بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޝިހާމް، ކުއްލިއްޔާ ކައުންސިލްގެ ރައީސް އަލްއުސްތާޛު އިބްރާހިމް ރަޝީދު މޫސާ، މަޢުހަދުގެ ރެކްޓަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ، މިރޭގެ މި އުފާވެރި ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ދަސްވެނިންނަށް، ދަސްވެނިންގެ ލޮބުވެތި ޢާއިލާ، އަދި ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރި ހާޒިރީން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ، އަޅުގަނޑުގެ އެންމެ އިސް އުފަލެއްކަމަށް އަޅުގަނޑު ދެކެނީ، މިހާ އުފާވެރި ޙަފްލާއަކަށް އައުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޝުކުރު ދެންނެވުމާއެކީގައި މިރޭގެ މިއުފާވެރި ޙަފްލާ ފަށްޓަވަމުން، ކުއްލިއްޔާގެ ރެކްޓަރ ވަރަށް ތަފުސީލުކޮށް ކުއްލިއްޔާއާ ބެހޭގޮތުންނާއި އަދި އަޅުގަނޑާ ބެހޭގޮތުންވެސް ކޮންމެވެސް ވަރަކަށް ވާހަކަފުޅު ދައްކަވައިފި. އެހެންނަމަވެސް، ޙައްޤުނޫން ބަސްފުޅުތަކެއް ކަމުގައިވީނަމަވެސް އެކަމަށްޓަކައި އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާއަށްވެސް ޝުކުރު އަދާކުރަން. އަދި އެއަށްފަހުގައި، ރާއްޖޭގެ މި އުފާވެރި މާޙައުލަށް 1 މުޙައްރަމް 1401 ވަނަ ދުވަހު ނުވަތަ 9 ނޮވެމްބަރ 1980 ވަނަ ދުވަހު މަޢުހަދު ވުޖޫދަށް އައިސް، އެންމެ 32 ކުދިންނާއެކީގައި ފެށްޓި މަޢުހަދު، މިއަދު ބިޔަ ބޮޑު ވަރުގަދަ ތަޢުލީމީ މުއައްސަސާއަކަށް ފަހިވެގެންގޮސް، މިރޭގެ މިއުފާވެރި ޙަފްލާ އަޅުގަނޑުމެން ފާހަގަކުރަމުންދާއިރުގައި މިއަދާ ހަމައަށް މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި ސެޓްފިކެޓް އެކަނިވެސް 9204 ދަރިވަރުން ހާސިލުކޮށް، މި މުއައްސަސާގެ ތެރެއިން ޖުމްލަ 12204 ކުދިން ތަޢުލީމު އުނގެނިފައިވާކަމީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ މިފަދަ މުހިންމު މުއައްސަސާއެއް އެކިފަހަރުމަތިން ހިންގުމާ ހަވާލުވެ ތިއްބެވި ދުރުވިސްނޭ ބޭފުޅުން ކުރެއްވި ހީވާގި މަސައްކަތްތަކާ އަދި ހަމައެއާއެކީގައި ރާއްޖޭގެ ބެލެނިވެރިންގެ ތެރެއިން އެބައެއްގެ ދަރިން، އިސްލާމީ ރިވެތި ތަރުބިއްޔަތަށް، އަޚްލާޤިއްޔާތުގެ ތެރެއިން ތަރުބިއްޔަތު ކުރުމަށްޓަކައި މައިންބަފައިން ކުރެއްވި ބުރަ މިންނެތް މަސައްކަތާއި އަދި އެ ބެލެނިވެރިންގެ ތަޢުރީފު ޙައްޤު މަސައްކަތުގެ އިތުރުން، މުޅި ރާއްޖެއަށް އެ ދަރިވަރުންގެ ފަރާތުން ރީތި ނަމޫނާއެއް މިއަދާ ހަމައަށް ދައްކަވަމުން ގެންދަވާ، މަޢުހަދުގެ އަދި ކުއްލިއްޔާގެ ދަރިވަރުންނަށް އަޅުގަނޑު އައްސަރިބަހާއި ސާބަހާ ޝުކުރު އަދާކުރަން.

އަޅުގަނޑު ދެކޭގޮތުގައި މި މުހިންމު ތަޢްލީމީ ބިނާ، ވުޖޫދަށް އައިސް މިއަދު އަޅުގަނޑުމެންނަށް މަޢުހަދުގެ ފަރާތުން ނުވަތަ ކުއްލިއްޔާގެ ފަރާތުން ދިވެހި މުޖުތަމަޢަށްވަނީ އަގުނުކުރެވޭފަދަ ގިނަގުނަ ޚިދްމަތްތަކެއް ފޯރުކޮށްދޭ ވަރުގަދަ ދިވެހި މުވާޠިނުންތަކެއް އުފައްދާފައި. މިކަމުގެ އަލިގަދަ ހެކި، މިރޭގެ މި އުފާވެރި ޙަފްލާގެ ތެރެއިންވެސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. މިޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި ބޭފުޅުންގެ ތެރޭގައި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ ވަރަށްގިނަ ފަނޑިޔާރުން އެބަތިއްބެވި. އޭގެތެރެއިން ވަރަށްގިނަ ފަނޑިޔާރުންނަކީ، މަޢުހަދުގެ ނުވަތަ މި ކުއްލިއްޔާގެ އުފެއްދުން. ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޝަރުޢީ ކޯޓުތަކުގެ އެކި މަރުޙަލާތަކުގައި މަޢުހަދުގެ ފަޚުރުވެރި ދަރިން، މިއަދު ދިވެހި ޤައުމަށް އަގުނުކުރެވޭ ޚިދްމަތްތައް އަދާކުރަމުންދާކަމީ، މަޢުހަދު ނުވަތަ ކުއްލިއްޔާ ވުޖޫދަށް އައުމާއެކީގައި އޭގެ ފޮނި މީރުކަން، ދިވެހި މުޖުތަމަޢަށް ކުރަމުންދާ ކަމުގެ ވަރުގަދަ ދަލީލެއް.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރުންނަކީ، މަޢުހަދުގެ ނުވަތަ ކުއްލިއްޔާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން. ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓު، ސުޕުރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންނަކީ، މަޢުހަދުން ނުވަތަ ކުއްލިއްޔާއިން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން. ރާއްޖޭގެ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުގެ އެންމެ އިސް ފަންތީގައި ޙަރަކާތްތެރިވެވަޑައިގަންނަވަނީ، ކުއްލިއްޔާއިން ކިޔަވާވިދާޅުވެގެން ތިއްބެވި ބޭފުޅުން. އޭގެތެރެއިން ބައެއް ބޭފުޅުން، މިރޭގެ މި ޖަލްސާގެ ކުރީ ސަފުންވެސް އަޅުގަނޑުމެންނަށް ފެނިގެން އެބަދޭ. އަޅުގަނޑު ފާހަގަކުރަން، ޖިނާއީ ކޯޓުގެ އިސްޤާޟީ މި ޖަލްސާގައި ވަޑައިގެން އެބައިންނެވި.

ހަމައެއާއެކީ، ރާއްޖޭގެ ފުލުހުންނާއި ސިފައިންގެ ތެރެއިންނާއި އަދި މިއަދު ސަރުކާރުގެ އެކިއެކި މަތީ މަގާމުތަކުގައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވުޖޫދަށް އައި މަޢުހަދުން ކިޔަވާ ވިދާޅުވި ގިނަގުނަ ދަރިވަރުންތަކެއް ވަރަށް އާދަޔާޚިލާފު ޚިދްމަތްތަކެއް ދިވެހި ޤައުމަށް ކުރައްވަމުން އެބަގެންދަވާ. މަރްޙޫމް ޑޮކްޓަރ އަފްރާޝީމަކީ، މަޢުހަދު އުފެއްދި ފަޚުރުވެރި ދަރިއެއް. އޭގެ އިތުރުން، މިއަހަރު އިންތިޚާބުވެފައިވާ ރައްޔިތުންގެ މަޖިލީހަށްވެސް، މަޢުހަދުގެ މަދުވެގެން ތިން ދަރިވަރުން އެބަވޭ، މަޢުހަދުން ކިޔަވާ ވިދާޅުވެފައި ތިއްބެވި ނުވަތަ ކުއްލިއްޔާއިން ކިޔަވާ ވިދާޅުވެފައި ތިއްބެވި ދަރިވަރުން. އޭގެ ތެރެއިންވެސް ބައެއް މެންބަރުން މިއަދު އަޅުގަނޑުމެންނަށް މިޖަލްސާއިން އެބަފެނޭ. ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރަން، މިފަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި އަންހެން ބޭފުޅެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނިގެންދާ އެއް ބޭފުޅަކީ، މަޢުހަދުގެ ދަރިވަރެއް.

މިހުރިހާ ކަމެއް މިއަދު އަޅުގަނޑުމެންނަށް މި ރަމްޒު ކޮށްދެނީ، އެއްވެސް ޝައްކެއްނެތް ގޮތުގައި މި މުހިންމު މުއައްސަސާއިން ތަޢްލީމު އުނގެނުނު ދަރިވަރުންނާއި ބެލެނިވެރިން، ދިވެހި ޤައުމަށް ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކޮށްދެއްވާފައިވާކަން. އެހެންކަމުން، މިރޭގެ މި ދަސްވެނިވި ޙަފްލާގައި، ޑިގްރީއާއި ސެޓްފިކެޓް ހާސިލު ކުރެއްވި އެންމެހާ ލޮބުވެތި ދަރިވަރުންނަކީ، އެއްވެސް ޝައްކެއްނެތް ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި، ދިވެހި ޤައުމަށާއި ދިވެހި މުޖުތަމަޢަށް، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި ފަޚުރުވެރި ޚިދްމަތްތަކެއް ކުރައްވާނެ ދަރިވަރުންތަކަކަށްވާނެ ކަމާމެދުގައި އަޅުގަނޑު ޝައްކެއް ނުކުރަން. އެހެންކަމުން، މިއުފާވެރި ޙަފްލާގައި ތިޔައެންމެހައި ދަރިވަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި މަރްޙަބާއާއި ތަހުނިޔާ ދަންނަވަން.

ވަޑައިގެންތިއްބެވި އެންމެހައި ބޭފުޅުން، ކުއްލިއްޔާގެ ރެކްޓަރ،

އެއްވެސް ޝައްކެއްނެތް، ރާއްޖެއަކީ ކުރިއެރުމާއި ތަރައްޤީއަށް ކެތްމަދުވެފައިވާ ޤައުމެއް. އެހެންނަމަވެސް، ރާއްޖޭގެ ތަރައްޤީގެ ސިއްރަކީ، އުނގެނުމާއި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުން ލިބެމުންދާ ތަރައްޤީކަމާމެދު އެއްވެސް މީހަކު ޝައްކެއްނުކުރާނެ. އަދި އުނގެނުމަށް އިންސާނީ ވަސީލަތް ތަރައްޤީ ކުރުމުގައި ފާއިތުވި ދުވަސްތަކުގައި، ރާއްޖޭގެ އެކިދައުރުގައި ވެރިކަން ކުރައްވާފައިވާ ވެރިންނާއި ޤާޢިދުން ކުރައްވާފައިވާ ބުރަ މަސައްކަތް އަޅުގަނޑުމެން ހަނދާން ކުރަންޖެހޭ. މިއަދު ރާއްޖެއަށް އައިސްފައިވާ ތަރައްޤީއަކީ، ރާއްޖޭގެ ރަސްކަމުން ފެށިގެން އަޅުގަނޑުމެންނަށް މިއަދު މިފެންނަ ވެރިކަމާ ހަމައަށް އައިއިރުގައި، އެކިޒަމާނުގައި ރާއްޖޭގައި ވެރިކަން ކުރެއްވި ވެރިންގެ ދުރުވިސްނުމުގެ ތެރެއިން ރާއްޖެއަށް ގެނައި ތަރައްޤީ. ޚާއްޞަ ގޮތެއްގައި ރާއްޖެއަކީ، ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވާއިރު، މި އިސްލާމީ މުޖުތަމަޢުގެ ތެރެއިން ދީނަށާއި އިސްލާމީ އަޚްލާޤިއްޔާތަށް ލޯބިކުރާ ދަރިންތަކެއް ވުޖޫދަށް ގެނައުމަށްޓަކައި ރާއްޖޭގައި ރަސްކަން ކުރެއްވި ބޭފުޅުންސުރެ ފެށިގެން އަޅުގަނޑުމެންނަށް ޖުމްހޫރީ ނިޒާމު ލިބުމާ ހަމައަށް އަދި ލިބުމަށްފަހުގައި މަސައްކަތް ކުރެއްވި ވެރިންގެ މަސައްކަތް މިއަދު ފާހަގަކުރަންޖެހޭ.

އަޅުގަނޑުގެ ހަނދާނަށް އަންނަނީ ތާރީޚުގެ ޞަފްޙާތަކުގެ ތެރެއިން އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހުގައި އިންތިޒާރު ކުރެއްވީ، ރާއްޖޭގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ދީނީ ޢިލްމު އުނގެނިގެން ހުންނެވި ޢިލްމުވެރިޔަކަށް. މާގިނަ ދުވަހެއްނުވެ ތާރީޚުން އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ، މަޝްހޫރު ވާދޫ ދަންނަ ކަލޭފާނު ރާއްޖެ ވަޑައިގަތީ. އެކަލޭފާނުގެ އެދުރުވެރި ކަމުގެ ތެރެއިން، މަސައްކަތުގެ ތެރެއިން މިއަދުވެސް މަޢުހަދު އެކަމަކަށް މަޝްހޫރު ވެފައިވާ ޚާއްޞަ ގޮތެއްގައި ފަނޑިޔާރުން އުފެއްދުމާއި، ރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ބޭނުންވާ އިންސާނީ ވަސީލަތް މިއަދުވެސް މަޢުހަދުން ފޯރުކޮށްދޭ ބީދައިން، ވާދޫ ދަންނަ ކަލޭފާނުންގެ ކިބައިން ކިޔަވާވިދާޅުވެގެން ނުކުމެވަޑައިގެންނެވި މަޝްހޫރު ދެ ފަނޑިޔާރުންނަކީ، އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނާއި، އަބޫބަކުރު ފަނޑިޔާރު ތަކުރުފާނު. އެއަށްފަހުގައި، މީލާދީން 13 ވަނަ ޤަރުނުގައި، އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތް އަލުން ބިނާކުރެއްވި ކުރެއްވުން ވެގެންދިޔައީ، މިއަދު އަޅުގަނޑުމެން މި ދެކޭ މަޢުހަދު އަޅުގަނޑުމެންނާ ހަމައަށް އައުމަށްޓަކައި އެޅިގެންދިޔަ މުހިންމު ބިންގަލަކަށް. އެ ރަސްގެފާނު އެ މިސްކިތް ބިނާ ކުރެއްވުމަށްފަހުގައި މިސްކިތުގެ ދެކުނު ދޮރޯށީގައި، ފިޤުހު ޢިލްމުވެރިއަކު ލައްވައި، އެކަލޭފާނުގެ މަސައްކަތެއްގެ ގޮތުގައި ކީރިތި ޤުރުއާން ކިޔަވައިދެއްވުމާއި، ފަރުޟު ޢިލްމު އުގަންނައިދިނުމަކީ އެއީ، އެ ފިޤްހު ޢިލްމުވެރިޔާގެ މަސައްކަތެއްގެ ގޮތުގައި ހަމަޖެއްސެވި.

ޙަޤީޤަތުގައި ރާއްޖޭގެ މިއަދު ފެށިފައިމިވާ ރަސްމީ ތަޢްލީމުގެ ފެށުމަކީ، އިސްކަންދަރު ރަސްގެފާނު ހުކުރު މިސްކިތުގައި ފަށްޓަވައިދެއްވި މިކްލާސްތައް. އެއަށްފަހުގައި، މިރެއަކީވެސް ތާރީޚުގެ ތެރެއިން އުފާވެރި ރެއަކަށްވެގެންދާނެ. މަޢުހަދަށް ބަދަލުވަމުން އައިސް ކުއްލިއްޔާއަކަށް ބަދަލުވެ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކިއެކި ފަންނުގެ ތެރޭގައި މަޢުހަދުގެ ފާހަގަކުރެވޭ ދަރިވަރުން ހަރަކާތްތެރިވަމުން އައިސްފައި މިރޭ މިރަސްމިއްޔާތުގައި ދަސްވެނިވެ، ސަނަދާއި ސެޓްފިކެޓް ހާސިލު ކުރެއްވި ދަރިވަރުންނަކީ، ޙަޤީޤަތުގައި މި މުހިންމު މުއައްސަސާއަކީ ރާއްޖެއަށް މުހިންމު ރާއްޖޭގެ ވެށްޓަށް މިފަދަ މުހިންމު މުއައްސަސާއެއް ހުންނަން ޖެހޭކަމަށް ދެކެވަޑައިގެން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ފެށްޓެވި މުހިންމު މަސައްކަތެއް ކަމަށްވާތީ، މިރޭގެ މިއުފާވެރި ޙަފްލާގައި، މަޢުހަދަށް އަދި ޢަރަބިއްޔާފަދަ މި ދެ މުއައްސަސާ، ރާއްޖޭގައި އުފައްދަވައި، ރާއްޖޭގެ ރައްޔިތުންނަށް، ރާއްޖޭގެ ދަރިވަރުންނަށް ތައްލީމު އުނގެނުމުގެ މިފަދަ ފުރުސަތެއް އެމަނިކުފާނު މެދުވެރިވެ ފަހިކޮށްދެއްވި ކަމަށްޓަކައި ކުރީގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

މިއަދު ރާއްޖޭގެ އެކިއެކި ހިސާބުތަކަށް ބެލިކަމުގައިވީނަމަވެސް، މަތީތަޢްލީމު އުނގެނުމުން އަންނަ ނިސްބަތް ދަނީ އިތުރުވަމުން. މަތީ ތަޢްލީމު ފޯރުކޮށްދޭ ތަންތަން އަންނަނީ އިތުރުވަމުން. މިއަދާ ހަމައަށް ގާތްގަނޑަކަށް ރާއްޖޭގައި މަތީ ތަޢްލީމު ފޯރުކޮށްދޭ 174 ވަރަކަށް މަރުކަޒުތައް އެބަހުރި. އެތަންތަނުން ވަރަށްގިނަ ތަފާތު ކޯސްތައް ހިންގަމުން އެބަގެންދަވާ. މިކަންތައްތަކުން ދޭހަވަނީ، ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ތަރައްޤީއަށް ކެތް މަދުވެފައިވާ ބައެއްކަން. ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ، ތަރައްޤީގެ ގޮތުން ވަރަށް ދުރު ރާސްތާއަށް ދަތުރުކުރަންކަން. އަދި ވަކި ޚާއްޞަ މަންޒިލަކަށް، ތަރައްޤީގެ ގޮތުން ދަތުރުކުރަން ރާއްޖޭގެ ރައްޔިތުން ބޭނުންވާކަން. އެހެންނަމަވެސް، މިއަދުވެސް ރާއްޖޭގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ އިންސާނީ ވަސީލަތްތައް މުޅިން ރާއްޖެއިން ފުއްދުމަކީ އެއީ، އެކަށީގެންވާ ކަމެއް ކަމުގައިނުވިނަމަވެސް، ބައެއް ދާއިރާތައް މުޅިންހެން ބޭރު މީސްމީހުންނަށް ބަރޯސާ ކުރުމަކީ، ރާއްޖެ، އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ކުރިއެރުމަށާއި، ރައްކާތެރިކަން ހޯދުމަށް ކުރާ ދަތުރުގައި، ގިނަގުނަ ދަތިތަކާ ކުރިމަތިވެގެންދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

ރާއްޖެއަށް އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދުވެސް އިތުރު ޑޮކްޓަރުން ބޭނުންވޭ. ނަރުހުން ބޭނުންވޭ. އެކައުންޓަންޓުން ބޭނުންވޭ. އަދި މީގެ އިތުރުން، ދިވެހިން އަމިއްލައަށް އުފައްދަމުންދާ މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައިވެސް އިންސާނީ ވަސީލަތް ރާއްޖޭގައި ބޭނުންވޭ. އެތަކެއް ސަތޭކަ ދަރިވަރުން ކޮންމެ އަހަރަކު ކިޔަވައި ނިމެމުން އެބަދޭ. ދެންމެ މިދެންނެވި ފަދައިން، މަތީ ތަޢުލީމު ފޯރުކޮށްދޭ 174 މަރުކަޒު، ރާއްޖޭގައި ހުންނަ ވާހަކަ އިވުނީމާ، އަޅުގަނޑުމެން ހައިރާންވެގެންދާނެ.

މިއިން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ މަޤްޞަދެއް އެބައޮތް. ރާއްޖޭގެ ރައްޔިތުންގެ އުންމީދުތަކެއް އޮތް ކަމާމެދަކު އެއްވެސް ޝައްކެއްނެތް. ޒުވާނުންނަށް ވަޒީފާ ނެތުމުގެ ޝަކުވާ، ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރުންދަނީ މަސައްކަތް ކުރަމުން. ބެޔަސް ނުބެޔަސް، މަސްވެރިންނަށް އިޖުތިމާޢީގޮތުން ރައްކާތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް، މިއަދުގެ ސަރުކާރުންދަނީ ކުރަމުން. ދަނޑުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރުމަށްޓަކައި ސަރުކާރުން ދަނޑުވެރިންނަށްވެސް އިޖުތިމާޢީ ރައްކާތެރިކަމުގެ ހިޔާވަހިކަމެއް ފޯރުކޮށްދިނުމަށްޓަކައިވަނީ ވަޢުދުވެފައި. އެކަމަކު މިހުރިހާ ކަމެއް މިގޮތަށް ކުރަމުންދާއިރުގައި، މިއަދު ރާއްޖެއިން ހިތާމައާއެކު ފެނިގެންދަނީ ދަނޑުވެރިކަންކުރާ ދަނޑުތަކަށް، ބައެއް ރަށްރަށުގައި މުޅިންހެން ހުރިހާ ދަނޑުތަކަށް، މަސްއޮޑިތަކުގައި ބޭރު މީހުންނަށް މިތަންތަން ދޫކުރުމަށްފަހުގައި، ދިވެހިންނަކީ ގޭގައި ތިބެގެން ހަމައެކަނި ހާސިލު އުސޫލު ލިބިގަންނަ ބައެއްގެ ގޮތުގައި ތިބޭތަން. ނޫނީވިއްޔާމު ލިބޭ ރެންޓެއް ނުވަތަ ޓެކްސް ނަގައިގެން ގޭގައި ތިބޭ ބައެއްގެ ގޮތުގައި ތިބޭތަން. ބައެއް ރަށްރަށުގައި ދަނޑުތައް އެކީ ބޭރު މީހުންނަށް ދޫކޮށް، ޒަމާނުއްސުރެ ކާބަފައިން ފަޚުރުވެރިކަމާއެކީގައި ކުރަމުން އައި މަސްވެރިކަމުގެ މަސައްކަތަށްވެސް ބޭރު މީހުން ޚިޔާރު ކުރަމުންދާކަމުގައިވާނަމަ، ބުރަ މަސައްކަތާއެކީގައި މިއަދު ދަރިންނަށް ތަޢްލީމު އުނގަންނައި ދިނުމަށްފަހުގައި، ތަރައްޤީގެ ގޮތުން އަޅުގަނޑުމެން ދަތުރުކުރަން ބޭނުންވާ މަންޒިލަށް ދަތުރުކުރެވިދާނެ ކަމާމެދު އަޅުގަނޑުމެންނަށް މިއަދު ސުވާލު އުފެދޭ.

ތަރައްޤީއަށްޓަކައި މިބުރަ މަސައްކަތް ރާއްޖޭގައި ކުރަމުންދާއިރުގައި، މިރޭގެ މިއުފާވެރި ޙަފްލާއިންވެސް އެންމެބޮޑު ހިތްހަމަޖެހުމެއް ލިބެނީ ގިނަ ދަރިވަރުންތަކެއް މަތީ ތަޢްލީމުގެ ސަނަދު ހާސިލު ކުރީމަ. އެކަމަކު އެއާއެކީގައި ރާއްޖޭގައި މިއަދުވެސް އަޅުގަނޑުމެންނަށް މި އަޑު އިވެނީ، ސާޅީސް ހާހާއި ފަންސާސް ހާހާ ދެމެދުގެ އަދަދަކަށް، ގަވާއިދާ ޚިލާފަށް ބޭރު މީހުން ވަޒީފާ އަދާކުރަމުންދާކަން. ކުދިންނަށް ކިޔަވައިދީ އުފެއްދުންތެރި ޤައުމަކަށް ޢަމަލީގޮތުން މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށް ދިވެހިން މިއަދު އެދޭއިރު، ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ބޭރު މީހުންގެ އަތްމައްޗަށް ކަންކަން ދޫނުކުރާ މިންވަރަށް މިއަދު ދިވެހި މުޖުތަމަޢުގައި އަޅުގަނޑުމެންވަނީ އަޅުގަނޑުމެންގެ ކަންތައްތައް ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލާފައި. ދަނޑުބިންތަކުގައި ބައެއް ރަށްރަށުގައި މުޅިންހެން ބޭރުމީހުން. ތަރުކާރީ ހައްދަނީ ބޭރުމީހާ. ތަރުކާރީ ގެންނަނީ ބޭރުމީހާ. ތަރުކާރީ ވިއްކަން އިންނަނީ ބޭރުމީހާ. މަސްއޮޑިތަކުގައި ހަރަކާތްތެރިވަނީ ބޭރުމީހުން. މިސްކިތްތަކުގެ އިމާމުންނަށްވެސް މިއަދު ހަރަކާތްތެރިވަމުންދަނީ ބޭރުމީހުން. ފަތުރުވެރިކަން ހިންގާ ފަރާތްތަކުގެ ތެރޭގައިވެސް ބޭރު މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް ގިނަވަމުން. އުފެއްދުންތެރި ފަޚުރުވެރި ޤައުމެއްގެ ގޮތުގައި އަމިއްލަ މަސައްކަތް ކުރަމުންދިޔަ ދިވެހިން ކޮންސްޓްރަކްޝަން ދާއިރާގައިވެސް އަތްދޫކޮށް އެދާއިރާތަކުގައިވެސް މިއަދު ހަރަކާތްތެރިވަނީ މުޅިންހެން ބޭރުމީހުން.

މިހުރިހާ ކަމެއް މިގޮތަށް ދާކަމުގައިވާނަމަ ތަރައްޤީއަށް ފެން ބޮވާފައިވާ، ތަރައްޤީއަށް ކެތްމަދުވެފައިވާ ޤައުމެއްގެ ގޮތުގައި އަޅުގަނޑުމެން ދައުވާ ކުރާއިރުގައި މިއީ، އަޅުގަނޑުމެންގެ ޢަމަލު ހުންނަންޖެހޭ ގޮތްތޯ މިއަދު އަޅުގަނޑުމެން ސުވާލުކުރަން އެބަޖެހޭ. މިކަމުގެ އަސަރު، މި މިންވަރަށް ބޭރުމީހުންނަށް ބަރޯސާ ކުރުމުގެ އަސަރު، މިއަދު ރާއްޖޭގެ އިޖުތިމާޢީ ފޭރާމަށް ކުރަމުންދާ ކަމާމެދުވެސް މިއަދު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ. މިއަދު ދިވެހިންގެ ޢާއިލާތައް އެކުލަވާލުމާއި ރޫޅާލުމުގައި ޤައުމީ ވިސްނުމަކުން ވިސްނަންޖެހޭ މިންވަރަށް، ޙަޤީޤަތުގައި ބޭރުމީހުން ވަންނަމުންދާކަންވެސް މިއަދު އަޅުގަނޑުމެން ފާހަގކުރަން އެބަޖެހޭ.

ޢިއްޒަތްތެރި ރެކްޓަރ، ވަޑައިގެންތިއްބެވި އެންމެހައި ބޭފުޅުން،

ރާއްޖޭގެ ތަރައްޤީގައި އެއްވެސް ޝައްކެއްނެތް ގޮތުގައި، ރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ނުވަތަ ޝަޚުޞިއްޔަތަކީ އެއީ، އަޅުގަނޑު ދެކޭގޮތުގައި މުއްސަނދިކަމެއް. އެއީ، ފަޚުރުވެރި އައިޑެންޓިޓީއެއް. އަދި އެއީ، ފަޚުރުވެރި އައިޑެންޓިޓީއެއްކަން ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރި ދަތުރުގައި މިއަދާ ހަމައަށް ދިވެހި މުޖުތަމަޢަށްވަނީ ސާބިތުވެފައި.

އެއްވެސް ޝައްކެއްނެތް ގޮތުގައި، މުޅި ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ، ސައްތައިންސައްތަ މުސްލިމުންނަށްވީކަމީ އެއީ، اللّـه سبحـانـه وتعـالى ވަރަށްބޮޑު ރަޙްމަތެއް. އެއްވެސް ހާލެއްގައި އެއީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ދެވަނަ ވިސްނުމަކަށް ދަތުރުކުރަންޖެހޭ ކަމެއްނޫން. އަޅުގަނޑުމެންނީ މުސްލިމުން ކަމަށްވީތީ އަދި މުސްލިމަކަށްވުމުގެ ފަޚުރު ލިބުނުކަމީ އަބަދުވެސް ތާއަބަދަށް ޝުކުރުވެރިވާންޖެހޭފަދަ މަތިވެރި ނިޢުމަތެއް.

ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީ ކުރައްވަނީ، "يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّ‌بِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ‌ وَهُدًى وَرَ‌حْمَةٌ لِّلْمُؤْمِنِينَ" މިއާޔަތުގައި اللّـه سبحـانـه وتعـالى ވަޙީ ކުރައްވަނީ "އޭމީސްތަނުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޟަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާޢަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."

މިއާވިދިގެން އައި އަނެއް އާޔަތުގައި اللّـه سبحـانـه وتعـالى ވަޙީ ކުރައްވަނީ އެއީ، އިސްލާމްދީންކަން. އަޅުގަނޑު ދެކޭގޮތުގައި ދިވެހިންގެ ތެރޭގައި ޚިޔާލު ތަފާތުވުމަކީ އެއްވެސް މައްސަލައެއް ނޫން. އަޅުގަނޑުމެން ކަންތައްތަކާ ބަހުސް ކުރަންވީ. އެކަމަކު ރާއްޖެއަށް ތަރައްޤީ އައުމަކީ، ދިވެހިންގެ އިސްލާމީ ޝަޚްޞިއްޔަތު ހަދިޔާއެއްގެ ގޮތުގައި ބޭރުމީހުންނަށް ދޫކުރުމަށްފަހުގައި އަޅުގަނޑުމެން ހޯދާ ތަރައްޤީއެއް ކަމުގައި ވެއްޖެނަމަ، އެއީ ލިބިގެންދާ ކުރިއެރުމަކަށްނުވާނެ. އެއްވެސްޝައްކެއްނެތް ގޮތުގައި މިކަން ވެގެންދާނީ ރާއްޖެއަށް ލިބިގެންދާ ހިތާމައަކަށް. ދިވެހިންގެ ތެރެއަށް އަންނަ އެއްވެސް ތަރައްޤީއަކީ، އެއްވެސް ކުރިއެރުމަކީ، އެ ތަރައްޤީއަކާއި ކުރިއެރުމެއްގެ ބަދަލުގެ ގޮތުގައި ދިވެހިން ސާބިތުވެތިބި އިސްލާމްދީނުގެ މަތިވެރި ޢަޤީދާ އަދި މިއަދާ ހަމައަށް އަޅުގަނޑުމެން ހިފަހައްޓަމުން އައި އާދަކާދަތައް ދޫކޮށް، އާ ވެލިއުސްތަކަކަށް ހިޖުރަކުރާ ކަމަކަށް ވެގެންނުވާނެ.

އަޅުގަނޑުމެންގެ ތަރައްޤީއަކަށް، އަޅުގަނޑުމެންގެ ކުރިއެރުމަކަށް އަދި އަޅުގަނޑުމެންގެ ކުރިއެރުމަކީ، ދީނުގެ ޢަޤީދާއަށް އެހެން ޙައްލެއް ނުވަތަ އާ ދިމާއަކަށް އަޅުގަނޑުމެންގެ ޤިބުލަ ބަދަލުކުރާ ވާހަކަދައްކައިގެން ހޯދާ ތަރައްޤީއެއް ކަމުގައި ވެއްޖެނަމަ، ނޫނިއްޔާ އެ ތަރައްޤީއަކީ، ވާދަވެރި ޘަގާފަތުތަކުގެ އަހުލުވެރިން އެދޭފަދަ ގޮތަކަށް އަޅުގަނޑުމެންގެ ތަޢްލީމީ މަންހަޖު ބަދަލުކުރާ ތަރައްޤީއަކަށް ވެގެން ހިނގައްޖެ ކަމަށްވާނަމަ، އެއްވެސްޝައްކެއްނެތް، އެކަމުން އަޅުގަނޑުމެންނަށް ލިބޭނީ ހިތާމަ. އަދި ރާއްޖޭގެ ތަރައްޤީގައި އެފަދަ ދިމާއަކަށް އަޅުގަނޑުމެން ދީލާލައިގެން ނުވާނެ. އަޅުގަނޑުމެން ސާބިތުވެތިބި އިސްލާމީ ޢަޤީދާއާއި ޤަބޫލުކޮށްފައިވާ ހަމަތަކާއި އަދި މިއަދާ ހަމައަށް ފަޚުރުވެރިކަމާއެކީގައި އޭގައި ހިފަހައްޓަމުން އައި އިސްލާމީ ތަރިކަ ތަޣައްޔަރުކުރަން ނުވަތަ ކިލަނބުކުރަން ރާއްޖޭގެ އެއްވެސް ފަރާތަކުން، ނޫނީވިއްޔާ ސިޔާސީ އެއްވެސް ވެރިޔަކު އެފަދަ މަސައްކަތެއް ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެއްވެސް ޝައްކެއްނެތް ގޮތުގައި އެކަން ވެގެންދާނީ، ރާއްޖޭގެ ޤައުމީ ސަލާމަތަށާއި، ރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމަށް ކުރިމަތިވެގެންދާނެ އެންމެބޮޑު ނުރައްކަލަށް. އަދި ސިޔާސީ ޖަމާޢަތަކުންވެސް ރާއްޖޭގެ ރައްޔިތުންވެސް، ރާއްޖެއަށް ހެޔޮއެދޭ އެއްވެސް ފަރުދަކުވެސް މިފަދަ ގޮތަކަށް ޢަމަލުކުރާ ސިޔާސީ އެއްވެސް ފަރާތަކަށް ފުރުސަތު ނުދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި ރާއްޖޭގެ ޤައުމީ މަޞްލަޙަތު މިއަދު ގޮވާލާ ގޮތް. އެކަމަށްޓަކައި އަޅުގަނޑު އިލްތިމާސް ކުރަން.

މިއަދުގެ ސަރުކާރުގެ ވިސްނުމަކީ، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން އަންނަންޖެހޭނީ ރާއްޖޭގައި ޤާއިމުވެފައިވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން، އަޚުވަންތަކަމުގެ ތެރެއިން، އިސްލާމްދީނުގައި ޤާއިމުވެފައިވާ ރީތި އަޚްލާގުގެ މިންގަނޑުގެ ތެރެއިންކަން. އިސްލާމްދީން އަޅުގަނޑުމެންނަށް އަންގަވާފައިވާ އަޅާލުމާއި ކުލުނާއި ލޯބީގެ ތެރެއިންކަން. ތަޢުލީމީ ނިޒާމުގެ ތެރެއަށް މިއަދު ސަރުކާރުންވަނީ ވަރަށްބޮޑެތި އިޞްލާޙީ ބަދަލުތަކެއް ގެންނަން މަސައްކަތް ފަށްޓަވާފައި. ރާއްޖޭގެ ސްކޫލްތަކުގައި މިއަދު މިފަޚުރުވެރި މުއައްސަސާގެ ތެރެއިން އަޅުގަނޑުމެންނަށް އެބަފެނޭ، އިސްލާމީ ތަޢުލީމާއި ޢަރަބި ތަޢުލީމާއެކީގައި ވަރަށް ގިނަ ދަރިވަރުން ކިޔަވާ ވިދާޅުވެގެން ރާއްޖެއަށް ޚިދްމަތް ކުރާތަން. އެއާއެކީގައި މިއަދުގެ ސަރުކާރުގެ ވިސްނުމަކީ، ޢަރަބި ބަސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކިޔަވައިދިނުން. މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި އެމަސައްކަތް މިހާރުވަނީ ފެށިފައި. އެއާއެކީގައި ކީރިތި ޤުރްއާނުގެ ތަޢްލީމު، ކީރިތި ރަސޫލާގެ ޙަދީޘްފުޅު، އިސްލާމީ އަޚްލާޤިއްޔަތާއި ތަޢުލީމު، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ޢާންމު ކުރުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ މިހާރުވަނީ ފެށިފައި. ކުރިއަށް އޮތް އަހަރުން ފެށިގެން ޚާއްޞަ ގޮތެއްގައި 2015ވަނަ އަހަރުން ފެށިގެން ކުރިއަށްދާ ރާއްޖޭގެ ތަޢުލީމީ މަންހަޖު އަލަށް ތަޢާރުފުވެގެންދާއިރުގައި، އެމަންހަޖުގައި އިސްލާމީ ތަޢުލީމާއި އަޚްލާޤިއްޔާތު ކިޔަވައިދިނުމާއެކީގައި، މުޅި ނިޒާމުގެ ތެރޭގައި އިސްލާމީ އުސޫލު ތަޢާރުފުވާ ގޮތަކަށް އެ މަންހަޖުވަނީ ބައްޓަންވެ ފާސްކުރެވިފައި. އެހެންކަމުން، މިއަދު މިހާ ހިސާބަށް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް މި މުހިންމު ބަދަލުތައް ގެނައުމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި މިއަދުގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ ބުރަ މަސއްކަތްޕުޅު ފާހަގަކޮށް، މިރޭގެ މިއުފާވެރި ޙަފްލާގައި އެމަނިކުފާނަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން.

ރާއްޖޭގެ ސައްތައިންސައްތަ އިސްލާމީ ޝަޚްޞިއްޔަތު ހިފެހެއްޓުމަށްޓަކައި ޤާނޫނާއި ތަޢުލީމީ ނިޒާމުގެ ތެރެއިންނާއި ހަމައެއާއެކީގައި ދިރިއުޅުމުގެ އެކިކަންތައްތަކުގެ ތެރެއިން އަދި އިޖުތިމާޢީ ދާއިރާތަކުންވެސް ދީނުގެ އުސޫލުތައް އޮޅުންފިލާ ގޮތުގެމަތިން ތަޢްލީމު އުނގެނި ލިބިގެން ދިޔުމަކީ، ރާއްޖެއަށް ލިބިގެންދާނެ ކުރިއެރުމެއް. މިއީ މިއަދު، ކުރިއަރާފައިވާ އަދި ކުރިއަރަމުންދާ އިސްލާމީ ޤައުމުތަކުން ވަރަށްގިނަ ވަގުތު ހޭދަކޮށްގެން ކުރަމުންދާ ބުރަ މަސައްކަތްތަކެއް. މިއަދުގެ ސަރުކާރުން މިދެންނެވި ގޮތުގެމަތިން ތަޢުލީމީ ނިޒާމުގެ ތެރެއިން، އިޖުތިމާޢީ ދާއިރާގެ ތެރެއިން، ޤާނޫނީ ދާއިރާގެ ތެރެއިން އަދި އެހެނިހެން ދާއިރާތަކުގެ ތެރެއިންވެސް ތަޢުލީމު އުނގެނޭ ކުދިންނަށް، އިސްލާމީ ހަމަތަކުގެ ތެރެއިން ތަޢްލީމު އުނގަންނައިދެވޭނެ ގޮތް ހަމަޖައްސައި ދިނުމަށްޓަކައި ޚާއްޞަ ވިސްނުންތަކެއް އެބަގެންގުޅޭ. މިގޮތުގެ މަތިން މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތތުގެ ތެރޭގައި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއާއި އަދި މިފަދަ އެހެން ޔުނިވަރސިޓީތަކާއި ޤަތަރާއި ކުވެއިތާ އަދި މިނޫންވެސް އެހެނިހެން ޤައުމުތަކުގެ އެހީއާއެކީގައި އިރާދަކުރެއްވިއްޔާ، ކުރެވެމުންދާ މަޝްވަރާއާއި މަސައްކަތުގެ ތެރެއިން ލަސްތަކެއް ނުވެ މިއަދު އަޅުގަނޑުމެންނަށް ފެނިގެންމިދާ ކުއްލިއްޔާ ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއަކަށް ބަދަލުވެގެންދާނެ ކަމުގެ އުފާވެރި ޚަބަރުވެސް އަޅުގަނޑު ދެން.

މިއަދުގެ ސަރުކާރުން މިހާހިސާބަށް އައިއިރުގައި ސަރުކާރު ވުޖޫދަށް އައުމުގެ ކުރިންވެސް ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ޙާލަތު އޮތް ގޮތް ވަރަށް ރަނގަޅަށް ވަޒަންކުރި. އަދި އޭގެއިތުރުން، ސަރުކާރުގެ 100 ދުވަހުގެ ޕްރޮގްރާމްގެ ތެރޭގައި، މި ކަންތައްތައް ވަޒަންކޮށް، ތަޢުލީމީ ދާއިރާއަށް ގިނަގުނަ ކަންތައްތަކެއް ތަޢާރުފު ކުރުމުގެ އިތުރުން، މުދައްރިސުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލު ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިދިޔަ ދުވަސްތަކުގައި މިއަދުގެ ސަރުކާރުން ކޮށްފައިވަނީ، އެއްވެސް ހާލެއްގައި ކަޅާއި ހުދުގެ ފޭރާމެއް ޚިޔާރުކޮށްގެނެއްނޫން. އަދި މި މަސައްކަތް ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނީވެސް، މާތްﷲގެ ތަނަވަސް ރަޙްމަތާއެކީގައި، ރާއްޖޭގެ ތަޢްލީމީ ނިޒާމު ރަނގަޅު ކުރުމަކީ، އިޖުތިމާޢީ ގޮތުން ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ މަސައްކަތްކަން ދަނެ، އެ މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ މަޞްލަޙަތު ރަނގަޅު ކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކީގައި.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ޤައުމަކީ، ތަޢުލީމަށް ލޯބިކުރާ އަދި އުނގެނޭ ތަޢުލީމުން ރަނގަޅު ގޮތުގައި ބޭނުންހިފާ ޤައުމެއް ކަމުގައި ލައްވައި، ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމު ޤައުމެއް ކަމުގައި ދާއިމަށް މިންވަރު ކުރެއްވުމަށް އެދި ދުޢާ ދަންނަވަމުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه