بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް ހޯމް އެފެއާޒް އަލްފާޟިލް ޢުމަރު ނަޞީރު، ޑިފެންސް މިނިސްޓަރ ރިޓަޔަރޑް ކާނަލް މުޙަންމަދު ނާޒިމް، ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް، ޑެޕިއުޓީ ކޮމިޝަނަރ އަޙްމަދު ސަޢުދީ، އެސިސްޓެންޓް ކޮމިޝަނަރުން އަދި ފުލުހުންގެ އެންމެހާ ބޭކަލުންނާއި ބޭކަނބަލުން، ފުލުހުންގެ ޢާއިލާގެ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑަށް ލިބޭ އެންމެ މަތިވެރި އުފަލަކީ، މިފަދަ ޚާއްޞަ ޙަފްލާއެއްގައި، ވަރަށް ޚާއްޞަ ބޭފުޅެއްގެ އަލްވަދާޢު ކިޔުމުގައި ބައިވެރިވުމަށް ލިބޭ ޝަރަފް. ރާއްޖޭގެ ފަހުގެ ތާރީޚުގައި ޤައުމަށާއި ރައްޔިތުންނަށް، ޞުލްޙަވެރިކަމާއި އަމާންކަން ފޯރުކޮށްދިނުމުގައި ވަރުބަލިކަމެއްނެތި، ފޫހިކަމެއްނެތި، ހީވާގިކަމާއި ކެރުމާއެކީގައި، ޤައުމު އެންމެ ބޮޑަށް ބޭނުންވި ވަގުތުގައި، ޖެހިލުމެއްނެތި ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި މިއަދާ ހަމައަށް ދެމިހުންނެވި އަޅުގަނޑުމެން އެންމެންގެ ލޯބި ހޯއްދަވާފައިވާ، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށް، އެބޭފުޅާ ޤައުމަށް ކޮށްދެއްވި މަތިވެރި ޚިދުމަތަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި ޚާއްޞަ ޝުކުރެއް މަނިކުފާނަށް އަދާކުރުން.
މިރޭގެ މި ޙަފްލާގައި ދިގު މުއްދަތެއްވަންދެން ވަރަށް ފަޚުރުވެރިކަމާއެކީގައި ދިވެހި ފުލުހުންގެ މޮޓޯކަމަށްވާ، ޤައުމުގެ ރައްކާތެރިކަމާއި މަޞްލަހަތަށްޓަކައި ޚިދުމަތްކުރުމުގައި އެމަނިކުފާނު ދައްކަވައިދެއްވާފައިވާ ލާމަސީލު ނަމޫނާއަށްޓަކައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅުގަޔާއި، އަދި ދިވެހި ސަރުކާރުގެ ނަމުގައި އަދިވެސް އެއްފަހަރު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށް އަޅުގަނޑު ޚާއްޞަ ޝުކުރެއް އަދާކުރަން.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ފުލުހުންގެ މުއައްސަސާ ތަޙައްމަލު ކޮށްފައިވަނީ އާދަޔާ ޚިލާފު ދުވަސްތަކެއްކަން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ރައްޔިތަކުވެސް ހެކިވާނެ. ތަފާތު ގޮންޖެހުންތަކާ ރާއްޖޭގެ މި މުއައްސަސާ ކުރިމަތިލި. ތަފާތު މައްސަލަތައް މި މުއައްސަސާއަށް ހުށަހެޅިގެންދިޔަ. ތަފާތު ޙައްލުތައް އެ މައްސަލަތަކަށް މި މުއައްސަސާ ހޯދިކަމީ ދިވެހި ޤައުމު މިއަދު ހެކިވާނެ ކަމެއް.

އަޅުގަނޑަށް ފާހަގަވެގެންދިޔައީ، ވިސްނުންތޫނު ބޭފުޅެއް. އަޅުގަނޑަށް ފާހަގަވެގެންދިޔައީ، އުނދަގޫ ވަގުތު އައުމުން ހިމޭންކަމާއެކީގައި މައްސަލަތަކަށް ވިސްނުމަށް ޖާގަދެއްވި ބޭފުޅެއް. ދަތި ނުތަނަވަސް ވަގުތު އައުމުން، އިހަށް މާޙައުލު ފިނިކުރުމުގެ ވިސްނުން ގެންގުޅުއްވި ބޭފުޅެއް. ޢާންމު އެތަކެއް ފަރުދުންނާ އަޅުގަނޑާ ބައްދަލުވި. އަޅުގަނޑަށް ވަރަށް ގިނަ ޚިދުމަތްތެރިންނާ މިހާހިސާބަށް އާދެވުނުއިރު ބައްދަލުވެފައިވޭ. ވަރަށް ގިނަ ސޯލްޖަރުންނާއި ވަރަށް ގިނަ ފުލުހުންނާ އަޅުގަނޑާ ދިމާވެފައިވޭ. އެހެންނަމަވެސް، އެބޭފުޅުންގެ ޚިދުމަތަކީ އަޅުގަނޑުމެން ޝުކުރުވެރިވާ ޚިދުމަތްތަކެއް. ޚިދުމަތްތެރިންގެ ތެރޭގައި ތަޞައްވުރު ގެންގުޅުއްވާ ބޭފުޅުންނަކީ، އާދަޔާ ޚިލާފު ބޭފުޅުން. ތަޞައްވުރެއް ގެންގުޅުމަކީ އެއީ، ފަހަރެއްގައި ކޮންމެ ބޭފުޅަކަށްވެސް ކުރެވިދާނެ ކަމެއް. އެހެންނަމަވެސް ތަޞައްވުރެއް ގެންގުޅެ، އެ ތަޞައްވުރުގައި ކުލަޖައްސަން އެނގުމަކީ، އެއީ ވަރަށް މަދު މީހަކަށް ނުވަތަ ވަރަށް މަދު ބަޔަކަށް ކުރެވޭ ކަމެއް.

ރާއްޖޭގެ ފުލުހުންގެ މުއައްސަސާ، މިއަދާ ހަމައަށް ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ޢިލްމީ ގޮތުންނާއި ފަންނީ ގޮތުން، މި މުއައްސަސާ ކުރިއެރުވުމުގައި ތަޞައްވުރެއް ގެންގުޅެ، އެ ތަޞައްވުރުގައި ކުލަޖައްސައި ރާއްޖޭގެ ފުލުހުންގެ އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށް، ވެލްފެއަރގެ ޙާލަތު ރަނގަޅުކުރުމަށް އެތަކެއް ބަޔަކު މަސައްކަތްކުރި. ވިސްނުންތަކެއް ގެންގުޅުނު. ޙައްލުކުރާނެ ގޮތެއް ނޭނގުނު. އެހެންނަމަވެސް އެކަންތައްތައް ޙައްލުކުރުމުގެ ތަޞައްވުރު ކުރަހައި، އެ ތަޞައްވުރަށް ޙަޤީޤީ ކުލަޖެއްސެވިކަމުގެ ފަޚުރު ޙައްޤުވާ ބޭފުޅަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި، ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒު.

އަޅުގަނޑު ދެކޭގޮތުގައި މިފަދަ ވަގުތެއްގައި ރާއްޖޭގެ ރައްޔިތުން ޝުކުރުވެރިކާއެކީގައި ބަލައިގަންނަން އެބަޖެހޭ، ޤައުމުގެ އަގުހުރި ދަރިން ޤައުމަށްޓަކައި ކޮށްދެއްވާ ޚިދުމަތްތައް. އަޅުގަނޑުމެން އަބަދުވެސް އެ ޚިދުމަތުގެ އަގުވަޒަން ކުރަންޖެހޭ. ޤައުމެއް ޤައުމެއްގެ ގޮތުގައި ކުރިއަށްދެވެނީ ތަފާތު ދާއިރާތަކުގައި އަގުހުރި ދަރިންތައް ވާ މަތިވެރި ޤުރުބާނީއާއި ކުރައްވާ ޚިދުމަތްތަކުގެ ސަބަބުން. އަދި އެއަށްވުރެ ބޮޑަށް ޤައުމެއްގެ ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީ، އަޅުގަނޑު ދެކޭގޮތުގައި، މުއައްސަސާއެއް ކަމުގައިވިޔަސް، ރައްޔިތުން ކަމުގައިވިޔަސް، އެ ޚިދުމަތްކުރި ދަރިންގެ ޚިދުމަތުގެ އަގުވަޒަންކުރުން. އެހެންވީމާ، ކީރިތި ޤުރުއާނުގައި اللّه سبـحــانه وتعالـى ވަޙީ ކުރައްވާފައިވަނީ، "لَئِن شَكَرْ‌تُمْ لَأَزِيدَنَّكُمْ وَلَئِن كَفَرْ‌تُمْ إِنَّ عَذَابِي لَشَدِيدٌ." ޝުކުރުވެރިވާންޖެހޭނެއޭ، ނިޢުމަތްތަކަށް. ޝުކުރުވެރިވީމާ އެ ނިޢުމަތްތައް އިތުރުވެގެންދެއޭ. އަދި، ނިޢުމަތްތަކަށް ޝުކުރުވެރިނުވުމަކީ އެއީ، ކުފުރުގެ ކަމެއް ކަމަށް.

އެއްވެސް ޝައްކެއްނެތްގޮތުގައި މިފަދަ ޚިދުމަތްތެރީންގެ ޚިދުމަތަށް ޤައުމު ޝުކުރުވެރިވާންޖެހޭ. މުއައްސަސާ ޝުކުރުވެރިވާންޖެހޭ. ކޮންމެ ފުލުހަކު ޝުކުރުވެރިވާންޖެހޭ. އެ ޙައްޤު ޝުކުރު އަޅުގަނޑު އަދިވެސް އެއްފަހަރު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށް އަރުވަން.

އަޅުގަނޑު ދެކޭގޮތުގައި މިރެއަކީ އެއްވެސް ޙާލެއްގައި ވަދާޢީ ރެއެއް ނޫން. އަޅުގަނޑު ދެކޭގޮތުގައި މިރެއަކީ ފެށުމެއް. އަޅުގަނޑު އަބަދުވެސް ދައްކާ ވާހަކައެއް، އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ ގޮތުގައި މި ޤައުމަކީ ހުނަރުވެރި ދަރިންނަށް، ފަންނުވެރި ދަރިންނަށް، ފުރުޞަތުއޮތް ޤައުމެއް. ފުރުޞަތު ވަރަށް ބޮޑަށް ހުޅުވިފައިވާ ޤައުމެއް. އަދި އަމުދުން، ފަޚުރުވެރި ތާރީޚަކާއެކީގައި މުއައްސަސާއަކަށް ޚިދުމަތްކޮށްދެއްވުމަށްފަހުގައި ކުރިންވެސް މިދެންނެވިފަދައިން، މަދު ބަޔަކަށް ލިބިފައިވާ ޤާބިލިއްޔަތެއް ކަމަށްވާ ތަޞައްވުރު ގެންގުޅުމާއި އެ ތަޞައްވުރެއްގައި ކުލަޖައްސަން އެނގިވަޑައިގަންނަވާ ދިވެހި ދަރިންނަކީ މަދުބައެއް. އެފަދަ ދަރިންގެ ތެރޭގައި ހިމެނޭ އަޅުގަނޑުމެންގެ ކޮމިޝަނަރ ޢަބްދުﷲ ރިޔާޒް. އަޅުގަނޑު ދެކޭގޮތުގައި މިރެއިން ފެށިގެން ރާއްޖެއަށް އިތުރު ޚިދުމަތްތަކެއް ކުރުމުގައި އާ ޞަފްޙާއެއް އެމަނިކުފާނުގެ ޙަޔާތުގައި ފަށްޓަވާނެކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން. ﷲގެ އިރާދަފުޅުން އެފަދަ ކޮންމެ މަސައްކަތެއްގައި އެކަލާނގެ ބަރަކާތް މިންވަރުކުރައްވާށި. އާމީން.

އަޅުގަނޑު، ހަމައެއާއެކީގައި މިއަދުގެ ހޯމް މިނިސްޓަރ އަލްފާޟިލް ޢުމަރު ނަޞީރަށް ޚާއްޞަ ޝުކުރެއް ހަމަ އަދާކުރަން ބޭނުންވޭ. މިފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ ކުރިމަތީގައި ތަފާތު ގޮންޖެހުންތަކާއެކީގައި، ދެންމެ މިނިސްޓަރު އެ ފާހަގަ ކުރެއްވިފަދައިން، ރާއްޖޭގެ މާޙައުލަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ވަބާއަކީ، މަސްތުވާތަކެތީގެ މައްސަލަކަމާމެދު އަޅުގަނޑުމެން އެކަކުވެސް ޝައްކެއް ނުކުރަން. ހަމައެއާއެކީގައި، ރާއްޖޭގައި ކުށް އިތުރުވެގެންދާ ނިސްބަތަކީ، އަދިވެސް ކޮންމެ ރައްޔިތަކުވެސް ކަންބޮޑުވާކަމެއް. އެއްވެސް މީހަކު ދެބަސްނުވާނެ ޙަޤީގަތަކީ، ޢުމަރު ނަޞީރަކީ ހިތްވަރުގަދަ ބޭފުޅެއްކަން. ކަންތައްތަކުގެ ޙައްލު ހޯއްދަވަން ކެރިވަޑައިވަޑައިގަންނަވާނެ ބޭފުޅެއްކަން. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު ހަމަ މިފުރުޞަތުގައި ޢުމަރު ނަޞީރަށް ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން ބޭނުންވޭ.

ކޮންމެ މުއައްސަސާއަކީވެސް އެ މުއައްސަސާގެ ތާރީޚުގެ ތެރެއިން ހިޖުރަކުރަން ދަންނަ މުއައްސަސާއަކަށް ވާންޖެހޭ. ދެންމެ އަޅުގަނޑުމެންގެ ރިޓަޔަރޑް ކޮމިޝަނަރ ޢަބްދުﷲ ރިޔާޒު ފާހަގަކުރެއްވި ފަދައިން، ފުލުހުންގެ މުއައްސަސާ ވިހާ ބޮޑުވަމުން މިއަންނަނީ ތިޔަބޭފުޅުންގެ އަތްޕުޅު މައްޗަށް. އެއްވެސް ޝައްކެއްނެތް ގޮތުގައި، މި ހިޖުރަކުރުމުގެ މަރުޙަލާގައި، މި ޢިޖުރާޢަތުތައް ކުރިއަށްދާއިރުގައި، އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިރެއިން ފެށިގެން އަދި މި ހިސާބުން ފެށިގެން، ދެން ކުރިއަށްއޮތް ތަން، ކުރިއަށް ގެންދިޔުމުގައި ފުލުހުންގެ މުއައްސަސާގައި ޤާބިލު ބޭފުޅުން މަދެއްނުވާނެ. އެއްވެސް ޝައްކެއްނެތް ގޮތުގައި، އެ ތަޖުރިބާއާއި ފަންނުވެރިކަން އަޅުގަނޑަށްވަނީ ފުލުހުންގެ ތެރެއިން ފެނިފައި. ހޯމް މިނިސްޓަރުގެ ހައިސިއްޔަތުންނާއި އަދި އެނޫން ހައިސިއްޔަތުން ފުލުހުންގެ މުއައްސަސާއަށް އަޅުގަނޑު ހާޒިރުވި ކޮންމެ ފަހަރަކު އަޅުގަނޑަށްވަނީ، ފުލުހުންގެ އެ ޤާބިލިއްޔަތު ފެނިފައި. މިއަދުގެ ޕޮލިސް ކޮމިޝަނަރ ޙުސައިން ވަޙީދަކީ، ޝައްކެއްނެތް ގޮތުގައި ކުރިއަށް މިއޮތް ދުވަސްތަކުގައި، ރާއްޖޭގައި މިހާރު މިހިރަ މައްސަލަތަކަށް، އަމާންކަމާއި ޞުލްޙަވެރިކަމާއެކު ޤާނޫނު ކުރިއަށް ނަގަހައްޓައިގެން، ޙައްލު ހޯދައިދިނުމުގެ ފުރިހަމަ ޤާބިލުކަން ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމާމެދުގައި އަޅުގަނޑު ޝައްކެއް ނުކުރަން. އެކަމަށްޓަކައި އެމަނިކުފާނަށް އިޙްލާޞްތެރިކަމާއެކީގައި ޝުކުރުއަދާކުރަން.

މިއަދު ރާއްޖެ އާ މަރުޙަލާއަކަށް ދާއިރުގައި އަޅުގަނޑުވެސް ހަމަ ދެތިން ކަމަކަށް ފުލުހުންގެ ކިބައިން އިލްތިމާސްކުރަން ބޭނުންވޭ. އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ފުލުހުންގެ ޚިދުމަތަކީ، އެއީ، އާންމު ރައްޔިތުންގެ ރުހުމާއި، ތާއީދު ހޯދުމަށްވުރެ ބޮޑަށް، އަދި ވަކި ބަޔަކަށް ޚިދުމަތްކޮށްދިނުމަށްވުރެ ބޮޑަށް، މުޅި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ އިޙުސާސްގައި، ޝުޢޫރުގައި ކުރިއަށް ގެންދަންޖެހޭ ޚިދުމަތެކޭ.

ފުލުހުންގެ މަސައްކަތާ ގުޅިގެން އަޅުގަނޑުމެން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދަތުރުކުރަމުން ދާއިރުގައިވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ފުލުހުން ތިއްބަވާއިރުގައި، ބައެއް ފަހަރު މަދުން ނަމަވެސް އަޅުގަނޑުމެންނާ ހަމައަށް އަންނަ ޝަކުވާއެއް އެބަ އޮވޭ. އެއީ، އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ފުލުހުން، ޢަމަލު ކުރައްވަނީ އެކި ގޮތްގޮތަށް ކަމަށް. މަދުން ނަމަވެސް އެ ޙާލަތު އެބަ ދިމާވޭ އަޅުގަނޑުމެންނަށް. އެގޮތަށް އެޝަކުވާތައް އާދޭ. އޭގެ ނަތީޖާއެއްގެ ގޮތުން ނުތަނަވަސްކަން އެބަހުރި. އެހެންނަމަވެސް، މިޒަމާނުގެ ޕޮލިސީން ކުރިއަށް ދާއިރުގައި، މި މޮޑަރން ޑޭ ޕޮލިސީގެ މައިގަނޑު އަސާސްތައް ކަމަށް ބަޔާންކޮށްފައިވާ އަސާސްތަކުގެ ތެރޭގައި މިހިމެނެނީ، މަޝްހޫރު ސަރ ރޮބަރޓް ޕީލް ބަޔާންކޮށްފައިވާ 9 ޕްރިންސިޕަލެއް. 9 ޕްރިންސިޕަލް މަޝްހޫރުވެގެން ގޮސްފައިވަނީ ޕީލްގެ ޕްރިންސިޕަލްގެ ގޮތުގައި. ރޮބަރޓް ޕީލްގެ ޕްރިންސިޕަލްގެ ގޮތުގައި. އޭގެ ތެރެއިން އެންމެ މުހިންމު އެއް ޕްރިންސިޕަލަކީ، ރައްޔިތުންގެ ތާއީދާއި ރުހުން ހޯދުން ކަމަށް ބެލެވޭނީ، ޤާނޫނަށް ތަބާވުމުގެ ރޫޙު ރައްޔިތުންގެ ތެރޭގައި، ތަޢައްޞުބެއް ނެތި، ވަކި ފަރާތަކަށް ނުޖެހި ޤާއިމު ކުރުމުންނެވެ. ޤާނޫނު ތަންފީޒު ކުރާ ފުލުހަކު ބަލައިގެނެއް ނުވާނެ ނިކަމެތި މީހެއް، މުއްސަންޖެއް. ޤާނޫނު ތަންފީޒުކުރާ ފުލުހަކު ބަލައިގެން ނުވާނެ، އެ މުޖުތަމަޢުގައި ތިމަންނާ މިހެން ޢަމަލު ކުރީމާ، އެންމެ ނުފޫޒު ގަދަމީހާ ހިތްހަމަނުޖެހިދާނެއޭ. ޤަނޫނު ތަންފީޒުކުރަން ތިބޭ ފުލުހުން ބައްލަވައިގެން ނުވާނެ، ތިމަންނަ މިވަގުތު ގޮސް މިވެނި ކަމެއް ހުއްޓީމާ، މިވެނި ޢާއިލާއެއް ތިމަންނަ ދެކެ ރުޅި އަތުވެދާނެއޭ. ހަމައެއާއެކީގައި، ޤާނޫނު ތަންފީޒު ކުރައްވަން ތިއްބަވާ ބޭފުޅުން ސުވާލު ކުރައްވައިގެނެއް ނުވާނެ، ތިމަންނަ ތަންފީޒު ކުރަން މިއުޅޭ ޤާނޫނުގެ މަސްދަރާ ބެހޭގޮތުން، އެ ޤާނޫނުގެ ސަބްސްޓެންސާ ބެހޭގޮތުން ފުލުހުން ސުވާލު ކޮށްގެން ނުވާނެ. ސަބްސްޓެންސް ރަނގަޅުތޯ، ސަބްސްޓެންސް ގޯސްތޯ، އެއީ، ފުލުހުން ނިންމަންޖެހޭ ކަމެއް ނޫން. ޤާނޫނު އެ އޮތީ ޤާނޫނަކަށް ވެފައި. އެހާ ހިސާބުން ފުލުހުންގެ ޒިންމާއަކީ އެ ޤާނޫނުގައިވާ ކަންތައްތައް ތަންފީޒުކުރުން.

މަދުން ނަމަވެސް އަޅުގަނޑުމެންނަށް ފެނިގެން ދިޔަ، ރާއްޖޭގެ މިދެންނެވި އުސޫލުގެ މަތިން ފާސްވެފައި ހުރި މިދެންނެވި ޤާނޫނުތައް ތަންފީޒު ކުރުމުގައި، މިދެންނެވި އުސޫލުން، ތަންފީޒުކުރުމުގެ މުއައްސަސާއިން ހަރުދަނާ ގޮތެއްގައި ޤާނޫނަށް ޢަމަލުކުރެވިފައި ނެތްތަން ވަނީ ފެނިގެން ގޮސްފައި. މިރޭ އަޅުގަނޑުގެ އިލްތިމާސަކީ، އަޅުގަނޑުމެން ހިނގާށޭ، މިދެންނެވި އުސޫލުން، ރުހުމާއި، ތާއީދު ހޯދުމަކީ، ރައްޔިތުންގެ ރުހުމާއި ތާއީދު ހޯދުމަކީ، މިއުސޫލުގައިވާ ގޮތުގެ މަތިން ޤާނޫނު އޭގެ ގޮތުގައި ތަންފީޒު ކުރުންކަން ޤަބޫލުކުރަން. އިޖުތިމާޢީ ގޮތުން ކުރަން އެކަށީގެންނުވާ ކަންތައްތަކާބެހޭ ޤާނޫނެއް ރާއްޖޭގެ ވުޖޫދަށް އައިސް، އެ ޤާނޫނުގައި ހުރި ކަންތައްތަކަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް ފަރާތްތަކަށް ޤަބޫލު މިކުރެވެނީ އެއީ، ރަނގަޅު ކަންތައްތައްބާއޭ ނުވަތަ ނޫންބާއޭ. އެކަން ކުރުމުން މަޞްލަޙަތު އޮވެދާނެބާއޭ، ނުވަތަ ނޫންބާއޭ. އެ ސުވާލު ކުރުމުގެ ޖާގައެއް ނެތް. ރައްޔިތުންނަށް ލައުޑް ސްޕީކަރުން އުނދަގޫވާ ކަމުގައިވާނަމަ އެކަން ހުއްޓުވެން ޖެހޭނެ. ރައްޔިތުންނަށް ތުރާވާ ގޮތަށް ފޮށި، އުނދަގޫކުރާ ކަމުގައިވާނަމަ، އެކަން ހުއްޓުވަން ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމުގައިވާނަމަ އެކަން ހުއްޓުވެންވާނެ. ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ޤާނޫނު ހަދާފައި ހުރި ކަމުގައިވާނަމަ އެ ޤާނޫނުގައިވާ ގޮތުގެ މަތިން ތަންފީޒުކުރެވެންވާނެ. އެހެންވީމާ، އަޅުގަނޑު ދެކޭ ގޮތުގައި، މިރޭ އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު އެދެން، ރާއްޖޭގެ ފުލުހުން މިދެންނެވި ގޮތަށް އެކަންތައްތަކާ ދޭތެރޭގައި ވިސްނާވަޑައިގެން ކުރިއަށް ގެންދެވުން.

ހަމައެއާއެކީގައި، ރޮބަރޓް ޕީލްގެ ޕްރިންސިޕަލްތަކުގެ ތެރޭގައި، އުސޫލުތަކުގެ ތެރޭގައި، ފާހަގަކުރައްވާފައިވާ މުހިންމު އަނެއް އުސޫލަކީ، ފުލުހުން ސުވާލުކުރަން މާ ދުރަކަށް ދާކަށް ނުޖެހެއޭ. ދެންމެ ރިޓަޔަރޑް ކޮމިޝަނަރުވެސް ފާހަގަކުރައްވައިފި، އަދި އަޅުގަނޑުމެންގެ ހޯމް މިނިސްޓަރުވެސް ފާހަގަކުރައްވައިފި، އަދި މިހާރުގެ ކޮމިޝަނަރުވެސް ފާހަގަ ކުރައްވައިފި، ޤާނޫނު ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިގެންނުވާނެ. އެއްވެސް ފަރާތަކަށްވުރެ މުއައްސަސާ ބޮޑުކަން އެ އަޅުގަނޑުމެން އެންމެންވެސް ހިތުން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެހެންނަމަވެސް ކިހިނެއްތޯ އެކަން ކުރެވުނީ، ތިމަންނާމެންނަށް އެ ޒިންމާ އެބަ އަދާކުރެވޭބާއޭ. އެ އަދާކުރެވުނުކަން އެނގެނީ ކޮން ގޮތަކުންތޯ އެ ސުވާލުކޮށްލުން ރަނގަޅުވާނެ. އެ ސުވާލުގެ ޖަވާބަކީ، ފުލުހުންގެ ޒިންމާ އެންމެ އެކަށީގެންވާ ގޮތަށް އަދާކުރެވިއްޖެ ކަމަށް މި ބަލަނީ ޕީލްގެ ޕްރިންސިޕަލްގެ އުސޫލުގައިވާ ގޮތުގެމަތިން، ކުށްމަދުވުމާއި ހަމަޖެހޭ މުޖުތަމަޢެއް ޤާއިމު ކުރެވިގެން ދިޔުން. ކުށްމަދުވުމާއި ހަމަޖެހޭ މުޖުތަމަޢެއް ޤާއިމު ވެގެން ދިޔުން. އެހެންވީމާ، މިރޭ އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވޭ، އަޅުގަނޑުމެން ހިނގާށޭ، މިދެންނެވި މިޞްރާބާ ދިމާއަށް ދަތުރު ކުރަމާ.

ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މި އުސޫލުގެ އަނެއްބައިގައި މިވަނީ އެއްވެސް ޙާލެއްގައި މިދެންނެވި ކަންތައްތަކަށް ފުލުހުން ފިޔަވަޅު އަޅާތަން ދެއްކުމަކީ އެއީ، އަދި މަސްއޫލިއްޔަތު އަދާކުރުމެއް ނޫނޭ. އޭގެ މާނައަކީ، ފުލުހުންގެ ޕްރެޒެންސް، ފުލުހުން ޙަރަކާތްތެރިވާ މަންޒަރު، ވެހިކަލްތައް ދަތުރުކުރާ ގޮތް، ގިނަގިނަ ސްޓޭޝަންސްތައް ހުޅުވުން، ތަންތަނަށް ބާރުބާރަށް ދަތުރު ކުރުމަކުން ދޭހައެއް ނުވެޔޭ ފުލުހުންނަށް ފުލުހުންގެ ޒިންމާ އަދި އަދާކުރެވުނު ކަމަކަށް. އެ ޒިންމާ އަދާކުރެވުނު ކަމަށް މިބަލަނީ ކުށް މަދުވުމާ، މުޖުތަމަޢަށް ހަމަޖެހުން ގެނައުން، އައުމުން. އެހެންވީމާ، މިއަދު އަޅުގަނޑު ހަމަ ގޮވާލަން ބޭނުންވޭ، އަޅުގަނޑުމެން ހިނގާށޭ، މި އުސޫލުގެ މަތިން ޤަބޫލުކޮށްގެން، ކުށްމަދު މުޖުތަމަޢަކާ ހަމައަށް އަޅުގަނޑުމެންނަށް ދަތުރުކުރެވޭތޯ ބަލަމާ. ހަމަޖެހޭ މުޖުތަމަޢެއް ގެނެވޭތޯ ބަލަމާ.

ހަމަޖެހޭ މުޖުތަމަޢެއްގެ ވާހަކަ މިއަދު ވަރަށް މުހިންމު އެބަވޭ. ރާއްޖޭގެ ފުލުހުންނަށް، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ރައްޔިތުން އެކުވެރި ކުރުމުގައި، ރާއްޖޭގެ ރައްޔިތުން އެއްބައިވަންތަ ކުރުމުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް، އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމުގައި އެހީތެރިވާން އަޅުގަނޑު މިރޭ އިލްތިމާސް ކުރަން ބޭނުންވޭ. އެކުވެރި މުޖުތަމަޢެއް ބިނާކުރުމުގައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ވެށްޓެއް ޤާއިމު ކުރުމުގައި ރާއްޖޭގެ ފުލުހުން އެހީތެރިވެ ދެއްވާށޭ! މިއަދު އަޅުގަނޑު ދެކޭގޮތުގައި އެންމެ ބޮޑަށް ރާއްޖޭގެ ރައްޔިތުން ގޮވައި އާދޭސް ކުރާ އެއްކަމަކީ، މިދެންނެވި ކަންތައްތައް. ރާއްޖޭގެ މުޖުތަމަޢުގައި ޞުލްޙަވެރިކަން ގެއްލިގެންދިޔުން. ރާއްޖޭގެ ރައްޔިތުންނަށް އަމާންކަމާއި ޞުލްޙަވެރިކަމޭ މި ކިޔާ ބަހުގެ އެންމެ މުހިންމު ކަމަކީ، އެކުވެރިކަމާއެކީގައި އުޅެވޭނެ މާޙައުލެއް އޮތުން. އެކަކު އަނެކަކުގެ އަބުރަށް އަރައިނުގަނެވޭނެ މާޙައުލެއް ޤާއިމުވެފައި އޮތުން. ރައްކާތެރި ވެށްޓެއް ޤާއިމުވެފައި އޮތުން. އެކަމަށް އެހީތެރިވެދޭށޭ. އެކުވެރިކޮށްލަދޭށޭ! އެ އެކުވެރި ކުރުމަކީ، އަޅުގަނޑު ދެކޭގޮތުގައި ފުލުހުންގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް.

މިއަދު ފުލުހުން ޙަރަކާތްތެރިވާން ޖެހެނީ ރިއެކްޓިވް ފޯސްއެއްގެ ގޮތުގައެއް ނޫން. ކަންތައްތައްވީމާ އެއަށް ރިއެކްޓް ކުރައްވާކަށް ނުވާނެ. އެއަށްވުރެ ބޮޑަށް މިއަދު ފުލުހުން ޙަރަކާތްތެރިވާން ޖެހޭނީ، އެކްޓިވް ފޯސް އެއްގެ ގޮތުގައި ކަން އަޅުގަނޑު ގަބޫލުކުރަން. މިއަދުގެ ޙަޤީޤަތަކީ މިއަދު ފުލުހުން ޢަމަލުކުރަންޖެހޭ އުސޫލު އަޅުގަނޑުމެންނާ ހަމައަށް ބަޔާންވެގެން އައިސްފައިވާއިރުގައި އެންމެ މުހިންމު އެއް އުސޫލަކަށް މިއޮތީ، އަޅުގަނޑު ހަމަ ރިކޯލް ކޮށްލަން ބޭނުންވޭ، މަޝްހޫރު ޕްރޮފެސަރ ހާމަން ގޯޑްސްޓެއިންގެ އެއް އުސޫލު އެއީ، ހަމަ މިޒަމާނުގެ ޕޮލިސްގެ ތެރޭގައި މިހާރު ޢަމަލުކުރަމުންދާ އެއްކަމެއް. އެއަށް އަޅުގަނޑުމެން ކުރު ގޮތަކަށް މިކިޔަނީ ސާރާ މޮޑެލްއޭ. މިމޮޑެލްއަކީ، އެނގިވަޑައިގަންނަވާނެ ފަދައިން، ސްކޭން ކުރުން، އެނަލައިޒް ކުރުން. ރެސްޕޮންސް ކުރުން، ދެން އެސެސްމެންޓް ކުރުން.

އެހެންވީމާ، ސްކޭން ކުރުމުގެ މައިގަނޑު ބޭނުމަކަށްވަނީ އަސްލު މައްސަލަތައް ދިމާވާންޖެހޭ ގޮތް ދެނެގަތުން. އަޅުގަނޑު ދެކޭގޮތުގައި އެކިއެކި ހިސާބުގަނޑަށް ފުލުހުންގެ ސްޓޭޝަން ގެންދިޔުމެއް ނޫން ޙައްލަކީ. އެހިސާބަށް ޕޮލިސް ސްޓޭޝަން ދިޔުމަކީ އެއް ޙައްލު. އެކަމު އެއާއެކީގައި އެމުޖުތަމަޢަކަށް ޙަރަކާތްތެރިވާ ފުލުހުން ބަލައިގަންނަން އެބަޖެހޭ ކީއްވެގެންކަން އެތަނެއްގައި ވަކި ވައްތަރެއްގެ ނުވަތަ ވަކި ކަހަލަ މައްސަލައެއް އިތުރުވެގެން މިދަނީ. ކޮބައިތޯ އޭގެ ރޫޓް ކޯޒްއަކީ. އެ ކޯޒްތައް، އެ ޙަޤީޤަތްތައް ހޯދަން މަސައްކަތް ކޮށްގެން ނޫނިއްޔަކާ ކުށްމަދު އަމާން މުޖުތަމަޢެއް އަޅުގަނޑުމެންނަކަށް ހޯދައެއް ނުގަނެވޭނެ. އެހެންވީމާ، މިއަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް ޓާގެޓަކީ ނުވަތަ އެންމެ މުހިންމު އެއް މިޞްރާބަކީ، ރައްޔިތުން އެކުވެރި ކުރުން. އިޖުތިމާޢީ ހަމަޖެހުން ރާއްޖޭގެ މުޖުތަމަޢަށް ގެނެސްދިނުން. އެކަން ގެނެސް ދިނުމަކީ އަޅުގަނޑު ދެކޭގޮތުގައި މިއަދު ހަމަ ފުލުހުން ޙަރަކާތްތެރިވެގެން ކުރަންޖެހޭ ކަމެއް. އަދި އަޅުގަނޑުމެންގެ އިސްލާމީ އުސޫލުގެ ތެރެއިން "إِنَّمَا الْمُؤْمِنُونَ إِخْوَةٌ" ހުރިހާ މުއުމިނުންނަކީ އަޚުންތަކެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އުޅެވޭނީ، މިދެންނެވި ގޮތުގެމަތިން އަޅުގަނޑުމެން ހަމަޖެހޭ މުޖުތަމަޢެއް ޤާއިމުކޮށްގެން.

އަޅުގަނޑުގެ ވާހަކަ ނިންމާލަމުންވެސް އަދިވެސް އެއްފަހަރު އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިރެއަކީ އެއްވެސް ޙާލ ެއްގައި ރާއްޖޭގެ ފުލުހުންގެ ކުރިމަގާ ބެހޭގޮތުން މާގިނަ ސިޔާސަތުތަކެއް އަޅުގަނޑުމެން ހާމަކުރުމަށްވުރެ ބޮޑަށް މިރޭ އެބޭފުޅަކަށް އަޅުގަނޑުމެން ޚާއްޞަކޮށްގެން ކުރިއަށްގެންދާ ރިޓަޔަރޑް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒަށްޓަކައި އަޅުގަނޑުމެން ޚާއްޞަކުރި ޙަފްލާއެއް. އަޅުގަނޑު ހަމަ ތަކުރާރުކޮށް ދަންނަވާލަން ބޭނުންވަނީ، ޚިދުމަތުގެ ރޮނގުން ރަން އަކުރުން ލިޔެލެވޭނެ ޚިދުމަތްތަކެއް ހަމަ ޔަޤީނުންވެސް ރާއްޖޭގެ ޤާނޫނު ތަންފީޒު ކުރުމުގެ ދާއިރާއިން ރާއްޖޭގެ މުޖުތަމަޢަކީ، ޞުލްޙަވެރި މުޖުތަމަޢެއް ކަމުގައި ހަދައިދިނުމަށްޓަކައި އަދި ޚާއްޞަ ގޮތެއްގައި ބޮޑެތި މައްސަލަތައް ދިމާވި ވަގުތުގައި ވަރަށް މުހިންމު ނިންމުންތައް ނިންމައި، ޑޮކްޓަރ އަފްރާޝީމް ޢަލީގެ މަރުގެ މައްސަލައިގައިވެސް ވަރަށް ފާރަވެރިކަމާއެކީގައި ވަގުތުން ނަގަންޖެހޭ މުހިންމު ނިންމުންތައް ނިންމާ ރާއްޖެއިން ބޭރުންވެސް ކަމާގުޅޭ މާހިރުން ގެންނަވައި، އެހާ ނުރައްކާތެރިކޮށް ހިނގި މަރުގެ ހާދިސާގައިވެސް އެންމެ އަޑިއަށް ވާސިލުވެ، މިއަދު ކާމިޔާބުކަމާއެކީގައި އެ މައްސަލަ ޝަރީޢަތުގެ މަރުޙަލާގެ ދަޢުވާ އުފުލިފައިވަނީ ބޭފުޅެއްގެ އިސްނެގުމާއި ދުރުވިސްނުމާއި ކަންތައްތައް ކުރުމުގެ ތަޖުރިބާ ހުރީމާ. އެކަން މިއަދު އަޅުގަނޑުމެން ގަބޫލުކުރަމޭ. ހަމަ ޔަޤީނުންވެސް އަޅުގަނޑު ދަންނަވާނީ ޤައުމެއްގެ ނިސްބަތުން މަނިކުފާނަކީ ހަމަ ބަޠަލެކޭ. އެކަމަށްޓަކައި މަނިކުފާނަށް ޙައްޤު ޝުކުރު އަދާކުރަމޭ.

އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ ޢާއިލާއަށާއި އަދި ރަޙުމަތްތެރިންނަށްވެސް، ހަމަ މިރޭގެ މިމުނާސަބަތުގައި ދެންމެ އެމަނިކުފާނު އެފާހަގަކުރެއްވި ފަދައިން ކާމިޔާބު ކެރިއަރެއް ނުވަތަ ޚިދުމަތްތަކެއް އެ ނިންމަވާލެއްވީ ހަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި އެމަނިކުފާނުގެ ޢާއިލާގެ ވަރަށް ދީލަތި އެހީ ލިބިވަޑައިގެން. އަދި އެކަމަށްޓަކައި އެ ފަޚުރުގައި އަޅުގަނޑު ދެކޭގޮތުގައި، އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދަރިން ހިއްސާވާކަމީ ޝައްކެއް އޮތްކަމެއް ނޫން. އެހެންވީމާ، އަނބިކަނބަލުންނަށާއި ދަރިންނަށްވެސް މިފަދަ ފަޚުރުވެރި ބައްޕައަކަށް، އަދި ފިރިއެއްގެ ތަނަވަސްކަން، ހިޔާވަހިކަން ލިބުނުކަމީ އެއީ، ޝުކުރުއަދާކުރަންޖެހޭވަރުގެ ކަމެއްކަން ދަންނަވަމުން ތިޔަބޭފުޅުންނަށްވެސް ޚާއްޞަ ޝުކުރެއް އަޅުގަނޑު އަދާކުރަން.

اللّـه سبحـانـه وتعـالى ދިވެހި ޤައުމަކީ، ޚިދުމަތްތެރިން އުފައްދައި އެޚިދުމަތްތެރިންގެ ޚިދުމަތް ބަލައިގަންނަ ޤައުމެއް ކަމުގައި ލައްވާށި! އަދި ރާއްޖޭގެ ރައްޔިތުންނަކީ ޞުލްޙައަށް ލޯބިކުރާ، ޞުލްޙަ އިޚްތިޔާރުކުރާ ރައްޔިތުން ކަމުގައި ލައްވައި، ރާއްޖޭގެ ރައްޔިތުންނަށް ކުށްމަދު މުޖުތަމަޢެއް މިންވަރު ކުރައްވާށި! އަޅުގަނޑުމެން އެންމެން ކުރާ މަސައްކަތުގައި اللّـه سبحـانـه وتعـالى ބަރަކާތާއި ތައުފީޤު މިންވަރު ކުރައްވާށި! އާމީން.


والســّلام عليــكم ورحـمــة اللّـه وبـركاتـه