އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގެ ކަންޓްރީ ޑިރެކްޓަރ މިސްޓަރ ޑޮންގްލިން ލީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް މިއަދު އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރާއްޖޭގައި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއަރުވައި، މަސައްކަތްތެރިންނަށް ފުރިހަމަ މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށްޓަކައި ރާއްޖެއިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މަޢުލޫމާތު، މިސްޓަރ ލީއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި އައި.އެލް.އޯ އިން ދެއްވަމުން ގެންދަވާ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ، އައި.އެލް.އޯ.އަށް ޝުކުރު އަދާކުރެއްވިއެވެ.

އައި.އެލް.އޯގެ ކަންޓްރީ ޑިރެކްޓަރގެ ވާހަކަފުޅުގައި މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފު ކުރެއްވިއެވެ. މިގޮތުން "އެއިޓް ކޯ ކޮންވެންޝަންސް އޮފް ދި އައި.އެލް.އޯ" މިއަހަރު ޖެނުއަރީމަހު ދިވެހިރާއްޖެއިން ތަންފީޒުކޮށްފައިވާއިރު، ދިވެހިރާއްޖެއަކީ، މިސަރަޙައްދުން ހަތަރުވަނައަށް މި ކޮންވެންޝަން ތަންފީޒު ކުރި ޤައުމުކަން މިސްޓަރ ލީ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި، އައި.އެލް.އޯ.އިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.