بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى ‏آلـه وصحبـه أجمـعـين.‏

‏މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް މުޙައްމަދު ސަޢީދު، ‏‏އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ބަންދު އިބްރާހީމް ސަލީމް، ‏‏އަޅުގަނޑާއެކީގައި މި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ ދައުލަތުގެ މާލީ ވަޒީރު، އަދި ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޢިއްޒަތްތެރި މިނިސްޓަރު. ހަމައެއާއެކީގައި، މިނިސްޓަރ އޮފް ޔޫތު ‏‏އަދި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ. މިތަނަށް ވަޑައިގެން ތިއްބެވި ދައުލަތުގެ ‏‏ޢިއްޒަތްތެރިން، ބޭރު ޤައުމުތަކުގެ އެމްބެސެޑަރުން، ސަފީރުން އަދި ވަޑައިގެން ތިއްބެވި އެންމެހާ ‏‏ބޭފުޅުން.‏

السّــلام عليــكم ورحـمــة اللّـه وبـركاتـه،
‏ރާއްޖޭގެ ކުރިއަށް މިއޮތް ތަރައްޤީގެ ޕްލޭނުގައި އެންމެ މުހިންމު އިސްކަމެއް ‏‏ސަރުކާރުން ދެއްވާފައި މިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ މަސައްކަތް ‏‏ކުރިއަށްދާއިރުގައި މި މަސައްކަތުގެ ތެރޭގައި، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން ‏‏ޙިއްޞާކުރުން. މި ބައިވެރިވުން ހިއްޞާކުރުމުގައި މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ‏‏އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވިސްނުންފުޅުގެ ދަށުން، ޚާއްޞަގޮތެއްގައި ‏‏ރާއްޖޭގެ އަންހެން ބޭކަނބަލުންނަށް ރާއްޖޭގެ ތަރައްޤީއަށް މުހިންމު ޙިއްޞާއެއް ދިނުމަކީ، މިއަދުގެ ‏‏ސަރުކާރުގެ އެންމެ މުހިންމު އެއްވިސްނުން. މި ވިސްނުމުގައި ޚާއްޞަގޮތެއްގައި، ސަރުކާރުގެ ‏‏މަޤާމުތަކުގަޔާއި އަދި ވިޔަފާރީގައި އަންހެން ބޭކަނބަލުންނަށް ވީހާވެސް ބޮޑު ފުރުޞަތެއް ދިނުމަކީ، ‏‏މިއަދުގެ ސަރުކާރުގެ ވިސްނުން.‏

އަޅުގަނޑު އުފާލާއެކީގައި ފާހަގަކުރަން، މާތްﷲގެ ރަޙްމަތާއެކީގައި، ‏‏އިރާދަކުރެއްވިއްޔާ މި ސަރުކާރުގެ ސިޔާސަތު ކުރިއަށް އޮތް 5 އަހަރު ކުރިއަށް ގެންދާނީ، ރާއްޖޭގެ ‏‏އަންހެން ބޭކަނބަލުންނަށް ދެވޭ ވެލްފެއަރގެ ނިޒާމާއި، އަދި އަންހެން ބޭކަނބަލުންގެ މަޤާމަކީ، ‏‏އިރާދަކުރެއްވިއްޔާ ސަރަޙައްދީގޮތުންނާއި، ތަރައްޤީވެފައިވާ ޤައުމުތަކުގެ ނިސްބަތުން މި 5 އަހަރު ‏‏ނިމިގެންދާއިރު، ރާއްޖޭގެ އަންހެން ބޭކަނބަލުން ފަޚުރުވެރިވާފަދަ މަޤާމަކަށް ހެދުމަކީ، އެއީ ރައީސް ‏‏ޔާމީނުގެ އަދި މިއަދުގެ ސަރުކާރުގެ ވިސްނުންކަމުގައި އަޅުގަނޑު ދަންނަވަން.‏

މިއާއެކީގައި މި މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ސަރުކާރުގެ ސިޔާސީ ‏‏މަޤާމުތަކުގެ އިތުރުން، ވިޔަފާރީގެ ތެރޭގައި ‏ޚާއްޞަ‏ގޮތެއްގައި އަންހެން ބޭކަނބަލުންނަށް ފުރުޞަތު ‏‏ހޯދައި ދިނުމަކީ، އަންހެން ބޭކަނބަލުންގެ މަޤާމު މަތިކުރުމަށާއި، ވެލްފެއަރގެ ނިޒާމު ‏‏ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅު. މިގޮތުން، އަޅުގަނޑު ‏‏އުފަލާއެކީގައި ފާހަގަކުރަން، މިއަދު އެއަރޕޯޓުގައި ހުޅުވިގެން މިދާ ޝޮޕްތަކަކީ، ރާއްޖޭގެ ‏‏އުފެއްދުން، ޚާއްޞަގޮތެއްގައި ރާއްޖޭގެ އަންހެން ބޭފުޅުންގެ އަތްތެރި މަސައްކަތް، އެ މަސައްކަތުގެ ‏‏ތެރެއިން އުފެދޭ ތަކެތި، ރާއްޖެއަށާއި ރާއްޖެއިން ބޭރުގެ ބާޒާރަށް ވިއްކުމަށްޓަކައި ޙަޤީގަތުގައި ‏‏އެޅިގެންދާ ވަރަށް މުހިންމު ފިޔަވަޅެއް. އެހެންކަމުން، މި މުހިންމު ފުރުޞަތުގެ ތެރޭގައި، މި ‏‏މަސައްކަތް ކުރިއަށް ގެންދިޔުމުގައި ސަބާ ކޯޕަރޭޝަނުގެ ފަރާތުން އިސްނަންގަވައިގެން މި ‏‏މަސައްކަތް ކުރައްވާތީ އަލްފާޟިލް ފާރިސް މައުމޫނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.‏

އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ކުރިއެރުން މުސްތަޤްބަލުގައި ‏‏ފެނިގެންދާހިނދުގައި މިއަދު އަޅުގަނޑުމެން މި ހުއްޓި ތިބި ތަނަކީ، ވަރަށް މުހިންމު ތަނެއް. ‏‏ރާއްޖޭގެ އެއަރޕޯޓަކީ، ފަޚުރުވެރި މަޤާމެއް ދިވެހިންގެ ހިތުގައި ދެވިފައިވާ ތަނެއް. އަދި ‏‏އިރާދަކުރެއްވިއްޔާ، ރައީސް ޔާމީނުގެ ސަރުކާރުގައި މި އެއަރޕޯޓު ވެގެންދާނީ، ދިވެހިން ‏‏އެތަނަކަށްޓަކައި ފަޚުރުވެރިވާފަދަ ތަނަކަށް. މިތަނުގައި މާލެއާއި އެއަރޕޯޓާ ދެމެދުގައި ބްރިޖުން ‏‏ގުޅާލުމަށްފަހުގައި ހުޅުމާލޭގައި އިރާދަކުރެއްވިއްޔާ ތަރައްޤީވެގެންދާ ސިޓީވެގެންދާނީ، ރާއްޖޭގެ ‏‏މުސްތަޤްބަލަށްޓަކައި، ރާއްޖޭގެ ޒުވާނުންނަށްޓަކައި، ރާއްޖޭގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް ‏‏ވަރަށް ފަޚުރުވެރި މަޤާމެއް ހޯދައިދޭނެ ތަނަކަށް. ‏
‏މިތަން މިގޮތަށް ކުރިއަށްދާއިރުގައި، ދިވެހިން ފަޚުރުވެރިވާން ޖެހޭނީ، ހަމައެކަނި ‏‏މިގޮތަށް ހޯދޭ ތަރައްޤީގެ ބިނާތަކަކުންނެއް ނޫން. ނުވަތަ މިގޮތަށް ޤާއިމުވެގެންދާ ތަރައްޤީގެ ‏‏ސިޓީތަކަކުންނެއްވެސް ނޫން. އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ ތަރައްޤީ ފުރިހަމަގޮތުގައި ‏‏އަޅުގަނޑުމެންނާ ހަމައަށް އައިސް އަދި އެ ތަރައްޤީ އަޅުގަނޑުމެން އަންނަން އޮތް ޖީލަށް ‏‏ގެންދާއިރުގައި އެންމެ މުހިންމު އެއްކަމެއް ދޭންޖެހޭނީ، ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް. ‏‏ދިވެހިންނަކީ ކޮންބައެއްކަން ބުނެދިނުމަށް. ތަރައްޤީއެކީގައި ބައިނަލްއަޤުވާމީ ދުނިޔޭގައި އެހެންވެސް ‏‏ޤައުމުތަކުން ފަޚުރުވެރިވާފަދަ އެޤައުމެއްގެ އަމިއްލަވަންތަކަން، އެޤައުމެއްގެ އުފެއްދުންތައް ބޭރުގެ ‏‏ފަރާތްތަކަށް ވިއްކުމަކީ، ހަމަ ތަރައްޤީގެ ވަރަށް މުހިންމު ޙިއްޞާއެއް. މިއަދު އަޅުގަނޑު ‏‏އެކަމަށްޓަކައި، އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ސަޢީދަށް ‏‏ޚާއްޞަގޮތެއްގައި ޝުކުރުއަދާކުރަން ބޭނުންވަނީ.‏

ތަރައްޤީއާއި އެކީގައި ބޮޑެތި ބިނާތަކާއި، މުހިންމު މަރުކަޒުތަކާއި، ތަރައްޤީގެ ‏‏އެކި ހިސާބުތަކަށް އެކި ޙިއްޞާތައް ގެންދާއިރުގައި ދިވެހިވަންތަކަމާއި، ދިވެހިންގެ އުފެއްދުންތަކާއި، ‏‏ދިވެހި ޤައުމިއްޔަތާއި، ދިވެހިވަންތަކަމާއި، ދިވެހި ޘަޤާފަތް ދައްކައިދޭ ތަކެތި، ރާއްޖެއާއި ‏‏ރާއްޖެއިން ބޭރަށް، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ލިބޭނެފަދަ ގޮތެއް ވެގެން ދިޔުމަކީ، ‏‏އަޅުގަނޑުމެން މިއަދު ކުރާ މަސައްކަތުގައި މުހިންމު ޙިއްޞާއެއް. މިއަދު އިބްރާހީމް ނާޞިރު ‏‏އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުޅުވިގެންމިދާ ޝޮޕުގެ އިތުރުން، އިރާދަކުރެއްވިއްޔާ ކުރިއަށް ‏‏އޮތް ދުވަސްތަކުގައި ސަބާ ކޯޕަރޭޓިވްގެ ދަށުންމ ރާއްޖޭގެ އިތުރު ތިން އެއަރޕޯޓެއްގައިވެސް މިފަދަ ‏‏އަތްތެރި މަސައްކަތުގެ ތަކެތި ގަންނަން ލިބެން ހުރުމަކީ، އިރާދަކުރެއްވިޔާ މި މަސައްކަތް ‏‏ފުޅާވެގެންދާނެކަމެއް. ‏

އަޅުގަނޑު މިއަދު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން އިރާދަކުރެއްވިއްޔާ ‏‏މިފަދަ މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ދެވެންއޮތް ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެއޭ. ‏‏އެކަމަށްޓަކައި އަދިވެސް އެއްފަހަރު އަޅުގަނޑު ބޭނުންވޭ، މިހާ ފުރިހަމައަށް މި ތަޞައްވަރު ‏‏ކުރިއަށްނެރެ، ކުރިންވެސް މިދެންނެވި ފަދައިން، ދިވެހިވަންތަކަމާއި، ދިވެހިންނަކީ ކޮންބައެއްކަން ‏‏ބުނެދެވޭނީ، ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް، ރާއްޖެއަށް ދަތުރުކުރާ ‏‏ފަތުރުވެރިންނަށް، މިތަކެތި ފޯރުކޮށްދީގެން. ‏

މި މުހިންމު މަސައްކަތް މިއަދު ޙަޤީޤަތަށް ހައްދަވައިދެއްވި ކަމަށްޓަކައި މިއަދުގެ ‏‏ހީވާގި، ޒުވާން، އެނަރޖެޓިކް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަށް އަޅުގަނޑު އައްސަރިބަހާއި ‏‏ސާބަހާއި ޝުކުރު އަދާކުރަން. އަޅުގަނޑު ހަމައެއާއެކީގައި އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، ‏‏އެއަރޕޯޓް ޑިވެލޮޕްމަންޓުގައި މިއަދު ހީވާގިކަމާއެކީގައި ބަންދު އިބްރާހީމް ސަލީމު ކުރައްވަމުން ‏‏ގެންދަވާ މަސައްކަތް ފާހަގަކޮށް، އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް އަދާކުރަން. ހަމައެއާއެކީގައި، ‏‏މުޅި އެއަރޕޯޓުގައި ހަރަކާތްތެރިވާ އަޅުގަނޑުމެންގެ ހީވާގި މުވައްޒަފުންނަށް، މިފަދަ މަސައްކަތެއް ‏‏މިއަދު މިހާހިސާބަށް ޙަޤީޤަތަކަށް ހައްދަވައި ދެއްވުމަށްޓަކައި އެންމެ މުހިންމު ޙިއްޞާދާރުން ‏‏ކަމުގައިވާ ރާއްޖޭގެ އަންހެން ބޭކަނބަލުން، ރާއްޖޭގެ އަތްތެރި މަސައްކަތުގައި ޙަރަކާތްތެރިވާ ހުރިހާ ‏‏ފަރާތްތައް އަޅުގަނޑު ފާހަގަކުރަން. ދިވެހިންނަކީ އުފެއްދުންތެރި ބައެއް. ފަންނުވެރި ބައެއް. ހީވާގި ‏‏ބައެއް. ވަރަށް ފުޅާ ތަނަވަސް ސިކުނޑިއެއްގެ ވެރި ބައެއް ދިވެހިންނަކީ. އަޅުގަނޑު އެއްވެސް ‏‏ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ، ފުރުޞަތު ލިބިއްޖެކަމުގައިވާނަމަ، ދިވެހި އަންހެން ބޭކަބަލުންގެ ‏‏ހީވާގިކަމާއި، ފަންނުވެރިކަމާއި، ހުނަރުވެރިކަން ރާއްޖޭގެ މަސައްކަތުގެ މާޙައުލުން ފުޅާދާއިރާއެއްގައި ‏‏ފެނިގެންދާނެ. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ އަންހެން ބޭކަނބަލުންނަށް އަޅުގަނޑު ‏‏ފަޚުރުވެރިކަމާއެކީގައި ސާބަސްދެން، ޝުކުރު އަދާކުރަން. ‏

اللّـه سبحـانـه وتعـالى، އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުގައި ފުރިހަމަ ‏‏ބަރަކާތާއި ތައުފީޤު މިންވަރުކުރެއްވައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި މިއަދުގެ ސަރުކާރުން މިކުރާ ‏‏މަސައްކަތުގައި އެކަލާނގެ ހެޔޮ މިންވަރު އަޅުގަނޑުމެންނަށް މިންވަރު ކުރައްވާށި! އާމީން.‏

‎ ‎‏ ‏‎ ‎والســّلام عليــكم ورحـمــة اللّـه وبـركاتـه
‏ _____________________________‏