ސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދެއްވަން ބޭނުންވާ ތަރައްޤީގެ އެންމެ މުހިންމު ޙިއްޞާދާރަކީ، ރައްޔިތުންގެ މަޖިލިސް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލު ގުރައިދުއަށް މިއަދު ހެނދުނު ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ، މިނިވަންކަމާއެކީގައި ސަރުކާރަށް ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީކުރުވުމެވެ. ހަމައެޔާއެކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ، ޒިންމާދާރުކަމާއެކީގައި މިކަން ކުރައްވާ ބޭފުޅުންނަށްވާންޖެހޭނެއެވެ. އަދި ސަރުކާރަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި، މަޖިލީހުގެ ދައުރު ވަރަށް ބޮޑެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގައި، ރައްޔިތުން ވަނީ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާފައި ކަމަށާއި، އެހެންވީމާ، ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންވާ ކަންތައްތައް، ރައްޔިތުންގެ މަޖިލީހުން ކޮށްދެއްވަންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއަށް ގެންނަވަން ޤަޞްދުކުރައްވާ ބަދަލުތައް، ދެތިން ދުވަހުގެ ތެރޭގައި އިޢުލާނު ކުރައްވާނެކަން ހާމަކުރެއްވިއެވެ. އަދި ޞިއްޙީ ދާއިރާއަށް އަންނަންޖެހޭ ހެޔޮ ބަދަލުތައް، އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ގެންނަވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންނަށް ދެއްވިއެވެ.

ގުރައިދޫން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ވޭމަންޑުއަށެވެ. ވޭމަންޑޫ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ވޭމަންޑޫގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ. އަދި، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ފިކުރު ބަދަލުވެގެންދާކަން އެންމެ ފަހުން މި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުން ހާމަ ކޮށްދީފި ކަމުގައި ވިދާޅުވިއެވެ.