بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާ، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ދައުލަތުގެ އިސްމަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މިރޭގެ މި ޙަފްލާއަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިންނާއި، އަދި މި ޙަފްލާ ދުރާއިގާތުން އަޑުއައްސަވައި އަދި ބައްލަވަމުން ގެންދަވާ ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން؛

الســّلام عليــكم ورحـمــة اللّـه وبـركاتـه

އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމަށް އަޅުގަނޑު ދެކެނީ، މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލަ ކަމަށްވާ، ރާއްޖޭގެ ޞިއްޙީ ނިޒާމް ރަނގަޅުކޮށް އަދި ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު، ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ފޯރުކޮށްދިނުމަށްޓަކައި ހީވާގިކަމާއި، ހިންމަތާއި ބުރަ މަސައްކަތާއެކީގައި، މިކަން ރަނގަޅު ކުރުމަށްޓަކައި މިނިސްޓަރ އޮފް ހެލްތް އެންޑް ޖެންޑަރ ޑޮކްޓަރ މަރްޔަމް ޝަކީލާއަށާއި އަދި އެކަމަނާއާއެކީގައި އަރިހުގައި މަސައްކަތް ކުރައްވާ އެހެނިހެން މިނިސްޓަރުންނަށާއި، އެ ވުޒާރާގެ ހީވާގި ހިންގުންތެރިންނަށާއި އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ޑޮކްޓަރުންނަށާއި ނަރުހުންނަށާއި، މިދާއިރާގެ ޚިދްމަތްތެރިންނަށް އެބޭފުޅުން އެކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، ވަރަށް އިޚްލާޞްތެރިކަމާއެކީގައި، އެބޭފުޅުންނަށް ޝުކުރު ދެންނެވުން. އަދި ހަމައެޔާއެކީގައި، ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި ރައްޔިތުންނަށް ދިމާވި މި ބޮޑު މައްސަލައަށް ޙައްލު ހޯދުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ތެރޭގައި، މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ކުރެވެމުންދިޔަ ދަތުރުތަކުގެ ތެރޭގައި، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައްޔިތުންގެ ޙާލަތު ދެނެވަޑައިގެން، ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީގޮތުން ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ޕީ.ޕީ.އެމް.ގެ މެނިފެސްޓޯގައި، ޞިއްޙީ ދާއިރާއަށް އަމާޒުކޮށްގެން، 21 އަށްވުރެ ގިނަ ޕޮލިސީސްތައް ކަނޑައަޅުއްވައި، މިކަން ތަންފީޛު ކުރުމަށްޓަކައި ވަރުގަދަ ޢަޒުމެއްގައި، އެހާ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް މި ހުށަހެޅުން ހުށަހެޅުއްވި ކަމަށްޓަކައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ތިޔަ އެންމެހާ ބޭފުޅުންގެ ނަންފުޅުގައި ޝުކުރު ދަންނަވަން.

އާދެ! މިރޭ އަޅުގަނޑުމެން މާތްﷲގެ ބަރަކާތާއެކީގައި މި ފަށްޓާ މަސައްކަތަކީ، ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު އެއްގޮންޖެހުން ކަމަށްވާ، ޞިއްޙީ ދާއިރާގައި ހުރި މައްސަލަތައް ކުރިއަށް މިއޮތް 5 އަހަރު ދުވަހަށް ޙައްލުކުރުމަށްޓަކައި ފަށާ މަސައްކަތެއް. އަޅުގަނޑު ހަމަ ވަރަށް އުފާކުރަން، ދެންމެ ވާހަކަފުޅު ދައްކަވަމުން، ޑޮކްޓަރ ޝަކީލާ އެ ވިދާޅުވިފަދައިން، މިއަދު މިމަސައްކަތް އަޅުގަނޑުމެން ޙައްލުކުރަން ޖެހިފައިވަނީ، ރާއްޖޭގެ ރައްޔިތުންގެ ޙައްޤަށްޓަކައި މިއީ، ވަރަށް މުހިންމު ޚިދްމަތެއް ކަމަށް ދެކިގެން.

މިއަދު އަޅުގަނޑު ދެކޭގޮތުގައި، ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ އެންމެބޮޑު މައްސަލަތައް ދިމާވާންޖެހުނު ސަބަބަކީ، މިދިޔަ ދުވަސްތަކުގައި ޞިއްޙީ ދާއިރާއަށް ގެނެވުނު ބައެއް ޕޮލިސީތަކުގެ ނަތީޖާއެއްގެ ގޮތުން، މީގެކުރީގައި ފަށްޓާފައިވާ ޕްރައިމަރީ ހެލްތް ކެއަރފަދަ އަދި ހަމައެޔާއެކީގައި، ޅަފަތުގައި ކުދިންނަށް ވެކްސިން ދިނުންފަދަ ކަންތައްތައް ހީނަރުވެގެން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން. އަދި އޭގެއިތުރުން، މުޅި ޞިއްޙީ ދާއިރާއަށް ގެނެވުނު ބައެއް ކަހަލަ އިންތިޒާމުތަކުގެ ތެރޭގައި، ޞިއްޙީ ދާއިރާ ހީނަރުވެގެންދިޔުމުގެ ސަބަބުން ޙަޤީޤަތުގައި މިއަދު އަޅުގަނޑުމެންނަށް ޞިއްޙީ ދާއިރާގެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި މިވަނީ. ހަމައެޔާއެކީގައި، މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ރައްޔިތުންނަށް ޞިއްޙީގޮތުން އަލަށް ދިމާވި މައްސަލަތަކަކީ، އެމައްސަލަތަކަށް ރާއްޖެއިން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ރާއްޖެއިން ބޭރަށް ދަތުރުކުރަން ޖެހުމަކީވެސް، ޞިއްޙަތަށްޓަކައި ރައްޔިތުންނަށް ހޭދަކުރަންޖެހޭ މިންވަރު އިތުރުވެ، އުފުލަންޖެހޭ ތަކުލީފު ބޮޑުވެގެންދިޔުމުގެ އެއްސަބަބު. މިއަދު މިފެށްޓި ޕްރޮގްރާމަކީ، އިރާދަކުރެއްވިއްޔާ، މާތްﷲގެ ބަރަކާތާއެކީގައި، ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި، މިހާރު ދިމާވެފައިވާ މައިގަނޑު މައްސަލަތަކަށް ޙައްލު ހޯދުމަށްޓަކައި އަޅުގަނޑުމެން ފަށާ މަސައްކަތެއް.

އާދެ! އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން މިއަދު މިފަށާ މަސައްކަތުގެ ތެރޭގައި، ދެންމެ މިނިސްޓަރ ފާހަގަކުރެއްވި ފަދައިން، އަޅުގަނޑު ދެކޭގޮތުގައި މިއަދު އެންމެބޮޑު ސަމާލުކަމެއް ދޭންޖެހިފައިވަނީ، މިހާރު މިދެވޭ ޚިދްމަތް މިއަށްވުރެ ލުއިފަސޭހަ އިންތިޒާމެއްގެ ތެރެއިން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ކޮންގޮތަކަށްތޯ ބަލައި، އެ ސުވާލުގެ ޖަވާބު އަޅުގަނޑުމެން ހޯދުން. އެންމެ މުހިންމު ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، ރާއްޖޭގެ ރައްޔިތުންނަކީ، ކޮންމެ ތަނެއްގައި ދިރިއުޅުނު ކަމުގައިވީނަމަވެސް، އެ ރައްޔިތުންނަށް ފަސޭހަކަމާއެކީގައި ޞިއްޙީ ޚިދްމަތަށް ވާސިލުވެވޭފަދަ ރައްޔިތުން ކަމުގައި އަޅުގަނޑުމެން ހެދުން. ރާއްޖޭގެ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުން، ކޮންމެ ބައްޔަކަށް ކޮންމެ ފަހަރަކު މާލެއަށް ދަތުރުކުރަން ޖެހުމަކީ، ޙަޤީޤަތުގައި މިއަދު މިއޮތް ނިޒާމު އިތުރަށް ބަރުވެ، ބުރަހެލިވެގެންދާ މައިގަނޑު އެއްސަބަބު. އެހެންވީމާ، ދެންމެ މިނިސްޓަރ އެ ފާހަގަކުރެއްވި ފަދައިން، ރާއްޖޭގެ އުތުރާއި ދެކުނުގައި މިހާރު ހުރި މައިގަނޑު ދެ ހޮސްޕިޓަލްގެ ފެންވަރު އިތުރަށް މަތިކޮށް، އެ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަކީ، މިއަދުގެ ސަރުކާރުން އިސްކަމެއްދީގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން. އަދި މިކަމަށްޓަކައި ﷲގެ އިރާދަފުޅާއެކީގައި، މިއަހަރުގެ ބަޖެޓުގެ ތެރެއިންނާއި އަދި ބަޖެޓުގެ ބޭރުން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހިލޭ އެހީގެ ގޮތުގައި އެހީ ހޯދައިގެން، މިދެންނެވި ދެސަރަޙައްދުގައި ހޮސްޕިޓަލް އިތުރަށް ތަރައްޤީ ކުރުމުގެ އިތުރުން، ވިލިމާލެއާއި އަދި ހުޅުމާލޭގައިވެސް ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ޤާއިމުކުރެވިގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދު ޞިއްޙީ ދާއިރާގެ ވާހަކަ އަޅުގަނޑުމެން ހަމަޖެހިގެން ތިބެ ދައްކާ ކޮންމެ ވަގުތަކު، ފުންކޮށް ވިސްނާލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ، ބައްޔެއްވުމުގެ ކުރިން ރައްކާތެރިވުމުގެ މުހިންމުކަމާމެދު. އަޅުގަނޑު ދެކޭގޮތުގައި އެ މަސައްކަތަކީ މިއަދުވެސް އަޅުގަނޑުމެން މުހިންމު ކަމެއް ކަމުގައި ދެކިގެން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގަން ޖެހިފައިވާ ޕްރޮގްރާމެއް. އަދި އެކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އަޅުގަނޑު އުންމީދު ކުރަން، މިނިސްޓަރުގެ ބެއްލެވުމުގެ ދަށުން ކުރިއަށް އޮތް ދުވަސްތަކުގައި، ހީވާގިކަމާއެކީގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް.

ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަކީ، ޙަޤީޤަތުގައި އަޅުގަނޑުމެން ކޮންމެ މުޖުތަމަޢެއްގައިވެސް އެންމެ އިސްކަމެއްދީގެން ކުރަންޖެހޭ ކަމެއް. އަދި އެކަމަކީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނުގައިވެސް އެކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް. ކީރިތި ރަސޫލާ ޙަދީޘްފުޅު ކުރައްވާފައިވަނީ، "ما أنزل الله داء إلا وأنزل له دواء؛ فتداووا" މި ޙަދީޘްފުޅުގެ މާނައަކީ، [އެބައްޔެއްގެ ބޭސް ބާވައިނުލައްވައި، މާތްﷲ އެއްވެސް ބައްޔެއް ނުލައްވައެވެ. ފަހެ، ތިޔަބައިމީހުން ބަލިވެއްޖެނަމަ ބޭސްކުރާހުށިކަމެވެ.]

މިހެން އަންގަވާފައި އޮތުމުންވެސް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގިގެންދަނީ، މިއަދު ރާއްޖޭގައި ކޮންމެވެސްވަރަކަށް ޚިޔާލުތަފާތުވުމުގެ ތެރޭގައިވެސް ބައެއްކަހަލަ ޙާލަތްތަކުގައި ބައްޔަށް ފަރުވާ ހޯދުމާއި އަދި ވެކްސިން ހޯދުމަށް ޚިޔާލުތަފާތުވާ ބޭފުޅުން އުޅުއްވުމާއެކީގައިވެސް އަޅުގަނޑުމެންނަށް އެނގިގެންދަނީ، އިސްލާމްދީނުގައި ވަރަށް މަތިވެރި ގޮތެއްގައި ބަލިން ރައްކާތެރިވުމާއި، ބައްޔެއް ވެއްޖެ ކަމަށްވާނަމަ، ފަރުވާ ހޯދުމަކީ އަޅުގަނޑުމެންނަށް އެކަމުގައި އިރުޝާދު އައިސްފައިވާ ކަމެއްކަން.
ކީރިތި ރަސޫލާގެ އެހެން ޙަދީޘްފުޅެއްގައި އައިސްފައިވަނީ، "إذا سمعتم بالطاعون بأرض فلا تدخلوها وإذا وقع بأرض وأنتم بها فلا تخرجوا منها ‏" މި ޙަދީޘްފުޅުގެ މާނައަކީ، [ބިމެއްގައި ޠާޢޫނު ބަލި އުޅޭ ކަމުގެ ޚަބަރު ތިޔަބައިމީހުންނަށް ލިބިއްޖެނަމަ، ތިޔަބައިމީހުން އެބިމަކަށް ނުދާށެވެ! އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެ ބަލި ފެނިއްޖެނަމަ، އެތަނަކުން ތިޔަބައިމީހުން ނުނުކުންނާށެވެ!]

މިއީ، ބަލިފެތުރުން މަނާކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅު. އަދި މިއީ، މި ޒަމާނުގެ ކަރަންޓީނުގެ އުސޫލުކަންވެސް އަޅުގަނޑުމެންނަށް އެނގިގެންދޭ. އެހެންކަމުން، މިއަދުގެ ޞިއްޙީ ދާއިރާގައި ހޯދާފައިވާ ކުރިއެރުންތަކުގެ މުޅި އަޞްލު އަސާސަކީ، ޙަޤީޤަތުގައި އަޅުގަނޑުމެންގެ މަތިވެރިވެގެންވާ އިސްލާމްދީނުގައި މީގެ 1300 އަހަރު ކުރިން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވާ އިރުޝާދުތަކެއް.

އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ކޮންމެ ރައްޔިތަކުވެސް މިއަދު ޤަބޫލުކުރާ ވަރަށްބޮޑު ޙަޤީޤަތެއް އެބަވޭ. އެއީ، މުޖްތަމަޢެއްގެ ހަމަޖެހުމާއި ރައްކާތެރިކަމެއްގެ އެންމެ މުހިންމު އަސާސަކީ، ފަސޭހަކަމާއެކު ވާސިލުވެވޭނެ އިތުބާރު ލިބިގެންވާ ރަނގަޅު ޞިއްޙީ ނިޒާމެއް، އެ މުޖްތަމަޢެއްގައި ޤާއިމުވެފައި އޮތުން. އިރާދަކުރެއްވިއްޔާ މިއަދު، މިއަދުގެ ސަރުކާރުން މިފަށަނީ އެމަސައްކަތް. މިމަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ، ޞިއްޙީ ފަރުވާ ލިބިގަތުމުން އެއްވެސް މީހަކު، ރާއްޖޭގެ އެއްވެސް ރައްޔިތަކު މަޙްރޫމް ނުވުން. އަދި ހަމައެޔާއެކީގައި، ފަސޭހަކަމާއެކީގައި ފަރުވާ ލިބޭނެ އިންތިޒާމް ރާއްޖޭގައި ހަމަޖެހިގެން ދިޔުން. ބޭސްފަރުވާ ކުރުމަށްޓަކައި ރާއްޖޭގެ ރައްޔިތުން ހާސްވާން ނުޖެހުން. އިރާދަކުރެއްވިއްޔާ، މިދިޔަ އިންތިޚާބުގެ ތެރޭގައި، އަޅުގަނޑުމެންގެ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ފަދައިން، އަޅުގަނޑުމެން ކުރިއަށް މިއޮތް ދުވަސްތަކުގައި، އަޅުގަނޑު އުންމީދު ކުރަނީ ޖަނަވަރީ މަހުން ފެށިގެން ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ، ހުސްނުވާ އާސަންދަ، ނޫނިއްޔާ ބޭސްފަރުވާއަށްޓަކައި ހާސްވުމެއްނެތި ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް، ﷲގެ އިރާދަފުޅާއެކީގައި ހަމަޖެހިގެންދާނެ ކަމަށް.

ހަމައެޔާއެކީގައި، އަޅުގަނޑު އުންމީދު ކުރަނީ، މިއަދު މި ޚިދްމަތް ރައްކާތެރިކަމާއެކީގައި، ރަނގަޅު ބިންގަލެއްގެ މަތީގައި ކުރިއަށްގެންދާ ކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކާ ކަމުގައިވާނަމަ، އަޅުގަނޑު މިއަދު ރާއްޖޭގެ ހުރިހާ ފަރާތްތަކަށް، ޚާއްޞަ ގޮތެއްގައި މި ޚިދްމަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އިލްތިމާސް ކުރަން ބޭނުންވޭ. އަޅުގަނޑުގެ އިލްތިމާސަކީ، މި ޚިދްމަތަކީ ހަމައެކަނި ސަރުކާރުން ދެއްވާ ޚިދްމަތަކަށް ނަހައްދަވާށޭ. މި ޚިދްމަތުގައި އަމިއްލަ ފަރާތްތަކުން ޙަރަކާތްތެރިވާއިރުގައިވެސް، އެފަރާތްތަކަށްވެސް އަޅުގަނޑުގެ އިލްތިމާސަކީ، މިއީ ޚިދްމަތެއް ކަމަށް ދެކިވަޑައިގެން، ރާއްޖޭގެ ނިކަމެތި ރައްޔިތުންނަށް، މި ޚިދްމަތް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާށޭ. އަދި ހަމައެޔާއެކީގައި، ރާއްޖޭގެ ރައްޔިތުންނަށް، ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ލުއި ފަސޭހަގޮތް އަމިއްލަ ފަރާތްތަކުންވެސް އިންތިޒާމްކޮށްދެއްވާށޭ. އަދި ޚިދްމަތުގެ އަގަކީ، ރާއްޖޭގެ ރައްޔިތުންނަށް، އެ ޚިދްމަތަށް ވާސިލުވެވޭނެފަދަ އަގަކަށްވެސް ހައްދަވައިދެއްވާށޭ.

އެއްވެސް ޝައްކެއްނެތް، މިއަދު މި ޚިދްމަތުގައި ރާއްޖޭގެ އެތަކެއް ދަރިންނެއް އެބަ ޙަރަކާތްތެރިވޭ. އެތަކެއް ފަރާތްތަކުން މި ޚިދްމަތް އެބަދޭ. އެފަރާތްތަކުގެ ޚިދްމަތް އަޅުގަނޑުމެން ވަޒަންކުރަން. އަޅުގަނޑު އަދިވެސް އެއްފަހަރު ޚިދްމަތުގައި ޙަރަކާތްތެރިވާ އަޅުގަނޑުމެންގެ ޑޮކްޓަރުންނާއި ނަރުހުންނަށް އަދި އެ ޚިދްމަތް ފޯރުކޮށްދެއްވާ އެހެނިހެން ފަރާތްތަކަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އެކަމަކު އެޔާއެކީގައިވެސް އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިއަދު މި ގޮންޖެހުން މިހާ ހިސާބަށް އައިސް، އަޅުގަނޑުމެން މިމައްސަލަ ޙައްލުކުރުމުގެ ވިސްނުން ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާގޮތަށް އަޅުގަނޑު އެދެނީ، ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން އަޅުގަނޑުމެންނަށް ލިބިގެން ދިޔުމަށް. އެއީ ކުރިންވެސް ދެންނެވިފަދައިން، މި ޞިއްޙީ ޚިދްމަތަކީ ދުޅަހެޔޮ ޞިއްޙީ ނިޒާމެއް ރާއްޖެއަށް ތަޢާރަފްކޮށް، ރަނގަޅު ދުޅަހެޔޮ ޞިއްޙަތެއް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ފޯރުކޮށްދިނުމަކީ، އެންމެ އަސާސީ ޙައްޤުކަމަށް އަޅުގަނޑުމެން ޤަބޫލުކުރާ ކަމުގައިވާނަމަ އަދި އެގޮތަށް ޤަބޫލުކޮށްގެން، މި ޚިދްމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުންދާއިރުގައި، އެއްވެސް ޝައްކެއްނެތްގޮތުގައި، މި ޚިދްމަތުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ އެއްބާރުލުން ސަރުކާރަށް، ރާއްޖޭގެ ރައްޔިތުންނަށް އެބަ ބޭނުންވޭ. އަދި ދުނިޔޭގެ އެހެންވެސް ޤައުމުތަކުގައި މިފަދަ ޚިދްމަތްތައް ދެއްވާ ބޭފުޅުންނަކީ، ވަރަށް ލޯތްބާއި، ކުލުނާއި، އަޅާލުމާއި، އަގަށްވުރެ ބޮޑަށް ޚިދްމަތެއްގެ ގޮތުގައި ދެކިގެން އެ ޚިދްމަތް ދެއްވާ ފަރާތްކަން އަޅުގަނޑުމެންނަށް އެނގޭފަދައިން، އަޅުގަނޑު ހަމަ އިލްތިމާސް ކުރަނީ، ޚިދްމަތުގައި ޙަރަކާތްތެރިވާ ހުރިރާ ފަރާތްތަކުންވެސް މި އުޞޫލު ބައްލަވައިގެން، މިގޮތުގެ މަތިން އެ ޚިދްމަތްކޮށްދިނުމަށް، އަޅުގަނޑުމެންނާ އެކީގައި ބައިވެރިވުމަށް އަޅުގަނޑު ހަމަ އިލްތިމާސް ކުރަން.

އާދެ! އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ޑޮކްޓަރ ޝަކީލާ މިރޭ މިފަށްޓަވާ ޕްރޮގްރާމް، ކާމިޔާބު ޕްރޮގްރާމަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑަށް އެނގޭ، މިދާއިރާއަކީ ވަރަށްބޮޑު ދާއިރާއެއް. މިއީ ހަމައެކަނި ޞިއްޙީ ދާއިރާއެއް ނޫން، އެކަމަނާގެ ވުޒާރާގެ މަސައްކަތުގެ ތެރޭގައި މި ހިމެނެނީ. އެހެން ނަމަވެސް، މިރޭ ހުރިހާ ވާހަކައެއް ދެއްކުމަކީ މުނާސަބު ކަމަކަށްނުވާތީ، އަޅުގަނޑު އުންމީދު ކުރަނީ، ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލަތަކަށްވެސް ޙައްލު ލިބިގެން ދިޔުމަށް. ކުޑަކުދިންނާއި، ޢުމުރުން ދުވަސްވީ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުރި ފަރާތްތަކާއި އަދި އަންހެނުންނަށް އިރާދަކުރެއްވިއްޔާ، ރަނގަޅު އިޖްތިމާޢީ ޢަދާލަތުގެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް. އަދި މިދެންނެވި ފަރާތްތަކުގެ އިޖްތިމާޢީ ޢަދާލަތު ނުވަތަ އެކަށީގެންވާ ގޮތެއްގައި ސޯޝަލް ޖަސްޓިސް ނިޒާމަކާއި، ސޯޝަލް ވެލްފެއަރ ނިޒާމެއް އިރާދަކުރެއްވިއްޔާ މި ސަރުކާރުގައި ފެށިގެން ކާމިޔާބުކަމާއެކީގައި ހިންގޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް.

اللّه سبـحــانه وتعالـى އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، ތައުފީޤާއި ބަރަކާތް ލައްވާށި! އަދި ދިވެހިރާއްޖޭގެ ރައްޔިތުންނަކީ، ދުޅަހެޔޮ ރަނގަޅު ޞިއްޙަތެއްގައި ދިރިއުޅޭ ރައްޔިތެއް ކަމުގައި އެކަލާނގެ މިންވަރު ކުރައްވާށި! އަދި ހަމައެޔާއެކީގައި، މިއަދުގެ ސަރުކާރުން ފަށްޓާފައި މިވާ މަސައްކަތަކީ، ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކީގައި، ރާއްޖޭގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރާ މަސައްކަތެއް ކަމުގައި މާތްﷲ މިންވަރު ކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه