بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙަންމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ކުންފުނިތަކުގެ އިސްވެރިން، ވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، ރާއްޖޭގެ ރައްޔިތުންނަށް މިވަގުތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ، ގެދޮރުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ފަށްޓާފައިވާ އަދި މިއަދުގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދު ކަމަށްވާ ގެދޮރުވެރިކުރުމުގެ ވަޢުދު ފުއްދުމަށްޓަކައި ހައުސިންގ މިނިސްޓްރީން އިސްނަންގަވައިގެން، މި މަސައްކަތް ކުރިއަށް ގެންގޮސް، މިއަދާ ހަމައަށް ކުރައްވާފައިވާ ބުރަ މަސައްކަތް ފާހަގަކޮށް، ޚާއްޞަ ގޮތެއްގައި، މިނިސްޓަރަށާއި، މިނިސްޓްރީގައި މިކަމުގައި ހިމެނިވަޑައިގަންނަވާ ވެރިންނާއި އަދި އެކިއެކި ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަށާއި، ހަމައެޔާއެކީގައި ދައުލަތުގެ ފަރާތުން މި މަސައްކަތް ކުރިއަށް ގެންދިޔުމުގައި އެހީތެރިވާ ކުންފުނިތަކުގެ އެންމެހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި، ތިޔަބޭފުޅުންގެ މަސައްކަތްޕުޅަށް ޝުކުރު އަދާކުރުން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އެނގިގެންދިޔަ ގޮތުގައިވެސް އަދި މިއަދާ ހަމައަށް ރާއްޖޭގެ އެއްކަމެއްގެ މައްޗަށް، ރާއްޖޭގެ އެންމެގިނަ ރައްޔިތުން އެއްބަސްވެވަޑައިގަންނަވާ ގެދޮރުވެރިވުމުގެ މައްސަލަ ނުވަތަ ގެދޮރުވެރިކުރުމުގެ މައްސަލައަކީ، މިއަދު ރާއްޖޭގައި ދިމާވެފައިވާ އިޖުތިމާޢީ މައްސަލަތަކުގެ މައިގަނޑު އަސާސް ކަމަށް ވަރަށްގިނަ ބަޔަކު ގަބޫލުކުރޭ. އަޅުގަނޑުމެން މިއަދު ރާއްޖޭގެ އިޖްތިމާޢީ ވެށީގައި ދިމާވަމުންދާ މައްސަލަތަކުގެ ތެރޭގައި، ކުށްގިނަވުމާއި، ޒުވާނުން މަގުމަތީގައި ހިންގާ ޢަމަލުތަކާއި، ހަމައެޔާއެކީގައި، އިޖުތިމާޢީ ގޮތުން އެކިހިސާބުގައި އަޅުގަނޑުމެން ދެކެން ބޭނުންނުވާ އެތަކެއް ކަންތައްތަކެއްގެ ވާހަކަ އެބަ ދައްކަމު. މިކަންތައްތަކުގެ ތެރޭގައި، ކުދިންގެ އަޚްލާޤާއި، ސްލޫކާއި، އިޖުތިމާޢީ ގޮތުން ކުރުން އެކަށީގެންނުވާ ކަންތައްތަކުގެ މައްޗަށްވެސް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބަޙުޘް އެބަ ކުރެވޭ. ސްކޫލްތަކުގެ ތެރެއިން ފެށިގެން އަޅުގަނޑުމެންގެ ސިޔާސީ އެކި ހިސާބުތަކާ ހަމައަށް ބަލައިލި ކަމުގައިވީނަމަވެސް، މިއަދު އެންމެ ގިނައިން އަޅުގަނޑުމެން ޙައްލުކުރަން ބޭނުންވާ މައްސަލައަކީ، އަޅުގަނޑުމެންގެ މުޖުތަމަޢަށް ދިމާވެފައިވާ އިޖުތިމާޢީ ގޮތުން ކުރުން އެކަށީގެންނުވާ ކަންތައްތަކުގެ ވާހަކަ. މިއިން ކޮންމެ ކަމެއްގެވެސް އެންމެފަހު މަރްޙަލާއަށް އައިސް އަޅުގަނޑުމެން ނަޒަރު ހިންގާއިރުގައި، އެއް މައްސަލައަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ، އަޅުގަނޑުމެންނަށް މިއަދު ދިމާވެފައިވާ ގެދޮރުވެރިވުމުގެ މައްސަލަ.

އެހެންވީމާ، މިހާ މުހިންމު މައްސަލައަކަށް ސަރުކާރުން ޙައްލު ހޯދައިދިނުމަށްޓަކައި ފަށާފައިމިވާ މަޝްރޫޢު، މިރޭ އިރާދަކުރެއްވިއްޔާ ފެށިގެން މިދަނީ. މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ވަރަށްގިނަ ފަރާތްތަކެއްގެ ބުރަ މަސައްކަތްވާކަން ފާހަގަކުރެވޭ. މިރޭ އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، މިފަރާތްތަކަށް ޙައްޤު ޝުކުރު އަޅުގަނޑު އަދާކުރަން. އެންމެ ފުރަތަމަ މިއަދު ރާއްޖޭގެ ރައްޔިތުންނަށް، މި މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި އަދި ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، އެންމެ މުހިންމު ކަމެއްގެ ގޮތުގައި މިކަން ފާހަގަކުރައްވައި، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ތެރެއިން ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި އަދި މިއަދު ގުޅިފައިވާ ޕްރޮގްރެސިވް ކޯލިޝަންގެ ސިޔާސަތުގެ ތެރޭގައި، އެންމެ މުހިންމު އެއް ވަޢުދަކަށް މިކަން ހިމަނުއްވައި، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކުރުމަށްޓަކައި ކުރިއަށްގެންދަވާ މި ސިޔާސަތަށްޓަކައި އެމަނިކުފާނަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެޔާއެކީގައި، މި މަސައްކަތް ކުރިއަށް ގެންދެވުމުގައި، މިއަދު ހައުސިންގ މިނިސްޓަރ ވަރުބަލިކަމެއްނެތި، އަޅުގަނޑުމެން ދެމުންގެންދާ އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އޭގެއިތުރުން، ކަމާގުޅޭ އެކިއެކި ފަރާތްތަކުގެ މަޝްވަރާ ހޯއްދަވައި، ވަރަށް އަވަދިނެތި އުޅުއްވަމުން މިކަމަށް ވަގުތު ހޭދަކުރައްވައި، ފަންނީ ލަފާ ހޯއްދަވައި އަދި މިކަމުގައި ގުޅިފައިވާ އެކިއެކި ކުންފުނިތަކުގެ މަޝްވަރާ ހޯއްދަވައިގެން، ރާއްޖޭގެ ރައްޔިތުންނަށް އަވަސްގޮތަކަށް މިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށްޓަކައި އެމަނިކުފާނު މަސައްކަތް ކުރައްވާކަމީ، އަޅުގަނޑު ދެކޭގޮތުގައި، އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ރައްޔިތުންނަށް މިއަދު ގެދޮރުވެރިވުމަށްޓަކައި ނުވަތަ ގެދޮރުވެރިކުރުވުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢު ކާމިޔާބުވުމަށްޓަކައި އެޅިގެންދާ އެންމެ މުހިންމު އެއް ފިޔަވަޅު. އެހެންކަމުން، މިނިސްޓަރަށާއި، މިނިސްޓަރާއެކީގައި މިނިސްޓްރީގައި މަސައްކަތް ކުރައްވާ ސްޓޭޓް މިނިސްޓަރުންނަށާއި، ނައިބުންނަށާއި އަދި އެހެނިހެން ވެރިންނަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.

މިދަނޑިވަޅުގައި އަޅުގަނޑު ބޭނުންވޭ، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ދެނެގަތުމަށްޓަކައި ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެން ރާއްޖޭގެ އެކި ހިސާބުތަކުގެ ރައްޔިތުންނާ ބައްދަލުކުރިން. އެކިކަންކޮޅުތަކަށް އަޅުގަނޑުމެން ޒިޔާރަތްކުރިން. އެކި މީސްމީހުންގެ އަޑު އަޅުގަނޑުމެން އެހިން. މިގޮތުން، މާލޭގެ އެކި ސަރަޙައްދުތަކަށް އަޅުގަނޑުމެން ކުރި ޒިޔާރަތުގައި، މާލޭގެ ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ އެތަކެއް ރައްޔިތުންނާ އަޅުގަނޑުމެން ބައްދަލުވި. އަޅުގަނޑު ފާހަގަކުރަން، މިރޭ މިޖަލްސާގައިވެސް އެބަ އިންނެވި، ރައްޔިތުންގެ މަޖިލީހުގެ މާލޭގެ ޢިއްޒަތްތެރި އެއް މެންބަރެއް. އާދެ! އަޙްމަދު މަޙްލޫފް އަޅުގަނޑާ އެކީގައި މާލޭގެ އެކި ގެތަކަށް އެމަނިކުފާނު ޒިޔާރަތް ކުރެއްވި. ހަމައެޔާއެކީގައި، ނިހާން އަޅުގަނޑުމެންނާ އެކީގައި މާލޭގެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކަށް ޒިޔާރަތް ކުރެއްވި. އަދި މިނޫން އެހެން މެންބަރުންވެސް އަޅުގަނޑުމެންނާ އެކީގައި ޙަރަކާތްތެރިވި. މިބޭބޭފުޅުން ކެނޑިނޭޅި ޕީ.ޕީ.އެމް.ގެ މެނިފެސްޓޯ އަދި މިއަދުގެ އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ ޢާއިޝަތު ޝިހާމްވެސް ހިމެނޭގޮތަށް އެކުލަވައިލި މަރްޙަލާގައި، އިޖުތިމާޢީ ގޮތުން މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައެއްގެ ގޮތުގައި ގެދޮރުވެރިކުރުމުގެ މައްސަލަ ފާހަގަކުރައްވައި، އެކަމަށް ޙައްލު ހޯދުމަށްޓަކައި ތަކުރާރުކޮށް މެނިފެސްޓޯގައި މިކަމަށްޓަކައި ޚާއްޞަ ސިޔާސަތެއް ކަނޑައެޅުމަށް، އެބޭފުޅުން ކުރެއްވި މިންނެތް ބުރަ މަސައްކަތް އަޅުގަނޑު މިދަނޑިވަޅުގައި ފާހަގަކޮށް، އެހުރިހާ ބޭފުޅުންނަށް އިޖުމާލީ ގޮތެއްގައި އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.

ދެންމެ މިނިސްޓަރުގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް، މި މަޝްރޫޢު ކުރިއަށް ގެންދަން ނިންމާފައިވާ ގޮތުގެ ތަފްޞީލު ފާހަގަވެގެން ހިނގައްޖެ. އާދެ! މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް، އަޅުގަނޑު ގަބޫލުކުރާހިތްވަނީ، މިރޭ މި އިވިގެންދިޔަ އަޑުތަކުން އަދި ސިޔާސަތުތަކުން އަދި ނިންމާފައިވާ ނިންމުންތަކުން، ފަށާފައިވާ މަސައްކަތްތަކުން އިރާދަކުރެއްވިއްޔާ، އެބޭފުޅުންގެ ހިތްތަކަށް ފިނިކަމެއް ލިބިގެންދާނެ ކަމަށް.

އަޅުގަނޑު މިއަދު ހަވީރު މިއައީ އިއްޔެއިން ފެށިގެން ލ. އަތޮޅުގައި އުޅެފައި. ލ. އަތޮޅުގައި ވަރަށްގިނަ މަޝްރޫޢުތަކެއް ސަރުކާރުން ވަނީ ފަށްޓާފައި. އަދި މިއަދު އަޅުގަނޑުމެން ރާއްޖޭގެ މިއަތޮޅުތަކަށް ޒިޔާރަތް ކުރުމުން، ރައްޔިތުން ވަރަށް ހުޅުވިފައިވާ ހިތަކާއެކީގައި އަދި އެބޭފުޅުންގެ އިޙްސާސްތައް އަޅުގަނޑުމެންނާ ޙިއްޞާކުރޭ މިހާރު. މިގޮތުން، މިދަތުރުގައިވެސް އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި، ލ. ފޮނަދޫން ފެށިގެން ގޮސް، ގުޅިފައިވާ ރަށްތަކާއި އަދި އެނޫން ރަށްތަކުގެ ރައްޔިތުންވެސް ހަމަ ފާހަގަކުރި ޝުޢޫރުތަކުގެ ތެރޭގައި، ބޯހިޔާވަހިކަން ނުވަތަ ގެދޮރުވެރިކުރުން އެބަ ހިމެނޭ.

މިރޭ އަޅުގަނޑު ގަބޫލުކުރާހިތްވަނީ، އެބޭފުޅުންނަށްވެސް ހދ. ކުޅުދުއްފުށިން ފެށިގެން ހއ. އިން ފެށިގެން އައްޑުއަތޮޅާ ހަމައަށް، ޖުމްލަ ގޮތެއްގައި ރާއްޖޭގައި ހިމެނޭ ރައްޔިތުންނަށް މިއަދު ސަރުކާރުން އެބޭފުޅުންގެ އަޑުއަހައިފިކަމާއި، އެބޭފުޅުންގެ އިޙްސާސްތައް އަޅުގަނޑުމެންނަށް އެނގޭކަމާއި އަދި ދިމާވެފައިވާ މި ބޮޑު އިޖުތިމާޢީ މައްސަލައަށް ސީރިއަސް ގޮތެއްގައި ސަރުކާރުން އިރާދަކުރެއްވިއްޔާ، މި ދައުރުގައި ޙައްލެއް ފޯރުކޮށްދޭނެކަން އެބޭފުޅުންނަށް އެނގިގެންދާނެ ކަމަށް. އަޅުގަނޑު ފާހަގަކުރަން ބޭނުންވޭ، މިއަދުގެ ސަރުކާރުގެ ސިޔާސަތު މި ބިނާވެފައިވަނީ، ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށް ގެންދަން. އެހެން ނަމަވެސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތާއި، މީގެކުރީގެ މި މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގައި ޢަމަލުކުރައްވާފައިވާ ސިޔާސަތުތަކާ ތަފާތުތަކެއް އެބަހުރި. އެވާހަކަ އަޅުގަނޑު މިރޭ ޙިއްޞާކޮށްލަން ބޭނުންވޭ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސިޔާސަތު ބިނާވެފައިވަނީ، ދެމެހެއްޓެނިވި ސިޔާސަތެއްގެ މައްޗަށް. ދެމެހެއްޓެނިވި ސިޔާސަތެއްގެ ތެރެއިން ގެނެވޭ ތަރައްޤީވެސް ވެގެންދާނީ ދެމެހެއްޓެނިވި ތަރައްޤީއަކަށް. އަޅުގަނޑުމެންގެ ސިޔާސަތުގައި، މި ސަރުކާރުގެ ސިޔާސަތުގައި، ގެދޮރުވެރިކުރުން އެއީ، އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރުގައި، އެއްވެސް ޙާލެއްގައި އެ ސިޔާސަތުގެ ތެރެއިން ރައްޔިތުންނަށް ނިކަމެތިކަމެއް އަންނަފަދަ ގޮތަކަށް ސަރުކާރުގެ ސިޔާސަތު ބައްޓަންވެގެނެއް ނުދާނެ. އަދި މި ސިޔާސަތު ކުރިއަށްދާއިރުގައި، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް އުފުލަންޖެހޭ ތަކުލީފު ކުޑަގޮތަކަށް، މި ސިޔާސަތު ކުރިއަށް ގެންދެވޭނެ. އެހެންވީމާ، މިރޭ އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، މާލޭގެ ގެތަކަށް އަޅުގަނޑުމެން ކުރި ޒިޔާރަތަށްފަހުގައި، ޚާއްޞަ ގޮތެއްގައި، މާލޭގެ ނިކަމެތި ޙާލުގައި އުޅޭ ޢާއިލާތަކަށް އަޅުގަނޑުމެން މިވަނީ ފުރަތަމަފަހަރަށް އިރާދަކުރެއްވިއްޔާ، ﷲގެ ރަޙުމަތާއެކީގައި ޙައްލެއް ހޯދައިދީފައި. ރާއްޖޭގެ ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ފެށިގެން މިއަދާ ހަމައަށް ހިނގަމުން އައި ސިޔާސަތުތަކުގެ ތެރޭގައި، މިއީ ފުރަތަމަފަހަރު ރައްޔިތުންގެ ތެރެއިން އެންމެ ނިކަމެތިކޮށް އުޅޭ ޢާއިލާތަކަށް، އެ ޢާއިލާތަކުގެ ޙާލަތު ވަޒަންކޮށް، އެ ޢާއިލާތަކަށް ޚާއްޞަ މާކުސްތަކެއް ލިބިގެން އިރާދަކުރެއްވިއްޔާ، މި މާޗް މަހުގައި ފެށިގެންމިދާ މަޝްރޫޢުގެ ދަށުން އެފަދަ ޢާއިލާތަކަށް އަޅުގަނޑު ދަންނަވާނީ، މި މަޝްރޫޢުގެ ދަށުން ގެދޮރުވެރިކުރެވިގެންދާނެއޭ. އެބޭފުޅުންނަށް ޙައްލެއް ލިބިގެންދާނޭ، ﷲގެ ރަޙުމަތާއެކީގައި.

އާދެ! އަޅުގަނޑުމެންގެ ސިޔާސަތަކީ، ދެމެހެއްޓެނިވި ސިޔާސަތަކޭ އަޅުގަނޑު ދެންނެވީ ސަބަބަކަށްޓަކައި. އެއީ، ރާއްޖޭގެ އަތޮޅުތަކުން ފެށިގެން މާލެއާ ހަމައަށް އަދި މާލެއިން އެހެނިހެން ހިސާބަށް ބެލިކަމުގައިވީނަމަވެސް، އަޅުގަނޑުމެން ފަށާފައިވާ މި މުހިންމު ސިޔާސަތުގައި، އެއްވެސް ޙާލެއްގައި، ޤައުމަކަށް ގެއްލުމެއް ލިބޭފަދަ އެއްވެސް ޢަމަލެއްނުވޭ. އަޅުގަނޑުމެން ގެދޮރުވެރިކުރުމުގެ ސިޔާސަތު މި ކުރިއަށް ގެންދަނީ، ސަރުކާރުން އެކަމަށް ޒިންމާވާގޮތަށް. އަދި ދައުލަތުގެ ބަޖެޓުން އެކަމަށް ޒިންމާވާގޮތަށް. މީގެކުރިން އެމް.ޑީ.ޕީ. އިން ކުރިއަށް ގެންގޮސްފައިވާ ބޯހިޔާވަހިކަމުގެ ސިޔާސަތާއި މިއަދުގެ ސަރުކާރުގެ ސިޔާސަތާ ހުރި ތަފާތަކީ އެއީ. މިއަދުގެ ސަރުކާރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ސިޔާސަތުގެ ތެރޭގައި، ރާއްޖޭގައި އެއްވެސް ތަނަކުން ބިން ވިއްކާލުމާއި، ރާއްޖޭގެ ރައްޔިތުންގެ މުދާ ރަޙުނުކުރުމާއި އަދި މުދާ ވިއްކުމަށް ހިމެނިފައެއްނުވޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ކުރިއަށް މިގެންދާ މަޝްރޫޢުގެ ތެރެއިން ރައްޔިތުންނަށް ވެގެންދާނީ ލުއި ފަސޭހަ.

ދެވަނަ ކަމަކަށް މިއަދު އަޅުގަނޑުމެން ކުރިއަށް މިގެންދާ މަޝްރޫޢުގައި، ސިޔާސަތުގައި ހުރި ވަރަށް މުހިންމު އަނެއް ތަފާތަކީ، ނެގިގެންދިޔަ އެމް.ޑީ.ޕީ. ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި އޮތީ، ކޮންމެވެސް އެއްސަބަބަކާހެދި ރައްޔިތުންގެ މެދުގައި ތަފާތުކުރާނެ ކަމަށް ކަނޑައެޅިގެން ވިދާޅުވެފައިވާ ވިދާޅުވުން. މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ، އަޅުގަނޑުމެންގެ މި މަޝްރޫޢު މާލެ، މާލޭގައި ގުޅިފައިވާ ސަރަޙައްދު، ވިލިމާލެ، ހުޅުމާލެ އަދި މާލެއިންވި ކަމުގައިވިޔަސް، ފްލެޓްތައް ދޫކުރުމާއި، އެންމެ ނިކަމެތި ޙާލުގައި އުޅޭ ރައްޔިތުންނަށް ފްލެޓް ދިނުމާއި އަދި އޭގެއިތުރުން އަތޮޅުތެރޭގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެބޭފުޅުން އަމިއްލައަށް ގެދޮރު ބިނާކުރުމަށްޓަކައި ދޫކުރެވޭ ލޯނު ސްކީމާއި އަދި އޭގެއިތުރުން އެކި ސަރަޙައްދުތަކުގައި ސަރުކާރުން އަޅައިދޭނެ ގެތަކާއި، މިއިން އެއްވެސް ނިޒާމެއް، މިއިން އެއްވެސް ސްކީމެއް ކުރިއަށް ގެންދިޔުމުގައި، ރާއްޖޭގެ އެއްވެސް ރައްޔިތެއްގެ ސިޔާސީ ވިސްނުމާއި ފިކުރުގެ މައްޗަށް ބިނާކޮށް އެއްވެސް ރައްޔިތެއްގެ މެދުގައި ތަފާތުކުރުމެއް ނާންނާނެ. އެ ސިޔާސަތެއް އަޅުގަނޑުމެން ނުގެންގުޅޭނަން.

މިއަދު މި މަސައްކަތް އަޅުގަނޑުމެން ކުރިއަށް މިގެންދަނީ، ރައްޔިތުންގެ ޙާލަތު އަޅުގަނޑުމެންނަށް ވަޒަންކުރެވޭތީ. އަޅުގަނޑުމެންނަށް އެބަ އެނގޭ، އަޅުގަނޑުމެން އެބަޖެހޭކަން، ރާއްޖޭގައި ކުރިއަށް މިއޮތް ޖީލަށް ޙައްލެއް ހޯދައިދޭން. އެ ޙައްލު އަޅުގަނޑުމެންނަށް ހޯދައިދެވޭނީ، މިއަދުގެ ރައްޔިތުންނަށް އަޅުގަނޑުމެން އަޅާލާ މިންވަރަކުން. މިއަދު އަޅުގަނޑުމެންގެ ޢާއިލާތަކުން ނުކުންނަ ކުދިންނަކީ، ދުޅަހެޔޮ ރަނގަޅު މުޖުތަމަޢެއްގައި ދިރިއުޅޭ ކުދިންނަށް ހަދައިގެން މެނުވީ، އަޅުގަނޑުމެން މިހާރު ފަށާފައި މިވާ ތަރުބަވީ ތަޢުލީމާއި އަދި އިޖުތިމާޢީ ފޭރާން އަލުން ބިނާކުރުމުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ކާމިޔާބުތަކެއް ނުލިބޭނެ. މިކަންތަކަށް އަޅުގަނޑުމެންނަށް ޙައްލެއް ހޯދޭނީ އަދި ފޯރުކޮށްދެވޭނީ ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑުމެން ގެދޮރުވެރިކުރުމުގެ ރަނގަޅު ޙައްލެއް ފޯރުކޮށްދީގެން. އެއީ އޯގާތެރިކަމާއެކީގައި އަޅުގަނޑުމެން ކުރިއަށް ގެންދަން ޖެހިފައިވާ މަޝްރޫޢެއް. ދެންމެ މި ޖަލްސާގައި އަޅުގަނޑުމެން ތިބިއިރުގައި ދެއްކި ވީޑިއޯއިން އަޅުގަނޑުމެންގެ ތެރެއިން މި މަންޒަރު ބެލި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފުން އަސަރުތަކެއް ކުރާނެކަން ޔަޤީން. ޢާއިލާތަކެއް އެއް އަހަރު ދެއަހަރެއް ނޫން. ދިހަ އަހަރު، ފަނަރަ އަހަރު، ވިހި އަހަރު ވަންދެން ކުޑަކުޑަ ކޮޓަރިއެއްގައި، ތިން ހަތަރު ކުދިން ނުވަތަ ބައެއްފަހަރު ދިހަވަރަކަށް ކުދިންނާއެކީގައި މަންމައާއި ބައްޕަޔަކު ދިރިއުޅުމުގެ ދުވަސްތައް ހޭދަކޮށްފީމޭ ބުނީމާ، އެކަމުން ކުރާނެ ހިތްދަތިކަމާއި އަސަރު، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އަޅުގަނޑު ހިތުން ވަޒަންކުރެވޭނެ.

ސަރުކާރެއް އައުމުގެ އެންމެ މުހިންމު ބޭނުމަކީ، ސަރުކާރަކުން ރާއްޖޭގައި ތިބި، އެތަނެއްގައި ދިރިއުޅޭ ފަރުދުންނަށް އެންމެ ބޮޑަށް ބޭނުންވާ މައްސަލަތަކަށް ޙައްލު ފޯރުކޮށްދިނުން. ޙައްލު ކުރެވެން އޮތް ގޮތަކަށް، އެ މައްސަލަތަކަށް ޙައްލު ފޯރުކޮށްދިނުން. އަޅުގަނޑު ތާއީދު ކުރަން، ނިމިގެންދިޔަ އެކި ސަރުކާރުތަކުން ރާއްޖޭގެ ރައްޔިތުންނަށް ގެދޮރުވެރިކުރުމުގެ މަޝްރޫޢަށް މަސައްކަތް ފަށްޓާފައިވަނީ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ޒަޢާމަތުގައި އެންމެ ފުރަތަމަ މި މަސައްކަތް ފެށިގެން ގޮސްފައިވަނީ. އެއީ މާލޭގައި ބިން ހިއްކުމާއި، ވިލިމާލޭގައި ރައްޔިތުން ވަޒަންވެރިކުރުމާއި، ހުޅުމާލެ އެއީ މީހުން ދިރިއުޅޭފަދަ ތަނަކަށް ހެދުމާއި އަދި އޭގެއިތުރުން މާލޭގައި ފަށާފައިވާ ތަފާތު ފްލެޓް ސްކީމްތަކުގެ ތެރެއިން. އޭގެފަހުން ރައީސް ނަޝީދުގެ ސަރުކާރުގައިވެސް ބައެއް މަސައްކަތްތައް ވަނީ ކުރިއަށް ގެންގޮއްސަ. އަދި މިއަދުގެ ސަރުކާރުން އެމަސައްކަތުގެ އިތުރު ފިޔަވަހިތަކެއް އިރާދަކުރެއްވިއްޔާމު، އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އެހެން ނަމަވެސް، މިހާ ހިސާބަށް އައިއިރުގައި، އެއްކަމެއްގެ ޝަކުވާ، ރާއްޖޭގެ ވަރަށްގިނަ ރައްޔިތުންގެ އެބައޮތް. އެއީ މިއިން ކޮންމެ ސްކީމެއް ކުރިއަށް ގެންދިޔަ ކަމުގައިވީނަމަވެސް، އަދިވެސް އަތްފޯރާފަށަށް ގެދޮރުވެރިކުރުން ތިމަންނާމެންނަކަށް ނާދެއޭ. އަދިވެސް ރައްޔިތުންނަށް އެއީ ފޯރާވަރުގެ ކަމަކަށްނުވެޔޭ. އަދިވެސް އެކަމަކީ ރައްޔިތުންނަށް، ރައްޔިތުންނަށް ލިބޭ މުސާރައިގެ ތެރެއިން ފުއްދާލެވޭވަރުގެ ކަމަކަށްނުވޭ. މިއީ ވަރަށްބޮޑު ޝަކުވާއެއް.

މިރޭ އަޅުގަނޑު ރާއްޖޭގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ، މި ފެށިގެންދިޔަ މަޝްރޫޢުގެ ތެރެއިން ކުރިއަށް މިއޮތް ފަސްއަހަރުގެ ތެރޭގައި، އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފެނެއް، ﷲގެ ތަނަވަސް ރަޙުމަތާއެކީގައި، ރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ޒުވާނަކު، މަސައްކަތެއް ކުރާ ކޮންމެ މީހަކަށް، އެމީހަކަށް ލިބޭ މުސާރައިން، އެމީހެއްގެ މަސައްކަތަށް ލިބޭ އުޖޫރައިގެ މިންވަރުން އިރާދަކުރެއްވިއްޔާ، އެމީހަކަށް ބޯހިޔާވަހިކަން ނުވަތަ ގެދޮރުވެރިކަން އެމީހަކާ ހަމައަށް ފޯރުކޮށްދެވޭނެފަދަ ސްކީމެއް އަޅުގަނޑުމެން ސަރުކާރުން އިރާދަކުރެއްވިއްޔާ ތަޢާރުފްކޮށް ކުރިއަށް ގެންދާނަން.

އާދެ! އެކަން ކުރިއަށް ގެންދަންޖެހެނީ، އެއީ ދައުލަތެއްގެ އެންމެ މުހިންމު މަޝްރޫޢެއް ކަމަށްވާތީ. އެންމެ މުހިންމު ޒިންމާއެއް ކަމަށްވާތީ. އެންމެ މުހިންމު ވާޖިބެއް ކަމަށްވާތީ. އިޖުތިމާޢީ ގޮތުން ބެލިކަމުގައިވީ ނަމަވެސް އަދި އަޅުގަނޑުމެންގެ ދީނީ، ޤައުމީ ޒިންމާގެ ގޮތުން ބެލިކަމުގައިވީނަމަވެސް، އެކަން އަޅުގަނޑުމެންނަށް ކުރުން ލާޒިމް. ސަރުކާރެއް އަންނަނީ ރައްޔިތުންގެ މައްސަލަތަކަށް ޙައްލު ފޯރުކޮށްދޭން. އަޅުގަނޑުމެން މިއަދު އިޖުތިމާޢީ ހައުސިންގ ސްކީމެއް، ނޫނިއްޔާމު، ސޯޝަލް ހައުސިންގ ސްކީމެއް ކުރިއަށް ގެންދިޔުމުގެ ވާހަކަ ދައްކާ ކަމުގައިވާނަމަ، މިއަދު އެތަކެއް އިޖުތިމާޢީ އެހީތެރިކަމެއް ސަރުކާރުން އެބަ ފޯރުކޮށްދޭ. ޢުމުރުން ދުވަސްވީ ބޭފުޅުންނަށް، ފަސްހާސް ރުފިޔާ، އިރާދަކުރެއްވިއްޔާ، މި މާޗް މަހުން ފެށިގެން ސަރުކާރުން ފޯރުކޮށްދޭނެ. އަދި ހަމައެޔާއެކީގައި، މަސްވެރިންނަށް ފޯރުކޮށްދޭން ސަރުކާރުންވި ވަޢުދު، ދިހަހާސް ރުފިޔާ، އިރާދަކުރެއްވިއްޔާ، އެ ވަޢުދުވެސް ފުދިގެންދާނެ.

މިހުރިހާ ކަމެއް މިކުރަނީ، އެއީ ސަރުކާރެއްގެ ޒިންމާއެއް ކަމަށްވާތީ. ބޯހިޔާވަހިކަމަކީވެސް ސަރުކާރުގެ ޒިންމާއެއް. ޝަރުޢީގޮތުން އެ ޤައުމެއް ހިންގަން ތިބި ބައެއްގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. ކީރިތި ޤުރްއާނުގައި اللّـه سبحـانـه وتعـالى ވަޙީކުރައްވާފައިވަނީ وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރުގެ ސިޔާސަތު ބިނާވެގެންވަނީ، ކީރިތި ޤުރްއާނުގެ މި މަތިވެރި އިރުޝާދުގެ މައްޗަށް. މި އާޔަތުގައި، އަޅުގަނޑުމެންނަށް އައިސްފައި މިވަނީ، ޙަޤީޤަތުގައި އިޖުތިމާޢީ ޒިންމާގެ ވާހަކަ. ކުޅެދުންތެރިކަން ނެތް މީހުންނަށް އަޅުގަނޑުމެން އަޅާލަންޖެހޭކަމުގެ ވާހަކަ. ސަރުކާރެއްގެ ޒިންމާގެ ވާހަކަ. ވެރިންގެ ޒިންމާގެ ވާހަކަ. މި އާޔަތުގެ މާނައަކީ، [އަދި ސުވާލުކޮށްހަދާ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށް، އެއުރެންގެ މުދަލުގައި ޙައްޤެއްވެއެވެ.] އެހެންވީމާ، ފޯރުންތެރިކަން ނެތް މީސްމީހުންނަށާއި، ޢާއިލާތަކަށް ސަރުކާރުން ގެދޮރުވެރިކުރުވައި އަދި އެހެނިހެން ގޮތްގޮތުން، އިޖުތިމާޢީ ގޮތުން އެހީތެރިވުމަކީ އެއީ، ސަރުކާރެއްގެ ވާޖިބެއް.

އަޅުގަނޑު އުންމީދު ކުރަނީ، މިރޭ ފެށިގެން މިދިޔަ މަޝްރޫޢު ކާމިޔާބު މަޝްރޫޢަކަށް ވެގެންދާނެ ކަމަށް. އަދި މިރޭ ފެށިގެން މިދިޔަ މަޝްރޫޢަކީ، އިރާދަކުރެއްވިއްޔާ މިހާރު މާލޭގައި ވަޒަންވެރިވެފައިވާ އަތޮޅުތެރޭގެ އެތަކެއްހާސް ރައްޔިތުންނަށާއި، މާލޭގައި ޒަމާނުއްސުރެ، މާލޭގައި ދިރިއުޅެމުން އަންނަ، މާލޭގެ އުފަން ރައްޔިތުން ކުޑަކުޑަ ކޮޓަރިއެއްގެ ތެރޭގައި ދިރިއުޅެމުން އަންނަ ނިކަމެތި ޢާއިލާތަކަށް، މި މަޝްރޫޢުގެ ދަށުން އިރާދަކުރެއްވިއްޔާ ޙައްލެއް ލިބިގެންދާނެ. އަދި ހަމައެޔާއެކީގައި، ބުރަ މަސައްކަތާއެކީގައި، އަތޮޅުތެރޭގައި ދިރިއުޅެމުން އަންނަ އަޅުގަނޑުމެންގެ ރައްޔިތުންނަށް، އެބޭފުޅުން ބޭނުންފުޅުވާ ގޮތަށް، އަމިއްލައަށް އެބޭފުޅުންގެ ގެދޮރު ޢިމާރާތް ކުރުމަށްޓަކައި މިރޭ މި ފެށޭ މަޝްރޫޢުގެ ދަށުން ލިބޭ ލޯނު ސްކީމް ވެގެންދާނީ، އެފަދަ ރައްޔިތުންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމަށް ފެށިގެންދާނެ މަޝްރޫޢެއް ކަމަށް. ހަމައެޔާއެކީގައި ސަރުކާރުން އަޅައިދޭ ގެތައް، މުސްތަޤްބަލުގައި ވެގެންދާނީ، ރާއްޖޭގައި ވަޒީފާގެ ބާޒާރަށް ނުކުންނަ ޒުވާނުންނަށާއި، މަސައްކަތްކުރާ ފަރާތްތަކަށް ލުއިގޮތަކަށް، އެބޭފުޅުންނަށް އާމްދަނީގެ މިންވަރުގެ މައްޗަށް ބިނާކޮށްފައި، އެ ގެތައް ލިބޭފަދަ މަޝްރޫޢަކަށް.

އިރާދަކުރެއްވިއްޔާ، މާތްﷲ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ތައުފީޤާއި ބަރަކާތް މިންވަރު ކުރައްވާށި! އަދި އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ، އެކަލާނގެ ރުއްސެވުން، އެ މަސައްކަތުގައި ލިބިގެންދާ މަސައްކަތެއް ކަމުގައި މިންވަރު ކުރައްވައި، ރާއްޖޭގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ދިމާވެފައިވާ މައްސަލަތަކަށް، އެކަލާނގެ ޙައްލެއް މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه