަދި މިއަދު އަޅުގަނޑުމެން ކުރިއަށް ގެންދަން ބޭނުންވާ އަޅުގަނޑުމެންގެ ދަރިވަރުންނަށްވެސް، ބެލެނިވެރިންވެސް، ސިޔާސީ ވެރިންވެސް، މި މުޖުތަމަޢުގައި އެންމެ ބާރުގަދަކަމަށް ޤަބޫލުކުރާ ބައެއް ފަރާތްތައްވެސް، ވިޔަފާރިވެރިންވެސް، މިއިން ކޮންމެ ބައެއް، އެބައެއްގެ ދާއިރާގައި ހަރަކާތްތެރިވޭ. ރަނގަޅު ވާހަކައެއް. އެކަމަކު އެއްވެސް ޤައުމެއްގައި، އެއްވެސް މުޖުތަމަޢެއްގައި މުދައްރިސުން، ޕްރިންސިޕަލުން، ތިޔަބޭފުޅުންނަށްވުރެ ބާރުވެރި ބަޔަކު ނުތިބޭނެ. ނުތިބޭނެ. ތިޔަށްވުރެ މުއްސަނދި ބަޔަކު ނުތިބޭނެ. ތިޔަށްވުރެ އަގުހުރި ބަޔަކު ނުތިބޭނެ. އެ މުޖުތަމަޢެއްގައި ކޮންމެވެސް ސަބަބަކާހެދި ހިތްހަމަ ނުޖެހިފައިތިބޭ ބަޔަކު، ނުވަތަ ވަކި ދިމާއެއްގައި އެބަޔަކު މުޖުތަމަޢު ދީލާލަން، ވަކި ގޮތަކަށް ދީލާލަން ބޭނުންވާ ބަޔަކު އެ މަސައްކަތެއްގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފާނެ.

އެކަމަކު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެއްވެސް އެއްޗެއް ޢިލްމަކަށްވުރެ ބާރުވެރިއެއް ނުވާނެ. އެއްވެސް ކަމެއް ޢިލްމު އުނގަންނައިދިނުމަކަށްވުރެ މާތް ނުވާނެ. އެއީ، ދުނިޔޭގެ ޙަޤީޤަތް. އެއ، މުޖުތަމަޢުތަކުގެ ކުރިއެރުން. އެހެންވީމާ، ކީރިތި ޤުރުއާނުގައި اللّـه سبحـانـه وتعـالى ވަޙީ ކުރައްވަނީ "يَرْ‌فَعِ اللَّـهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَ‌جَاتٍ". اللّـه سبحـانـه وتعـالى ދަރަޖަ އުފުއްލެވިއޭ ޢިލްމު ލިބިގެންވާ މީހުންގެ. އެ މަސައްކަތުގެ އަހުލުވެރިން، ތިޔަބޭފުޅުންނަކީ. އެކަމުގައި ރޭގަނޑު ނިދަން ތަންމައްޗަށް އޮށޯންނައިރުގައި ތިޔަބޭފުޅުންގެ ހިތުގައި އެކަމަށް ހިތްހަމަޖެހުން ގެންނަންވާނެ. ބާރުވެރިން އެބަތިބި މުޖުތަމަޢުގައި. މުއްސަނދިން އެބަ ތިބި މުޖުތަމަޢުގައި. އަޅުގަނޑުމެން ބައިސްކަލު ދުއްވާފައިދާއިރުގައި ކާރުގައި ދުއްވާފައި ދާ މީހުން ތިބޭނެ. އަޅުގަނޑުމެން އުޅޭ ގެތަކަށްވުރެ މާ ތަނަވަސް ގެތަކުގައި އުޅޭ މީހުން ތިބެދާނެ. އަޅުގަނޑުމެންނަށްވުރެ ނުފޫޒު ގަދަ މީހުންވެސް ތިބެދާނެ. މުދައްރިސުންނަށްވުރެ.

އަޅުގަނޑުމެންނަށް މިއަދު ފެނޭ، ސިޔާސީ މަސައްކަތުގައި އަޅުގަނޑުމެން އުޅޭ އިރުވެސް ބައެއް ފަރާތްތަކަށް ބަލައިނުގަނެވޭ، ތިޔަބޭފުޅުން ތަރުބިއްޔަތުކުރި ދަރިއަކު ވަކި ހިސާބަކަށް އަންނާކަށް. ތިޔަބޭފުޅުންގެ ތެރެއިން ނިސްބަތްވާ މީހަކު ވަކި ހިސާބަކަށް އައުމަށް. ބާރުގަދަކަމަށް ހީވާ ޚަބަރުފަތުރާ ވަސީލަތްތަކާއި، އެހެނިހެން ވަސީލަތް އަތުގައި ތިއްބަވާ ބޭފުޅުންނަށް ހީވޭ، ތިމަންނަމެން ނޫން އެހެން ބަޔަކު ތިބެގެން ނުވާނެ ކަމަށް. އެގޮތަށް ދެކޭ މީހުން ތިބެދާނެ ތިޔަބޭފުޅުން ހަރަކާތްތެރިވާ މުޖުތަމަޢުގައިވެސް. އެހެންނަމަވެސް ޢަރަބި ހަރުބަހެއްގައި އޮވޭ "الغنى غنى النفس" މުއްސަނދިކަމަކީ ކޮންމެހެން އެމީހަކު ދައްކާ ކުލައެއްނޫން. އެމީހެއްގެ ފޭރާމެއްވެސް ނޫން. އެމީހެއްގެ އަތުގައި މުދާ ހުރި ވަރެއްވެސް ނޫން. މުއްސަނދިކަމަކީ ނަފްސުގެ މުއްސަނދިކަން. ޢިލްމަށްވުރެ މުއްސަނދި އެއްވެސް އެއްޗެއް ނޯންނާނެ. މިއަދު އެ މަސައްކަތް ތިޔަބޭފުޅުން ތިޔަ ކުރައްވަނީ ސެލްފްލެސްކޮށް. އަޅުގަނޑަށް އެނގޭ، އެތައް ގަޑިއިރެއް ތިޔަބޭފުޅުން ހޭދަކުރައްވާ. އަޅުގަނޑުގެ ޝަކުވާވެސް އެބަހުރި ތިޔަބޭފުޅުންނާ ދޭތެރޭގައި. އެކަމަކު މިރެއަކީ ޝަކުވާގެ ވާހަކަ ދައްކާނެ ރެއެއްނޫން.

އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ޢާއިލާތަކުގެ ތެރެއިން ހަމަ ތުއްތު ކުދިންނާ އެކީ ހަރަކާތްތެރިވާ ބޭފުޅުން ތިޔަބޭފުޅުންނަކީ. އެކަމަކު އެ ތުއްތު ކުއްޖާއަށް ވަގުތު ނުދީ، މުޖުތަމަޢުގެ އެހެން އަފުރާދުންގެ ކުދިންނަށް ތިޔަބޭފުޅުން ވަގުތު ދެނީ. ރޭގެ ޙަފްލާގައި ފެނިގެން ދިޔައީ އޭގެ ފޮނިމީރުކަން. އެވާހަކައަށް އަތްތިލަބަޑި ޖަހާފައި "އާނ ވަރަށް ރަނގަޅޭ. ސާބަހޭ." ބުނުމަކުން ނުފުދޭ. އެކަން ބަލައިގަންނަ ގޮތް ފެންނަން އެބަޖެހޭ.

އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވަން، އަޅުގަނޑުމެންގެ މި ސަރުކާރުން އެންމެ ފުރަތަމަވެސް، މިނިސްޓަރުވެސް އެބަ ހުންނެވި، އެނގިވަޑައިގަންނަވާނެ އެންމެ ފުރަތަމަ އަޅުގަނޑު ފެށި މަސައްކަތުގެ ތެރޭގައި ތަޢުލީމީ ދާއިރާގައި ހުރި ގޮންޖެހުންތައް ފިލުވުން ހިމެނޭ. އިތުރުގަޑިއަށް މީގެ ކުރިން ލިބެމުން އައި މިންވަރު %5 ގެ ބަދަލުގައި %10 އަށް މަތި ކޮށްލަދިނީ. ހަމައެއާއެކީގައި ޕޭލީވްގައި ކިޔަވަން ދެވޭނެ ގޮތް ހަމަޖައްސައިދިނީ. ސަރުކާރުގެ ބަޖެޓަކަށް އިތުރު އާމްދަނީއެއް މިވަގުތު ނާދޭ.

އެހެންނަމަވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން ރާއްޖެ ކުރިއަށް ގެންދަން، އަޅުގަނޑުމެން ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދަން ބޮޑު، ބިޔަ މަޝްރޫޢުތައް ރާވައި، މިވެނި ދިމާއަކަށް އެކައުންޓެންޓުންނާއި، އެތަކެއް ސަތޭކަ ޑޮކްޓަރުންނާއި، މިވެނި ކަހަލަ މީހުން ބޭނުންވެއޭ ބުނާއިރުގައި، އޭގެ ފެށުން އޮތީ ތިޔަބޭފުޅުންގެ އަތްމަތީގައި. އެ ބިންގާ އަޅަނީ ތިޔަބޭފުޅުންކަން. ރޭގެ ސްޓޭޖް މަތިން ދިޔަ ކުދިންނަކީ އެ މަސައްކަތް ކުރާނެ ކުދިންކަން.

އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ވަޢުދުވަން، އިރާދަކުރެއްވިއްޔާ މި ސަރުކާރުން ދެން ކުރާ އެންމެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުގެ އާމްދަނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުވުމާއެކީގައި، ލަސްތަކެއް ނުވެ އަޅުގަނޑު ތިޔަބޭފުޅުންގެ މުސާރަ އިރާދަކުރެއްވިއްޔާ އަލުން އެއަށް ޒިޔާރަތްކޮށް، އެ މުސާރައިގެ މިންވަރު އުފުލާލާނެ ކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑުގެ އަޚް ޢަބްދުﷲ ރަޝީދު ދެއްކެވި ވާހަކައަށް އިތުރުކޮށްލަން އަޅުގަނޑު ބޭނުންވަނީ، މިމަސައްކަތުގެ ތެރޭގައި މިއަދާ ހަމައަށް އައީކީ ކޮންމެހެން މުސާރަ އުފުލައިގެން، މުސާރަ މަތިކޮށްގެން، ނުވަތަ ތިޔަބޭފުޅުން ތިއްބަވާ ތަން އަރާމުވެގެން، ނުވަތަ ސްކޫލްތަކުގެ ޖާގަ ބޮޑުވެގެނެއްނޫން އައީއަކީ. ހަމަ މި މުޖުތަމަޢު ދެކެ ލޯބިވާތީ، ބަޔަކު ކޮންމެ އެއްޗެއް ކީކަމުގައި ވީނަމަވެސް، މިއަށްވުރެ ރަނގަޅު ދިމާއަށް ދަތުރުކުރެވެން އޮއްވާ، މިކަމުގައި ހިފަހައްޓައިގެން ތިއްބެވި ތިޔަބޭފުޅުންނަކީ އެއީ އެކަމުގައި، އެކަމަކީ ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އޭގެ އަގު ދުވަހަކުވެސް އަދާ ކުރެވޭނެ ކަމެއްނޫން.

އެއީ، ކީރިތި ރަސޫލާގެ ޙަދީޘްފުޅުންވެސް އައިސްފައިވާ މަތިވެރި އިރުޝާދު. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ "مَنْ خَرَجَ لِيَسْلُك الْعِلْمِ فَهُوَ فِي سَبِيلِ اللَّهِ حَتَّى يَرْجِعَ" ޢިލްމު އުނގެނުމަށްޓަކައި ނުކުމެއްޖެ މީހާ، އެވަނީ ﷲގެ މަގުގައެވެ. އޭނާ އެނބުރި ގެއަށް އަންނަންދެން އޭނާއަކީ ޖިހާދުކުރާފަދަ މީހެކެވެ. ތިޔަބޭފުޅުން މިއަދު ތިޔަ ކުރައްވަނީ އެ މަސައްކަތް. އެ މަތިވެރި މަސައްކަތް. ރަނގަޅު، އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބެންޖެހޭ އެހީތެރިކަން އެއީ، ލިބެންޖެހޭ ކަންތައްކަން. އެކަމަކު ކޮންމެ ގޮތެއް ވީކަމުގައިވީ ނަމަވެސް، މި މަތިވެރި މަސައްކަތުގެ އަގު ތިޔަބޭފުޅުންނަށް ލިބޭނެ. މި މަތިވެރި ޖިހާދުގެ މަސައްކަތުގެ އަގު ތިޔަބޭފުޅުންނަށް ލިބިގެންދާނެ.

ރޭގެ ޙަފްލާގައި ވަރަށް ގިނަ ކާމިޔާބީތަކެއް ލިބިގެން ދިޔަ. ލޮލުން ކަރުނަ އައި ވަގުތުވެސް ދިޔަ. އުފަލުން، ޤައުމު ދެކެ ލޯބިވާ ކޮންމެ ރައްޔިތަކު "އާނ ހާދަ ރަނގަޅޭ. ވަރަށް ހިތްހަމަޖެހިއްޖޭ." ބުނާނެ ވަގުތު އައި. މި މަސައްކަތް މިހާ ހިސާބަށް ގެންދިޔުމުގައި އެންމެ ޙައްޤު ޝުކުރެއް އަދާކުރަންޖެހޭ ފަރާތަކީ ތިޔަބޭފުޅުން. އެކި ސްކޫލުތަކުންނާއި އެކި ހިސާބުތަކުން ގެންދިޔަ ވަނަތައް އަޅުގަނޑުމެން އެތާނގައި ތިބިއިރުގައި އެނގުނު ވަކި އަތޮޅަކަށް، ވަކި ރަށަކަށް އޮތް ކަމެއް ނޫންކަން. ހަމަ އެބަޔަކު މަސައްކަތްކުރި ހިސާބުތަކުން އެ ނަތީޖާ ފެނިގެން އައިސްފައި ހުރީ. ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެކަން ފާހަގަކުރެއްވި. ވަޒީރުންގެ މަޖިލީހުގައި ފާހަގަ ކުރެވިގެންދިޔަ.

އެހެންވީމާ، ތިޔަބޭފުޅުންގެ ބުރަ މަސައްކަތުގެ އަގު އަޅުގަނޑު ވަޒަންކުރަން. އެއާއެކީގައި، ތިޔަބޭފުޅުންނަށް އެނގިވަޑައިނުގަތަސް، ކޮންމެ ދުވަހަކުހެން ތަޢުލީމާ ބެހޭ ވަޒީރު އަޅުގަނޑާ ގުޅުއްވާ. ކިރިޔާ ކަމެއް ދިމާވިޔަސް ވަޑައިގަންނަވާ. ޝަކުވާ، ރަނގަޅު، ކޮންމެ ބައެއްގެވެސް ހުންނާނެ. އެއީ، އެއްފަހަރަކާ އެއްވެސް ބަޔަކު ބޭނުންވާ މިންވަރަކަށް ކަންތައްތަކެއް ރަނގަޅުކުރުމަކީ އެއްވެސް އިންސާނަކަށް ކުޅަދާނަ ކަމެއްނޫން. އެހެންނަމަވެސް، އަޅުގަނޑު މިރޭ ފާހަގަކުރަން ބޭނުންވޭ، އަޅުގަނޑު ހިންގާ ދާއިރާގެ ތެރޭގައި، އިޖުތިމާޢީ ދާއިރާގެ ތެރެއިން ޚާއްޞަގޮތެއްގައި ތަޢުލީމީ ދާއިރާއާ ދޭތެރޭ އަޅުގަނޑު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އެ މަސައްކަތް އެގޮތަށް ހިތްހަމަޖެހޭ ފެންވަރަށް އެ ގެންދެވެނީ މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، މިނިސްޓަރުގެ ޓީމު، ޓީމުގެ ހުރިހާ ބޭފުޅުން، ސްޓޭޓް މިނިސްޓަރުން، އަދި އަޅުގަނޑުގެ ސޯޝަލް ކައުންސިލުގައި އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅުން، ޑޮކްޓަރ ފާއިޒް. މިފަދަ އެތައް ބޭބޭފުޅުންގެ ބުރަ މަސައްކަތާއެކީގައި.

އަޅުގަނޑު މިރޭ އިޖުމާލީ ގޮތެއްގައި ބޭނުންވޭ، މި ފުރުސަތު އަޅުގަނޑު ބޭނުންކުރަން ބޭނުންވީވެސް އެކަމަށްޓަކައި. އެއީ އަޅުގަނޑަކީ، މީހުންގެ މަސައްކަތަށް ޝުކުރު އަދާކުރަން ބޭނުންވާ މީހެއް. އެހެންވީމާ، އަޅުގަނޑު މިރޭ ވަރަށް ޚާއްޞަ ޝުކުރެއް ޕްރިންސިޕަލުންނަށް، ތިޔަ ހުރިހާ ބޭފުޅުން، މީގެތެރޭ ހާޒިރުވެވަޑައިނުގެންނެވުނު ބޭފުޅުންވެސް ހިމެނޭ ގޮތަށް. މިނިސްޓަރ، މިނިސްޓަރުގެ ޓީމަށް. އަޅުގަނޑުގެ ސޯޝަލް ޑިވިޜަނުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް. އަދި އަޅުގަނޑުގެ ބިޔުރޯގައި މަސައްކަތްކުރައްވާ ބޭފުޅުން މިހާރުވެސް މިތާ އެބަ ތިއްބެވި. މި ހުރިހާ ބޭފުޅުން ހިމެނޭ ގޮތަށް ތިޔަބޭފުޅުންނަށް ހަމަ ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ކުރިއަށް މިއޮތް ދުވަސްތަކުގައި މި ދާއިރާއަށް އިތުރު ފާގަތިކަން ލިބިގެން ދިޔުން. ތަޢުލީމީ ދާއިރާއަކީ، އަޅުގަނޑުގެ ވަރަށް ގާތް ދާއިރާއެއް. ތިޔަބޭފުޅުން ކުރައްވާ މިންވަރަށް އަޅުގަނޑަށް މަސައްކަތް ނުކުރެވުނު ކަމުގައި ވީނަމަވެސް، މިއަހަރު ފިޔަވައި ކޮންމެ އަހަރަކު އަޅުގަނޑު ކިޔަވައިދެމުންވެސް ގެންދަން. އަދި މިއަހަރުވެސް ކިޔަވައިދޭން ގަސްދުވެސް ކުރަން، ކުރިއަށް އޮތް ދުވަސްތަކުގައިވެސް. އެހެންނަމަވެސް މިރޭގެ މި ޙަފްލާ މާދިގުވެގެން ހިނގައްޖެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވޭ، ކާއެއްޗެހި ހާޒިރުވެއްޖެ ކަމުގައިވާނަމަ ނަމާދުވެސް ފަސްކުރާށެވެ. އެހެންވީމާ، މިހާ ހިސާބުން މިވާހަކަ އަޅުގަނޑު ކުރުކޮށްލަން. އަދިވެސް އެއްފަހަރު އަޅުގަނޑު އެދެނީ، ތަޢުލީމީ ދާއިރާއަށް އިތުރު ކުރިއެރުން. ދިވެހިރާއްޖެއަށް ފާގަތި ދުވަސްތަކެއް. އަދި اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ދަރިންނަކީ ޚުލްޤު ހެޔޮ، ރަނގަޅު އަޚްލާޤަކާއި ތަޢުލީމެއްގެ ތެރޭގައި ތަރުބިއްޔަތުވާ ދަރިންތަކެއް ކަމުގައި اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. އާމީން!

والســّلام عليــكم ورحـمــة اللّـه وبـركاتـه