‏ދިވެހި ދައުލަތުން އަމާޒު ހިފަން ބޭނުންވާ މިޞްރާބަށް ދިޔުމުގައި، ތަޢުލީމީ ދަރިންގެ ‏‏އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. ‏‏ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގަތީ، 2013 ވަނަ އަހަރުގެ ސާނަވީ އިމްތިޙާނު ފުރިހަމަކުރި ‏‏އުއްތަމަ އަރުތަވެރިންނަށް އިނާމު ދެއްވުމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ‏‏ދައްކަވަމުންނެވެ.

‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދިންގެ ޙަޤީޤީ މޮޅުކަން ފެނިގެންދިޔުން ބިނާވަނީ ‏‏އެ ކުއްޖަކު ކިޔެވި އެއްޗެއް، އެ ކުއްޖަކަށް ދިމާވާ ޙާލަތެއްގައި ބޭނުންކުރަން އެނގޭ މިންވަރެއްގެ ‏‏މައްޗަށް ކަމުގައި ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ ފަންނުތަކުގެ ތަފާތުކަމާއި ގިނަކަން ‏‏ފާހަގަކުރައްވަމުން، ދިވެހިރާއްޖެއަކީ، ޒުވާނުންގެ އާބާދީއެއް އޮތް، ޒުވާނުންގެ ދިވެހިރާއްޖެއެއް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ކުރިއަށް ގެންދަވަން ބޭނުންފުޅުވަނީ ތަފާތު ‏‏ޚިޔާލުތަކާއެކު، މިހާރު އޮތް މަރުޙަލާއިން އެއަށްވުރެ މައްޗަށް ޖައްސާލެވޭނެ މަރުޙަލާއަކަށް އަމާޒުކޮށްގެން ‏‏ކަމަށާއި، މި އަމާޒަށް ވާޞިލުވެވޭނީ، ހީވާގި ހުނަރުވެރި ޤާބިލު ޒުވާން ކުދިންތަކެއް ނުކުމެގެން ‏‏ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އިރާދަކުރެއްވިއްޔާ ‏‏މާތްﷲގެ ރަޙްމަތްފުޅާއެކު، މިއަހަރުގެ ތެރޭގައި، ރާއްޖޭގައި އިސްލާމިކް ޔުނިވަރސިޓީއެއް ‏‏ޤާއިމުވެގެންދާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. ‏

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢުލީމީ ޒުވާނުންގެ ޚިދުމަތް ޤައުމަށް ‏‏މުހިންމުވުމުގެ ސަބަބުތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. "މި ދިވެހިރާއްޖެއަކީ، ތިޔަ ހުރިހާ ‏‏ކުދިންގެ ދިވެހިރާއްޖެ. ދިވެހިރާއްޖެއަށް ހަމަޖެހުން އަތުވެއްޖެނަމަ، ހަމަޖެހުމުގެ ހުރިހާ ޙިއްޞާއެއްގެ ‏‏ބައިވެރިންނަކީ، ތިޔަކުދިން. މި ތަން ހަލާކުވާކަމަށްވާނަމަ، ހަލާކުވުމުގެ ޙިއްޞާދާރުންގެ ގޮތުގައި ‏‏ތިބީވެސް ދިވެހި ޒުވާނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ‏‏ކިޔަވައިގެން ތިބި ކުދިންނާ، އެހެން ކުދިންނާ ދެމެދު ހުރި ތަފާތަކީ، ކިޔެވި އެއްޗެއްގެ ބޭނުން އީޖާބީ ‏‏ގޮތެއްގައި ހިފައިގެން، އީޖާބީ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރާ މަސައްކަތް ކަމުގައި ‏‏ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެއީ، ބުއްދީގެ ބޭނުންކޮށްގެން، އެ ކިޔެވި އެއްޗެއްގެ ބޭނުން ‏‏ހިފައިގެން، އީޖާބީ ގޮތެއްގައި ކުދިންގެ ޙަޔާތުގެ ރާސްތާ ކަޑައްތުކޮށް، އެ ރާސްތާގައި ހިނގަން ކުރާ ‏‏މަސައްކަތުގެ ނަތީޖާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ‏

ސާނަވީ ތަޢުލީމް ނިމުމަކީ، ތަޢުލީމީ ޙަޔާތުގެ ނިމުން ނޫން ކަމާއި، އެއީ ފެށުންކަން ‏‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުދިންނަށް ހަނދާންކޮށްދެއްވިއެވެ. އަދި ސާނަވީ ތަޢުލީމު ނިންމާ ‏‏ގިނަ ކުދިންނަކީ، އިރާދަކުރެއްވިއްޔާ މަތީ ތަޢުލީމަށް ދިޔުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެ ކުދިންކަމަށް ‏‏ވިދާޅުވެ، ތަޢުލީމީ ޙަޔާތް ބާއްޖަވެރިކުރުމަށް، އެކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ‏‏ކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދިވެސް ވިދާޅުވިއެވެ. "ޙަޔާތުގެ ދަތުރަކީ، އުފާވެރި ދަތުރެއް. ‏‏ޙަޔާތުގެ ދަތުރަކީ، އުންމީދުތަކެއްގެ މައްޗަށް ބިނާކުރާ ދަތުރެއް. ޙަޔާތުގެ ދަތުރަކީ، ހުވަފެންތަކެއްގެ ‏‏މައްޗަށް ބިނާކުރާ ދަތުރެއް. ބާއްޖަވެރި ޙަޔާތެއް ބިނާވާނީ ހުވަފެންތަކެއް ދެކޭ މީހަކަށް."‏
‏ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދަރުސާތަކުގެ ދަރިވަރުންނަށް ބޭނުންވާ އެތައް ‏‏ކަންތައްތަކެއް، ރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ‏‏ދުނިޔޭގެ ޗާޓުން ރާއްޖެ ފެނިގެން މިދަނީ، އެ ބޭފުޅުން ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ‏‏ކަމުގައި ވިދާޅުވެ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެއްވުމަށް ކުރައްވާފައިވާ ‏‏މަސައްކަތްޕުޅުތަކަށްޓަކައި، އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި ސާނަވީ ތަޢުލީމުގެ އިމްތިޙާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ‏‏ދުނިޔެއިން 1 ވަނަ ޙާޞިލުކުރި 4 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި މެޑެލާއި، އިނާމާއި، ‏‏ހަނދާނީ ލިޔުން ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. ވަކިވަކި ‏‏މާއްދާތަކުން، މެތަމެޓިކްސްއާއި، ޓްރެވަލް އެންޑް ޓޫރިޒަމުން ތިން ދަރިވަރަކު އަދި އިންގްލިޝް އޭޒް އަ ‏‏ސެކަންޑް ލޭންގްއޭޖުން އެއް ދަރިވަރަކު 1 ވަނަ ޙާޞިލުކޮށްފައިވެއެވެ. މެތަމެޓިކްސްއާއި، އިންގްލިޝް ‏‏އޭޒް އަ ސެކަންޑް ލޭންގްއޭޖުން މުޅި ދުނިޔެއިން 1 ވަނަ ޙާޞިލުކުރީ، އަމީނިއްޔާ ސްކޫލްގެ ދަރިވަރު ‏‏އައްޑޫސިޓީ މަރަދޫފޭދޫ ފެހިފަރުދާގޭ އާމިނަތު އިޒްފާ ޢާމިރެވެ. ޓްރެވަލް އެންޑް ޓޫރިޒަމުން މުޅި ‏‏ދުނިޔެއިން 1 ވަނަ ޙާޞިލުކުރީވެސް އަމީނިއްޔާ ސްކޫލްގެ ދެ ދަރިވަރުން ކަމަށްވާ މާލެއަތޮޅު ގުރައިދޫ ‏‏މިރުސްމާގޭ ޝައިފާ ޢަބްދުއްޝަކޫރާއި، މާފަންނު ރެސްޓް ޕޮއިންޓް ޒީކް އަޝްރަފް ޢަލީއެވެ. ‏‏މެތަމެޓިކްސް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދި އަނެއް ދަރިވަރަކީ، މިލަދުންމަޑުލު އުތުރުބުރީ ‏‏މާއުނގޫދޫ ސްކޫލްގެ ދަރިވަރު މާއުނގޫދޫ ގަދަގޭ އަޙްމަދު ރިޝްވާނެވެ. ‏

މިދިޔަ އަހަރު ސާނަވީ ތަޢުލީމުގެ އިމްތިޙާނުން ރާއްޖެއިން 1 ވަނަ ޙާޞިލުކުރި 40 ‏‏ދަރިވަރުންނަށް، މިރޭގެ ޖަލްސާގައި އިނާމު ދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ. ސާނަވީ ތަޢުލީމުގެ ‏‏އިމްތިޙާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެންމެމޮޅު ނަތީޖާ ޙާޞިލުކުރި 19 ‏‏ދަރިވަރުންނަށް އިނާމު ދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދެވެ. ‏‏އެންމެ ރަނގަޅު 10 ނަތީޖާ ޙާޞިލުކުރި ދަރިވަރުންގެ ތެރެއިން 2 ވަނައިން 10 ވަނައަށް އައި ‏‏ދަރިވަރުންނަށް، އިނާމާއި ހަނދާނީ ލިޔުން ދެއްވީ، ބައެއް ވަޒީރުންނާއި، ޚާއްޞަ މެހްމާނުންނެވެ. ‏‏ރާއްޖެއިން އެންމެމޮޅު ނަތީޖާ ހޯދި 17 ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވީ، މިނިސްޓަރ އޮފް ‏‏އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ. ސްކޫލް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި 35 ސްކޫލަށް ‏‏އިނާމު ދެއްވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ޒާހިރު ‏‏ޙުސައިނެވެ. މި އިމްތިޙާނުން ކުރިއެރުން ހޯދި 64 ސްކޫލަށް އިނާމު ދެއްވީ، މިނިސްޓަރ އޮފް ‏‏ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަރޑް) މުޙަންމަދު ނާޒިމެވެ. ކެމްބްރިޖް ހައި ‏‏އެޗީވަރސްގެ ގޮތުގައި ހޮވުނު 8 ދަރިވަރުންނަށް އިނާމު ދެއްވީ، ކޭމްބްރިޖް ރީޖަނަލް މެނޭޖަރ ފޮރ ‏‏ސައުތު އޭޝިޔާ ވިލިއަމް ބިކަރޑެކެވެ. ‏

މި ޖަލްސާގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމް ވާހަކަފުޅު ‏‏ދެއްކެވިއެވެ. އަދި ނަތީޖާއާ ބެހޭގޮތުން ތައްޔާރު ކުރެވިފައިވާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ. ‏