އ.ދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ޓޯނީ ލިސްލޭ އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މަންދޫބު ޑޮކްޓަރ އަކްޔެމަލް މަޓީމޯވާ އާއި، ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޕްރޮޖެކްޓް ސަރވިސަސްގެ ޕްރޮޖެކްޓް ސެންޓަރ މެނޭޖަރ އަލެހަންދްރޯ ރުއިޒް-އެކެވީޑޯ އާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ޙައްލުކުރުމަށް އަޅަންޖެހިފައިވާ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ރަނގަޅުކުރެއްވުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވާކަން ފާހަގަކުރެއްވިއެވެ. އަދި، މި މަސައްކަތުގައި އެކި ގޮތްގޮތުން ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތައް އ.ދ. ގެ ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހިފައިވާ ގިނަ ކަންތައްތަކެއް ހުރިކަމަށް ވިދާޅުވެ، ޚާއްޞަ ގޮތެއްގައި ބަޖެޓުގެ ދަތިކަން ފާހަގަކުރެއްވިއެވެ.