ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވައިފިއެވެ. މި ދަންނަވާލަނީ އެމަނިކުފާނު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިރޭ ނެރުއްވި ޚާއްޞަ ދެންނެވުމެކެވެ.

"މިނިސްޓަރ އޮފް ފޮރިން އެފެއާޒްކަމުގެ މަގާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވި ޚަބަރު މި އިޢުލާންކުރަނީ ވަރަށް ފުންހިތާމައާއެކުގައެވެ. އެމަނިކުފާނު އަވަހާރަވީ، ކިޑުނީއާއި ހިތްޕުޅުގެ އާލާސްކަންފުޅަކަށް ފަރުވާދެމުން ދަނިކޮށް ރާއްޖޭ ގަޑިން މިރޭ މެންދަމު 1.05 ގައި ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ. ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، އެމަނިކުފާނުގެ އަނބިކަނބަލުންނަށާއި ބޭފުޅުންނަށާއި އަދި ޢާއިލާގެ އެންމެހާ މެންބަރުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވައެވެ.

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަކީ، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވައެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ކަމުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި ބޭރު ޤައުމުތަކާ ދެމެދު ގުޅުން ރަނގަޅު ކުރައްވައި ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކަކީ، އެމަނިކުފާނުގެ ޤައުމީ ޚިދުމަތްތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވޭނެ ޚިދުމަތްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވައެވެ."

ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ އަނބިކަނބަލުންނަށް ރައީސުލްޖުމްހޫރިއްޔާ ފޯނުން ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ބައެއް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު، ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން މެދުކަނޑާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.