بســم اللّـه الرّحمـن الرّحيــم

الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه

‏މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ އަލްފާޟިލާ މަރްޔަމް ޝަކީލާ، ‏‏ޑިފެންސް މިނިސްޓަރ އޮނަރަބްލް މުޙަންމަދު ނާޒިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ‏‏ޢަބްދުﷲ އަމީން، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އަލްފާޟިލް މުޙަންމަދު މަލީޙު ޖަމާލް، ‏‏އިކޮނޮމިކް މިނިސްޓަރ އަލްފާޟިލް މުޙަންމަދު ސަޢީދު، ހެލްތް މިނިސްޓްރީގެ އިސްބޭފުޅުން، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭފުޅުންނާއި، އަދި މިނިސްޓްރީ އޮފް ޑިފެންސްގެ އިސްބޭފުޅުންނާއި، ‏‏ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. ‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު ފާހަގަވެގެންމިދާ ޚިދްމަތަކީ، އަޅުގަނޑުމެންގެ އަތޮޅުތެރެއާއި، ‏‏ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށާއި އަދި ‏‏ލަސްނުވެ ޢާންމު ރައްޔިތުންނަށް ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާ ކުރުމުގެ ގޮތުން، ‏‏މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏‏ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގަޔާއި އަދި މި ސަރުކާރު ވުޖޫދަށް އައުމާ ހަމަޔަށް އަދި ‏‏އޭގެކުރިންވެސް ވެފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަޢުދު ފުއްދުމުގެ ގޮތުން ‏‏އެޅިގެންދާ މުހިންމު ފިޔަވަޅު. އިރާދަކުރެއްވިއްޔާ، މި ޚިދްމަތް ތަޢާރުފްވެގެން ދިޔުމާ އެކީގައި ‏‏މިއަދު އަޅުގަނޑުމެންނަށް، ޞިއްޙީ ނިޒާމުގެ ތެރޭގައި، އެންމެ ބޮޑަށް ދިމާވެފައިވާ އެއް މައްސަލަ ‏‏ކަމަށްވާ، ރާއްޖޭގެ އެކިހިސާބުތަކުން ބަލިމީހުން، އެމީހުންނަށް ލިބެންޖެހޭ ފަރުވާ ފޯރުކޮށްދިނުމުގައި ‏‏ދިމާވާ ދަތިތައް ޙައްލުވެ، ވަގުތުން ފަރުވާ ފޯރުކޮށްދިނުމުގެ ނިޒާމެއް، ރާއްޖޭގެ ތާރީޚުގައި ‏‏ފުރަތަމަފަހަރަށް މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި ޤާއިމްވެގެން މިދަނީ. މި ޚިދްމަތް މިގޮތަށް ‏‏ތަޢާރުފް ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ދެކަމެއް ޙާޞިލުވެގެން ދިޔުން. ބަލިމީހާއަށް ‏‏އެކަށީގެންވާ ފަރުވާ ލިބިދިނުމަށްޓަކައި، ދެން ދާނެ ދިމާއެއް ނޭނގި ހޭދަވާ ވަގުތު ކުޑަވެގެންދާނެ. ‏‏އަދި ހަމައެޔާއެކީގައި، މާލެއަށް ބަލިމީހުން އައުމަށް މިހާރު ދިމާވާ މައްސަލައަށް ޙައްލު ލިބިދީ، ‏‏ރާއްޖޭގެ ޞިއްޙީ ނިޒާމުގެ ތެރޭގައި މިހާރު ކުރަމުންދާ ޚަރަދު، އިރާދަކުރެއްވިއްޔާ ވަރަށްބޮޑުތަން، ‏‏މިކަމުގެ ސަބަބުން ކުޑަވެގެންދާނެ. ‏

މި ޚިދްމަތް އިރާދަކުރެއްވިއްޔާ މިއަދު ތަޢާރުފްވެގެންދާއިރުގައި، ‏‏އަޅުގަނޑުމެންގެ ސަރުކާރުގެ އުންމީދަކީ، ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި، މިއަހަރު ‏‏ނިމެންވާއިރަށް، އެންމެ ލަސްވެގެންވެސް، މާތްﷲގެ ރަޙްމަތާއެކީގައި، މުޅި ރާއްޖެއަށް މި ޚިދްމަތް ‏‏ތަޢާރުފް ކުރެވޭނެ ގޮތަކަށް، މިކަންތައްތައް ހަމަޖެއްސުން. އަޅުގަނޑު މި އުންމީދު ކުރަނީ، މިހާރު ‏‏ކުރައްވަމުން ގެންދަވާ މަސައްކަތް، މިނިސްޓްރީ އޮފް ހެލްތާއި އަދި މިނިސްޓްރީ އޮފް ޑިފެންސާ ‏‏ގުޅިގެން، މި ޚިދްމަތް ތަޢާރުފް ކުރެވިގެންދާހިނދުގައި، އިރާދަކުރެއްވިއްޔާ މިދާ ނިސްބަތުން ‏‏ރާއްޖޭގެ އެއްވެސް އަތޮޅެއް، އެއްވެސް ރައްޔިތަކު މަޙްރޫމް ނުވާނެ ގޮތުގެ މަތިން، އަހަރު ‏‏ނިމެންވާއިރަށް 26 ލޯންޗް އިރާދަކުރެއްވިއްޔާ މުޅިން މަރާމާތުކޮށް ނިމި، މުޅި ރާއްޖެއަށް މި ‏‏ޚިދްމަތް ތަޢާރުފް ކުރުން. ‏

އަޅުގަނޑު، މިއަދު މި ޚިދްމަތް ތަޢާރުފް ކުރުމާއެކީގައި، ދަންނަވާލަން ‏‏ބޭނުންވޭ، އަޅުގަނޑުމެންގެ ސަރުކާރުން އެންމެ މުހިންމު އިސްކަމެއް މިދެނީ، ހުރިހާ ‏‏ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑުމެންގެ އަތްމައްޗަށް ވާރުތަވި ‏‏ވަރަށް ބަލިކަށިކޮށް އޮތް ނިޒާމެއް މުޅިން ކޮޅަށްޖެހުމުގެ މަސައްކަތް. ރާއްޖޭގެ ޞިއްޙީ ނިޒާމު ‏‏އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި، އެ ނިޒާމުގެ ތެރޭގައި ވަރަށް ބައިވަރު މައްސަލަތައް ހުރި. ‏‏އެއްކަމެއް، ދެކަމެއް ނޫން. ޞިއްޙީ މަރްކަޒުތަކަށް ބެލިކަމުގައިވީ ނަމަވެސް، މިތަންތަނުންދޭ ‏‏ޚިދްމަތަށް ބެލިކަމުގައިވީނަމަވެސް، އަދި އެތަންތަނުގައި ހުރި މެޝިނަރީއާއި ފާޚާނާތަކަށް ‏‏ބެލިކަމުގައިވީނަމަވެސް އަދި މިތަންތަނުގައި މަސައްކަތް ކުރަން ތިބި މުވައްޒަފުންނާއި، މެނޭޖް ‏‏ކުރަން ތިބި މީހުންނަށް ބެލި ކަމުގައިވީނަމަވެސް، މިހުރިހާ ކަމަކަށް އަޅުގަނޑުމެން ޖެހުނީ، މުޅިން ‏‏އަލުން ބަލުން މިކަމަށް އަޅުގަނޑުމެން ތައްޔާރުވެ، މި ނިޒާމު ކޮޅަށްޖަހަން. ‏

‏މިދިޔަ ދުވަސްތަކުގެ ތެރޭގައި، 100 ދުވަހުގެ ޕްރޮގްރާމްތަކުގެ ތެރޭގައި، ‏‏ރައީސް ޔާމީންގެ މުހިންމު ވަޢުދަކަށްވީ، ޞިއްޙީ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ‏‏ފޯރުކޮށްދިނުން. އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ، ރާއްޖޭގެ ‏‏ރައްޔިތުން ހިތްހަމަޖެހޭ މިންވަރަށް، މި ޚިދްމަތް އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ކަމުގެ ފުރިހަމަ ‏‏ޔަޤީންކަން އެބައޮތް. އެކަމަށްޓަކައި އަޅުގަނޑު ފާހަގަކުރަން. ރާއްޖޭގެ ތާރީޚުގައި ނިމިގެން މިދިޔަ ‏‏ދުވަސްތަކުގެ ތެރޭގައި، އެއްވެސް ސަރުކާރަކަށް، މިއަދާ ހަމައަށް އައިއިރުގައި، ގަވާއިދުން ޞިއްޙީ ‏‏ނިޒާމުގެ ތެރެއަށް ފުރިހަމަ އޮނިގަނޑެއް، ޑޮކްޓަރުންނަށް ތަޢާރުފް ކުރެވިފައެއް ނެތް. އެހެން ‏‏ނަމަވެސް، މި ސަރުކާރުން އެންމެ ފުރަތަމަ ކަމަކަށް މިއަދު އެއޮތީ ސިވިލް ސަރވިސްއާ ވާހަކަ ‏‏ދެކެވިގެން، ރާއްޖޭގައި ފަރުވާދޭ ޑޮކްޓަރުންނަށް ފުރަތަމަފަހަރަށް އޮނިގަނޑެއް ތަޢާރުފް ކުރެވި، ‏‏އެއޮނިގަނޑުގެ ދަށުން ޑޮކްޓަރުންގެ މުސާރަ ހަމަޖެހި، އިރާދަކުރެއްވިއްޔާ މިހާރު މިމަހުން ފެށިގެން ‏‏އެ ގޮތުގެ މަތިން ޑޮކްޓަރުންނަށް މުސާރަ ލިބި އަދި އެ އޮނިގަނޑު އެގޮތަށް ފާސްވެގެންދާނެ. މީގެ ‏‏ނަތީޖާއަކަށް ވެގެންދާނީ، މިއަދު އަތޮޅުތެރެއިންނާއި ރަށްރަށުން އަޅުގަނޑުމެންނާ ހަމައަށް މި ‏‏އަންނަ ޝަކުވާ، ޑޮކްޓަރުން ނެތުމުގެ ޝަކުވާ، ބަލިމީހުންނަށް ވަގުތުން ފަރުވާދެވޭނެ ނިޒާމް ‏‏ހުއްޓިފައި އޮންނަ އޮތުމަށް ނިމުމެއް ގެނެސް، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްތަކުގައި، ‏‏ދުއިސައްތައަށްވުރެ ގިނަ ޑޮކްޓަރުން ރާއްޖެއަށް ރިކްރޫޓް ކުރެވިގެން، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ‏‏އެކިހިސާބުތަކަށް ދިމާވެފައި މިއޮތް މައްސަލައަށް ޙައްލެއް ހޯދައިދިނުމުގެ ޔަޤީންކަން ‏‏އަޅުގަނޑުމެންނަށް އެބައޮތް. ‏

‏އަޅުގަނޑު އެޔާއެކީ ދަންނަވާލަން ބޭނުންވަނީ، މިއީ އެއް މަރްޙަލާ. އެކަމަކު ‏‏މިޔާއެކީގައި ދެން އޮތް މުހިންމު އަނެއް ކަމަކީ، ރާއްޖޭގެ ޞިއްޙީ ނިޒާމުގައި މަސައްކަތްކުރާ ‏‏ފަރާތްތަކުން އެބަޖެހޭ ރައްޔިތުންނަށް އެހީތެރިވާން. ރާއްޖޭގެ ޞިއްޙީ ނިޒާމު ހިންގަވަން ތިއްބެވި ‏‏ބޭފުޅުން އެބަ ދަސްކުރައްވަންޖެހޭ، ރާއްޖޭގެ ރައްޔިތުންނަށް މިއަދު އެންމެ ބޮޑަށް ބޭނުންވެފައިވާ ‏‏އެއް ދާއިރާއަކީ، ޞިއްޙީ ޚިދްމަތުގެ ދާއިރާކަން. މި ދާއިރާއަށް ބޭނުންވާ ޞިއްޙީ ސާމާނު ‏‏ގެނެވިދާނެ. ޑޮކްޓަރުން ގެނެވިދާނެ. ސަރުކާރުން އޮނިގަނޑު ތަޢާރުފް ކުރެވިދާނެ. ސީ ‏‏އެމްބިއުލެންސް ލޯންޗް ކުރެވިދާނެ. އެކަމަކު އެއަށްވުރެ މުހިންމު ކަމަކީ ޚިދްމަތުގައި ތިއްބެވި ‏‏ބޭފުޅުން، މިތަންތަން މެނޭޖް ކުރައްވަން ތިއްބެވި ބޭފުޅުން، މިތަންތަން ހިންގަވަން ތިއްބެވި ‏‏ބޭފުޅުން، އިޚްލާޞްތެރިކަމާއި، ޚާލިޞް ހިތަކާ އެކީގައި މި މަސައްކަތް ކުރުމަށްޓަކައި ‏‏ތެދުވެވަޑައިގެންނެވުން. މިއިން ކޮންމެ މަސައްކަތަކީ، ތަކުރާރުކޮށް އެދިގެން، ތަކުރާރުކޮށް ‏‏އިލްތިމާސްކޮށްގެން، ސިޓީތައް ގޮސްގެން، ޚިދްމަތް ކުރަން ތިއްބެވި ބޭފުޅުން ތެދުވާންޖެހޭ ‏‏ކަމަކަށްވެއްޖެ ކަމުގައިވާނަމަ، ރައްޔިތުންނަށް ދެވޭ ޚިދްމަތުގެ ފެންވަރު ރަނގަޅެއް ނުވާނެ. ‏‏އަޅުގަނޑުމެން މުޅި ރާއްޖެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ކޮންމެ ރައްޔިތަކު، އަޅުގަނޑުމެންގެ ‏‏ވަޒީފާއެއްގައި ތިބި ކޮންމެ މީހަކުގެ ހިތުގެ އެންމެބޮޑު ޝައުޤަކަށްވާންޖެހޭނީ، ތިމަންނަ މި ‏‏ޚިދްމަތުގައި މިހިރީ، ހިތުން އެދިގެން، ލޯބިން ޚާލިޞްކަމާއެކީގައި ރައްޔިތުންނަށް ޚިދްމަތް ކުރުމަށް ‏‏ކަމަށް ދެކިގެން. މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި މެނޭޖް ކުރައްވަން ތިއްބެވި ބޭފުޅުންނާއި، ‏‏ހިންގަވަން ތިއްބެވި ބޭފުޅުން، ސިޔާސީ އެކި ފިކުރުގެ ތެރޭގައި ގެނބިގެން ގޮސް، މި ‏‏ޚިދްމަތަށް ބުރޫއަރާ ފެންވަރަށް އެބައެއްގެ ސިޔާސީ ވިސްނުމާއި ފިކުރު ތަޣައްޔަރުވެއްޖެ ‏‏ކަމުގައިވާނަމަ، އަޅުގަނޑަކަށް ރާއްޖޭގެ ޞިއްޙީ ނިޒާމަށް ކިތަންމެ ރަނގަޅަށް، އަޅުގަނޑުމެން ‏‏ސީ-އެމްބިއުލެންސާއި، ޑޮކްޓަރުންނާއި އޮނިގަނޑު ތަޢާރުފްކުރި ކަމުގައިވީނަމަވެސް، މި ޚިދްމަތް ‏‏ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި، ރައްޔިތުން ދެކެން ބޭނުންވާ ފެންވަރަށް ޚިދްމަތް ‏‏އައުމުގައި ދަތިތަކެއް ހުންނާނެ. ސަރުކާރު މިކަންތައްތަކެއް ތަޙައްމަލެއް ނުކުރާނެ. ސަރުކާރު މި ‏‏މަންޒަރު ބަލަން ނުތިބޭނެ. ޚިދްމަތް ދެއްވަން ތިއްބެވި، ހިންގަވަން ތިއްބެވި މެނޭޖަރުންނާއި، ‏‏އެތަންތަން އެޑްމިނިސްޓްރޭޓިވް ގޮތުން ހަރުދަނާ ކުރައްވަން ތިއްބެވި ބޭފުޅުން، އެކަން އެގޮތަށް ‏‏ބަލައިނުގަންނަ ކަމުގައިވާނަމަ، އެ އިޞްލާޙު، އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކަން އަރުވަން، ‏‏ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އޮނިގަނޑަށް އަންނާނެ. އެކަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ‏‏ތަޢާރުފު ކުރާނަން. ‏

އަޅުގަނޑު އުންމީދު ކުރަނީ، މި ތަޢާރުފްވެގެންދާ ޚިދްމަތުގެ ތެރެއިން ރާއްޖޭގެ ‏‏ރައްޔިތުންނަށް ދިމާވެފައިވާ ވަރަށްގިނަ ތަކުލީފުތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް. މި މަސައްކަތް ‏‏ކުރިއަށް މިދަނީ މިއަދު ރައީސް ޔާމީންގެ ފުރިހަމަ ބެއްލެވުމުގެ ދަށުން އެމަނިކުފާނުގެ ‏‏ވިސްނުންފުޅާއެކީ. އަޅުގަނޑުމެންގެ ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ފުރިހަމަ އެއްބާރުލުމާއެކީގައި. ‏‏މުޅި ކެބިނެޓް އެކީގައި ރައްޔިތުންނަށް ޚިދްމަތް ކުރުމުގައި މިއޮތީ އަތާ އަތްގުޅާފައި. ސަރުކާރުން ‏‏ރާއްޖޭގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދްމަތްތަކަށް ބުރުލެއްނާރާނެ. މިއަދުގެ ސަރުކާރު ‏‏އިރާދަކުރެއްވިއްޔާ އޮތީ ވަރުގަދަކޮށް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި، ސަރުކާރުގެ ‏‏ވަޒީރުންގެ ތެރެއިން އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ކަންކޮޅުތަކަށް، ‏‏ހުރިހާ ދާއިރާއަށް ދޭން ބޭނުންވާ އަދި ރައްޔިތުން ބޭނުންވާ ޚިދްމަތް، ފުރިހަމަގޮތުގައި، ‏‏އިޚްލާޞްތެރިކަމާ އެކީގައި އިރާދަކުރެއްވިއްޔާ ފޯރުކޮށްދޭނަން. މިއަދު ތަޢާރުފްވެގެންދާ ޚިދްމަތް ‏‏ފޯރުކޮށްދިނުމުގައި، ޚާއްޞަ ގޮތެއްގައި، މިނިސްޓަރ އޮފް ޑިފެންސް ކުރެއްވި މަސައްކަތް ‏‏އަޅުގަނޑު ފާހަގަކުރަން. އަދި ޑިފެންސް މިނިސްޓްރީގެ ހީވާގި މުވައްޒަފުންނާއި، އަދި މިމަސައްކަތް ‏‏ކުރިއަށް ގެންދެވުމުގައި، ކުރިއަށް އޮތް ދުވަސްތަކުގައި، ޑިފެންސް މިނިސްޓްރީއާއި ހެލްތް ‏‏މިނިސްޓްރީ އެކީގައި ގުޅިގެން، މި ޚިދްމަތް ތަޢާރުފް ކުރުމަށް ނިންމެވީތީ، އާދެ! ‏‏އެގޮތުގެ މަތިން މިއަދު މި ޚިދްމަތް ތަޢާރުފް ކުރެވިގެންދާތީ، މި ދެމިނިސްޓްރީގެ ހިންގެވުމުގައި ‏‏އިސްކޮށް ތިއްބެވި ބޭފުޅުންނަށާއި، ދެމިނިސްޓަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ‏‏ޚާއްޞަ ޝުކުރެއް ތިޔަބޭފުޅުންނަށް އަދާކުރަން. ‏

اللّـه سبحـانـه وتعـالى، މިއަދު މި ތަޢާރުފް ކުރެވިގެންމިދާ ޚިދްމަތަކީ، ރާއްޖޭގެ ‏‏ރައްޔިތުންނަށް ފަހި، އަދި ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ތިބުމަށް ‏‏މެދުވެރިވާ ރަނގަޅު ޛަރީޢާއެއް ކަމުގައި މިންވަރު ކުރައްވައި، އަޅުގަނޑުމެން މިކުރާ ‏‏މަސައްކަތުގައި ތައުފީޤާއި ބަރަކާތް، އެކަލާނގެ މިންވަރު ކުރައްވާށި! އާމީން. ‏

‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏