ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެޑިޝަނަލް ސެކްރެޓެރީކަމުގެ މަޤާމަށް، މައްޗަންގޮޅި ކަނެސްކާ ޑޮކްޓަރ އަޠާއުﷲ އަޙްމަދު ރަޝީދު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. މިމަޤާމަށް އޭނާ ޢައްޔަނު ކުރައްވާފައިވަނީ، މިނިސްޓަރުގެ ނާއިބު ފެންވަރުގައެވެ.

ޑޮކްޓަރ އަޠާއުﷲ އަޙްމަދު ރަޝީދު ޕީ.އެޗް.ޑީ ޙާޞިލު ކުރައްވާފައިވަނީ، އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ކްއީންސްލޭންޑުން ޕޮލިޓިކަލް ސައިންސްގެ ރޮނގުންނެވެ. ޑޮކްޓަރ އަޠާޢުﷲ އަކީ، 1998 ވަނަ އަހަރު ޚާރިޖީ ދާއިރާއާ ގުޅިވަޑައިގެން އެ ދާއިރާގެ އެކި މަޤާމުތަކުގައި ޚިދުމަތް ކުރައްވައި، ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅުކެވެ. މިގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑެސްކް އޮފިސަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ކަމާއި، ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގަޔާއި، ނިއުޔޯކުގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައިވެސް ޚިދުމަތް ކުރައްވާފައިވެއެވެ.