ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ އެޑްވައިޒަރުކަމުގެ މަޤާމަށް، ގަލޮޅު ގަސްކަރަ ފަޟީލަތުލްއުސްތާޛުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމް މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އެމަނިކުފާނު މި މަޤާމަށް ޢައްޔަނު ކުރެއްވީ މިނިސްޓަރު ފެންވަރުގައެވެ.

ފަޟީލަތުލް އުސްތާޛުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމަކީ، މީގެކުރިންވެސް ސަރުކާރުގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ގޮތުން ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެމަނިކުފާނު ފުރުއްވާފައިވާ ބައެއް އިސް މަޤާމުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމާއި، މިނިސްޓަރ އޮފް ޖަސްޓިސް ކަމުގެ މަޤާމާއި، އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ކަމުގެ މަޤާމާއި، ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަޤާމު ހިމެނެއެވެ.