‏ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު، ރަސްމީ ‏‏ދަތުރުފުޅެއްގައި މިރޭ ޗައިނާއަށް ފުރާވަޑައިގެންފިއެވެ‏‎.‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި، ޗައިނާ ސައުތު އޭޝިޔާ ‏‏އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގަޔާއި، ޗައިނާ ސައުތު އޭޝިޔާ ބިޒްނަސް ފޯރަމްގައި ‏‏ބައިވެރިވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޗައިނާގެ ވައިސް ‏‏ޕްރިމިއަރ، ވަންގ ޔެންގއާ ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ‏‎.‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިދަތުރުފުޅުގައި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަބްދުﷲ އަމީން ބައިވެރިވެވަޑައިގަންނަވައެވެ‏‎.‎

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، މިދަތުރުފުޅުގައި ފުރާވަޑައިގަންނަވަމުން، ‏‏އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް ދެއްވި ‏‏ބަސްދީގަތުމުގައި، ޗައިނާގައި މިބޭއްވޭ ވިޔަފާރި މަޢުރަޒުގައި، ޗައިނާގެ ގިނަ ޢަދަދެއްގެ ‏‏ވިޔަފާރިވެރިންނާ ބައްދަލުކުރައްވާނެ ކަމަށާއި، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރްޞަތުތަކާ ‏‏ބެހޭގޮތުން އެފަރާތްތަކަށް މަޢުލޫމާތު ދެއްވާނެ ކަމުގައި ވިދާޅުވިއެވެ.‏

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ‏‏ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގެ މަޝްރޫޢުތަކާ ބެހޭގޮތުން ޗައިނާ ސަރުކާރާ ވާހަކަފުޅު ދައްކަވާނެ ‏‏ކަމަށާއި، ކުރިއަށް ރޭވިފައިވާ ޕްރޮގްރާމްތަކުގައި ޗައިނާއިން އަދާކުރާނެ ދައުރާ ގުޅޭގޮތުންނާއި، ‏‏ޗައިނާގެ ޙިއްޞާ ހޯއްދެވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެ ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ‏‏އިޞްލާޙީ އެޖެންޑާގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންދެވުމުގައި، ޗައިނާގެ ބައިވެރިވުމާ ‏‏ބެހޭގޮތުން ވާހަކަ ދެކެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ. އެމަނިކުފާނު ‏‏ވިދާޅުވީ، އުތުރުގައި ރާވާފައިވާ އައިހެވަން މަޝްރޫޢާއި އަދި ހުޅުލެއާއި މާލެއާ ދެމެދު އަޅާ ‏‏ބްރިޖުގެ މަޝްރޫޢާއި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ޗައިނާގެ ބައިވެރިވުމާ ގުޅޭގޮތުން ‏‏ވާހަކަ ދެކެވޭނެ ކަމުގައެވެ. އަދި ރާއްޖޭގައި ހުޅުވިގެންމިދާ މުހިންމު މަޝްރޫޢުތަކަށް ޗައިނާއިން ‏‏މިހާރުވެސް ވަރަށް ބޮޑަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ‏‏ނައިބު ވިދާޅުވިއެވެ.‏