މިނިވަންދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިރޭ ދެއްވައިފިއެވެ. މި އިނާމުތައް ދެއްވީ، މިނިވަން ދުވަހުގެ މުނާސަބަތުގައި، ދަރުބާރުގޭގައި މިރޭ ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދެވެ.

ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖަކާއި ހަނދާނީ ފިލައެކެވެ. ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.
މިފަހަރު ޝަރަފްވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަތީ ތިން ބޭފުޅަކަށެވެ. އެ ތިން ބޭފުޅުންނަކީ:

1. އިސްލާމްދީނުގެ ހޭލުންތެރިކަން އިތުރުކުރުމާއި، ޚިދުމަތް ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛
ފަޟީލަތުއްޝައިޚް އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާން މ. ދިމްޔާޠު

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން:
އަލްފާޟިލް ސަޢީދު ޢަލީފުޅު ބ. ދަރަވަންދޫ މިޔުނިކް

3. އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން؛ ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
އަލްފާޟިލާ ޢާއިޝަތު ޒަޢީމާ ޙަސަންދީދީ މ. ސިލްވަރ ކްލައުޑް
ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވުނު 10 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
އަލްޤާރީ މަޙްމޫދު އާދަމް ދ. ކުޑަހުވަދޫ ފިތުރޯނުގެ

2. ދިވެހި ތާރީޚުގެ ދާއިރާއިން؛ ތާރީޚު ދިރާސާ ކުރުމާއި، ފޮތް އެކުލަވައިލުމާއި، ތާރީޚާބެހޭ ޢިލްމު ކުރިއެރުވުމުގެ ރޮނގުން:
ވޮރަންޓް އޮފިސަރ ގްރޭޑް 3 ޖަޢުފަރު ޢަބްދުއްރަޙްމާން (މ.ރަތްމަންދޫ ބްލޫލައިޓް) ދަފްތަރު ނަންބަރު 2699

3. އިޖުތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ މުޖުތަމަޢާއި ޒުވާނުންގެ ތަރައްޤީއަށާއި، ޖަމާޢަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
އަލްފާޟިލް ޢަބްދުﷲ ރަޝީދު ރ. އުނގޫފާރު މުރަކަ

4. އިޖުތިމާޢީ ޚިދްމަތުގެ ދާއިރާއިން؛ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ރޮނގުން:
އަލްފާޟިލް ޙުސައިން ނަދުވީ ގ. ކުދިވިނަ

5. ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން؛ މަޢުލޫމާތު ފެތުރުމާއި ހުށަހެޅުމުގެ ހުނަރުވެރިކަމުގެ ރޮނގުން:
އަލްފާޟިލް މުޙައްމަދު ޢާޞިފް މ. ރަތްވިލާ

6. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދްމަތް ކުރުން:
އަލްފާޟިލް ނަޞީރު އިސްމާޢީލް ގއ. ކަނޑުހުޅުދޫ ހައުސްވިލާގެ

7. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ހިންގުމާއި، ފަންނީ ރޮނގުން ކުޅިވަރަށް ޚިދްމަތް ކުރުން:
މޫސާ ރަޝީދު ހ. އެސް.ޕީ ވިލާ

8. ކުޅިވަރުގެ ދާއިރާއިން؛ ކުޅިވަރު ކުޅުމުގެ ރޮނގުން:
އަލްފާޟިލާ ޢާއިޝަތު ނާޒިމާ ހ. ކޮޔަރ


9. ވިޜުއަލް އާޓްސްގެ ދާއިރާއިން؛ ކުރެހުމުގެ ރޮނގުން:
އަލްފާޟިލް އަޙްމަދު ނަޢީމް ހ. ފެލީސިއާ

10. ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކާއި އަމިއްލަ ރާގު އުފެއްދުމުގެ ރޮނގުން:
އަލްފާޟިލް ޙުސައިން ޞަބާޙު ގ. ޕާކަރުހައުސް

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެވުނު ފަރާތަކީ:
ކީރިތި ޤުރްއާން ކިޔެވުމާއި އުނގަންނައިދިނުމުގެ ދާއިރާއިން؛
އިޔާރު ޤުރްއާން ކްލާސް

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވިއެވެ.