ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، އޭޝިޔަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙަންމަދު ސާމީ ސަޢީދު، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، އިޤްތިޞާދީ ގޮތުން ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަކީ، މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި އަމާޒަށް ވާޞިލު ވެވެންއޮތީ ޢުމްރާނީ ތަރައްޤީ ގެނެސްގެންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ސަރުކާރުން ރާއްވަވާފައިވާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު، އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓަރާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ބައްލަވާލައްވަމުން، ތަރައްޤީގެ ރޮނގުން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ދާއިރާތަކާބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު ދެއްވިއެވެ.
އޭ.ޑީ.ބީގެ އެގްޒެކެޓިވް ޑިރެކްޓަރ ދެއްކެވި ވާހަކަފުޅުގައި، އޭ.ޑީ.ބީ.ގެ ބޯޑުގައި ރާއްޖެ ތަމްސީލުކުރައްވާ މެންބަރުގެ ހައިސިއްޔަތުން، ރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީއަށްޓަކައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު އޭ.ޑީ.ބީ.އާ ޙިއްޞާ ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ތަރައްޤީ އެންމެ ބޭނުންތެރި ދާއިރާތަކުން، ސަރުކާރުގެ ވިސްނުންފުޅާ އެއްގޮތަށް، އޭ.ޑީ.ބީގެ އެއްބާރުލުމާއި އެހީތެރިކަން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
މީގެ އިތުރުން، އޭ.ޑީ.ބީގެ ފަރާތުން ރާއްޖޭގައި މިހާރު ހިންގަމުން ގެންދާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.