އަލަށް ޢަމަލުކުރައްވަން ފަށްޓަވާފައިވާ ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ޢަމަލުކުރެއްވުން، މިވަގުތަށް މެދުކަނޑުއްވައިލެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވިކަން ހާމަކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑަށް ޢަމަލުކުރެއްވުން މިވަގުތަށް މެދުކަނޑުއްވައިލެއްވީ، މި އޮނިގަނޑުގައި ޑޮކްޓަރުންނާއި، އެހެނިހެން ފަރާތްތަކުގެ ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރެއްވިފައިވާތީއާއި، މި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް، ކަމާބެހޭ ފަރާތްތަކުން ގެންނެވުމާ ގުޅިގެން ކަމަށް ވިދާޅުވެފައިވެއެވެ.

ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑުގައި ހުރިކަމަށް ހުށަހެޅިފައިވާ މައްސަލަތައް ދިރާސާ ކުރައްވައި، ކަމާބެހޭ ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރެއްވުމަށްޓަކައި، އެ އޮނިގަނޑަށް ގެންނަވަންޖެހޭ އިޞްލާޙުތައް ގެންނެވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމުގައިވެސް މި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ.