بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشـرف الأنبياء والمرسلين، وَعلـى ‏آلـه وصحبـه أجمـعـين.‏

‏ހަވީރުގެ ޗެއަރ ޕަރސަން އަދި ބާނީ، އަޅުގަނޑުގެ އަޚު ޑޮކްޓަރ މުޙަންމަދު ‏‏ޒާހިރު ޙުސައިން، ދައުލަތަށް ގިނަދުވަހު ޚިދްމަތް ކުރައްވާފައިވާ ޚިދްމަތްތެރިންގެ ތެރޭގައި ‏‏ހިމެނިވަޑައިގަންނަވާ އަލްފާޟިލް ސީނާ އަޙްމަދު ޒާހިރު އަދި އަލްފާޟިލް ޢުމަރު ޒާހިރު، ހަވީރުގެ ‏‏ކޮންސަލްޓަންޓް ޑޮކްޓަރ ޢަލީ ރަފީޤު، ހަވީރުގެ އެޑިޓަރ މޫސާ ލަޠީފް، ހަވީރުގެ ހީވާގި ‏‏ނޫސްވެރިންނާއި، އެންމެހާ މުވައްޒަފުންނާއި، މިރޭގެ މި އުފާވެރި ޙަފްލާއަށް ވަޑައިގެން ތިއްބެވި ‏‏އެންމެހާ ބައިވެރިން. އަދި މި އިޙްތިފާލު، ދުރާއި ގާތުން އަޑުއައްސަވާ އަދި ބައްލަވަމުން ގެންދަވާ ‏‏ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން. ‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،

‏އާދެ! ވަރަށް ތާޒާކަމާއި އަދި ހޫނު ޚަބަރު، ރައްޔިތުންނާ ހަމައަށް ‏‏ގެނެސްދިނުމުގައި، އެފަދަ ދެވަނައެއް ނެތް [ހަވީރު]ގެ މިފަދަ އުފާވެރި ބައްދަލުވުމެއްގައި، ‏‏ނޫސްވެރިންގެ ހަވީރަކާ އެއްކޮށް، ތިޔަބޭފުޅުންނަށް މިހާ ފިނި ދުވަހެއްގައިވެސް، މޫސުމީގޮތުން ފިނި ‏‏ހަވީރެއްގައި، މި އިޙްތިފާލުގައި އަޅުގަނޑުމެން ހޭދަކުރާ މި ވަގުތުކޮޅަކީ، މިހާރު ހޫނުގަދަ ‏‏ވަގުތުކޮޅަކަށް މިވަނީ ބަދަލުވެގެން ގޮސްފައި. ރާއްޖޭގެ އެތަކެއް ރައްޔިތުންނަށް، މަޢުލޫމާތާއި އަދި ‏‏ޚަބަރު ގެނެސްދިނުމުގައި، ރާއްޖޭގެ ޙާލަތު އޭރު އޮތްގޮތުން، އެއްވެސް ވަސީލަތެއް ނެތް ‏‏ޒަމާނެއްގައި، މި ހުސްކަން ފުރައިދެއްވައި، 1 ޖަނަވަރީ 1979 ވަނަ ދުވަހު، [ހަވީރު] ‏‏ނޫސް ވުޖޫދަށް އައި އައުމަކީ، އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދު ދިވެހިރާއްޖޭގެ އެތަކެއްހާސް ‏‏ރައްޔިތުން ފަޚްރުވެރިވާނެފަދަ ނޫސްވެރިންނާއި، ޒުވާން ލިޔުންތެރިން އުފެދިގެންދިޔަ މައިގަނޑު ‏‏ސަބަބު. [ހަވީރު] ވަނީ މި ދިގު ރާސްތާ ކަޑައްތު ކުރުމުގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކު ‏‏ހިތްހަމަޖެހުމާއެކީގައި އުފާކުރާފަދަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައި. ‏

‏ދެންމެ މި ޖަލްސާގައި ތިބިއިރުގައި، އަޅުގަނޑުމެންނަށް ކިތަންމެ ކުރުކޮށް ‏‏ނަމަވެސް، ވަރަށް މުއްސަނދި މަޢުލޫމާތުކޮޅެއް ލިބިގެންދިޔަ. 1986 ވަނަ އަހަރު އަމިއްލަ ‏‏ޗާޕްޚާނާއެއް އުފައްދައި، އޮފްސެޓް މެޝިން ގެނެސްގެން، [ހަވީރު] ދިވެހިންނާ ހަމަޔަށް ގެނެސްދޭން ‏‏ފެށުމަކީ، އެއަށްފަހުގައި ފަޚްރުވެރި މާޒީއެއް ހަވީރުން ލިޔަމުންދިޔަ ދުވަސްތަކެއް. މިއަދު ރާއްޖޭގެ ‏‏އެކިކަންކަމަށް، އެކި ދާއިރާއަށް ހަވީރު ނޫހުން ވަނީ އިސްކަންދީފައި. ތަފާތު އިޖުތިމާޢީ ‏‏ކަންތައްތަކުގެ މައްޗަށް، ހަވީރުން ދީފައިވާ ސަމާލުކަމަކީ، މިއަދު އެކަމަށްޓަކައި ސަރުކާރަކުންވެސް ‏‏ފަޚްރުވެރިވުން ޙައްޤު ކަންތައްތަކެއް. ފުޓްބޯޅަ ސީޒަންގެ އެންމެ ގިނަ ލަނޑުޖަހާ ކުޅުންތެރިޔާއަށް ‏‏1994 ވަނަ އަހަރު، [ރަންބޫޓު] ތަޢާރުފް ކުރުން ވެގެންދިޔައީ، ރާއްޖޭގެ އެތަކެއް ޒުވާނުން، ‏‏އެމީހުންގެ ނަން، ކޮންމެވެސް ބަޔަކު، ފަޚްރުވެރިކަމާއެކު ފާހަގަކުރުމަށް އިންތިޒާރު ކުރަމުންދިޔަ ‏‏ނިމުމަށް، ނިމުމެއް އައި ދުވަހަކަށް. އަދި 1995 ވަނަ އަހަރު، އެންމެމޮޅު ކުޅުންތެރިޔާ ތަޢާރުފް ‏‏ކުރަން ފެށި ހިސާބުން ފެށިގެން މިއަދާ ހަމައަށް ދިވެހިރާއްޖޭގެ ކުޅިވަރަށް، އިޖުތިމާޢީ ދާއިރާއަށް، ‏‏ހަވީރުން ކުރަމުން ގެންދާ އަދި ދެމުންގެންދާ ސަމާލުކަމަކީ، ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ‏‏ކަންތައްތަކެއް. ‏

‏މިއަދު ޒަމާން ބަދަލުވެ، ޚަބަރާއި މަޢުލޫމާތު ހޯދުމުގައި، ދެންމެ ‏‏އަޅުގަނޑުމެންނަށް ވީޑިއޯއިން ފެނިގެންދިޔަ ގޮތަށް، އަވަސްކަމަށް ވަގުތު ނެތް މުޖުތަމަޢަކަށް ‏‏ކެތްމަދުވެފައިވާއިރުގައި، ހަވީރުގެ ވެބްސައިޓް ތަޢާރުފްކުރުން ވެގެންދިޔައީ، މިދެންނެވި ‏‏ކަންތައްތަކަށް ލިބިގެންދިޔަ ބޮޑު ޙައްލަކަށް. މިއަދު އަޅުގަނޑު ފާހަގަކުރަން، މިރޭ، މި ޙަފްލާގައި، ‏‏ދިވެހިންގެ ތެރޭގައި އެންމެ ގިނަ ބަޔަކު، މިނިވަންކަމާއެކު ސިޔާސީ ޚަބަރު ކިޔަން އަދި ސިޔާސީ ‏‏ޚަބަރު ގެނެސްދޭ ފަރާތަކީވެސް، ޝައްކެއްނެތްގޮތުގައި، މިރޭގެ މި އިޙްތިފާލުން އަޅުގަނޑުމެން ‏‏ފާހަގަކުރަމުންގެންދާ ހަވީރުކަމާމެދު އެއްވެސް މީހަކު ދެބަސްނުވާނެ. މިކަން ތަފާތު އެތަކެއް ‏‏ޙާދިޘާތަކާއި، ރާއްޖޭގައި ނިމިގެން ގޮސްފައިވާ އެތަކެއް ކަންތައްތަކުން އަޅުގަނޑުމެންނަށް ސާބިތުވޭ. ‏‏ރިޔާސީ އިންތިޚާބުގެ ކަވަރޭޖާއި، ރާއްޖޭގައި ބޭއްވިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޢާންމު ‏‏އިންތިޚާބުގެ ނަތީޖާތައް، އެކި ކަންކޮޅުތަކުން ތަފާތު ގޮންޖެހުންތައް ގިރާކުރުމަށްފަހުގައި، ހަވީރުން ‏‏ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދީފައިވާ ގޮތަކީ، އަޅުގަނޑު ދެކޭގޮތުގައި، ދެންމެ ‏‏އަޅުގަނޑުމެންނަށް މި ސްޓޭޖްމަތިން އިނާމުތަކާއި ވަނަތައް ޙާޞިލު ކުރަމުން ގެންދިޔަ ޒުވާން ‏‏ނޫސްވެރިން، ކިތަންމެ ކުޑަ ނަމަވެސް، ކޮށްފައިވާ ވަރަށްބުރަ މަސައްކަތްތަކެއް، ފަޚްރުވެރިވުން ‏‏ޙައްޤު ކާމިޔާބީއެއް. ރާއްޖޭގެ އެކި ދާއިރާތަކަށް، އެކި ފަރާތްތަކުން ކޮށްފައި ހުރި އަގުހުރި ‏‏މަސައްކަތް، ރައްޔިތުންނާ ހަމައަށް ގެނެސްދީ، އެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، ‏‏2000 ވަނަ އަހަރު ހޮވި ކުޅިވަރުގެ 20 ވަނަ ޤަރުނުގެ ރާއްޖޭގެ ކުޅިވަރު ޝަޚްޞިއްޔަތު، ‏‏ހަވީރުން ހޮވުން ވެގެންދިޔައީ، މިއަދު އޭ.އެފް.ސީ.ފަދަ މުބާރާތްތައް ރާއްޖޭގެ މި ‏‏ފަސްގަނޑުގައި ބޭއްވިގެންދާއިރުގައި، ކުޅިވަރުގެ ދާއިރާއިން އެއްވެސް އެއް މުއައްސަސާއަކުން ‏‏މިއަދާ ހަމައަށް ކުރި އެންމެ އަގުހުރި މަސައްކަތް ކަމުގައި އަޅުގަނޑު ގަބޫލުކުރަން. ‏

‏[ހަވީރު]ގެ ޢިއްޒަތްތެރި ޗެއަރ ޕަރސަން، ރާއްޖޭގެ ކުޅަދާނަ ގަލަންތަކުގެ ‏‏ވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން:‏

‏މިއަދުގެ ދުނިޔޭގައި، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އާލާކުރުމުގައި، އެންމެ ‏‏މުހިންމު މަޤާމެއް އަދާކުރަމުންދަނީ އަދި އަދާކުރާ ބަޔަކީ، ނޫސްވެރިކަމާއި ޚަބަރުފަތުރާ ‏‏ވަސީލަތްތައްކަމާމެދު، އެއްވެސް މީހަކު ދެބަސްނުވާނެ. މިއަދުގެ ދުނިޔޭގައި އެ މަސްއޫލިއްޔަތު ‏‏އަދާކުރުމުގައި، ވަރަށްފުޅާ ދާއިރާއެއްގައި މިނިވަންކަން ލިބިފައިވީނަމަވެސް، އެ މަސްއޫލިއްޔަތު ‏‏އަދާކުރާގޮތާމެދު ވަރަށްގިނަފަހަރަށް ސުވާލު އުފެދޭ ޙާލަތްތައް މެދުވެރިވޭ. ދާދިފަހުން ސެންޓަރ ފޮރ ‏‏އިންޑިޕެންޑެންޓް ޖަރނަލިޒަމްގެ ފަރާތުން ފާހަގަކުރިގޮތުގައި، މިސާލެއް ދެމުން، އެ ސެންޓަރުން ‏‏ފާހަގަކޮށްފައިވަނީ، [ސިޑްނީ މޯނިންގ ހެރަލްޑް]ގައި، މެލޭޝިޔާގެ މިހާރުގެ ޕްރައިމް މިނިސްޓަރ ‏‏ނަޖީބުއް ރައްޒާޤާއި، އޮޕޮޒިޝަން ލީޑަރ އަންވަރު އިބްރާހީމާ ބެހޭގޮތުން ވިކިލީކްގައި ‏‏ޝާއިޢުކޮށްފައިވާ ލިޔުންތައް ފާހަގަވެގެންދިޔައިރުގައި، އެ ޚަބަރުތައް ވިކިލީކުން ނަގާފައި، ‏‏މެލޭޝިޔާ، ސިންގަޕޫރުގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ގޮތަށް ބަލާއިރުގައި، ހަމައެކަނި ‏‏އިސްކަންދީފައި އޮތީ ނުވަތަ އަމާޒުކޮށްފައި އޮތީ، މެލޭޝިޔާގެ އޮޕޮޒިޝަން ލީޑަރަށް ކަމަށްވުމުން، ‏‏ޑިމޮކްރަސީއެއްގައި މިނިވަންކަމާއެކު، ރައްޔިތުންނާ ހަމައަށް ޚަބަރުތައް ގެނެސްދިނުމުގައި، ‏‏ނޫސްވެރިން އަދާކުރާ ދައުރާމެދު ބައެއްފަހަރު ސުވާލު އުފެދޭ ކަމެއް. ‏

‏އަޅުގަނޑުމެން ދިރިއުޅޭ މާޙައުލަށް ނޭވާލުމާއި، ކެއިންބުއިމާއި، ތަޢުލީމު ‏‏އުނގެނުމާއި، އިންސާނީ ހަމަހަމަކަމާއި، ނަސްލުގެ ތަފާތުތައް ނައްތާލުމުގެ ޙައްޤު، ޤާނޫނުތަކުން ‏‏ކަށަވަރުކޮށްދީފައިވާ ފަދައިން، މިއަދު ބައިނަލްއަޤްވާމީ އިންސާނީ މުޢާހަދާ، ޔުނިވަރސަލް ‏‏ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތިން، 19 ވަނަ ‏‏މާއްދާގައި، ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޚިޔާލާއި ފިކުރު ފާޅުކުރުމާއި މަޢުލޫމާތު ލިބިގަތުމަކީ، ‏‏ކަށަވަރުކޮށްދީފައިވާ ޙައްޤެއް. މިދެންނެވި ޙައްޤު، އަޅުގަނޑުމެން ރާއްޖެއަށް ގެނެސްދިން އަދި މިއަދު ‏‏ތަޢާރުފްކޮށް ހިންގަމުންގެންދާ ރާއްޖޭގެ ދުސްތޫރުގައި ވަނީ ބިންވަޅު ނެގިފައި. ރާއްޖޭގެ ‏‏ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާނެ ގޮތުގެ މަތިން، ‏‏މިނިވަންކަމާއެކު ކޮންމެ މީހަކަށްވެސް، އެމީހެއްގެ ޚިޔާލާއި ފިކުރު ފާޅުކުރުމުގެ މިނިވަންކަން ‏‏ދީފައިވޭ. އަދި އެމީހަކަށް ފެންނަ ޚިޔާލު، ބުއްދިއަށް ފެންނަގޮތް، ދުލާއި ޤަލަމުން ފާޅުކުރުމުގެ ‏‏މިނިވަންކަންވެސް ދީފައިވޭ. ހަމަ މިޔާއެކު، ރާއްޖޭގެ ދުސްތޫރުގައި ވަރަށް ސާފުކޮށް މަސްދަރު ‏‏ހާމަކުރުމުގެ މަޖުބޫރު ކަމެއްނެތި، ނޫސްވެރިކަން ކުރުމާއި، މުވާޞަލާތީ ވަސީލަތް ބޭނުންކުރުމުގެ ‏‏މިނިވަންކަން، ޤާނޫނުއަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވޭ. ‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏މިއަދު އުނގެނުމާއި، އުނގަންނައިދިނުމާއި، މަޢުލޫމާތު ހޯދުމާއި ދިނުމުގެ ‏‏މިނިވަންކަން ލިބިގެންވާއިރު، ޤާނޫނުއަސާސީގެ 29 ވަނަ މާއްދާއިން މިކަންކަން ‏‏ކަށަވަރުކޮށްދީފައިވާއިރު، ރާއްޖޭގައި މިއަދު ޤާއިމުވެފައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚަބަރު ‏‏ފެތުރުމާއި، އަދި ޑިމޮކްރަސީ ގެނައުމުގައި، ރާއްޖޭގެ ނޫސްވެރިން އަދާކޮށްފައިވާ ދައުރާމެދު ދިވެހި ‏‏ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑު މިއަދު ފަޚްރުވެރިވެ، އެ ނޫސްވެރިންނަށް ތަޢުރީފް ‏‏އަދާކުރަން. މިއަދު ފާހަގަކުރަންޖެހޭނީ، ރާއްޖޭގެ ކުރިއެރުމުގެ ތެރޭގައި، ހަމައެކަނި ވިޔަފާރިއާއި، ‏‏އިޤްތިޞާދީ ދާއިރާއާއި، ސިޔާސީ ދާއިރާއިން ޒުވާނުން ކާމިޔާބީތައް ޙާޞިލުކުރާ ކަމަށް އަޅުގަނޑު ‏‏ގަބޫލެއް ނުކުރަން. މިއާއެއްކޮށް، ނޫސްވެރިކަމުގެ ދާއިރާގައި ވަރުބަލިކަމެއްނެތި، ދެންމެ ‏‏އަޅުގަނޑުމެންނަށް ފެނިގެންދިޔަ ވީޑިއޯތަކުން ހާމަވެގެންދިޔަގޮތަށް، ސާބިތުކަމާއި، ހިތްވަރާއި އަދި ‏‏ޖެހިލުމެއްނެތި ދިވެހިންނަށް ޙަޤީޤީ މަޢުލޫމާތު ފޯރުކޮށްދިން ނޫސްވެރިންގެ ތެރެއިންވެސް އަޅުގަނޑު ‏‏ފާހަގަކުރަން، [ހަވީރު] ނޫސް އަދި [ހަވީރު]ގެ ނޫސްވެރިން އަލިގަދަކޮށް ވިދާލާފައިވާކަން ‏‏ފާހަގަކޮށް، އެފަރާތްތަކަށް މިއަދު އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން.‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏އެތަކެއް ގޮންޖެހުންތަކެއްގެ ތެރެއިން މިއަދާ ހަމައަށް ދިވެހިންނަށް މަޢުލޫމާތު ‏‏ފޯރުކޮށްދިނުމުގައި، ހަވީރާއި އަދި ޚާއްޞަކޮށް ހަވީރުގެ ނޫސްވެރިން ޝައުޤުގައި ކޮށްފައިވާ ‏‏މަސައްކަތަކީ، މީގެ އެތަކެއް ޒަމާނެއްގެ ކުރިން މިޞުރުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ‏‏ތެރޭގައި އުފެދުނު ޝައުޤެއްގެ ތެރެއިން، މިހާރުގެ ނަމުންނަމަ، ޑޮކްޓަރ ޒާހިރު، ކުރީގެ ރައީސް ‏‏އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، މަރްޙޫމް ފަތުޙުﷲ ޖަމީލްފަދަ ބޭފުޅުން، ކުދިކުދި ‏‏މަޖައްލާތަކަށް ލިޔުއްވަން ފެށްޓެވި ލިޔުއްވުންތަކުގެ ޝައުޤު، ރާއްޖެއަށް އެނބުރި ވަޑައިގެން، ‏‏1970 ވަނަ އަހަރު، އެބޭފުޅުންގެ އަމާޒު ހިފީ [އަމާޒު] މަޖައްލާއަކަށް. އެއަށްފަހުގައި، މިއަދާ ‏‏ހަމައަށް ދިވެހި ޤައުމަށް، އެތަކެއް ނޫސްވެރިންނަށް، ދިވެހި ޤައުމަށް މިފަދަ ބޮޑު ޚިދްމަތެއް ‏‏ކޮށްދެއްވަމުން ގެންދަވާތީ، އެކަން އުފަލާއެކު ފާހަގަކޮށް، އެބޭފުޅަކަށްޓަކައި ޝަޚްޞީގޮތުން ‏‏އަޅުގަނޑު ފަޚްރުވެރިވާ ޑޮކްޓަރ މުޙަންމަދު ޒާހިރު ޙުސައިނަށާއި، [ހަވީރު] ނޫހުގެ އެޑިޓަރ ‏‏އަލްފާޟިލް މޫސާ ލަޠީފަށާއި، އެކި ދުވަސްވަރުގައި ހަވީރުގައި އެޑިޓަރުކަން ކޮށްފައިވާ ‏‏ބޭފުޅުންނަށާއި، ހީވާގި ނޫސްވެރިންނަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން. ‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏މިއަދުގެ ސަރުކާރުން މިނިވަން ނޫސްވެރިކަން ޙިމާޔަތް ކުރުމަށާއި، ނޫސްވެރިންގެ ‏‏ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ނޫސްވެރިންނަށް، ނޫސްވެރިންގެ ޚިޔާލާ އެއްގޮތަށް މަސައްކަތް ‏‏ކުރާނެ ކަމާއި، އަދި މިއަދުގެ ސަރުކާރަކީ އެއްވެސް ހާލެއްގައި ނޫސްވެރިންގެ ޚިޔާލުތައް އެއްފަރާތް ‏‏ކުރުމަށްފަހުގައި، އެ ޚިޔާލުތަކަށް، ފާޅުކުރާ ނޫސްވެރިންނަށް، އެކަމުގެ އަދަބު ލިބިދެވޭފަދަ ގޮތަކަށް ‏‏ޢަމަލުކުރާނެ ސަރުކާރެއް ނޫން ކަމުގެ ކަށަވަރުކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. މީގެ ‏‏އެންމެބޮޑު ސަބަބަކީ މިއަދުގެ ސަރުކާރަކީ، މި ސަރުކާރުން ގަބޫލުކުރާ ގޮތުގައި، ނޫސްވެރިންގެ ބޮޑު ‏‏މަސައްކަތެއް ޙިއްޞާވެގެން ވުޖޫދަށް އައިސްފައިވާ ސަރުކާރެއްކަން މި ސަރުކާރުން ހަނދާންކުރާތީ. ‏‏ސަރުކާރެއްގެ ތެރޭގައި، ހިނގަމުންދިޔަ ކަންތަކާއި، އިންސާނީ ޙައްގުތަކާއި ކަރާމާތް ޒަޚަމްވެ، ‏‏ޤައުމުގެ މުއްސަނދިކަމަށް ކަޅު ހިޔަނި އެޅުނު ވަގުތު، ރާއްޖޭގެ ހީވާގި ނޫސްވެރިން، ޚަބަރުފަތުރާ ‏‏ވަސީލަތްތަކުން އަދި އެވަސީލަތްތަކުގެ ތެރޭގައި ޙަރަކާތްތެރިވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތަކީ ‏‏މިއަދު މިޤައުމުގައި މިއޮތް ހަމަޖެހުމުގެ އެންމެބޮޑު އެއް އަސާސް ކަމަށް އަޅުގަނޑު ގަބޫލުކުރަން. ‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏ރާއްޖޭގެ ޑިމޮކްރަސީގައި، މި ތަޖުރިބާގައި މިއަދާ ހަމައަށް އަޅުގަނޑުމެންގެ ‏‏ޤައުމު ކުރަމުން އައި ތަޖުރިބާގައި، މި ތަޖުރިބާގެ ތެރެއިން ރާއްޖޭގެ ނޫސްވެރިންވަނީ މި ޤައުމު ‏‏ފަޚްރުވެރިވުން ޙައްޤު ޤުރްބާނީތަކެއްވެފައި. ނޫސްވެރިކަމުގެ މާޙައުލު، ބިރުވެރިކަމުގެ ތެރެއަށް ގޮސް، ‏‏ބައެއް ތަންތަން އަލިފާނުގެ ހިތާމަވެރި ޙާދިޘާތަކުގެ ޝިކާރައަށްވި. ނޫސްވެރިން ވަނީ، ރާއްޖޭގެ ‏‏މަގުމަތީގައި ހިނގާދިޔަ ކަންތައްތަކުގައި، ޖިސްމާނީ އަނިޔާތަކާއި ވޭންތައް އިޙްސާސްކޮށް، ‏‏ތަޙައްމަލްކޮށްފައި. ނޫސްވެރިން ވަނީ ބިރުވެރި ޙަމަލާތަކުގެ ޝިކާރައަކަށްވެ، އަދި އަޅުގަނޑު ‏‏ފާހަގަކުރަން، މަރާ ހަނގުރާމަކޮށް ކާމިޔާބު ހޯދާފައި. ނޫސްވެރިން ވަނީ އަނިޔާއާއި، އެކިފަރާތްތަކުން ‏‏ކުރިމަތިލި ބިރުދެއްކުމަށް ޖެހިލުމެއްނެތްކަން ހާމަކޮށްދީފައި. މިއަދުގެ ސަރުކާރުގެ އަބަދުވެސް ‏‏އަމާޒަކަށްވާނީ، ނޫސްވެރިކަމުގެ މާޙައުލަކީ، ދިވެހި ދުސްތޫރަށް އަޅުގަނޑުމެން ބަލައިގެންފައިވާ ‏‏ޑިމޮކްރަސީގެ ހަމަތަކުގެ ތެރެއިން ހިނގާ އަދި ކުރިއަށްދާ ނޫސްވެރިކަމެއްކަން ކަށަވަރުކޮށްދިނުމަށް ‏‏އެހީތެރިވެދިނުން. މި ސަރުކާރަކީ ޚާއްޞަ ގޮތެއްގައި، ޒުވާނުންގެ އެޖެންޑާއަކާ އެކީގައި ‏‏ޙަރަކާތްތެރިވާ ސަރުކާރަށްވާހިނދު، މިއަދުގެ ޒުވާން ނޫސްވެރިންނަކީ، މި ސަރުކާރު ފަޚްރުވެރިވާ ‏‏ބައެއް. ދެންމެ މި ޙަފްލާގެ ތެރެއިން އެކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވެގެން ‏‏ހިނގައްޖެ. ޒުވާނުންނަށް، ނޫސްވެރިކަމުގެ ތެރެއިން އަދި ސޯޝަލް މީޑިއާތަކުގެ ތެރެއިން ‏‏ސަރުކާރުގެ ޕްރޮގްރާމްތައް އެނގިގެން ދިޔުމަކީ، ތިޔަ ޒުވާން ނޫސްވެރިންނަށް، ސަރުކާރަށް ‏‏ކޮށްދެވޭނެ އޮތް އެންމެބޮޑު އެއް އެހީތެރިކަން ކަން އަޅުގަނޑު ފާހަގަކުރަން. އަދި އެއީ، ސަރުކާރުގެ ‏‏އުންމީދުކަން ކަންވެސް އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަނީ، ‏‏ސަރުކާރުގެ ޕްރޮގްރާމްތައް ހިނގާ ގޮތުން، ނުވަތަ ކަން ހިނގާގޮތް ބަޔާންކުރުމުން ނުވަތަ އެގޮތުގެ ‏‏މައްޗަށް ފާޅުކުރާ ލިޔުމެއްގެ ސަބަބުން އެއްވެސް ފަރާތަކަށް ބިރުދެއްކުން، ސަރުކާރުގެ އެއްވެސް ‏‏ފަރާތަކުން، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން، އަޅުގަނޑުގެ ފަރާތުން އަދި އެއްވެސް ވަޒީރެއްގެ ‏‏ފަރާތުން އައިސްގެން ނުވާނެކަން އަދި އެފަދަ އެއްވެސް ކަމެއް ހިނގައިދިޔަ ނުދިނުމަށްޓަކައި ‏‏ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަންވެސް އަޅުގަނޑު މިއަދު ‏‏ތިޔަބޭފުޅުންނަށް އަރުވަން. ‏

‏ޢިއްޒަތްތެރި ޗެއަރ ޕަރސަން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:‏

‏އަޅުގަނޑުމެންނަށް ދެންމެ ފެނިގެންދިޔަ މަޢުލޫމާތުތަކުންނާއި އަދި އިވިގެންދިޔަ ‏‏ވާހަކަތަކުންވެސް އެނގިގެންދިޔައީ، ނޫސްވެރިކަމާއި ޚަބަރު ފެތުރުމަކީ، ޤައުމެއްގެ އެތަކެއް ‏‏ރައްޔިތުންނެއް މަޢުލޫމާތަށް ފެންބޮވައިގެންފައިވާހިނދު، އެކަމަށް ފޯރުކޮށްދޭ ވަރަށްބޮޑު ޙައްލެއްކަން. ‏‏އެކަމަށް ހަމަ އެގޮތަށް، އެ ޚަބަރެއް ފެތުރޭގޮތަކުން ނުވަތަ ޚަބަރެއް ފޯރުކޮށްދޭ ގޮތަކުން ‏‏ރައްޔިތުންނަށް ޙަޤީޤަތް އޮޅި، ސިކުނޑި ތަޣައްޔަރުކޮށްލާ ޒަހަރަކަށް، ޚަބަރެއް ނުވަތަ މަޢުލޫމާތެއް ‏‏ވެގެން ދިޔުމަކަށް، މާގިނަ ވަގުތެއް ނުނަގާކަން، ރާއްޖޭގައިވެސް ބައެއްފަހަރު ކަންތައްތައް ‏‏ހިނގާފައިވާ ގޮތުން، އަޅުގަނޑުމެންނަށް އެނގިގެން ގޮސްފައިވޭ. ‏

‏މިއަދު އަޅުގަނޑު ފާހަގަކުރަން، މިރޭގެ މި ޙަފްލާގައި، ހީވާގިކަމާއެކީގައި ‏‏މަސައްކަތްކުރި އެތަކެއް ނޫސްވެރިންނެއް، ފަޚްރުވެރިކަމާ އެކީގައި އެވޯޑްތައް ގެންގޮސްފި. ހަވީރު ‏‏ނޫހުގައި ވަރަށްގިނަ ނޫސްވެރިންނަކީ ރާއްޖޭގެ އެކިއެކި ސިޔާސީ ފަރާތްތަކުން ކުރާ މަސައްކަތް ‏‏ވަރަށް ގާތުން ބަލާ ބައެއްކަން، ދެންމެ ވީޑިއޯތަކުން ހާމަވެގެން ހިނގައްޖެ. އަޅުގަނޑުވެސް އެކަން ‏‏ތަޖުރިބާ ކުރަން. އެކަމަކު މިއަދު ސަރުކާރަކަށް ބާރުދޭ ކަމަށް ބެލެވޭ ބައެއް ޚަބަރުފަތުރާ ‏‏އިދާރާތަކުންވެސް ބިނާކުރުވަނިވި މަސްއޫލިއްޔަތެއް އޮތްކަން ގަބޫލުކޮށްގެން، ޒިންމާދާރުވެރިވެ، ‏‏ޚާލިޞް ހިތަކާއެކު، މި ޤައުމު ނުވަތަ މި މުޖުތަމަޢު ތަޢުމީރު ކުރުމުގެ ބަދަލުގައި ‏‏ހެނދުނުން ފެށިގެން ހަވީރަށް، ހުކުރުން ފެށިގެން ހުކުރަށް ކައްޗަށް ބޮޑެތި ރިޕޯޓްތައް ހަދައި ‏‏ފަޒާއަށް ވިހަދޫކުރަން ފަށައިފިނަމަ، އަދި ވިހަދޫކުރަމުންދާތަން މިއަދު ފެންނައިރުގައި، އެފަދަ ‏‏ނޫސްވެރިކަމަކީ ބަޔަކު ހީސަމާސާކޮށް، މަޖަލަކަށްކުރާ ކަމަކަށް ބަދަލުވެގެން ހިނގައިދާނެ. ‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏ނޫސްވެރިކަމާއި ޚަބަރުފެތުރުމަކީ، ނުވަތަ ތިމާގެ އަމިއްލަ މަޖަލަކަށް ނުވަތަ ‏‏ތިމާގެ އަމިއްލަ މުނިފޫހިފިލުވުމަކަށް ކުރާ ކަމަކަށް ވެގެންނުވާނެ. ނޫސްވެރިކަމަކީ ތިމާގެ އަމިއްލަ ‏‏ޒާތީ މަންފާއާއި މަޞްލަޙަތު ކުރިއެރުވުމަށް ކުރާ ކަމަކަށް ނުހެދުމަށްވެސް ރާއްޖޭގެ މަޢުލޫމާތު ‏‏ފެތުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިވެހި ރައްޔިތެއްގެ ޙައިޘިއްޔަތުން އަޅުގަނޑުވެސް ‏‏އިލްތިމާސް ކުރަން. އެގޮތަށް އެވާހަކަ ދައްކަން މިޖެހެނީ، އެކަން އެގޮތަށް މަޖަލަކަށް، ސަމާސާއަކަށް ‏‏ކުރާ ކަމަކަށް ވެގެން ހިނގައްޖެނަމަ، ތިޔަބޭފުޅުންގެ ޞަފްޙާތަކުގައި، ތިޔަބޭފުޅުންގެ ޙަފްލާތަކުގައި، ‏‏ތިޔަބޭފުޅުންގެ ޚަބަރުފަތުރާ ވަސީލަތްތަކުގައި ފާހަގަކުރާ ޑިމޮކްރަސީގައި ރާއްޖެއަށް ދިމާވި ‏‏ގޮންޖެހުންތައް ފާހަގަކުރާ ފަދައިން، އެއްވެސް ޝައްކެއްނެތްގޮތުގައި، ޚަބަރުފަތުރާ ވަސީލަތްތަކާއި ‏‏ނޫސްވެރިކަމާ ދޭތެރޭގައިވެސް މި ޤައުމުގެ ރައްޔިތުން ކުރާ އިތުބާރު ނެތި، ގެއްލި އަދި މުޅިން ‏‏ޚަބަރުފެތުރުމާއި ނޫސްވެރިކަމާމެދު ސުވާލު އުފެދިގެންދާނެ. އަޅުގަނޑު މިއަދު އުފަލާއެކު ‏‏ފާހަގަކުރަން، މިދެންނެވި ހުރިހާ ގޮންޖެހުންތަކުގެ ތެރެއިންވެސް ހަވީރު ނޫހަކީ ވަކި ޚާއްޞަ އަމިއްލަ ‏‏ވިޔަފާރިއާއި، އަމިއްލަ މަޞްލަޙަތާއި، ސިޔާސީ ވަކި ފިކުރެއް ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ‏‏ނޫހަކަށް ނުވާކަން، ގިނަ ބަޔަކު ގަބޫލުކުރާތީ، ހަވީރު ނޫހަށް ލިބިފައިވާ އިތުބާރާއި އަދި ބުރަދަން ‏‏ބޮޑުވެފައިވާކަން ފާހަގަކޮށް، އަޅުގަނޑުމެންގެ ޝަކުވާތަކުގެ ތެރެއިންވެސް، ތިޔަ ނޫސްވެރިންނާމެދު ‏‏ބައެއްފަހަރު އަޅުގަނޑުމެންގެވެސް ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް، އެ ޝަކުވާތަކުގެ ‏‏ތެރެއިންވެސް މިހާރުވެސް ތިޔަ ހިފަހައްޓަވަމުން ގެންދަވާ އިންފާރު ހިފެހެއްޓެވޭތޯ މަސައްކަތް ‏‏ކުރެއްވުމަށް ދަންނަވަމުން، ހަވީރު ނޫހުގެ އެންމެހާ ނޫސްވެރިންނަށް އަޅުގަނޑު ޙައްޤު ޝުކުރު ‏‏އަދިވެސް އެއްފަހަރު އަދާކުރަން. ‏

‏އަޅުގަނޑު ވަރަށް ބޮޑަށް އުފާވި، ދެންމެ މި ޙަފްލާގައި ދެކެވިގެންދިޔަ ‏‏ވާހަކަތަކުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި، ޙަޤީޤަތް ހޯދުމުގެ މައްޗަށް ކުރުކޮށް ނަމަވެސް ‏‏ވާހަކަދެކެވިގެން ދިޔައީތީ. އަޅުގަނޑު ދެކޭގޮތުގައި، ނޫސްވެރިކަން ކުރުމުގެ މަސައްކަތުގައި، ޙަޤީޤަތް ‏‏ހޯދުމަށާއި އަދި ހަމައެޔާއެކީގައި ޙައްޤު ހޯދުމަށް، ކުރިއަރާފައިވާ ޤައުމުތަކުން ކުރާފަދަ މަސައްކަތް، ‏‏އަޅުގަނޑުމެންގެ ނޫސްވެރިންވެސް ކުރަމުންދާތަން ފެނުމަކީ، ރާއްޖޭގައި ޙަރަކާތްތެރިވާ ޢާންމު ‏‏ފަރުދެއްގެ ޙައިޘިއްޔަތުން އަޅުގަނޑުވެސް ދެކެން ބޭނުންވާ ދުވަހެއް. ޚާއްޞަ ގޮތެއްގައި ޙައްޤުތައް، ‏‏ގެއްލިފައިވާ ޙައްޤުތައް ހޯދުމަށްޓަކައި ނޫސްވެރިން މަސައްކަތްކުރާ ތަން ފެނުމަކީ، ރާއްޖޭގެ ‏‏ރައްޔިތުން ދެކެން ބޭނުންވާ ދުވަހެއް. މިއަދު ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، ނޫސްވެރިން ‏‏ވަރުބަލިކަމެއްނެތި، މިމަސައްކަތް ކުރަމުންދާކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. ޚާއްޞަ ‏‏ގޮތެއްގައި، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރުމާއި، ޢުމުރު ހަމަނުވާ ކުދިންނާއެކު ބަދުއަޚްލާޤީ ‏‏ޖިންސީ ޢަމަލުތައް ހިންގާ ފަރާތްތަކުގެ ނުރައްކާ، އެފަރާތްތަކުގެ ޙަޤީޤަތް ރައްޔިތުންނާ ހަމައަށް ‏‏ގެނެސްދިނުމުގައި، ދުނިޔޭގެ ނޫސްވެރިން ހޯދާފައިވާ ކާމިޔާބީ މިއަދު ފާހަގަވެގެންދޭ. މިކަން ‏‏ދާދިފަހުން އިނގިރޭސިވިލާތުގައި ހިނގާދިޔަ ދެތިން ޙާދިޘާއަކުން އެނގިގެންދޭ. މަޝްހޫރު ‏‏ޕަބްލިސިސްޓް ޕީ.އާރު. ގްރޫޕް، މެކްސް ކްލިފޯޑް އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ މަޝްހޫރު ‏‏ޝަޚްޞިއްޔަތެއް. 1977 އިން ފެށިގެން 1984 އާ ދެމެދު ހިންގާފައިވާ ޖިންސީ ގޯނާތަކުގެ ‏‏މައްސަލަ ފެންމަތިވެ، ތަޙުޤީޤު ކުރެވި މިއަދު އެވަނީ 8 އަހަރު ދުވަހަށް ޖަލަށް ޙުކުމް ކުރެވިފައި. ‏‏މި މަސައްކަތުގެ ތެރޭގައި، 14 އަހަރާއި 19 އަހަރުގެ ކުދިންނަށް ޖިންސީ ޙަމަލާދީ ގޯނާކުރުން ‏‏ފާހަގަކޮށް، އެކަން ފަޅާއަރުވައި އެކަން ސާބިތުކޮށްދިނުމުގެ އެންމެ އިސް ދައުރެއް އަދާކުރީ ‏‏ނޫސްވެރިއެއް. އިނގިރޭސިވިލާތުގެ މަޝްހޫރު ޓީ.ވީ ޕްރެޒެންޓަރެއް ކަމުގައިވާ ޖިމީ ސެވިލް، އޭނާ ‏‏މަރުވުމަށްފަހުގައިވެސް އޭނާ ހިންގާފައިވާ ކުށްތައް ބަލައި، ކުޑަކުދިންނާމެދު އޭނާ ހިންގާފައިވާ ‏‏ޖިންސީ ގޯނާތަކުގެ މައްސަލަ ބަލައި، ތަޙުޤީޤުކޮށް، މިއަދާ ހަމައަށް 589 މީހުން، އޭގެތެރޭގައި ‏‏ކުޑަކުދިން، އެތަކެއް ސަތޭކަ ކުޑަކުދިންވާކަން ފާހަގަކޮށް، އެކަން ރައްޔިތުންގެ ސަމާލުކަމަށް ‏‏ގެނައީވެސް ހަމަ ނޫސްވެރިން.‏

‏ޢިއްޒަތްތެރި ޙާޒިރީން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން:‏

‏އަޅުގަނޑު އެދެނީ، ދިވެހި ޤައުމުގެ ނޫސްވެރިންވެސް، ރާއްޖޭގެ މިއަދުގެ ‏‏އިޖުތިމާޢީ ޙާލަތަށް މިއަށްވުރެ ބޮޑަށް އަލިއަޅުއްވާލެއްވުން. އަޅުގަނޑު އެދެނީ، އަންހެނުންގެ ‏‏ޙައްޤުތަކާމެދު މިއަށްވުރެ ފުޅާކޮށް ނޫސްވެރިން ވާހަކަ ދެއްކުން. އަޅުގަނޑު އެދެނީ އަޅުގަނޑުމެން ‏‏މި ދިރިއުޅެމުންގެންދާ މާޙައުލު، ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖެ، އަޅުގަނޑުމެންގެ ‏‏ތިމާވެށްޓާ ބެހޭގޮތުން ނޫސްވެރިން ބަޙުޘް ކުރުން. އަޅުގަނޑު ހަމަ އެޔާއެކީގައި އެދެން، ރާއްޖެއަކީ ‏‏ޒުވާނުންގެ ރާއްޖެއަކަށްވާތީ، ގިނަ ޒުވާނުންތަކެއްގެ ކެކުޅުންތަކާއި އިޙްސާސްތަކުގެ މައްޗަށް، ‏‏މިއަދަށްވުރެ ފުޅާކޮށް ނޫސްވެރިން ވާހަކަ ދައްކައި ގަލަން ހިންގުން. ‏

‏ޢިއްޒަތްތެރި ޙާޒިރީން:‏

‏އަޅުގަނޑު އެދެނީ، ދިވެހި ނޫސްވެރިކަމަކީ، ތެދު މަޢުލޫމާތު ގެނެސްދޭ، ‏‏ޒިންމާދާރު ބަޔަކަށްވުމާއެކު، މުޖުތަމަޢުގެ ޙަޤީޤީ މައްސަލަތައް ދޫނުކޮށް، އެ މައްސަލަތަކުގެ ޙަޤީޤަތް ‏‏ހޯދާ ބަޔަކަށްވުން. ޞައްޙަ ނޫން މަޢުލޫމާތުތަކުން އެއްކިބާވުން. އެކަމުގެ ފިތުނައިން ދިވެހި ‏‏މުޖުތަމަޢު ރައްކާތެރިކޮށްދިނުމުގައި އެހީތެރިވެދިނުން. އެއީ، ނޫސްވެރިކަމުގެ އަޚްލާޤީ މިންގަނޑު. ‏‏އެއީ، އިސްލާމީ ޝަރީޢަތުން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ ހަމަ. ކީރިތި ޤުރްއާނުގައި ‏اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ، ސޫރަތުލް ޙިޖުރާތުގެ 6 ވަނަ އާޔަތުގައި، يَا أَيُّهَا الَّذِينَ ‏آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ. މި ‏‏އާޔަތުގެ މާނައަކީ، [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ‏‏ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގު ތެދު ބަލައި، ޙަޤީޤަތް ހޯދާށެވެ. އެއީ ނޭނގި ތިބެ، ‏‏ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރި ‏‏ކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.] ‏

‏އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށް ތެދު ގަބޫލުކުރުމާއި ފޯރުކޮށްދިނުމުގެ ހެޔޮ ‏‏ތައުފީޤު މާތް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން. ދިވެހި ނޫސްވެރިންނަށް ކުރިއެރުމާއި، ‏‏ކެތްތެރިކަމާއި، ހިތްވަރު މިންވަރު ކުރެއްވުން. ހަވީރު ނޫހަށާއި، ޚަބަރުފަތުރާ އެންމެހާ ފަރާތްތަކުން ‏‏ކުރާ ހެޔޮ މަސައްކަތުގައި، اللّـه سبحـانـه وتعـالى ބަރަކާތާއި ތައުފީޤު މިންވަރު ކުރެއްވުން. އާމީން. ‏

‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏