بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި ތަޢުލީމުގެ ނޫރު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވި مُحَمَّـد صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމުން އަދި އެ މާތް ސާހިބާގެ އާލު އަޞްޙާބުން ޝާމިލްކުރަން.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޑޮކްޓަރ ޝަކީލާ. މިނިސްޓްރީގެ ވަރަށް ހީވާގި ބޭފުޅުން. އަދި މި ޕްރޮޖެކްޓް ހިންގަވާ ސްޕޭންގެ ހިޑްރިއާގެ ފަރާތުން ވަޑައިގެން ތިއްބެވި މެހްމާނުން. އަދި އަޅުގަނޑުމެންގެ ހީވާގި ކައުންސިލް މެންބަރުން. ކައުންސިލްގެ ރައީސް. އަދި މިކަމުގައި ބައިވެރިވެވަޑައިގަންނަވާ އެންމެހާ ބޭފުޅުން. ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުން.

السّــلام عليــكم

އާދެ! އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ސަތޭކަ އެތައް އަހަރެއް ވަންދެން އަޅުގަނޑުމެން އެއްވެސް ބޭނުމެއް ނުހިފޭ ކަމަށް ހީކުރި އަދި އަޅުގަނޑުމެންނަށް އެއިން އެއްވެސް ފައިދާއެއް ނުނިކުންނާނެ ކަމަށް ގަބޫލުކުރެވި އަދި އެތަންތަނަކީ އެހެން ބޭއްވުމަށްވުރެ ފަސްއަޅައި ފޮރުވާލުން މާ ރަނގަޅު ތަންތަން ކަމަށް އަޅުގަނޑުމެންނަށް ހީވެގެންދިޔަ އެތައް ޒަމާނެއް ވަންދެން، އެއީ މުޅިން ކުށް، ނުބައި ހީއެއްކަމަށް އަޅުގަނޑުމެންނަށް ފެނިގެންދާތަން.

އާދެ! މިއީ އަޅުގަނޑަށް ހީވަނީ ވަރަށް މުހިންމު ފިލާވަޅެއްހެން މުޅި ޤައުމުގެ ހުރިހާ ފަންނަކަށްވެސް ލިބިގެންމިދާ. ހުސްއެކަނި މިގޮތަކުން ނޫން. މިއިން އެނގޭ އެއްޗަކީ، މާތްﷲ ދުނިޔޭގެ ރަށެއްގައި، ޤައުމެއްގައި، ބިމެއްގައި ލައްވަވާފައި ނެތޭ، އެ ޤައުމަކަށް، އެ ބިމަކަށް ބޭނުންނުވާ ތަނެއް، ބޭނުންނުވާ އެއްޗެއް. އެއީ އަޅުގަނޑުމެންނަށް މިއިން މިއަދު އެނގިގެންމިދާ އެއްޗަކީ. އިންސާނުންނަށްވަނީ ޢިލްމު އުނގެނުމުގެ ބާރު ދެއްވާފައޭ. އެހެންވީމާ، މިކަމުން އަޅުގަނޑުމެން މި މަޢުލޫމާތުތައް ހޯދައި، އޭގެ ފައިދާއާއި، އޭގެ ބޭނުން އަޅުގަނޑުމެން ކުރާންވީ. މަސައްކަތްކޮށް އަޅުގަނޑުމެން އެކަމުން ކާމިޔާބު ހޯދަން މަސައްކަތް ކުރީމާ، މާތްﷲ އަޅުގަނޑުމެންނަށް ކާމިޔާބު ދެއްވާނެކަން އަޅުގަނޑުމެންނަށް މި ފެންނަނީ.

އާދެ! މިވާހަކަ އަޅުގަނޑުމެން މީގެ ގާތްގަނޑަކަށް ސާޅީހަކަށް އަހަރު ކުރީގައި ދެއްކިނަމަ، ހަމަގައިމުވެސް މީހުން ބުނާނެ، ހާދަހާ މޮޔަ މީހެކޭ އެއީ. އަޅުގަނޑު ހަނދާންހުރޭ، ތަންކޮޅެއް ކުރީގައި، ފެނަކީ މާތްﷲ ދެއްވާފައިވާ ނިޢުމަތެއް ކަމުގައިވިޔަސް، އެވެސް އެ ބޭނުންކުރަންޖެހޭނީ ބަލައިގެނޭ. އެދުވަހު ބައެއް ބޭފުޅުން ވިދާޅުވި، ނިޢުމަތް ދެއްވާ ފަރާތުން ނިޢުމަތް ދެއްވާނޭ. ބޭނުންކުރާ މީހުން ބޭނުންކުރަންވީއޭ. އެކަމަކު މިއަދު އަޅުގަނޑުމެންނަށް އެބަ އެނގޭ، ދެއްވާ ކޮންމެ ނިޢުމަތަކީ، އެ ފައިދާހުރި އަގުހުރި ގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރަންޖެހޭ އެއްޗެއްކަން. އަދި އަޅުގަނޑުމެންނަށް އެބަ އެނގޭ، އެ ބޭނުންކުރާއިރުގައި، ދެން އަންނަ ޖީލަކަށް، އެ ވާރުތަވާގޮތަށް، ޙިއްޞާ ކުރެވޭގޮތަށްކަން އެ ބޭނުންކުރަންޖެހެނީ. އޭގެ މާނައަކީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މިއަދު އަޅުގަނޑުމެން މިދުނިޔޭގައި ތިއްބަސް، މާދަމާ އަޅުގަނޑުމެން މިދުނިޔެއަކު ނުތިބޭނެކަން. ދެން އަންނަ ޖީލަކަށް އަޅުގަނޑުމެން ޙިއްޞާކުރަން ޖެހޭނެކަން، މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ނިޢުމަތް.

މީގެ ވަރަށް ރީތި، ވަރަށް ރަނގަޅު މިސާލެއް، މި ފެނިގެން މިދަނީ. އެހެންވީމާ، މިކަމަށްޓަކައި ޝަކީލާ، އާދެ! މިނިސްޓަރ އެކުރައްވާ އަގުހުރި މަސައްކަތަށް، އަޅުގަނޑު ހަމަ ހިތުގެ ފުންމިނުން ތާއީދުކުރަން. އަދި އެ ޓީމުގައި ޕްރެޒެންޓް ކުރައްވަން ވަޑައިގެންނެވި ބޭފުޅާ، މަޢާފު ކުރައްވާ، އަޅުގަނޑު އެބޭފުޅާގެ ނަންފުޅު ހަނދާނެއް ނެތް. އެހެން ނަމަވެސް، ވަރަށްގިނަފަހަރު މިތާ ވަރަށް ރަނގަޅު ޕްރެޒެންޓޭޝަންސް އަޅުގަނޑުމެންނަށް ދެއްވާ. އަދި ސަލީމްވެސް ދެއްވި. އެހެން ބޭފުޅުން، ސްޓޭޓް މިނިސްޓަރުންވެސް، އެހުރިހާ ބޭފުޅުން. އަޅުގަނޑަށް ހީވަނީ މިއަދު އެހެން މިނިސްޓްރީތައް އެބަ ގަބޫލު ކުރަންޖެހޭހެން، އެންވަޔަރަންމަންޓް މިނިސްޓްރީގެ މަސައްކަތްޕުޅު، އެއީ ނަމޫނާ މިނިސްޓްރީއެއްކަން ގަބޫލުކޮށްގެން، އެ މިޞްރާބަށް މަސައްކަތް ކުރަން. މިނިސްޓްރީ ސިޔާސީވެގެން ނުވާނެކަން. މިނިސްޓްރީ ވާންޖެހޭނީ، ނަތީޖާ ކާމިޔާބުކުރެވޭ ބަޔަކަށް. ނޫނީ އިޤްތިޞާދީ ކާމިޔާބުތަކެއް ކުރާ ބަޔަކަށްކަން މިނިސްޓަރުންނާއި މިނިސްޓްރީ ވާންޖެހޭނީ. އެކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާބިތުވެގެން ހިނގައްޖެ. ޕާޓީ ޕްލެޓްފޯމަކީ ވަކި އެއްޗެއް. މިނިސްޓްރީއަކީ އެންމެންގެ، ހުރިހާ ރައްޔިތުންގެ މިނިސްޓްރީ. އެކަން އަބަދުވެސް ހުރިހާ މިނިސްޓްރީން ހަނދުމަފުޅު ކުރައްވަންޖެހޭނެ. އެއްވެސް އެއް މިނިސްޓްރީއަކީ ވަކި ޕާޓީއެއްގެ މިނިސްޓްރީއެއް ނޫން. ޝައްކެއްނެތް. މިއަދު ރައްޔިތުންގެ މަޖިލީހުގެ އެންމެ މެންބަރަކުކަންނޭނގެ މި އިންނެވީ. ނިޒާމީ ނުކުތާ ނުނަންގަވާތި. މައުޟޫޢުން ކުޑަކޮށް އަޅުގަނޑަށް ބޭރުވެވެނީ. އެހެން ނަމަވެސް، މިއީ ޙަޤީޤަތަކީ. އެހެންވީމާ، މިއަދު އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ، މިކަހަލަ ކަންތައްތައް މި ޤައުމުގައި ކުރީމަ، އެއިން ލިބޭ ފައިދާ.

ފައިދާއެއް ދެމިއޮންނާނީ، އެއީ އިޤްތިޞާދީ އުޞޫލުތަކުގެ ތެރެއިން. ކޮންޑިއުސިވް އިކޮނޮމިކް އެންވަޔަރަންމަންޓް ކްރިއޭޓް ކުރެވުނީމަ. އޭގެ މާނައަކީ، ދެމިއޮންނަނިވި އިޤްތިޞާދީ މާޙައުލެއް އަޅުގަނޑުމެންނަށް އުފެއްދިގެނޭ، އަޅުގަނޑުމެނަށް ފައިދާހުރި ގޮތެއްގައި، އެކަން ދެމެހެއްޓޭނީ. އަދި އޭގެ ފައިދާ އެހެން މީހުންނަށް ކޮށްގެން. އެހެންވީމާ، މިއީ އަޅުގަނޑު ދަންނަވާނީ، މިހާތަނަށް އަޅުގަނޑުދިޔަ ޖަލްސާތަކުން އަޅުގަނޑަށް ފެނިގެންދިޔަ އަދި އެންމެ ކާމިޔާބު އެއް ބައްދަލުވުން ކަމުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުން. ދެން މީގައި ފާހަގަކޮށްލަން ބޭނުންވާ އަނެއް ނުކުތާއަކީ، މީގެތެރޭގައި ކުރިން ވާހަކަ ދެއްކެވި ބޭފުޅުން ވަރަށްގިނަ މައުޟޫޢުތަކަށް ވާހަކަ ދައްކަވައިފި. އަޅުގަނޑު އެހެންވީމާ ތަކުރާރެއް ނުކުރާނަން. އެހެން ނަމަވެސް، ކައުންސިލަރުންގެ ރޯލް. ސިޓީ ކައުންސިލް، އަތޮޅު ކައުންސިލް، ރަށު ކައުންސިލް. މިކަންތައް އަޅުގަނޑުމެން ފުރަތަމަ ފެށްޓީ، މިއަދު މި ތިޔަބޭފުޅުން ތިޔަ ޙާޞިލު ކުރައްވާ މަޤްޞަދުތައް ޙާޞިލު ކުރުމަށްޓަކައި، އެނޫން އެއްވެސް ބޭނުމެއްގައެއް ނޫން. އެބޭފުޅުންނަކީ، ވަޠަން، ޤައުމު، ރަށް، އަތޮޅު ކުރިއެރުވުމަށް އެންމެ އެކަށީގެންވާ ބޭފުޅުންނަކީ، އެބޭފުޅުން ކަމަށްވާތީވެ، މަޝްވަރާގެ މަތިން އެބޭފުޅުން އެކަންތައް ކުރެއްވުމަށްޓަކައި.

އާދެ! މިއަދު މި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންވެސް ވަކިން ޚާއްޞަ ގޮތެއްގައި، ސްޕޭންގެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅާ އެ ވިދާޅުވީ، މަޝްވަރާ އެކުރެއްވި ފަރާތްތައް، އާދެ! މިއީވެސް އަޅުގަނޑުމެން ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހަމަ ދަސްފުޅުކުރައްވަންވީ ކަމެއް. ނިކަން ބައްލަވާ. 120 ކިޔަވާ ކުދިންނާ މަޝްވަރާކުރިއޭ. އެއީ ކީއްވެގެންތޯ؟ މާދަމާގެ މުސްތަޤްބަލް ކަމަށްވާތީ. މާދަމާ ވެރިކަމުގައި ތިބޭނީ އެމީހުން ކަމަށްވާތީވެ. އަޅުގަނޑުމެންނެއް ނޫން ކަމަށްވާތީވެ. އެހެންވީމާ، މަޝްވަރާގެ މަތިން ކާމިޔާބެއް ކުރެވޭނީ. އަޅުގަނޑުމެން ހިތްހަމަނުޖެހި، މުޖްތަމަޢު ހަލަބޮލިވަނީ ކީއްވެގެންތޯ؟ ރަނގަޅު ގޮތުގައި މަޝްވަރާ ނުކުރެވޭތީ. އެހެންވީމާ، މިއަދު އަޅުގަނޑުމެންނަށް މިސާލެއްގެ ގޮތުން މި ފެނިގެންދަނީ، ރަނގަޅު މަޝްވަރާގެ ތެރެއިން ކާމިޔާބުތަކެއް ހޯދޭނެކަން. ނަތީޖާތަކެއް ނެރެވޭނެކަން. އަދި އެ ނަތީޖާތަކަކީ، ދެމިއޮންނަނިވި އެތައް ޤަރުނަކަށް ވާސިލުވެގެންދާނެ ނަތީޖާއެއް، ފައިދާތަކެއް ކަމަށް އަޅުގަނޑުމެންނަށް މިއަދު ފެނިގެން މިދަނީ.

ވީމާ، އަޅުގަނޑު ދަންނަވާނީ، މިފަދަ ޕްރޮޖެކްޓްތައް އެންވަޔަރަންމަންޓް މިނިސްޓްރީން ހިންގަވާ، މިކަމުގައި މިއަދުގެ ސަރުކާރުން އަޅުގަނޑުމެން މިތިބީ، ތިޔަބޭފުޅުންނަށް މިކަން ކުރެއްވުމުގައި ދިމާވާ ކޮންމެ ދަތިކަމެއްގައި، އަޅުގަނޑުމެން އެހީތެރިކަންދީގެން، އެކަން ކުރުމަށް ތިޔަބޭފުޅުންނަށް އެހީވެދޭން ތައްޔާރަށޭ. އަޅުގަނޑު ހަނދާން އެބަހުރި. އަޅުގަނޑު ހަމަ ވަރަށް އިހަކަށްދުވަހުވެސް މިނިސްޓަރު އެކި މައްސަލަ ކެބިނެޓަށް ގެންނަވައިގެން މަޝްވަރާ ކުރައްވަމުން ގެންދަވާނެ. އަދި ސަލީމްވެސް ވަރަށް ބޮޑެތި ޕްރެޒެންޓޭޝަންވެސް، ކެބިނެޓްގެ ވާރކިންގ ކޮމިޓީއަށްވެސް ދެއްވާ. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، އެންވަޔަރަންމަންޓަކީ މިއީ ދެންމެގައި ޝަކީލާގެ ވާހަކަފުޅުގައިވެސް އެވިދާޅުވިގޮތަށް، އެންމެނަށް ވިސްނޭ އެއްޗެއް ނޫން. އެންމެނަށް ގަބޫލުކުރެވޭ އެއްޗެއް ނޫން. އެންމެން އޭގެ މައްޗަށް ޚިޔާލުކުރާ އެއްޗެއް ނޫން. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެން، ޚާއްޞަކޮށް، ޓޫރިޒަމް އިންޑަސްޓްރީގައި އުޅޭ މީހުންނަށް، މިކަން ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ. އަޅުގަނޑުމެން އެތައް ބޮޑު އަގެއްގައި، ބޭރު ކުންފުނިތަކާއި ދިވެހި ކުންފުނިތައް، ބޭރުގެ ފަތުރުވެރިންނަށް މި ވިއްކަނީ ހަމައެކަނި އެންވަޔަރަންމަންޓް. އެނޫން އެއްވެސް އެއްޗެއް ނޫންކަން.

އެހެންވީމާ، އެ އެންވަޔަރަންމަންޓް އަޅުގަނޑުމެން ސަލާމަތްނުކޮށް، ދެން އަޅުގަނޑުމެން ސަލާމަތް ކުރަންވީ ކޮން އެއްޗެއްތޯއޭ، އަޅުގަނޑުގެ ސުވާލަކީ. އެންވަޔަރަންމަންޓް ހަލާކުވެގެން ހިނިގައްޖެއްޔާ، ދެން އަޅުގަނޑުމެންނަށް އެ އިޢާދައެއް ނުކުރެވޭނެ. ޕާޓީއެއް އުވިގެންދިޔަސް ޕާޓީއެއް ހެދިދާނެ. އެހެންވީމާ، އަޅުގަނޑުމެން މިއަދު ވިސްނާލަންޖެހޭނެ، އަޅުގަނޑުމެން މުހިންމުކަންދޭންވީ ކޮންކަމަކަށްކަން. ކޮން މިޞްރާބަކަށްކަން އަޅުގަނޑުމެން ދާންވީ. މި ޤައުމު ސަލާމަތް ކުރުމުގައި، އެންމެން އެކަތިގަނޑަކަށްވާންވީ، އަޅުގަނޑުމެންގެ ޤައުމުގައި މާތްﷲ ދެއްވާފައި މިއޮތް އަގުހުރި ނިޢުމަތްތައް ސަލާމަތް ކުރުމަށްކަން އަޅުގަނޑުމެން އެކަތިގަނޑަކަށްވާންވީ. މިކަމުގައި ތަފާތު ޚިޔާލުތަކަކަށްވެސް، ޚިޔާލުތަކުގައި ތިބޭ މީހުންނަށްވެސް އެކަތިގަނޑަކަށްވެވިދާނެ. އެއީ ކީއްވެގެންތޯ ނުވެވޭންވީ. އަނެއްކާ އަޅުގަނޑުމެންނަށް މަޖުބޫރު މިއަދު، އަޅުގަނޑުމެންގެ އެންވަޔަރަންމަންޓް ސަލާމަތް ކުރުމަށްޓަކައި ނުވަތަ މިފަދަ މަޝްރޫޢުތައް ހިންގުމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެގެން، އެކައްޗެއް ކިޔަން. ޚާއްޞަކޮށް، ކައުންސިލްތަކުގެ ބޭފުޅުން ކިތަންމެ ޚިޔާލު ތަފާތުވިޔަސް، ރަށުގެ ކުރިއެރުމަށް، އަތޮޅުގެ ކުރިއެރުމަށް ޚިޔާލު ތަފާތުވާންވެއްޖިއްޔާ، އޭގެ ނިކަމެތިކަން ލިބޭނީ، ރައީސް ވަޙީދަކަށް ނޫން. އަދި ރައީސް ނަޝީދަކަށްވެސް ނޫން. އަދި ރައީސް މައުމޫނަކަށްވެސް ނޫން. ހަމަ ނިކަމެތި ރައްޔިތުންނަށް. ރަނގަޅަށް ހަނދުމަފުޅު ކުރައްވާތި އެކަން އިނގޭތޯ. ޚިޔާލު ތަފާތުވާންޖެހޭނެ. ޚިޔާލު ތަފާތުވުމަކީ މުއްސަނދިކަމެއް. އެހެން ނަމަވެސް، ރަށް ކުރިއެރުވުމުގައި ޚިޔާލު ތަފާތު ނުކުރައްވާތި. އަތޮޅު ކުރިއެރުވުމުގައި ޚިޔާލު ތަފާތު ނުކުރައްވާތި. އޭގެ ނިކަމެތިކަން އިޙްސާސް ކުރައްވަން ޖެހޭނީ، މި ޖީލުގަޔާއި ދެން އަންނަން އޮތް ޖީލުގެ ދަރިންނަށް. އެހެންވީމާ، އަޅުގަނޑުމެން މިކަމުގައި އެކައްޗެއް ކިޔައި، އެކީގައި މަސައްކަތްކޮށް، ޚާއްޞަކޮށް، އެންވަޔަރަންމަންޓް މިނިސްޓްރީއަށް ތާއީދު ކުރަންވީ. އެހެން ނޫންތޯ ޝަކީލާ.

އާދެ! މިފަދަ ކޮންމެ ޕްރޮޖެކްޓެއްވެސް ކުރިއަށް މިދަނީ، މިއަށްވުރެ އިތުރު ތަޖުރިބާތަކެއް ލިބިފައި ހުރި، މިއަށްވުރެ އިތުރު މަޢުލޫމާތުތަކެއް އުނގެނިފައި ތިބި ބައެއްގެ އެހީގައި. އެގޮތުން މިއަދު ޔޫރަޕިއަން ޔޫނިއަން އަދި އޮސްޓްރޭލިއާއިން އަދި ވާރލްޑް ބޭންކުން، މިފަރާތްތަކުން އަޅުގަނޑުމެންނަށްވަނީ އެހީތެރިވީދީފައި. އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެ އެހީތަކުން ނަތީޖާއެއް ނެރެންޖެހޭނެ. ތަންކޮޅެއް ކުރީގައި އޮތް، އެންވަޔަރަންމަންޓް މިނިސްޓްރީގެ މީޓިންގގައި، އަޅުގަނޑު ހަނދާންވޭ، އަޅުގަނޑު ދެންނެވި ހަނދާން، މާޒީގައި އަޅުގަނޑުމެންނަށް ފެނިފައޭ މިހުރީ، ވަރަށްގިނަ އެހީތަކާ އެއްޗެހި މިހެން ލިބޭތަން. ދެން ގިނަފަހަރަށް އަޅުގަނޑަށް ބުނެވެނީ، ރައްޔިތުން ކައިރިގައި ގޮއްސަ. އަޅުގަނޑުވެސް މިއީ އެޓޮލްސް މިނިސްޓްރީގައި ހުރި މީހަކަށްވާތީ މިދަންނަވާލީ. މިއީ އަހަރުމެން ސަރުކާރުން ދެއްވާ އެއްޗެއްސޭ. މިއަކަށް އެއްވެސް އަގެއް ނުނަގާނެ. މިއަކަށް އެއްވެސް އުޖޫރައެއް ނޯންނާނެ. ކިހިނެއްތޯ ފާޚާނާގެ ނިޒާމެއް އުޖޫރަ ނުދީ ހިންގަނީ. ކިހިނެއްތޯ ކުނި ނައްތާލުމުގެ ކަމެއް، މަޝްރޫޢެއް އުޖޫރީނުދީ ހިންގަނީ. މި ވިސްނުން އަޅުގަނޑުމެންނަށް ވިސްނައިދެވިފައި ކުރީގައި ހުރީމާ، މިއަދު އަޅުގަނޑުމެންނަށް އެ ވިސްނުން ނައްތާލަންދަތީ. އަޅުގަނޑުމެން މަސައްކަތް ކުރަންވީ، މިގޮތަށް ލިބޭ އެހީ، ދެމިއޮންނަނިވި ގޮތަކަށް، އެ ދެމެހެއްޓޭތޯ. އެހެން ދެމެހެއްޓޭނީ، އިޤްތިޞާދީ ގޮތުން ފައިދާހުރި ގޮތަކަށް އެކަން ކޮށްގެން. އެ ކުނި އުފައްދާ ފަރާތުންވެސް، އަދި އެ ފާޚާނާތައް ބޭނުންކުރާ ފަރާތުންވެސް ނުވަތަ ފެންވެސް ބޭނުންކުރާ ފަރާތުންވެސް އެކަމުގައި އެއީ އުޖޫރައެއް ދޭންޖެހޭ އެއްޗެއްކަން ހަނދާންކޮށް، އޭގެ ޒިންމާދާރު ރައްޔިތުންނަށް ރައްޔިތުންވެސް ވެގެން. އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތަކީ، ރަށެއް، ޤައުމެއް، ވަޠަނެއް ކުރިއަށްދާނީ، އެ ރައްޔިތުންތަކަކަށް މަގުތައް ފަހިވެގެން. އެ މަގުތަކުގައި އެމީހުން މަސައްކަތްކޮށްގެން، ކާމިޔާބު ހޯދައިގެން. އެކަށީގެންވާ މުސާރަ ލިބިގެން. އެއްވެސް ތަފާތެއްނެތި، މިއީ ހައްތަހާ އިންސާނުން ކަމުގައި ދެނެގެން. އެކަމަކު ތިމަންވެސް ޒިންމާދާރުވެ، އެކަން ދަމަހައްޓަން ބޭނުންކަމަށްވަންޏާ، އެއަށް ކުރަންޖެހޭ ޙިއްޞާތަކެއްވެސް ހުރިކަން ރައްޔިތުންވެސް ހަނދާންކޮށްގެން. އެހެން ނޫނީ މިކަންކަމެއް ދެމިއެއް ނޯންނާނެ. ދެމިއޮންނަނިވި ގޮތަކަށް މިކަންތައްތަކެއް ނުކުރެވޭނެ.

އާދެ! އެހެންވީމާ އަޅުގަނޑު ދަންނަވާލާނީ، ބޭރުން ކިތަންމެ އެހީތަކެއް ލިބުނަސް، މިއެހީތައް ދެމިއޮންނަނިވި ގޮތަކަށް ބޭނުންކުރުމުގެ ސިޔާސަތާއި އުޞޫލުތަކާއި ރޭވުން، އެ ރާއްވަވަންޖެހޭނޭ ސަރުކާރުގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން. ނުވަތަ މިނިސްޓްރީތަކުގައި ތިއްބެވި ބޭފުޅުން. އެކަން ރައްޔިތުންނަށް ވިސްނައިދެއްވައި، މިހެންކަން މިވަނީ. އެކަންތައް އުނގަންނައިދިނުމަކީ އެއީ އެ މިނިސްޓްރީއަކުން ނުވަތަ އެ ޑިޕާޓްމަންޓަކުން ކުރަންޖެހޭނެ ކަމެއް.

އާދެ! މިގޮތުން އަޅުގަނޑު ހަމަ ފާހަގަކޮށްލަން. މި ޕްރޮޖެކްޓްތަކުގައި ތަފާތު އެކިއެކި ބޭފުޅުން ވާހަކަ ދެއްކެވިއިރުވެސް ވިދާޅުވެއްޖެ، ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން ދިން ވާހަކަ. އަދި އެއާއެކު ރައްޔިތުންގެ އެއްބާރުލުން ލިބުނު ވާހަކަ، ދެންމެގައި ވާހަކަ ދެއްކެވި ސްޕޭންގެ ބޭފުޅާވެސް ވިދާޅުވެއްޖެ. މިއީ އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް ވަރަށް އުފާކުރާ ކަމެއް. އެއީ ކައުންސިލްތައް އުފެއްދި މަޤްޞަދު، މަޑުމަޑުން ނަމަވެސް، އެބަ ކާމިޔާބުވަމުން އަންނަކަމުގެ ކޮޅުމަތި އެބަފެނޭ މިހާރު. އެހެންވީމާ، އެ އާޚިރު ނަތީޖާވާންޖެހޭނީ، މިކަންކަމަކީ މިނިސްޓްރީން އިސްނަގައިގެން ކުރާ ކަމެއް ނޫންކަމަށްވެ، މިކަންކަމަކީ ކައުންސިލްތަކުން އިސްނަގައިގެން ކުރާ ކަންތައްތަކަށްވާ ދުވަހެއް، މި ޤައުމުގައި ޤާއިމްވާ ދުވަސް އެއީ ޙަޤީޤީ ޑިމޮކްރަސީއަކީ. ޙަޤީޤީ ޑިމޮކްރަސީއަކީ މަރުތޭލަކުން ސަރުކާރު ބޮލުން ޖަހާފައި އިށީންނާށޭ ބުނުމެއް ނޫން. ޙަޤީޤީ ޑިމޮކްރަސީއަކީ ރައްޔިތުންނަށް ވިސްނި، ރައްޔިތުންނަށް އެނގިގެން، އެކަންކަމާ އިސްވެ ނަގާ ކުރިއަށް ގޮސްގެން އެމަސައްކަތް ކުރުން. އެހެން ނަމަވެސް، އެ މަގުފަހިކޮށްދިނުމުގައި، އުނގަންނައިދިނުމުގައި، ވިސްނައިދިނުމުގައި ވަރަށްބޮޑު ޒިންމާއެއް ސަރުކާރަށް އެބައޮތް. އެ މަސްއޫލިއްޔަތު އަޅުގަނޑު އުންމީދު ކުރަނީ، އެލް.ޖީ.އޭ.އިންނާއި، އަދި މިނޫންވެސް ފަރާތްތަކުން ނަންގަވައިގެން ކައުންސިލްތަކަށް އެ މަޢުލޫމާތު ދެއްވައި، އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް. އެއީ އަޅުގަނޑުމެންނަށް އެނގޭ، ޑިމޮކްރަސީގެ ވާހަކަ ކިތަންމެވަރަކަށް ދެއްކިޔަސް، ރައްޔިތުންނަށް ނުވަތަ ކައުންސިލްތަކަށް މިކަން ފުރިހަމައަށް އެނގިގެން ނޫނީ، ޙަޤީޤީ ޑިމޮކްރަސީ ޤާއިމެއް ނުކުރެވޭނެ. ޙަޤީގަތުގައި ޑިމޮކްރަސީއެއް ގެންނަން ބޭނުންވާއިރުގައި، ގެނައުމުގެ ކުރީގައި އެތައްއެތައް މަރްޙަލާއެއް ކަޑައްތު ކުރަންޖެހޭ. އެހެން ނަމަވެސް، މި ޤައުމުގައި މިވީގޮތަކީ، އޮޑިދޮށުން ޖަހާލީ. އެހެންވީމާ، ޑިމޮކްރަސީ އައީ. އެހެންވީމާ، ދެން ޖެހޭނީ އަޅުގަނޑުމެން މިއަދު އުނގަންނައިދީގެން އެކަން ދަސްކޮށްދޭން. އެހެން ނޫނިއްޔާ، އެކަކު އަނެކަކަށް ރުޅިއައިސް، އެކަކު އަނެކަކަށް ޚިޔާލު ބަދަލުވެ، ކާމިޔާބާ ދިމާއަށް ދިޔުމުގެ ދޮރު މަޑުމަޑުން ބަންދުވެގެންދާނީ. ދެން މި ޕްރޮޖެކްޓުންވާނެ ފައިދާ އަޅުގަނޑަށް ހީވަނީ މިއަދު އެބޭފުޅުން އެ ކިޔައިދެއްވި ވަރަށްވުރެންވެސް މާ ފުޅާހެން. އެއީ މީގެ ނަތީޖާއަކަށްވާނެ ގޮތަކީ، ކިޔަވާ ކުދިންނަށް، މި މޫސުމަކީ ކޯއްޗެއްކަން، މޫސުމަށް އަންނަ ބަދަލަކީ ކޯއްޗެއްކަން އެނގި، އެ ސްކޫލް ކުދިންވެސް އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް ހިންގަވާ ވަޑައިގަންނަވާ ތަންތަނަށް އެތަންތަން ވެގެންދާނީ. އެހެންވީމާ، ސްކޫލްތަކުގެ އެޑިޔުކޭޝަނަށް ވަރަށް ބޮޑަށް މިއިން ފައިދާކުރާނެ. ހަމަ އޭގެއިތުރުން، ޓުއަރިޒަމް ދާއިރާއަށް އަޅުގަނޑު ދަންނަވާނީ ވަރަށްބޮޑެތި ފައިދާތަކެއް ކުރާނެއޭ. ސަބަބަކީ މިހާރު އަޅުގަނޑުމެން އެކްސްކަރޝަންތައް ހަދާފައި މި ފޮނުވަނީ މަހަށް. ތާރީޚީ ތަންތަން ބަލާކަށް އަޅުގަނޑުމެން ނުފޮނުވަން. އައިލެންޑް ހޮޕިންގ އެކްސްކަރޝަނޭ ކިޔާ އެއްޗެއް އޮންނާނެ. ބުރެއް ޖަހާފައި ގެނެސް ބާރބަރކިޔު ދިނީމާ ނިމުނީ އެހިސާބުން. އެހެން ނަމަވެސް، މުސްތަޤްބަލުގައި އަޅުގަނޑުމެންނަށް ކަލްޗަރަލް ޓުއަރިޒަމް، ނޫނީވިއްޔާ އެންވަޔަރަންމަންޓްގެ ޓުއަރިޒަމް، މިކަންކަމަށް މިދަތުރުކޮށް ހެދުމުގައި، މިހާރު މިކަހަލަ ތަނެއް، މިސާލަކަށް، އައްޑުއަތޮޅުގައި، ފުވައްމުލަކުގައި އޮންނަ ކަމަށްވަންޏާ، އަޅުގަނޑަށް ހަމަ ޔަޤީން، މިކަމަށް ޝައުޤުވެރިކަން ހުރި މީހުން ބޭރުން އަންނާނެ. އެމީހުންގެ އެކިއެކި އެކްސްކަރޝަން ހަމަޖެއްސޭނެ. އެއިން ކޮންމެ ދަތުރެއްގައި، އެއްރޭ އެކޮޅުގައި ބޭތިއްބޭނެ. އެގޮތަށް، ދެން ވިޔަފާރި އަޅުގަނޑު ކިޔަވައިދޭކަށް ނޫން މި ވާހަކަ މިދައްކަނީކީ. އެހެން ނަމަވެސް، ޤައުމަށް ވިޔަފާރި އުޞޫލެއްގެ މަތިން އާމްދަނީ ލިބޭނެ ގޮތްގޮތަށް ކަންތައް ބައްޓަން ނުކުރެވިއްޖިއްޔާ، އެއްވެސް ޤައުމެއް ކުރިއަކަށް ނުދާނެ.

ފަހަރެއްގައިވެސް މިހެން ވާހަކަ ދެއްކީމާ، މި ސިޔާސީ ޚިޔާލު ދޫކޮށްލައްވާށޭ ދަންނަވަނީކީ ނޫން. ވަރަށް ގަދައަށް ޚިޔާލު ހުންނަންޖެހޭނެ. އެހެން ނަމަވެސް، އިޤްތިޞާދީ ގޮތުން ކުރިއަށް ދިޔުމަކީ އެއީ އެންމެ މުހިންމު ކަމެއްކަން. މީހާ މިނިވަންކުރަނީ، އެ އިޤްތިޞާދީ ގޮތުން ލިބޭ އެއްޗެއްކަން. އެއްކަލަ ކުރީގެ ރައީސް ވިދާޅުވިގޮތަށް، ސަލާންޖަހަން ޖެހުމުގެ ކަންތައް، މި އުވިގެންދާނީ، މީހާ އަމިއްލަ ފައިމައްޗަށް ތެދުވެވުނީމަ. މީހާ އަމިއްލަ ފައިމައްޗަށް ތެދުވެވުމުގެ ފެށުމޭ އަޅުގަނޑު ދަންނަވާނީ، މި ފެށިގެންމިދާ ކަންތަކަކީވެސް. މިހާރު އައްޑުއަތޮޅުގެ މީހުންވެސް، ފުވައްމުލަކުގެ މީހުންވެސް، ދުރު ތަންތަނަށް ގޮސް، ޓުއަރިޒަމް އޮންނަ ތަންތަނަށް ގޮސް، އެރަށްރަށުގައި އެއުޅެނީ. އިރާދަކުރެއްވިއްޔާ، މާދަމާ ނުވަތަ އިރާދަކުރެއްވިއްޔާ، 2014 ގައި ނުވަތަ 2015 ގައި، އެރަށުގައި ތިބެގެން، އަނބިންނާއި ދަރިން ކައިރީގައި ތިބެގެން ޓުއަރިޒަމްގެ ފައިދާ، ނުވަތަ ޙިއްޞާ ކުރެވޭނެ މަގުތައް ހަމަގައިމުވެސް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ.

އާދެ! އަޅުގަނޑު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް އިނގިރޭސިބަހުން އެއްޗެއް ދަންނަވާލަން ބޭނުން.

First of all I would like to thank the Australian Aid, European Union and the World Bank for their support in this project and also all the other projects that we have in the Maldives. I am very happy to note that the international world community has realized that the Maldives did not contribute so much for the world pollution. But, quite unfortunately, we have become a victim of it. Therefore I sincerely support the world community for lending this support to us. Because, we believe this is the only way we can make our land, our assets economically viable and in a sustainable manner. Therefore I would like to thank those who have participated, those who have contributed immensely for this project and for other projects

The Government of Maldives will assure you, that the environment policies maintained by the last two Presidents are still maintained. The policies of the environment have never changed. All the past presidents, Gayoom and Mr Nasheed were also strong environmentalists. Today, this government will contribute to that too. Because, we strongly believe that environment is the only asset which the Maldives have to market our selves to the international community.

Our beauty, whether it is underwater, whether it is above water, whether it is wetland, these are all god’s blessings, nature’s blessings. Unless we know how to look after god’s blessings, they will disappear. Therefore, with your contribution and your support, especially by this company from Spain, I am very happy that you are here to do this project. I am very confident that you will do a great project. Why?. Because you have started having consultations with people, islanders, Councils and especially the students. It is very important today that we consult the students. Sometimes we tend to think students are young, they are small. But today Ferrari, latest designs are done by the students. It’s one of the world’s most famous cars. So your consultation with the students is very important. I would like to thank you once again, for the international support we are having.

އާދެ! މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނަން. އަޅުގަނޑުގެ އުންމީދަކީ، ސަރުކާރުގެ އެހެން މިނިސްޓްރީތައްވެސް، އެންވަޔަރަންމަންޓް މިނިސްޓްރީގެ މިފަދަ މަސައްކަތްޕުޅުގެ މިސާލުތައް ދެކެވަޑައިގަންނަވައި، އެ މިޞްރާބުގައި މަސައްކަތް ކުރެއްވުމަކީ އެއީ އުފަލެއް ކަމުގައި ދެކެވަޑައިގަތުން. އިރާދަކުރެއްވިއްޔާ، މާތްﷲ އަޅުގަނޑުމެންނަށް ރަޙްމަތް ލައްވާށި!


اَلحَمْـدُ لِلّـهِ ޝުކުރިއްޔާ!

_____________________________